Support Us

ކޮލަމް ކޯދު: މަސްތީ ހާލަތު ދައްކުވައިދޭ ޚިޔާލީ ހުވަފެނެއްގެ ވާހަކަ

މީހުން ބުނާތީ އަޑުއަހަމު ނޫން ހެއްޔެވެ؟ 'އަހަރުމެން މި ތިބީ ނިދާފައެވެ. ހޭލެވޭނީ މަރުވުމުންނެވެ.' ލޯމަތިން ހަގީގަތްތައް ފެންނަން އޮންނަ އިރު ވެސް އަހަރުމެންނަކީ ހަގީގަތް ނުފެންނަ ކަނު ބައެއް ފަދަ ބައެކެވެ. ސަލާމަތް ބުއްދި ލިބިގެންވާ އިރު ވެސް، އެކި އެކި އުޒުރުތައް ދައްކައި، އަހަރުމެންނަށް ލިބިފައި އޮތް ސަލާމަތް ބުއްދީގެ ބޭނުމެއް ނުކުރެއެވެ.

އަހަރުމެން މި ތިބީ ނިދާފައޭ ބުނަނީ ކީއްވެ ބާވައެވެ؟ އުޚުރަވީ ކަންކަން މަތިން ހަނދާން ނައްތާލައި، ހަމައެކަނި، ދުނިޔަވީ ކަންކަމާއިގެން އުޅެވޭތީއެވެ. ދުނިޔެއަކީ އަހަރުމެންގެ ހަޔާތުގެ އެންމެ ފަހު މަންޒިލްކަމުގައި، އެނގެން ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް، ބެލިގެންނެވެ.

އަހަރުމެންގެ ލޯ ސަލާމަތުން ހުރި ކަމުގައި ވިޔަސް، އަހަރުމެންނަކީ ކަނު ބައެއް ކަމުގައި ބެލެވެނީ ކީއްވެބާވައެވެ؟ އެއް ހޮރަކުން ކަށި ޖެހުމުން، ހަމަ އެ ހޮރަށް ދެ ވަނަ ފަހަރަށް ކީއްކުރަން ހެއްޔެވެ؟ ތިން ވަނަ ފަހަރު ވެސް އަދި، އެއަށް ވުރެ ގިނަ ފަހަރު ވެސް އަތްލައި ކަށިޖެހިޔަދޭތީއެވެ. މިކަން އިތުރަށް ސާފުވެ ދިޔުމަށްޓަކައި، މީހަކު ބުނި ވާހަކައެއް ލިޔެލާނަމެވެ.

މީހަކީ އިންޑިޔާ މީހެކެވެ. ނަމަވެސް، ރާއްޖޭގައި އެތައް ދުވަސްތަކެއް ވާންދެން އުޅެ، ކޮންމެ ވެސް ވަރެއްގެ ލޯތްބެއް ރާއްޖެއަށް ޖެހިފައިވާ މީހެކެވެ. އޭނަ ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނަ ބުނީ، ދިވެހިންނަށް ފަހަކަށް އައިސް، ހެދުނު އެންމެ ބޮޑު ގޯހަކީ ބޭރު އަސްކަރީންގެ ބަޔަކު ރާއްޖޭގައި ތަމްކީނުވެ ދިޔުމެވެ. މިހާރު، މިހެން ކަންތައް ވެފައި އޮތުމުން، އޭނާގެ ނަޒަރުގައި، އެ އަސްކަރީން ރާއްޖޭން ބޭރުކުރުމަކީ ވަރަށް ވެސް ދަތި އުނދަގޫ ކަމަކަށް ވާނެއެވެ. އެއީ ކީއްވެބާވައޭ ސުއާލުކޮށް، އެކަމުގެ މައްޗަށް ވިސްނާލުން މުހިއްމެވެ.

އެފަދަ އަސްކަރީން ބޭރަށް ނެރުން އުނދަގޫ ވަނީ، އެންމެ ފުރަތަމަ، އެ މީހުންނަށް އެހެން ބައެއްގެ ތެރެއަށް ވަދެ އެމީހުންގެ ފައިހިއްޕާލުމަކީ ވެސް ފަސޭހަކަަމަށް ނުވުމެވެ. ތަނުގެ ބައެއްގެ އެހީއާ ނުލައި މިއީ ނުވާނޭ ކަމެކޭ ވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް ތަނަކަށް ވަދެ، އެތާނގައި ތަމްކީނު ވުމަށް ފަހު، ދެން އެމީހުން ކުރާ މަސައްކަތަކީ އެތަނުގައި ދާއިމަށް ދެމި ތިބެވޭނޭ ގޮތް ހެދުމެވެ. އެ ގޮތުން، ސިޔާސީ އިސް މީހުން ކަމުގައި އެ މީހުން ދެކޭ މީހުން އެ މީހުންގެ މުށު ތެރެއަށް ލައެވެ. ލިޔެ ވާހަކަދައްކައި އެ މީހުންނާ ދެކޮޅު ހެދުމުގެ ކިރިޔާވެސް އެކަށޭނަ ކަމެއް ހުރި މީހެއް ފެނިއްޖެ ނަމަ، އެ މީހަކު ގަނެލައި އެމީހުންގެ މީހަކަށް ހަދާލައެވެ. އެ މީހުންގެ މީހުން މެދުވެރިކޮށް، އަމާނަތްތެރި، މިނިވަން ޚިޔާލުގެ އަދި ކަންކަން ކުރެވޭ، ހަރުދަނާ މީހުން ފެންމަތި ނުވުމުގެ މަސައްކަތް ކުރެއެވެ. އެ ފަދަ މީސްމީހުން ބާކީ ކޮށްލައިގެންނެވެ. ނޫނީ ބަންދުކޮށްގެންނެވެ. ނޫނީ ތަނުން ބޭރުކޮށްލައިގެންނެވެ. ޚުލާސާއަކީ، އެމީހުންނާ އެއްވެސް ގޮތަކުން ކުރިމަތިލާފާނޭ ކޯދެއް ވެސް، ކުރިއެއް ވެސް، ހަމަ ވަގުތުން ނެތިކޮށްލައެވެ. ކުޅިމަޖަލުގައި ޒުވާނުން މަޝްޣޫލު ކޮށްފައި ބައިތިއްބައެވެ. މި ސަބަބުތަކަށްޓަކައި، ބައެއްގެ ތެރެއަށް ބޭރު އަސްކަރީންގެ ބަޔަކު ވަދެ ތަމްކީނު ވުމަށް ފަހު، އެ މީހުން ބޭރުކުރުން ވަރަށް ވެސް އުނދަގޫ ކަމަކަށް ވެއެވެ.

ދެން، މަތީގައި، ފަށަމުން ތިން ވަނައަށް ބުނެފައި އޮތް ސަލާމަތް ބުއްދީގެ ބޭނުން ކުރުމުގެ ވާހަކައެވެ. ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، ކަންކަމާ ދޭތެރޭ ވިސްނާލުމުން، ކަންކަމުގެ ހަގީގަތް، ކޮންމެ މީހަކަށް ވެސް، ސާފުވުމުގެ މަގު، މާތްﷲ ފަހިކޮށްދެއްވައެވެ. މިސާލަކަށް ޖަމާއަތުގެ ވެރިއެއްގެ ގޮތުގައި މީހަކު އިސްކުރަން ނިންމާއިރު، އެކަން ކުރާނެ ގޮތުގެ މައްޗަށް ވިސްނާނީ ކިހިނެއް ހެއްޔެވެ؟

އެންމެ ފުރަތަމަ ބަލަން ޖެހޭނީ އެ މީހެއްގެ ކިބައިގައި އެކަމުގެ ގާބިލުކަން ހުރިތޯއެވެ. އެ ގާބިލުކަން ފެށެނީ އެމީހެއްގެ ކިބައިގައި ތަނަށް، ޖަމާއަތަށް، އޭނާގެ ފުރިހަމަ ވަލާއު (އެލީގިއަންސް، އިޚުލާސްތެރިކަން،)އާއި އަމާނަތްތެރިކަން އޮތްތޯއެވެ. މިކަން، އެ މީހެއްގެ ވާހަކަތަކުންނާއި އަމަލުތަކުން އެނގޭނެއެވެ. އަސްކަރީ ގޮތުން ބޭރު ބައެއް ތަނަށް ގެނެސް ތަމްކީނު ކުރާ ބަޔަކީ އެމީހުންގެ ކިބައިގައި ތަނަށް ވެސް އަދި ތަނުގެ ޖަމާއަތަށް ވެސް އެއްވެސް ވަލާއެއް، އަމާނާތްތެރިކަމެއް ބައެއް ކަމުގައި ތިމާގެ ސަލާމަތް ބުއްދި ބުނެފާނެ ހެއްޔެވެ؟ ތަނުގެ ގާނޫނުން ސަލާމަތްވާން ބޭރު ބައެއްގެ ހިމާޔަތަށް އެދޭ ބައެއްގެ ކިބައިގައި ވަލާއު އޮންނާނީ ތަނަށް ހެއްޔެވެ؟ ނޫނީ އެމީހުންނަށް ހިމާޔަތް ދޭ ބަޔަކަށް ހެއްޔެވެ؟ ތިމާމެންގެ ޚަރަދަށް، މުޅި ދައުލަތުގެ ބަޖެޓު ވެސް ބޭނުންކޮށްލުން ހުއްދަ ކުރާ އެކެއްގެ ކިބައިގައި އޮންނާނެ އަމާނަތްތެރި ކަމަކީ ކޮބައި ހެއްޔެވެ؟

މީގެ އިތުރުން ޖަމާއަތުގެ އިސް މީހެއްގެ ކިބައިގައި ހުންނަން ޖެހޭނޭ އެންމެ މުހިއްމު އަނެއް ސިފައަކީ ތަނުގެ އިގުތިސާދު ހިންގަން އެނގުމެވެ. ކީރިތި ރަސޫލާގެ ސިޔަރަތަށް ބަލާލި ކަމުގައި ވިޔަސް މިކަން ފެންނާނެއެވެ. އެކަލޭގެފާނަކީ މައްކާގެ ވިޔަފާރީގެ ތެރޭގައި އުޅުއްވި، ތަނުގެ އިގުތިސާދު ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެންމެ ޒުވާން އިރުއްސުރެން އާންމު މަސްލަހަތަށް ބަލައިގެން އިގުތިސާދީ ބައެއް މަސައްކަތްތުގައި ބައިވެރިވެ، އެކަމުގެ ތަޖުރިބާ ލިބިލެއްވި ބޭފުޅެކެވެ. އިސްލާމް ދީނުގެ ދައުވަތުގެ ކުރިން، މައްކާއަށް އަންނަ ހައްޖުވެރިންގެ އާންމު މަސްލަހަތުގެ ބައެއް ކަންކަން ބެލެހެއްޓުން އޮންނަނީ އެކަލޭގެފާނު އެބައަކަށް ނިސްބަތްވާ ހާޝިމުވަންހައިގެ ކިބައިގައެވެ. މިކަމަށް ރިފާދާއޭ ކިޔުނެވެ. މި މަސައްކަތުގެ އަލީގައި ފަހުން، އިސްލާމް ދީނުގެ ޒަކާތުގެ މަސައްކަތް ހިންގަވާލެއްވިއެވެ. އާދެ، މުޖުތަމައިން ފަގީރުކަމާއި މުހުތާދުކަން ނައްތާލުމަށްޓަކައެވެ.

މި ޒަމާނުގައި ކަން ހިނގާ ގޮތަށް ބަލާލި ކަމުގައި ވިޔަސް، ތަންތަން ކުރިއަރައި ދަނީ ތަނުގެ އިގުތިސާދު ރަނގަޅަށް ހިންގަން އެނގޭ އަމާނާތްތެރި ބަޔަކު ތިބެގެންކަން ސާފުވެއެވެ. މިކަމުގެ ހަގީގަތް ހޯދާލުމަށްޓަކައި އަމިއްލަ ސަލާމަތް ބުއްދި ބޭނުންކޮށްގެން ދުނިޔޭގެ އެކި ކޮޅުމައްޗަށް ބަލާލާށެވެ. އިގުތިސާދީ މަސައްކަތް ރަނގަޅަށް ހިންގަން ނޭނގޭ މީހުން ވެރިކަމަށް އައުމުން ތަން ބަނގުރޫޓުވާ ގޮތް ފެންނާނެއެވެ. މިސާލެއްގެ ގޮތުން، އާޖެންޓީނާގެ ތާރީޚަށް ބަލާލާށެވެ! ނޫނީ ގުރީސްގެ ދާދި ފަހުގެ ތާރީޚަށް ބަލާލާށެވެ! ނޫނީ ލަންކާގެ ދާދި އިހަށް ދުވަހުގެ ތާރީޚަށް ބަލާލާށެވެ. ނޫނީ ރަނގަޅަށް ލޯ ހުޅުވައިގެން އަހަރުމެންގެ ރާއްޖޭގެ ތާރީޚަށް ބަލާލާށެވެ. އެކި އެކި ދައުރުތަކުގައި ދައުލަތުގެ ޚަޒާނާ ހުސްވާ ގޮތް ދެނެގަންނާށެވެ. ނޫނީ ދައުލަތުގެ ޚަޒާނާ އިތުރުވިތޯ ވިސްނާލާށެވެ. އެއްފަހަރު ކަމަކާ މަތިވެ، އެކަން ނުކުރެވި، ފޭލިވިުމުން ދެން އަލުން އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރުމަކީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއް ހެއްޔެވެ؟ މިކަންކަމީ ކޮންމެ މީހަކު ވެސް، އެމީހަކު ލާ ހެދުމުގެ ކުލައިގެ ދަޅައިގެ ސަބަބުން އޭނާގެ ލޯ އަނދިރި ނުވާ ނަމަ، ފެންނާނޭ ހަގީގަތެކެވެ. މިނަންގަތް ކަންކަމުގެ މައްޗަށް ބަލައި، ޖަމާއަތުގެ ވެރިއަކަށް އިސްކުރަން މީހަކު ޚިޔާރުކުރާއިރު އޭނާގެ ކިބައިގައި އެކަމުގެ ގާބިލުކަން ހުރިތޯ ނުވަތަ ނެތްތޯ އަމިއްލައަށް ކަނޑައަޅަން އެނގޭނެއެވެ. އެއީ އެހެން މީހަކު ބުނެދޭން ޖެހޭނޭ ކަމެއް ނޫނެވެ.

ދެން، އޮތީ އަސްލު މައުލޫއުގެ ވާހަކައެވެ. ތިރީގައި އެވާ ޅެމުގެ ވާހަކައެވެ. އާދެ، ތިމާ ލާ ހެދުމުގެ ކުލައިގެ ސަބަބުން ނޫނީ ކޮންމެ ވެސް ސަބަބަކާ ހުރެ ހަގީގަތް އޮޅޭ ގޮތް ވެއެވެ. އޭރުން ވަނީ ދިރި ތިބި ނަމަވެސް، މަރުވެފައިވާ ބަަޔަކަށެވެ. ހޭލާ ތިބި ނަމަވެސް ނިދާފައި ތިބި ބަޔަކަށެވެ. ހޭވެރިވެ، ހޯޝްކަން މަތީ ތިބި ބައެއް ކަމުގައި ވިޔަސް، މަސްތުވެ ބޭހޯޝްވެފައި ތިބި ބަޔަކަށެވެ.

ތިރީގައި އެވަނީ އެފަދަ މީހެއްގެ ވާހަކަކޮޅެއް ކަމުގައި ދެކޭށެވެ. ހަމަ ހޭގައި ހުރެގެން ހަގީގަތް އޭނާއަކަށް ނުފެނެއެވެ. އެހެންވެ، 'ގާތު' ފަތް' ކޮޅެއް ދުފައި އޭނާ މަސްތުވެއެވެ. ދެން، ރަނގަޅު ކުރަންވީ ކަންކަން އޭނާއަށް ފެނެއެވެ.

އޭނަ ދިވެއްސަކަށް ހަދާލައިފި ނަމަ، އަދި، ޚިޔާލީ ދުނިޔޭގައި، ގާތުގެ ބަދަލުގައި އަފިހުންކޮޅެއް ދުފާލައި މަސްތުވެއްޖެ ކަމަށް ބަލައިފި ނަމަ، [މިއީ ޚިޔާލީ ދުނިޔޭގެ ވާހަކައެކެވެ! އަފިހުން ބޭނުންކުރުމަށް ގޮވާލާ ގޮވާލުމެއް ނޫނެވެ! އެހެންވެ، ހަގީގީ ދުނިޔޭގައި، ފަހަރެއްގައި ވެސް އަފިހުން ބޭނުން ނުކުރައްޗެވެ!] އޭނާއަށް ފެންނާނީ ކޮންކޮން ކަމެއް ބާވައެވެ! ހަމަ ހޭގައި ހުރެ، ކިތަންމެ ސާފުކޮށް ފެންނަން އޮތް ކަމަށް ވިޔަސް، ނުފެންނަ، ނަމަވެސް ހޭ ފިލައި ދިޔުމުން، އޭނަ ވެސް ރަނގަޅު ކުރަން ބޭނުން، އެތައް ކަންތައްތަކެއް ފެނިދާނެ ހެން ހީވެއެވެ. އެއީ ކޮންކޮން ކަމެއް ބާވައެވެ! މި ޅެމުގެ ސޫރައިން އިލްހާމު ލިބިގަނެ، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ޝާއިރާނީ ގަލަމަކަށް އެކަންކަން ބަޔާން ކޮށްދޭން ދޫކޮށްލަމުން، ގާތުގެ މަސްތު ދައްކުވައިދިން ކަންކަން ބުނެދޭ ޅެން، އޭގެ ތަރުޖަމާއަކާ އެކު ހުށަހަޅާލާނަމެވެ!

****

مضغتُ القاتَ بعضاً من نهاري

مع صديقي عثمانَ الذماري

ދުވާލުގެ ވަގުތުތަކުގެ ތެރެއިން ބައެއްގައި 'ގާތު' ފަތް ދުފަން އަހަރެން އިނީމެވެ.

އަހަރެންގެ ރަހުމަތްތެރި އުސްމާނު އައްޛަމާރީއާ އެކުގައެވެ.

(’ގާތު' އެއީ ފަތަކަށް ކިޔާ ނަމެކެވެ. ޔަމަނުކަރައިގައި ބިލެއް ދުފާހެން ދުފާ އަފިހުން ފަދަ މަސްތުވާ އެއްޗެކެވެ.)

*فما أنْ سارَ من وقتي قليلٌ

إذا بالشعبِ يهتفُ باختياري

ދެން، (ގާތު ފަތް ދުފުމުގައި)، އަހަރެންގެ ވަގުތުން، ކުޑަ ހިނދުކޮޅެއް، ހޭދަ ވިކަމެއް ނޭނގެއެވެ.

އަހަންނަށް ފެނުނީ މުޅި ގައުމުގެ މީހުން އަހަރެން (ވެރިކަމަށް) އިންތިޚާބުކުރި ވާހަކަ ގޮވާ އަޑެވެ.

ونادوني أميراً رغمَ فقري

وأهدوني الحراسةَ والجواري

އެމީހުންގެ ވެރިއެއްގެ ގޮތުގައި އަހަރެން ހަދައިފި ވާހަކަ އެމީހުން ގޮވިއެވެ. އަހަންނަކީ ނިކަމެތި ފަގީރެއް ކަމުގައިވީ އިރު ވެސް މެއެވެ. ދެން، އަހަންނަށް ފާރަވެރިން ހަމަޖައްސައި އަދި ޖާރިޔާއިން ވެސް ހަދިޔާކުރިއެވެ.

صعدتُ العرشَ والوزراءُ حولي

وأصحابُ الفخامةِ عن يساري

ދެން، ވެރިކަމުގެ ތަޚުތަށް އަރައި އަހަރެން އިށީނީމުއެވެ. އަހަރެންގެ ވަށައިގެން (ކަނާތް ފަރާތުގައި ހުރިހާ ވަޒީރުން ތިއްބެވިއެވެ.

އަދި އަހަރެންގެ ވާތް ފަރާތުގައި (ދައުލަތުގެ) ބޮޑެތި ބޮޑެތި (އެހެން) އިއްޒަތްތެރިން ތިއްބެވިއެވެ.

فألزمتُ الرياحَ تهبُ شرقاً

لتحملَني إلى دولِ الجوارِ

ދެން، ޝަރުގާ ދިމާއަށް ވައި ޖެހޭ ގޮތް އަހަރެން ހެދީމެވެ.

އަވަށްޓެރި ގައުމުތަކަށް އަހަރެން އުފުލައި ގެންދިޔުމަށްޓަކައެވެ.

وأغلقتُ الحدودَ وكلَّ شبرٍ

وأنقذتُ البلادَ من الدمارِ

އެއަށް ފަހު، (ޝަރުގުގެ ގައުމުތަކުގެ، އެބަހީ އަރަބި އިސްލާމީ ގައުމުތަކުގެ) ބޯޑަރުތައް ބަންދުކުރީމެވެ. އެ ބިންތަކުގެ ކޮންމެ ކައިވަތެއްގެ ވެސް މެއެވެ.

އަދި، (ޝަރުގުގެ) ރަށްތައް ފުނޑުފުނޑުވެ ހަލާކުވެ ދިޔުމުން ސަލާމަތް ކުރީމެވެ.

ومن بعدِ الأمانِ ذهبتُ غرباً

ولم أرجعْ قليلاً عن قراري

(ޝަރުގުގެ ގައުމުތަކަށް) އަމާންކަން ގެނައުމަށް ފަހު، ދެން އަހަރެން ހުޅަނގާ ދިމާއަށް ދިޔައިމެވެ.

(ގައުމުތަކަށް އަމާންކަން ގެނައުމުގެ) އަހަރެންގެ މި ނިންމުމައިގެން ކުރިއަށް ދިޔުމަށް ކުޑަކޮށް ވެސް ފަހަށް ނުޖެހެމެވެ.

وقوّاتُ التحالفِ طوعُ أمري

أوجّهُها فتعملُ باختياري

(އަހަރެންނާ ބައިވެރިވި) އިއްތިހާދީންގެ ބާރުތައް އޮތީ އަހަރެންގެ އަތްދަށުގައެވެ.

އެ ބާރުތައް ދާންވީ ތަންނަށް އެ ބާރުތައް އަހަރެން ފޮނުވީމެވެ. ދެން، އަހަރެން އެދޭ ގޮތަށް އެ ބާރުތައް ކަންތައް ކުރެއެވެ.

جعلتُ الهندَ قاعدةً لحربٍ

وأرضَ التُّركِ صرحاً للحوارِ

ހަނގުރާމައިގެ ކަންތައް ހިންގާ މަރުކަޒަށް އަހަރެން އިންޑިޔާ ހަދާލީމެވެ.

އަދި، ތުރުކީންގެ ބިން، އެއީ ގައުމުތަކާ ވާހަކަތައް ދައްކައިގެން ކަންކަން ނިންމާ ކިއްލާއަކަށް ހަދާލީމެވެ.

حكمتُ على جيوش الغربِ قتلاً

وأسبيتُ النساءَ مع الذراري

ދެން، ހުޅަނގުގެ ގައުމުތަކުގެ ލަޝްކަރުތަކާ ހަނގުރާމަކޮށް، ގަތުލުކުރުމަށް އަހަރެން ނިންމީމެވެ.

އެ ތަންތަނުގެ އަންހެނުންނާ ކުޑަ ކުދިން ހަނގުރާމައިގެ އަސީރުންނަށް ހަދައި އަޅުވެތިކުރީމެވެ.

قهرتُ الفرسَ والرومانَ قهراً

وطوقْنا عليهم بالحصارِ

ފާރިސީންނާއި ރޯމަނުން، ގަދަވެގެންވާ ބަލިކުރުމަކުން ބަލިކުރީމެވެ.

އަދި އެމީހުންގެ ބިންތައް ވަށާލައި ހިސޯރުކުރީމެވެ.

ومن باريسَ أصدرنا قراراً

بتجميدِ الموانئِ والبحارِ

އަދި، ފެރިހުގައި ހުރެ ގަރާރެއް އަހަރެން ނެރުނީމެވެ.

ހުރިހާ ބަނދަރުތަކާއި ކަނޑުތަކެއްގެ ހަރަކާތްތައް ހުއްޓުވާލުމަށެވެ.

أخذْتُ"ترمبَ" معْ"بوتينَ"قسراً

و"بن يامينَ" أسرعَ بالفرارِ

ޓްރަންޕު ޕޫޓިްންއާ އެކު ހިފައި ހައްޔަރު ކުރީމެވެ.

ނަމަވެސް ބިންޔާމީނު އަވަހަށް ދުވެ ފިލިއެވެ.

جعلتُ الروسَ ترجو أيَّ حلٍ

وأمريكا تطالبُ بالحوارِ

ރޫސީން ކޮންމެވެސް ހައްލެއް އެދި ބުނާ ގޮތް އަހަރެން ހެދީމެވެ.

އަދި، އެމެރިކާ ވެސް ވާހަކަދައްކައިން ކަންތައް ނިންމާ ގޮތް ވެސް މެއެވެ.

فتحنا القدسَ في عزٍّ وفخرٍ

وأجلينا اليهودَ إلى البراري

އިއްޒަތާއި ފަޚުރާއެކީ އަހަރެން ގުދުސް ފަތަހަކުރީމެވެ.

ދެން، (ފަލަސްތީނުން) ޔަހޫދީން ހުސްކޮށް ހަނަފަސް ސަހަރާތަކަށް އެމީހުން ގެންދިޔައީމެވެ.

وصلّينا بها ظهراً وعصراً

وكبّرنا بهذا الانتصارِ

އަދި، މެންދުރާއި އަސުރު ނަމާދުވެސް އަހަރުމެން ގުދުސްގައި ކުރީމެވެ.

ހަމަ އެހެންމެ، މި ލިބުނު ބޮޑު ނަސްރައްޓަކައި މާތްﷲއަށް ޝުކުރު އަދާކޮށް ތަކްބީރުކީމެވެ.

وحوّطنا على الأقصى بسورٍ

وطهّرناه من رجسِ وعارِ

އެއަށްފަހު، މަސްޖިދުލްއަގްސާގެ ވަށައިގެން ބޮޑު ފާރެއް އެޅީމެވެ.

އަދި، ހުރިހާ ހަޑި މުޑުދާރުކަމުންނާއި އައިބުކަމަކުން މަސްޖިދުލްއަގްސާ ތާހިރު ކުރީމެވެ.

*ومن ثَمَّ اتجهنا في شموخٍ

لتطويرٍ وإحداثٍ حضارِ (ي)

ދެން، މަތިވެރިކަމަށް އެދި، އެ ތަނުން އަހަރުމެން އަމާޒު ހިފައި އެ ކަމާ ކުރިމަތިލީމެވެ.

(އަހަރުމެންގެ ގައުމުތައް) ކުރިއަރުވައި ހަޟާރަތެއް ބިނާކުރުމުގެ މަސައްކަތާއެވެ.

أعدنا الشامَ للإسلامِ فخراً

مقرَّ الحكمِ والسوقِ التجاري

އަދި، ޝާމުކަރަ އެއީ އިސްލާމް ދީނުގެ ފަޚުރެއްކަމުގައި އަލުން ހަދާލީމެވެ.

ވެރިކަމުގެ މަގާމު އޮތްތަން ކަމުގައްޔާއި އަދި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައެވެ.

وفي بغدادَ شيّدْنا قصوراً

وعادَ اللاجئونَ إلى الديارِ

ދެން، ބަޣުދާދުގައި ގަނޑުވަރުތައް ބިނާ ކުރީމެވެ.

އަދި، ރެފިޔުޖީންތައް އަނބުރައި އެމީހުންގެ ގެއަށް ގެނައީމެވެ.

ومنْ صنعاءَ أصدرنا بياناً

ودستوراً لتوجيهِ القرارِ

އަދި، އެއަށްފަހު، ސަންއާއިން ބަޔާނެއް ނެރުނީމެވެ.

އޭގެ މައްޗަށް ބިނާކޮށް ގަރާރުތައް ނެރުމަށްޓަކައި ގާނޫނު އަސާސީއަކާ ވެސް މެއެވެ.

ولمّا أنْ رميتُ القاتَ ليلاً

وناديتُ الحراسةَ والجواري

ދެން، ރޭވުމުން، އަހަރެންގެ (އަނގައިގައި އޮތް) ގާތު ފަތްކޮޅު އެއްލާލައި

އަހަރެންގެ ފާރަވެރިނަށާއި އަހަރެންގެ ޖާރިޔާއިންނަށް، އަހަންނަށް ޚިދުމަތްކޮށްދޭން ތިބި ޅަ އަޅު އަންހެން ކުދިންނަށް އަހަރެން ގޮވާލީމެވެ.

إلَيَّ بالعشاءِ!!! فما مجيبٌ

ولمْ ألْقَ سوى ذاكَ الذماري!!!

ރޭނގަޑުގެ ކެއުން ތައްޔާރުކޮށްގެން އަވަހަށް ގެންނާށެވެ! ނަމަވެސް، އަހަންނަށް އިޖާބަދޭނޭ މީހަކު ނެތެވެ.

އަދި، އަހަރެންގެ ރަހުމަތްތެރި އައްޛަމާރީ ނޫން މީހަކު އަހަންނަށް ފެންނާކަށް ނެތެވެ!