Support Us

ކޮލަމް މާޒީ: ދުނިޔޭގައި އެންމެ އަގުހުރި ފައިސާއަކީ ކޮބާ؟

ސުރުޚީގައި އެ އޮތް ސުވާލަށް މާ ބޮޑު ވިސްނުމެއް ނެތި ގިނަ މީހުން ޖަވާބުދޭނީ އެއީ އެމެރިކާ ޑޮލަރުކަމުގައެވެ. ނަމަވެސް ފައިސާގެ އަގަށް ބަލާއިރު އެންމެ ބާރުގަދައީ އެމެރިކާ ޑޮލަރުހެއްޔެވެ؟ ނޫނެކެވެ! އަގުގެ ގޮތުން ބަލާއިރު އެއަށްވުރެ މާ ބާރުގަދަ ފައިސާ ދުނިޔޭގައި އެބަ ހުއްޓެވެ. އެހެންކަމުން ޑޮލަރު މާރުކުރާ އިރު ދުނިޔޭގެ ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލަށް ވިސްނުމަކީ މުހިންމު ކަމެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރާއިރު ފައިސާ ބަހައްޓާނީ ކޮން ފައިސާއަކުންތޯ ވިސްނެވުން ވެސް ހުއްޓެވެ!

މި ލިޔުމުގައި މި ބަލައިލަނީ މިހާރު ދުނިޔޭގެ ފައިސާގެ ބާޒާރުގައި އެމެރިކާ ޑޮލަރާ އަޅައި ބަލާ އިރު، އެންމެ ބާރު ގަދަ ދިހަ ފައިސާއަކަށެވެ. ނަގުދު ފައިސާ މާރުކުރާ ރޭޓަށް ބަލާއިރު މި ވަގުތު ދުނިޔޭގައި އެންމެ ބާރުގަދަ ނުވަތަ އެންމެ އަގު ހުރި ފައިސާގެ ތަރުތީބުންނެވެ. މިއީ ބަދަލު އަންނަ ރޭޓަކަށް ވީ ނަމަ ވެސް މިހާރު ދުނިޔޭގެ އިގުތިސާދުގައި ފައިސާގެ އަގު ހުރި ގޮތަށް ބަލައިގެން މި ރިޕޯޓު ލިޔެލީއެވެ.

  1. ކުވައިތު ދީނާރު:

މި ލިސްޓުގެ އެންމެ ކުރީން ޖާގަ ހޯދައިފައިވަނީ ކުވައިތު ދީނާރެވެ. މިއީ އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު އެންމެ އަގު ހުރި ފައިސާއެވެ. ކުވައިތު ދީނާރަކަށް 3.29 އެމެރިކާ ޑޮލަރުގެ ރޭޓުން ދުނިޔޭގެ ބާޒާރުގައި މާރުކުރެވެއެވެ. ކުވައިތަކީ ފާރިސީ ކޮއްލަވާނީގެ (ޕާޝިއަން ގަލްފު) ހުޅަނގު އުތުރު ކަނުގެ ތަންކޮޅެއްގައި އޮންނަ ކުޑަކުޑަ ގައުމެކެވެ. އެއް އިންވެގެން އޮންނަނީ އުތުރުންނާއި ހުޅަނގުން އިރާގެވެ. ދެކުނުންނާއި ހުޅަނގުން ސައޫދީ ޢަރަބިއްޔާއެވެ. ކުރިމަތީން އޮންނަނީ ގަލްފު ކަނޑެވެ. ކަނޑު ހުރަސްކޮށް ދިމާ ކުރިމަތީގައި އޮންނަނީ ބިޔަ އީރާނެވެ.

ކުވައިތު ދީނާރު ފުރަތަމަ ތަޢާރަފުކުރެވުނީ 1961ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވުމާއެކުގައެވެ. އެ ހިސާބުން ފެށިގެން ވެސް އެންމެ އަގުހުރި އަދި އެންމެ ބާރުގަދަ ފައިސާގެ ގޮތުގައި ކުވައިތު ދީނާރު އެބަ ދެމި އޮތެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ކުވައިތު ދީނާރެއް ލިބޭނީ 50.47 ދިވެހި ރުފިޔާއަށެވެ.

  1. ބަޙުރައިން ދީނާރު

މި ލިސްޓުގެ ދެވަނައިގައި އޮތީ ބަޙުރައިނުގެ ފައިސާ (ބަޙުރައިނީ ދީނާރު)އެވެ. މި ފައިސާ ތަޢާރަފުކުރެވުނީ 1965ގައެވެ.

ބަޙުރައިނަކީ މިލިޔަނަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޖަޒީރާ ގައުމެކެވެ. ފާރިސީ ކޮއްލަވާނީގައި ސައޫދީ ޢަރަބިއްޔާއާއި ޤަޠަރާ ދެމެދުން ކަނޑު މެދުގައި އޮންނަ ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. ބަހުރައިނުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އިންޑިއާ ދަރިކޮޅުގެ އިންޑިއާ މީހުންކަމަށް ވާތީ އެ މީހުން ވަރަށް ގިނައިން ބަޙުރައިން ދީނާރު މާރުކުރެއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަޙުރައިނުގެ ދިނާރަކަށް 2.65 އެމެރިކާ ޑޮލަރު ލިބެއެވެ. ފައިސާ މާރުކުރާ އަގަށްބަލާ ނަމަ ކުވައިތު ދީނާރެއް ލިބޭނީ 40.88 ރުފިޔާއަށެވެ.

  1. ޢުމާނީ ރިޔާލު

މިއީ ވެސް ތެލުގެ މުއްސަނދިކަން ލިބިފައިވާ ޢަރަބި ގައުމެކެވެ. ޢުމާނަކީ ޔަމަނާއި ސުޢޫދީ ޢަރަބިއްޔާއާއި އަރަބި އިމާރާތާ ބިމުގެ ގޮތުން ގުޅިފައިވާ އެކަމަކު ކުރިމަތީގައި ކަނޑު އޮންނަ ގައުމެކެވެ. ބިމުގެ ގޮތުން މާ ބޮޑު ނޫނަސް ކުވައިތާއި ބަޙުރައިނާއި ޢަރަބި އިމާރާތަށް ވުރެ މާ ބޮޑު ގައުމެކެވެ. ޖުމްލަ 4.52 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަސްކަމެކެވެ.

މި ލިސްޓުގެ ތިންވަނައިގައި އޮތީ ޢުމާނެވެ. މިއީ ދުނިޔޭގައި ތިން ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ޢުމާނީ ރިޔާލު ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވުނީ 1973ގައެވެ. މި ފައިސާގެ ނޫޓު ބެހިފައިވަނީ 100 ބައިސާ، ބައި ރިޔާލް، އެއް ރިޔާލް، ފަސް ރިޔާލް، 10 ރިޔާލް، 20 ރިޔާލް، އަދި 50 ރިޔާލުގެ ނޫޓުގެ މައްޗަށެވެ. ވަކިލާރި (ކޮއިން)އަށް ކިޔަނީ ބައިސާއެވެ. ފައިސާ ފޮތީގެ ގޮތުގައި ބާޒާރުގައި ބޭނުންކޮށް އުޅޭތަން ފެންނަނީ ފަސް ބައިސައާއި 10 ބައިސާއާއި 25 ބައިސާއާއި 50 ބައިސާއެވެ.

ޢުމާނީ ރިޔާލުގެ އަގަށް ބަލާއިރު ޢުމާނީ ރިޔާލަކަށް އެމެރިކާ ޑޮލަރުގެ 2.60 ޑޮލަރު ލިބެއެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ޢުމާން ރިޔާލަކަށް ލިބޭނީ 40.03 ރުފިޔާއެވެ.

  1. އުރުދުން ދީނާރު

އުރުދުން (ނުވަތަ އިނގިރޭސީން ކިޔާ ގޮތުން ނަމަ ޖޯޑުން)އަކީ ޢިރާޤާއި ސީރިއާއާއި ސައޫދީ ޢަރަބިއްޔާއާއި ފަލަޞްޠީނާއި އަދި މިހާރު އިސްރާއީލޭ ކިޔާ ދައުލަތާ ވެސް ބިމުގެ ގޮތުން ގުޅިފައިވާ އުރުދުން ކޯރުގެ އައްސޭރީގައި އޮންނަ ގައުމެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ޢަރަބި ގައުމެކެވެ.

އުރުދުންގެ ދީނާރު 1949ގައި ތަޢާރުފުކުރުމުގެ ކުރީން އެ ގައުމުގައި ފައިސާގެ ގޮތުގައި ގެންގުޅުނީ ފަލަސްޠީނު ޕައުންޑެވެ. މިހާރުގެ ދީނާރު، އެމެރިކާ ޑޮލަރާ އަޅައި އަގު ކުރާތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. ފައިސާގެ އަގަށް ބަލާއިރު އުރުދުންގެ ދީނާރަކަށް މި ވަގުތު 1.41 ޑޮލަރު ލިބެއެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ، އުރުދުން ދީނާރަކަށް ލިބޭނީ 21.73 ރުފިޔާއެވެ.

  1. ސްޓާލިންގ ޕައުންޑު (އިނގިރޭސި ފައިސާ)

މި ޒަމާނުގައި މި ކިޔާ ގޮތަށް އެންމެ ފުރަތަމަ މިނިވަން ގައުމެއްގެ ގޮތުގައި ލިސްޓުކުރެވެނީ ވެސް އިނގިރޭސިވިލާތެވެ. ދުނިޔޭގެ އެންމެ އަގުހުރި ފައިސާގެ ގޮތުގައި ޒަމާނުއްސުރެ ބަލައި އުޅުނީ އިނގިރޭސި ފައިސާ "ޕައުންޑު ސްޓާލިންގެވެ." ނުވަތަ އަޅުގަނޑުމެން އަޑު އަހާ ގޮތުން އިސްޓާލިން ޕައުންޑެވެ. މިހާރު ވެސް މިއީ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ފައިސާއެކެވެ. ނަމަވެސް މިހާރު މި ފައިސާގެ މައްޗަށް އަރަބި ހަތަރު ގައުމެއްގެ ފައިސާ މި ވަނީ ކުރިހޯދައިފައެވެ. މި ފައިސާ މިއަދު މި ވަނީ އަގުގެ ގޮތުން ފަސްވަނައަށް ވެއްޓިފައެވެ. ބުނެވޭ ގޮތުގައި އިނގިރޭސި ފައިސާގެ އަގަށް އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ އިނގިރޭސީން ޢަރަބި އިމާރާތް ދޫކޮށް އެ ބައިމީހުން ފައިބާން ގަސްތުކުރި ހިސާބުންނެވެ. މިހާރު ސްޓާލިންގު ޕައުންޑަކަށް ޖެހެނީ އެމެރިކާ ޑޮލަރުގެ 1.21 ޑޮލަރެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ސްޓާލިން ޕައުންޑަކަށް ލިބޭނީ 18.77 ރުފިޔާއެވެ.

  1. ޖިބުރޯލްޓާރު (ޖަބަލު ޠާރިޤު) ޕައުންޑު

އަގުގެ ގޮތުން ބާލާއިރު ހަވަނައިގައި އޮތީ ޖަބަލު ޠާރިޤު (ޖިބުރޯލްޓާރު) ޕައުންޑެވެ. މި ގައުމުގައި އަމިއްލަ ފައިސާއެއްގެ ގޮތުގައި މި ފައިސާ ބޭނުންކުރިޔަސް އިނގިރޭސި ޕައުންޑު ވެސް ހަމަ އެއް އަގެއްގައި މި ގައުމުގައި ބޭނުންކުރެވެއެވެ. ޖިބުރޯލްޓާރު ޕައުންޑު ހުންނަނީ ވެސް އިނގިރޭސި ޕައުންޑާ ވަރަށް އެއް ފާޑަކަށް ވެސް މެއެވެ.

ތާރީޚަށް ބަލާ އިރު 1872ގެ ކުރީން އެ ގައުމުގެ ފައިސާގެ ޙާލަތު އޮތީ ވަރަށް އޮޅުންބޮޅުންކަން ބޮޑު ގޮތެއްގައެވެ. ނަމަވެސް އެ އަހަރުން ފެށިގެން ޖިބުރޯލްޓާރުގެ ގާނޫނީ ފައިސާއަކީ އިސްޕޭންވިލާތުގެ އޭރުގެ ފައިސާކަމަށްވާ ޕެސޭތާކަމަށް ހަމަޖެއްސިއެވެ. ނަމަވެސް 1898ގައި އިސްޕޭނު-އެމެރިކާ ހަނގުރާމަ ފެށުމާއެކު އިސްޕޭނު ޕެސޭތާގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެހެންކަމުން އެ މީހުންގެ ގާނޫނީ ފައިސާއަކީ އިނގިރޭސި ނޫޓާއި ފައިސާފޮތިކަމަށް ހަމަޖެއްސިއެވެ. ޖިބުރޯލްޓާރުގެ އަމިއްލަ ނޫޓެއް (ޕައުންޑު) ތަޢާރަފުކުރީ 1927ގައެވެ. ނަމަވެސް ވަކިލާރި (ފައިސާ ފޮތި) ޖަހައި ބޭނުންކުރާން ފެށީ 1988ގައެވެ. އެހާތަނަށް ވަކިލާރީގެ ގޮތުގައި ބޭނުންކޮށް އުޅުނީ އިނގިރޭސި ޝިލިންގެވެ.

ކޮންމެއަކަސް މިއަދު ވެސް ޖިބުރޯލްޓާރު ފައިސާއަކީ ދުނިޔޭގެ ނިސްބަތުގައި ވެސް ބާރުގަދަ ފައިސާއެކެވެ. މި މަހުގެ ހަވަނަ ދުވަހު ޖިބުރޯލްޓާރުގެ ފައިސާ ބާޒާރުގެ އަގުތަކަށް ބަލާއިރު ޖިބުރޯލްޓާރު ޕައުންޑެއްގެ އަގަކީ 1.20 އެމެރިކާ ޑޮލަރެވެ. ނަމަވެސް ޔޫރޯއާއި އިނގިރޭސި ޕައުންޑާ ހަމަ އެއް އަގެއްގައި ވެސް ޖިބުރޯލްޓާރު ޕައުންޑު އެ ގައުމުގައި މާރުކޮށް އުޅޭކަމަށްވެއެވެ. އަދި ޔޫރޯއާ އެއް އަގެއްގައި ވެސް މީހުން މި ފައިސާ މާރުކޮށް އުޅެއެވެ. އެހެންކަމުން ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ޖިބުރޯލްޓާރު ޕައުންޑަކަށް ވެސް ލިބޭނީ ހަމަ 11.77 ރުފިޔާއެވެ.

  1. ކޭމަން އައިލެންޑު ޑޮލަރު

ދުނިޔޭގެ އެންމެ އަގުހުރި (ބާރު ގަދަ) ފައިސާގެ ލިސްޓުން ދެން ފެންނަނީ ކޭމަން އައިލެންޑްސް ޑޮލަރެވެ. ކޭމަން އައިލެންޑްސް އޮންނަނީ ކެރީބިއަން ސަރަހައްދުގައެވެ. ބޮޑެތި ބޭންކުތަކާއި އިންޝޫރެންސް ކުންފުނިތަކަށް ލައިސަންސް ދިނުމުގައި މަޝްހޫރު ގައުމެކެވެ. ޚާރިޖީ ގޮތުން އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ގައުމެކެވެ.

ކޭމަން އައިލެންޑްސް ޑޮލަރު ތަޢާރަފުކުރީ 1972ގައެވެ. އޭގެ ކުރީން އެ މީހުން ބޭނުންކޮށް އުޅުނީ ޖެމެއިކާ ޑޮލަރެވެ. ނަމަވެސް ކޭމަން އައިލެންޑްގެ ފައިސާގެ އަގު އަރަމުން ގޮސް މިހާރު އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު ކޭމަން އައިލެންޑްސް ޑޮލަރަކަށް މިހާރު ޖެހެނީ އެމެރިކާ ޑޮލަރުގެ 1.20 އެވެ. މިއީ ދުނިޔޭގައި ހަތް ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ކޭމަން އައިލެންޑްސް ޑޮލަރަކަށް ލިބޭނީ 18.50 ރުފިޔާއެވެ.

  1. ޔޫރޯ (ވިލާތު ފައިސާ)

ވިލާތު ފައިސާ (ޔޫރޯ)އަކީ 1999ގައި ތަޢާރަފުކުރި ފައިސާއެކެވެ. މިއީ ވިލާތު އިއްތިޙާދު (ޔޫރަޕިއަން ޔުނިއަން) އުފެއްދުމަށް ފަހު، އެ އިއްތިޙާދުގައި ބައިވެރިވާ ހުރިހާ ގައުމެއްގައި ފައިސާގެ ގޮތުގައި ބޭނުންކުރާން ހަމަޖެއްސި އާ ފައިސާއެކެވެ. ދުނިޔޭގައި ފަހަށް ރައްކާ ކުރާ ފައިސާގެ ގޮތުގައި ދުނިޔޭގައި ދެވަނައަށް ބޭނުންކުރާ ފައިސާގެ ލަގަބު އޮންނަނީ ވެސް (އެމެރިކާ ޑޮލަރަށް ފަހު) ޔޫރޯއަށެވެ.

ވިލާތު އިއްތިހާދުގައި ހިމެނޭ ގައުމުތަކަކީ އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކުރޮއޭޝިއާ، ރިޕަބުލިކު އޮފް ސައިޕުރަސް، ޗެކު ރިޕަބްލިކު، ޑެންމާކު، އެސްތޯނިއާ، ފިންލަންޑު، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ގުރީސް، ހަންގޭރީ، އަޔަރލޭންޑު، އިޓާލީވިލާތް، ލެތުވިއާ، ލިތުއޭނިއާ، ލަގްޒެންބާގު، މޯލްޓާ، ނެދަރލޭންޑްސް، ޕޮލަންޑް، ޕޯޗުގަލް، ރޫމޭނިއާ، ސުލޮވާކިއާ، ސުލޮވޭނިއާ، އިސްޕޭންވިލާތް، ސުވިޑުން މި ގައުމުތަކެވެ. ނަމަވެސް ރަސްމީ ފައިސާގެ ގޮތުގައި އަދި ޔޫރޯ ބޭނުންކުރަނީ އެންމެ 19 ގައުމުގައި ކަމަށް ވެއެވެ.

ޔޫރޯ ބޭނުންކުރާން 1999ގައި ފެށްޓަސް ފުރަތަމަ މި ފައިސާ ބޭނުންކުރީ ދާދިވަރު ފައިސާއެއްގެ ގޮތުގައެވެ. މާއްދީ ގޮތުން ޔޫރޯގެ ކަރުދާސް ނޫޓާއި ފައިސާ ފޮތި ޗާޕުކޮށްފައި ވަނީ އޭގެ ދެތިން އަހަރު ފަހުން، 2002ގައެވެ.

މިއަދު ޔޫރޯގެ އަގު އުޅެނީ، ޔޫރޯއަކަށް 1.10 އެމެރިކާ ޑޮލަރެވެ. ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ، ޔޫރޯއަކަށް ލިބޭނީ 16.66 ރުފިޔާއެވެ.

  1. ސުވިސް ފުރޭންކު (ސުވިޒަރުލޭންޑު ފައިސާ)

މި ލިސްޓުގެ ދެވަނައަށް މި އޮތީ ވަރަށް މަޝްހޫރު ފައިސާއެކެވެ. ނަމަވެސް އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު ސުވިސް ފްރޭންކަކަށް 1.01 އެމެރިކާ ޑޮލަރުގެ ރޭޓުން މާރުކުރިޔަސް މިއީ ދުނިޔޭގައި ވަރަށް ގަދަރު ބޮޑު ފައިސާއެކެވެ.

ސުވިޒަރުލޭންޑަކީ ދުނިޔޭގެ އެންމެ ތަނަވަސް އެއް ގައުމެވެ. މާލީ އަދި ބޭންކުގެ ރިކޯޑުތަކަށް ބަލާއިރު އެންމެ ވަރުގަދަ، ހަރުދަނާ ފައިސާއަކީ ސުވިސް ފުރޭންކުކަމަށް ދެންނެވިދާނެއެވެ.

މާލީ ސިޔާސަތު އެންމެ ހަރުދަނާ އަދި އެންމެ ހަރުކަށި ސިޔާސަތުތަކެއް ތަންފީޒުކުރާ ގައުމަކީ ސުވިޒަލެންޑު ކަމަށްވާތީ ދުނިޔޭގެ ވަރަށް ގިނަ ވުނޭރުން "ރައްކާތެރި ބަނދެއް" ކަމަށް ބަލައި އުޅެނީ ސުވިސް ފްރޭންކުގެ އަގު ހުންނަ ގޮތެވެ. އަދި ގިނަ ދުވަހަށް ފައިސާ ރައްކާ ކުރާނަމަ، ސުވިސް ފުރޭންކުން ފައިސާ ރައްކާކުރުން، މާލީ ގޮތުން ރައްކާތެރިކަމުގައި ގިނަ ވުނޭރުން ބަލައި އުޅެއެވެ. އެއީ އެންމެ ހަރުދަނާކަމާއެކު ފައިސާގެ އަގު ހިފެހެއްޓުމުގެ ތާރީޚެއް އޮތީ އެ ފައިސާއަށް ކަމަށް ވާތީއެވެ. ނަމަވެސް ފައިސާ މާރުކުރާ އަގުގެ ގޮތުން ބަލާއިރު ސުވިސް ފުރޭންކަކަށް މިއަދު ލިބެނީ 1.01 އެމެރިކާ ޑޮލަރު ކަމަށް ވާތީ އެންމެ ބާރުގަދަ ފައިސާގެ ލިސްޓުން ސުވިސް ފުރޭންކު ލިސްޓު ކުރެވެނީ ލިސްޓުގެ ނުވަވަނައިގައެވެ. ދިވެހި ފައިސާ މާރުކުރާ އަގަށް ބަލާ ނަމަ ސުވިސް ފުރޭންކަށް ލިބޭނީ 16.57 ރުފިޔާއެވެ.

  1. 1 އެމެރިކާ ޑޮލަރު

އެމެރިކާ ޑޮލަރަކީ ބޭންކުތަކުން ފަހަށް ރައްކާކުރާ ފައިސާ އަގުކުރާ އެންމެ އަސާސީ ފައިސާއެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ފައިސާގެ ލަގަބު އޮތީ ވެސް އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އިސްވެ ދެންނެވުނު ނުވަ ފައިސާ އަގު ކުރާއިރު އެމެރިކާ ޑޮލަރަށްވުރެ އެ ފައިސާތަކުގެ އަގު މަތިކަމަށްވާތީ އެމެރިކާ ޑޮލަރަށް މި ލިސްޓުން ޖާގަ ލިބެނީ އެންމެ ފުލުންނެވެ. މިއީ ދުނިޔޭގެ ފައިސާގެ އަގަށް ބަލާއިރު 10 ވަނައަށް އެންމެ ބާރުގަދަ ފައިސާއެވެ. އެމެރިކާ ޑޮލަރުގެ ނޫޓު ހުންނަނީ (ނުވަތަ ފެންނަނީ) 1، 2، 5، 10، 20، 50، 100 މި ޢަދަދުތަކުގައެވެ.

ދިވެހިރާއްޖޭގައި ބޭންކު ރޭޓަށް ބަލާއިރު އެމެރިކާ ޑޮލަރަކަށް ޖެހެނީ (ރަސްމީ ގޮތުން) 15.42 ރުފިޔާކަމަށް ވިޔަސް ޑޮލަރު ގަންނާން އުޅެފި ނަމަ މިއަދު ޑޮލަރެއް ލިބެނީ 17.50 ރުފިޔާ އަށެވެ.

އާދޭހެވެ! އަގުގެ ގޮތުން ބަލާއިރު އެއަށްވުރެ މާ ބާރުގަދަ ފައިސާ ދުނިޔޭގައި އެބަ ހުއްޓެވެ! އެހެންކަމުން ޑޮލަރު މާރުކުރާއިރު ދުނިޔޭގެ ފައިސާގެ ބާޒާރަށް އަންނަމުންދާ ބަދަލަށް ވިސްނުމަކީ މުހިންމު ކަމެކެވެ. އަދި ފަހަށް ފައިސާ ރައްކާކުރާއިރު ފައިސާ ބަހައްޓާނީ ކޮން ފައިސާއަކުންތޯ ވިސްނެވުން ވެސް ހުއްޓެވެ! މި ގޮތުން ބަލާއިރު އެންމެ އިތުބާރު ހުރި ފައިސާއެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ ސުވިސް ފުރޭންކެވެ. އެއީ ސުވިޒަލެންޑުގައި މާލީ ސިޔާސަތު ހަރުދަނާކަމުންނާއި ގިނަ ޒަމާންތަކެއް ވަންދެން ފައިސާގެ އަގު އެއް މިނެއްގައި ހިފެހެއްޓިފައިވާތީއެވެ. އަދި ދުނިޔޭގެ އެންމެ ތަނަވަސް އެއް ގައުމަކީ ވެސް ސުވިޒަލެންޑު ކަމަށްވާތީއެވެ.