Support Us

ކޮލަމް: ހަވާސް

މަނިކުބޭގެ ސިޔާސީ ވާހަކަ: ވެރިކަމުގެ ފޯމިއުލާ

މަނިކުބެ ޔޫ.ކޭގައި އުޅެފައި އައި ފަހުން ބައްދަލުވީ އަލަށެވެ. ފުރަތަމައިނުން ވެސް އޭނާ ފެށީ ރާނީގެ ޖަނާޒާގެ ކަންތައް ހިނގައިދިޔަގޮތުގެ ވާހަކައެވެ. އޭނާ އަށް ކުރެވުނު ތަޖުރިބާތަކުގެ ވާހަކައެވެ. އެކަމަކު އެ ވާހައަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނީމާ ދެން ފެށީ ރާއްޖޭގެ ސިޔާސީ ވާހަކަ ދައްކާށެވެ.

މަނިކުބެއަކީ ސިޔާސީ ވެގެން އުޅުނެއް ކަމަކު، ހަގީގަތުގައި ސިޔާސީ ގޮތުން ތަނެއްދޮރެއް އެނގޭ މީހެއް ނޫނެވެ. އެކަމަކު އޭނާގެ ވާހަކަތައް ހުންނަ ގޮތުން އޭނައަށްވުރެ ސިޔާސީ ކަންކަން ދިރާސާކުރާ، ސިޔާސީ ކަންކަން އެނގޭ އެހެން މީހެއް ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ.

މަނިކުބޭ ބޭނުންވާނީ އޭނާ ދައްކާ ވާހަކަތައް ކަނުލާ އަހާ މީހެއް ކައިރީގައި އޭނާގެ ފޮނި ވާހަކަތައް ދައްކާށެވެ. އެ ވާހަކަތަކާ ދެކޮޅު ހަދަންޏާ މަނިކުބޭގެ މޫޑު އޮފުވާކަށް ގިނަ އިރެއް ނުނަގާނެއެވެ. ކޮފީ ބޯން އިނދެފައި، ކޮފީ ތަށި ހުސްނުކޮށް ވެސް އޭނާ ނައްޓާލަނީ މަދެއްކޮށެއް ނޫނެވެ. އެހެންވެ ބޮޑަށް ބަލަނީ އޭނާ ރުޅިއަރުވާނުލާ ވޭތޯއެވެ.

މަނިކުބެ ވާހަކަ ފެށިއެވެ.

ކޮބާ! ޕްރައިމަރީ މި ދަނީ ވަރަށް ފޯރި ގަދަކޮށް ދޯ؟

އަހަރެން ނުބަލަން ތި ކަމެއް.

ބަލަ ކީއްވެ ނުބަލާންވީ؟ ގައުމުގެ ސިޔާސީ އޮއިވަރު އެނބުރެމުންދާ ގޮތް ބަލަންވާނުން. މިއީ އަހަރުމެންގެ އެންމެންގެވެސް ގައުމެއްނު.

ސިޔާސީ ކަންކަން އެއީ އަހަރެން އެހާ ޝައުގުވެރިކަން ހުންނަ ކަމެއް ނޫން. އެއީ ވަރަށް ހަޑިމުޑުދާރު ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް. އެހެންވެ ވަރަށް ފޫހި.

ޕްރައިމަރީގައި ނަޝީދު ވާދައެއް ނުކުރާނެ.

އެޔޯ އަނެއްކާ؟ ހުރިހާ ރަށަކަށް ދަތުރުކޮށް ގޭގެއަށް ވަދެ ހަނޑޫ ފުނޑައިދީ ކައްކައިދީ އެ ހަދަނީ ޕްރައިމަރީގައި ވާދަކުރާކަށް ނޫންތަ؟

ހޫން. ތިހެން އުޅެފައި އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންދާނެ.

އޭރުން އެވީ ކޯންޗަކަށް؟

އޭރުންނެއްނު އަދި އެއްޗަކަށް ވާނީ. މިހާރު ވެސް އެ ބުނަނީނު ވޯޓާސް ލިސްޓު އޮތީ ފައްޔާޒު ގަޑުބަޑުކޮށްފައޭ. އޭނާއަށް ވޯޓު ލާނެހެން ހީވާ އެތައް ހާސް ބަޔަކު ދަފުތަރުން ކަނޑާލައިފިޔޭ. އެހެންވެ އެންމެ ފަހު ވަގުތު ބުނާނީ މި ކަހަލަ ގަޑުބަޑު ވޯޓާސް ލިސްޓަކަށް ވޯޓްލާން ތިމަންގެ ސަޕޯޓަރުން ބޭނުމެއް ނޫނޭ، އެހެންވެ ނަން އަނބުރާ ގެންދިޔައީއޭ.

ތިބުނަނީ ހުރިހާ ރަށަކަށް ގޮސް ޑޯޓުޑޯ ޖެއްސީމާ ތާއީދު ނެތްކަން ކަށަވަރުވީމާ، ލަދެއްގައި ނުބެދޭންވެގެން ނަން އަނބުރާ ގެންދާނީޔޭއެއްނު؟

ނޫން ނޫން. ތާއީދު އެބައޮތް ހެސްކިޔާފަ. ޕާޓީގެ ގްރާސްރޫޓު އެއްކޮށް އެއޮތީ ނަޝީދަށް. ސޯލިހަށް އޮތީ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ ކުޑަ ތާއީދެއް.

ތިއީ ވަރަށް ހެއްވާ ވާހަކައެއް. މިދިޔަ ހަތަރު އަހަރު ދުވަހު ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ޕްރޮޖެކްޓްތައް ހިންގީމާ ރައްޔިތުންގެ ތާއީދު ހާދަ ބޮޑޭ ސޯލިހަށް. ކިތައް ރަށުގެ ފެނާއި ނަރުދަމާ އަޅައި، މަގު ހަދައި، އެއާޕޯޓުތައް ހަދައި، ބަނދަރުތަކާއި އިންޖީނުގެތައް ހަދައި، އެތައް ހާސް ކުދިންނަކަށް ޑީގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމަކީ ހާދަ ބައެއްގެ ސަޕޯޓް އޮތް ކަމެކޭ. އަދި ކޮބާ ކޮވިޑްގެ ނާޒުކު ހާލަތުގައި ވެސް ދިވެހިން ބަނޑަށް ނުޖެހި ސަލާމަތްވީ ސޯލިހުގެ ހިކުމަތު އަމަލީންނެއްނުން. ކޮވިޑް މެނޭޖްކުރަން ނޭނގުނީމަ ލަންކާ ވެސް އެ އޮތީ ދަރާ ވިކިފައި. ކިރިޔާ ބަނޑަށް ނުޖެހި އެ ތިބީ. ނަސީބެއްނުން ސޯލިހު ކަހަލަ ހިކުމަތްތެރިއަކު ރާއްޖޭގެ ހުންގާނުގައި އޭރު ހުރިކަން. ނަޝީދު ނެތްކަން ނަސީބު. ދިވެހިން ބަނޑަށް ޖެހޭތަން ބަލާކަށް ނުހުރެވޭނޭ ކިޔާފައި، އިސްތިއުފާ ދިނީސްކަން ކަށަވަރު.

ސޯލިހުވެސް ކަންކަން ކޮށްދީފައި އެބަހުރިކަން އެންމެންވެސް ގަބޫލްކުރޭ.

އެހެންވެ އެ ނިމުނީނުން.

ސޯލިހަށް ވެސް ފަސް އަހަރު ރައީސްކަން ކުރެވެނީއެއްނު. ދެން ރީތިކޮށް ނަޝީދަށް ވެރިކަން ހަވާލުކުރީމާ އެ ނިމުނީނުން.

ފަސް އަހަރަކުން އަދި ނުނިމޭނެ. ސޯލިހުގެ ހުރިހައި ޕްރޮޖެކްޓެއް ނިމޭނީ ދެ ވަނަ ދައުރުގައި. ތިލަމާލެ ބްރިޖާއި ފްލެޓްތަކާއި އެއާޕޯޓުތައް ވެސް އަދި ހުރީ ނުނިމި. ދިހަ އަހަރުން އެ ހުރިހާ ކަމެއް ކޮށް ނިންމާލެވޭނީ. އެހެންވެ ސޯލިހަށް ދެވަނަ ދައުރެއް ވަރަށް މުހިންމު.

ވެރިކަމާއި ބާރަކީ އެ ލިބިއްޖެ ނަމަ ކޮންމެ މީހަކު ވެސް މޮޔަވާ ކަމެކޭ ދޯ؟

އެއީ އިންސާނީ ތޮބީއަތް. އެހެންވެގެންތާ އަމިއްލައަށް އިސްތިއުފާ ދީފައި ވެސް އަނެއްކާ ވެސް ވެރިކަމައިގެން އެ އުޅެނީ. ވަކި ކޮން ބާރެއް ނެތީތަ މިހާރު؟ ގައިމު ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ ބޮޑު މުސާރަ ލިބޭ. ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ ސެކިއުރިޓީ ވަރުގަދަ. އަދި ކޮބާ ރައީސުލްޖުމްހޫރިއްޔާ އަށް ވުރެ އަނގަވެސް ގަދަ. ނުބެހޭކަށް ކަމެއް ނޯވޭ.

އަސްލު 2018 އެއީ ނަޝީދުގެ ފަހަރެކޭ. ޔާމީން ހެދި އެއްޗަކުން ނަޝީދު ޖަލަށް ލީމާ، އިންތިހާބުގައި ވާދަނުކުރެވުނީނުން. އެހެންވެ ނަޝީދުގެ ބަދަލުގައި ސޯލިހަށް ޓިކެޓް ދިނީ ގޭގައި ނިދާފައި އޮއްވާ ގޮސް ތަބަކަކަށް ލާފައެއްނު.

ޓިކެޓް ދިނީމާ ކިހާ ރީތިތަ ވެރިކަން ކޮށްލާ ގޮތް. ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދައި، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކުށްވެރިން ޖަލަށް ލައި، ނުވި ތާކަށް ބޮޑު ކޯލީޝަނެއް ގޮވައިގެން، އެކަކު ވެސް ބާކީނުކޮށް މިކަހަލަ އަމާން، އޮމާން ވެރިކަމެއް ދެން ކުރެވޭނީ ފަހެ ކާކަށް؟ ސޯލިހު ކަހަލަ ރިއެކްޓް ނުކުރާ މީހަކަށް ދޯ އެކަން ވާނީ؟

ނަޝީދަކީ ތަންކޮޅެއް އަވަހަށް ރިއެކްޓްކުރާ މީހެއް ކަމަށް މަވެސް ގަބޫލްކުރަން. އެ ފަހަރު ވެރިކަން ވެއްޓުނީ ވެސް މާ އަވަހަށް ރިއެކްޓްކުރެވުނީމަކަން ޔަގީން. އަބަދަކު އެހެނެއް ނުވާނޭ. މިހާރު ހުންނާނީ މާ ބޮޑަށް ތަސައްރަފު ފުދިފައޭ.

ކީއްވެގެންތަ ތި ބުނީ އެންމެ ފަހު ވަގުތު ނަޝީދު ޕްރައިމަރީން ވަކިވާނޭ؟

އާން. ވަކިވާނެ. ވަކިވެފައި އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރާނީ.

ދެން ކާކު ވޯޓު ދޭނީ؟

ތި ފޯމިއުލާ އޮތީ ހަދައި ނިމިފައި. އެހެންވެގެންނޭ މިހެން މި ބުނަނީ.

އެއީ ކޮން ފޯމިއުލާއެއް؟

ސޯލިހަށް ޓިކެޓް ލިބުނީމާ ސޯލިހު ހަދާނީ ކޯލީޝަނެއް. ގާސިމާއި އިމްރާނާއި މައުމޫނާއި ކާނަލް ނާޒިމުވެސް ބައިވެރިކުރާނެ މިފަހަރު.

ދެން؟

ނަޝީދު ގުޅޭނީ ޕީ.ޕީ.އެމް ކޯލީޝަނާ. އޭރުން އެމް.ޑީ.ޕީގެ ގިނަ ވޯޓުތަކަކާއި ޕީ.ޕީ.އެމްގެ ވޯޓުތައް ލީމާ، ސޯލިހަށް ލިބޭ ވަރަށް ވުރެ މާ ގިނަ ވޯޓު ނަޝީދަށް ލިބޭނެ.

އައްދެ. ޕީ.ޕީ.އެމް ނުގުޅޭނެ ނަޝީދަކާ.

އެ ކީއްވެ؟ ޕީ.ޕީ.އެމުން މިހާރު އެންމެ ބޮޑަށް ބޭނުންވާނީ ޔާމީން މިނިވަންކުރަން. ސޯލިހު އެކަމެއް ނުކުރާނެ. އަދުލުއުންސާފުގެ ނިޒާމުގެ ތެރެއަށް އަތްބާނައި، ސުޕްރީމު ކޯޓު ފުރާޅުން ޓިނު ނަގާކަށް ސޯލިހު ބޭނުމެއް ނުވާނެ. ހަމަ ޔަގީނުން ވެސް ޔާމީންގެ ނަމެއް ވޯޓު ކަރުދާސްކޮޅަކު ނޯންނާނެ. އެއީ ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލަ އެހާތާކަށް ނުނިމޭނެ. ނިންމިޔަކަ ވެސް ނުދޭނެ. ޔާމީން 2018 ގައި އިދިކޮޅު ލީޑަރުންނަށް ހެދި ގޮތުގެ ހިތި ރަހަ މިފަހަރު އޭނާގެ ކަރުބުޑުގައި ލައްވާލާނެ. އެހެންވެ ޔާމީން މިނިވަންކޮށްދޭ ނަމަ ނަޝީދާ ގުޅެން ވެސް ޕީ.ޕީ.އެމުން އޮންނާނީ ތައްޔާރަށް. ޕީ.ޕީ.އެމަށް ނޯ ޗޮއިސް. އަނެއްކާ ސޯލިހަށް އިތުރު ދައުރެއް ނުދޭން ޕީ.ޕީ.އެމުން ވެސް ތިބީ ފައިވިއްދާފައި. އެކަމަކު ޕީ.ޕީ.އެމްގެ އެކަނި ވޯޓަކުން ސޯލިހު ކަޓުވައެއް ނުލެވޭނެ. އެހެންވެ ޕީ.ޕީ.އެމުން ވެސް ތިބޭނީ ނަޝީދުގެ އެހީއަށް ބޭނުންވެފައި. އަދި ނަޝީދު ވެސް އޮންނާނީ ޕީ.ޕީ.އެމްގެ އެހީއަށް ބޭނުންވެފައި. އެ ދެބައި އެކުވެގެން ނޫނީ ސޯލިހަކަށް ފައިޓެއް ނުދެވޭނެ.

ދެން ނަޝީދާއި ޕީ.ޕީ.އެމްގެ ކޯލީޝަނުން ރަނިންމޭޓަކަށް ކާކު ނެރޭނީ؟

ނަޝީދަކީ ރައީސް. ރަނިންމޭޓަކަށް ލާނީ އަދުރޭހެން ހީވަނީ.

އެ ކީއްވެ އަދުރޭ؟ މި އުޅެނީ ހިސާބު ޖަހަން ދަސްކޮށްދޭންތަ؟

އަދުރޭ އެއީ ޔާމީނަށް އެންމެ އިހުލާސްތެރި މީހަކީ. އެހެންވީމާ، ޑރ. މުއިއްޒުމެން ޑރ. ވަހީދުމެން ކަހަލަ މީހަކަށް ފުރުސަތެއް ނުދޭނެ. ޕީ.ޕީ.އެމްގައި އިސްކޮށް އެތިބަ އެންމެންވެސް އެތިބެނީ ޓިކެޓުގެ ދަހިވެތިކަމުގައި. ޔާމީން ޖަލަށްލުމުން ހަގީގަތުގައި އެމީހުން ވީ އުފާ. މުޒާހަރާތަކަށް އެ ނުކުންނަނީ ގޮތް ދައްކާލަން.

ޕީ.ޕީ.އެމުން ނަޝީދާ ނުގުޅޭނެކަން މަށަށް ހަމަ ވަރަށް ޔަގީން. އެ މީހުންގެ ސިޔާސަތުގެ މީހެއް ނޫން ނަޝީދަކީ. ކިތަންމެ ފަހަރަކު އެހެން ބުނެފަ އޮތީވެސް.

ބަލަ ޔާމީން މިނިވަންވާން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ވަންޏާ ޕީ.ޕީ.އެމުން ނަޝީދުގެ އަތުގައިވެސް ހިފާނެ. ނޯ ޗޮއިސް. މިހާރުވެސް ނަޝީދަށް ކިހާ ތާއީދެއް ޕީ.ޕީ.އެމްގެ މީހުން ކުރޭތަ. ނަޝީދު ވެސް ހުރީ ޔާމީން ޖަލަށް ލީމާ ދެރަވެފައެއްނު.

އެހެންވިއްޔާ ޕްރައިމަރީގައި ނަޝީދު ވާދަނުކުރާނޭ ތި ބުނަނީ ކީއްވެ؟

ވާދަނުކުރާނީ ބަލިވާނެތީ. ވޯޓު އޮޅުވާލައިގެން ވެސް ބަލިކުރާނެތީ. ނަޝީދު ބަލިވެއްޖެއްޔާ އެއީ ވަރަށް ބޮޑު ވެއްޓުމަކަށް ވާނެ. އެހެންވެ ވޯޓުލުމުގެ ކުރިން ނަޝީދުގެ ނަން ނަގާނެ. އޭރުން ނަޝީދުގެ ސްޓްރެންތެއް މީހުނަކަށް ނޭނގޭނެއެއްނު. ހީވާނީ ލައްކަ ބައިވަރު ވޯޓު ލިބޭނެ ކަމަށްނު. އަނެއްކާ ޕްރިމަރީން ބަލިވާ މީހަކު އަމިއްލަ ގޮތުން އިންތިހާބުގައި ކުރިމަތި ލައިފިއްޔާ ޕާޓީން ވަކިކުރާނެ. އެހެންވެ، ހުދު ފަށަށް ރީތިކޮށްލަން ވެގެން އަޅުވާލާ އަނދުނެއް އެއީ.

ނަޝީދު އެބަ ބުނެއެއްނު ޕްރައިމަރީން ބައްޔެއް ނުވާނޭ. ޕާޓީގެ އަގުލަބިއްޔަތު އޮތީ ތިމަންނައަށޭ.

އެހެންވެސް ބުނާނެ. އެކަމަކު، އެންމެ ފަހު ވަގުތު ވާނީ މިހެން. އިންސާފުވެރި ވޯޓަކާ ދޭތެރޭ ނަޝީދުގެ އިތުބާރެއް ނެތް.

ތި ފޯމިއުލާ ވަރަށް ފައްކާ. ތިއީ ޔޫ.ކޭން ދަސްކޮށްގެން އައި ފޯމިއުލާއެއްތަ؟

އެހެން ހަމަ ބުނުމާއެކު މަނިކުބެ ނައްޓައިފިއެވެ. އަބަދު ޔޫ.ކޭއަކާ އަޅައިގަނެގެން ތި އުޅެނީ ކީއްވެހޭ އިތުރަށް އެންމެ ހިނދުފުކަކު ވެސް މަޑެއް ނުކުރާނަމޭ ބުނެ، ކޮފީ ތަށިވެސް ހުސްނުކޮށް މަނިކުބެ ނައްޓާލީއެވެ. ސިޔާސީ ވާހަކަ ދައްކަން އުޅޭ މީހުންގެ ކެއްތެރިކަން ހުންނަ ވަރަކީ ވެސް މިއީ އެވެ.

މަނިކުބެ ރުޅި މަޑުވީމާ، އަނެއްކާ ވެސް ކޮފީއަށް ދާން އޭނާ ގުޅާނެއެވެ. އިންތިޒާރުގައި ތިއްބަވާށެވެ.