Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބާލިދީން ގެރީގެ ބޯ ނެރުން

އެއްދުވަހަކު ދަނޑުގައި ވިނަ ކާން ގެރިއެއް އޮތެވެ. ދަނޑުމަތީ އޮތް ބާލިދީއެއް ފެނިގެން އެއާ ދިމާއަށް ގެރި ދިޔައެވެ. އަދި، އެއީ ކޮން އެއްޗެއްތޯ ބަލައިލާން ބާލިދީގެ ތެރެއަށް ގެރި އޭތީގެ ބޯ ލިއެވެ. ދެން، ބާލިދީން، އޭތީގެ ބޯ ނެރެން އުޅެއުޅެ ނެރެވޭ ގޮތެއް ނުވެ، ބާލިދީގެ ތެރޭގައި ގެރީގެ ބޯ ތާށިވިއެވެ.

މި މައްސަލައިގެ ހައްލެއް ނުލިބި، މައްސަލަ ރަށު ކައުންސިލަށް ހުށަހެޅުނެވެ. މައްސަލަ ބޮޑުވީ ގެރިއަށާއި ބާލިދީއަށް ވެސް ގެއްލުމެއް ނުދީ ގެރީގެ ބޯ ބާލިދީން ނުނެރެވުމުންނެވެ. ކޮންމެއަކަސް މައްސަލައާ ބެހޭ ގޮތުން ބިނާކުރުވަނިވި ބަހުސަކާއި މަޝްވަރާކުރުމަށް ފަހު ކައުންސިލްގެ ރައީސް ވިދޅުވިއެވެ. "އަހަންނަށް ފެންނަނީ ގެރީގެ ބޯ ކަނޑާލާށެވެ. އޭރުން މައްސަލަ ހައްލުވީއެވެ."

ރައީސްގެ ވާހަކަފުޅަށް އެންމެން ސާބަސްދިނެވެ. އަދި، އެންމެން ވެސް، ރައީސްގެ ހެޔޮ ބުއްދިއާއި ހިކުމަތްތެރިކަމަށް ތައުރީފުކުރިއެވެ. ރައީސްއަށް ސާބަސްދިނުމާއި ތައުރީފުކުރުމުގައި އެންމެން މަޝްއޫލުވެ ތިބުމުން، ގެރީގެ ބޯ ކަނޑާލީމައި ގެރި މަރުވާނެކަން އެކަކު ވެސް ހަނދާނެއް ނެތެވެ.

ކޮންމެއަކަސް ކައުންސިލުގެ ރައީސްގެ އަމުރުފުޅުގެ ދާށުން ގެރީގެ ބޯ ކަނޑާލެވުނެވެ. ގެރީގެ ބޯ އޭތީގެ ހަށިގަނޑާ ވަކިކޮށްލެވުނު ކަމުގައި ވިޔަސް، ގެރީގެ ބޯ އަދިވެސް އޮތީ ބާލިދީގެ ތެރޭގައެވެ.

އަނެއްކާ ވެސް މި މައްސަލަ ކައުންސިލަށް ހުށަހެޅުނެވެ. މިފަހަރު ވެސް، އެތައް ބަހުސަކާއި މަޝްވަރާއަށް ފަހު، ރައީސް ވަރަށް ވެސް މޮޅު ޚިޔާލެއް ހުށަހެޅުއްވިއެވެ. ރައީސް ވިދާޅުވީ ބާލިދީ ހަލާކުކޮށްލުމުން ގެރީގެ ބޯ ނެގިދާނޭކަމެވެ. ރައީސްގެ ޚިޔާލުފުޅު މޮޅުކަމަށްޓަކައި އަނެއްކާވެސް އެންމެންވެސް ތައުރީފުކޮށް ތަރުހީބުގެ އަތްތިލަބަޑިއެއް ޖެއްސެވެ.

ދެން، ރައީސް ވިދާޅުވި ގޮތަށް ބާލިދީ ހަލާކުކޮށްލިއެވެ. އަދި، ގެރީގެ ބޯ ބާލިދީގެ ތެރެއިން ނެގިއެވެ. މިހިސާބަށް ކަންތައް ދިޔުމުން، ގެރި މަރުވެއްޖެކަމާއި ބާލިދީ ވެސް ހަލާކުވެއްޖެކަން އެންމެނަށް ވެސް އެނގުނެވެ. ނަމަވެސް، ރައީސްގެ ޚިޔާލުފުޅު ރަނގަޅު ނޫންކަން ބުނާކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. އެންމެން ވެސް ރައީސަށް ޚުޝާމަދުކުރުމުގައި ދެމިތިއްބެވެ.

އެވަގުތު، ރައީސް ސިނގިރޭޓެއް ރޯކޮށްލައްވައިގެން، ފުން ވިސްނުމެއްގައި، ކަނޑާލެވިފައި އޮތް ގެރީގެ ބޮލަށާއި ހަލާކުކޮށްލެވިފައި އޮތް ބާލިދީއަށް ބައްލަވަން އިންނެވިއެވެ. ދެން، ރަށު އެންމެންހެން ރައީސް ވަށާލިއެވެ. އަދި އެންމެންހެން އެއްފަހަރާ ރައީސަށް ދެންނެވިއެވެ. "މާތް މަނިކުފާނެވެ! އެއްގޮތަކަށް ވެސް ކަންބޮޑުވެ ފިކުރު ނުކުރައްވާށެވެ. ގެރިއަކާއި ބާލިދީއެއް މަނިކުފާނުގެ ހައްގުގައި ގުރުބާންކޮށްލުން އެއީ އަޅުގަނޑުމެންނަށް މާ ބޮޑު ކަމެއް ނޫނެވެ. އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ހައްގުގައި މުޅި ގައުމު ވެސް ގުރުބާންކޮށް، މަނިކުފާނު ބޭނުންފުޅު ބަޔަކަށް ގައުމު ވިއްކާލަން ވެސް ރުހިގެން ނޫންތޯއެވެ؟"

ދެން، ހިނިފުޅުވަޑުވާލައްވައިފައި، ރައީސް ވިދާޅުވިއެވެ. "އަހަރެން މިވިސްނަނީ ގެރިއާއި ބާލިދީއާ މެދުއެއް ނޫނެވެ. އެމައްސަލަ އެއޮތީ ހައްލުވެފައެވެ. އަހަރެންގެ ހުރިހާ ވެސް ފިކުރަކީ އަހަރެން ނެތް ނަމަ ކަލޭމެންގެ މައްސަލަތައް ހައްލުކޮށްދޭނޭ އެހެން މީހަކު ނެތުމުގެ މައްސަލައެވެ."

(ދިވެހިކޮށްލުމެއް)