ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ހާލު ބޮޑުވެ، އައިޖީއެމްއެޗްގެ އައިސީޔޫގަައި ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވި ޔަމަން މީހާގެ ހަށިގަނޑު ގަަލޮޅު މޯޗަރީ އަށް ލައިފި އެވެ.
ދިވެއްސަކާ އިނދެގެން ރާއްޖޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ އުމުރުން 44 އަހަރުގެ ޔާސިރު ޔަހުުޔާގެ ހަށިގަނޑު މޯޗަރީއަށް ލީ، އޭނާގެ އާއިލާ ކައިރިއަށް ޔަމަނަށް ގެންދަން ކަމެއް ނުވަތަ، ޔަމަންގެ ކަމާ ބެހޭ ފަރާތްތަކުން ވަކި އެއްޗެއް އަންގަންދެން ކަމެއް އަދި ސާފެއްނުވެ އެވެ.
ބައިނަލްއަގުވާމީ އެކިއެކި ޖަމާއަތްތަކުން ވެސް ޓެެރަރިސްޓެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ޔާސިރު ރާއްޖެއިން ހައްޔަރުކޮށްފައި ވަނީ 2017 ވަަނަ އަަހަރު އެވެ. އޭރުއްސުރެ، ހުކުމެއް ނީއްވައި އޭނާ ހުރީ ހައްޔަރުގަ އެވެ.
ދިވެެއްސަކާ އިދެގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރުގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެ އެވެ.
ޔާސިރު ހައްޔަރުކުރީ، ވީސާ ކެންސަލްކޮށް، ރާއްޖެއިން ފުރައިގެން ދިއުމަށް އެންގުމުން ވެސް އޭނާ ރާއްޖެ ދޫކޮށް ދާން އިންކާރު ކުމުންނެވެ.
ކަރެޝަންސް ޑިޕާޓްމަންޓްގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ ޔަހުޔާ އައިޖީއެމްއެޗްއަށް ގެންގޮސްފައި ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް، ހާލު ދެރަވެގެން ކަމަށާއި އިއްޔެ ހަވީރު އޭނާ މަރުވީ އައިސީޔޫގަައި ފަރުވާދެމުން ގެންދަނިކޮށް ކަަމަށެވެ.
"އިމިގްރޭޝަންގެ ގާނޫނާ ހިލާފްވެގެން އޭނާ ހައްޔަރުކޮށް އަޅުގަނޑުމެންނާ ހަވާލު ކޮށްފައި ހުރީ ރާއްޖެއިން ފޮނުވާލެވެންދެން. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފައި. އޭނާ އައިޖީއެމްއެޗަށް މިދިޔަ މަހު ބަދަލުކުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހާލު ގޯސްވެގެން،" އޮފިޝަލް ވިދާޅުވި އެެވެ.



advertisment