އީރާނުގެ ރައްޔިތުންނާ މަޢީޝަތީ މަސްއަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީ ވިދާޅުވެއްޖެއެވެ. އެހެނަސް އޭނާ ސިފަކުރެއްވި ގޮތުގައި އީރާނު މިއަދު ދެކެމުންދާ އިޙްތިޖާޖުތަކަކީ ޚިޔާނަތެކެވެ. މި އިޙްތިޖާޖުތަކާ ދެކޮޅަށް ސަމާސާކަނޑައިފައި މުޢާމަލާތު ކުރާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދީނީ އެންމެ އިސް ޒަޢީމު ޚާމަނައީ މި މޭރުމުން ވާހަކަފުޅު ދެއްކެވީ 1979ވަނަ އަހަރުގެ ޖަނަވަރީ މަހު އީރާނުގެ ޤުމް ސަހަރުގައި އީރާނުގެ އޭރުގެ ރަސްގެފާނު ޝާހް މުޙައްމަދު ރިޒާ ބަހްލަވީއާ ދެކޮޅަށް ފެށުނު އިޙްތިޖާޖުތަކުގެ މުނާސަބާ ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޚާމަނައީ ވިދާޅުވި ގޮތުގައި ހިނގަމުންދާ ގަޑުބަޑުގެ ބޮޑު ބަޔަކީ އީރާނާ ދެކޮޅަށް ދެމުންދާ މީޑިއާ ޙަމަލާތަކެވެ.
ޚާމަނައީ ވިދާޅުވިއެވެ. "އީރާނުގެ ރައްޔިތުންނާ އިޤްތިޞާދީ އަދި މަޢީޝަތީ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ކުނިގޮނޑުތަކުގައި ރޯކޮށްގެން މި މަސްއަލަ ކުރެވޭނެ ހެއްޔެވެ؟ މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި އިޙްތިޖާޖުކޮށްގެން މި މަސްއަލައަށް ޙައްލެއް ގެނެވިދާނެ ހެއްޔެވެ؟"
އީރާނުން މިކަމުގައި ހުޅަނގަށް ކުރާ ތުހްމަތުތަކަށް އިޝާރާތް ކުރައްވާ ޚާމަނައީ ވިދާޅުވިއެވެ. "އެންމެ ފަހުގެ އިޙްތިޖާޖުތަކުގައި ދުޝްމަނުންގެ އަތްތައް ވަނީ ފާޅުވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ ހުރިހާ ޤައުމުތަކެއް ސިއްރާއި ފާޅުގައި ވަނީ މި ކަމުގެ ތެރެއަށް އަތް ބާނައިފައެވެ."
ޚާމަނައީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ކަމުގައި އެންމެ މުހިއްމު ބައެއް އަދާކުރަނީ މީޑިއާއިންނެވެ. ހުޅަނގާއި އަރަބިންނާއި ޢިބްރީ މީޑިއާ ވަސީލަތްތައް ނުބައި ބައި ކުޅެމުންދާތަން ތިޔަބައިމީހުންނަށް ވަނީ ފެނިފައެވެ."
ޚާމަނައީ ވިދާޅުވިއެވެ. "މަގުމައްޗަށް ނުކުމެ ކުނި ކޮންޓޭނަރުތަކުގައި ރޯކުރާ މީހުންނާއި އަޑުގަދަކޮށް ހަޅޭއްލަވާ މީހުންނާއި ބިއްލޫރިތައް ތަޅައި މީހުން ޤައުމުގެ ބަލިކަށި ނުކުތާތަކަށް އިދާރީ ބަލިކަށިކަންކަމަށް، އިޤްތިޞާދީ ބަލިކަށިކަންކަމަށް އަދި އެހެނިހެން ބަލިކަށި ނުކުތާތަކަށް ޙަމަލާއެއް ނުދެއެވެ. އެމީހުންގެ އަމާޒަކީ ޤައުމުގެ ބަލިކަށި ނުކުތާތަކެއް ނޫނެވެ. އެހެނަސް އެމީހުންގެ އަމާޒަކީ ޤައުމުގެ ބާރުވެރި ނުކުތާތައް ފުޑުފުޑުކޮށްލުމެވެ."
ޚާމަނައީ ވާހަކަފުޅު ނިންމައިލައްވަމުން ވިދާޅުވިއެވެ. "މިއީ ޚިޔާނަތެކެވެ. ޤައުމުގެ މުއައްސަސާތަކުން މި މީހުންނާ ދެކޮޅަށް ސަމާސާކަނޑައިފައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެއީ ޚިޔާނަތްތެރީން ކަމުގައި ބަލައިގެންނެވެ."



advertisment