Support Us

ކޮލަމް ކޯދު: ހުވަފަތްވެފައިވާ ކިރުމައި– މައުރޫފު އައްރުޞާފީގެ ގަލަމުން

މިއީ ވެސް މައުރޫފު އައްރުސާފީގެ (1945-1875) ޅެމެކެވެ. ކުރިން އޭނާގެ 'ޅެންވެރިޔެއްގެ ހާސަރެއް' މި ޅެމާއި މިޅެމުގެ ތަރުޖަމާ ހުށަހަޅާލެވުނެވެ. ކުރިން ވެސް ނަންގަނެވިދިޔަ ފަދައިން އޭނާއަކީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރެއްވި ބޭކަލެކެވެ. ލިޔުންތެރިކަމުގެ އިތުރުން، ތަރުޖަމާ ކުރެއްވުމުގައްޔާއި ނޫސްވެރިކަމުގައްޔާއި ތައުލީމާ ތަރުބިއްޔަތުގެ ރޮނގުގައްޔާއި އަދި ސިޔާސީ ރޮނގުގައި ވެސް އޭނާ މަސައްކަތްކުރެއްވިއެވެ. އޭނާއަކީ މުޖުތަމައުގެ އިސްލާހަށް ގޮވާލައްވައި ލިޔުއްވި ލިޔުންތެރިއެކެވެ. އޭނާގެ ޅެންފޮތްތަކާއި އަދި އެނޫންވެސް ލިޔުންތައް ޗާޕުކުރެވި ޝާއިކުރެވިފައި ވެއެވެ.

މި ޅެމުގައި އޭނާ ބަލާލަނީ މުޖުތަމައުގައި އާންމުން މެދުގައި އޮތް ފަގީރުކަމުގެ މައްޗަށެވެ. މިކަން އޭނާ ބަޔާންކޮށްދެނީ އޭނާއާ ދިމާވި ފަގީރު އަންހެނެއް ސިިިފަކުރަމުންނެވެ. ފިރި މަރުވުމުގެ ސަބަބުން އެ އަންހެނާއާއި އޭނާގެ ތުއްތު ކުޑަ ދަރިފުޅު ނިކަމެތިވީއެވެ. އަޅާލާނެ އެކަކުވެސް ނެތީއެވެ. މުޖުތަމައުގައި އޭނާ ފަދަ ފަރުދީ އަންހެންނުންނަށް އެހީއެއް ލިބޭނޭ ނިޒާމެއް ކަނޑައެޅިފައި ނެތުމުންނެވެ.

ޅެންވެރިޔާގެ ބޭނުމަކީ މިފަދަ އިޖުތިމާއީ މައްސަލަތައް މުޖުތަމާގެ ޝޯޚުގެ (ކޮންޝަސްނަސް) ތެރެއަށް ގެނެސް، މުޖުތަމައު ހޭލުންތެރިކުރުވައި މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުމެވެ. އާދެ، މުޖުތަމައުގެ ހުރިހާ ފަރުދުންގެ ވެސް އިންސާނީ ކަރާމަތް ރައްކާތެރިކުރުވެގެން ނޫނީ އަބުރުވެރި މުޖުތަމާއެއް ބިނާ ނުކުރެވޭނެތީއެވެ.

އާދެ، ދެން މައުރޫފު އައްރުސާފީގެ 'ހުވަފަތްވެފައިވާ ކިރުމައި' މި ޅެން ހުށަހަޅާލާނަމެވެ.

***

لقيتها ليتني ما كنت ألقاها تمشي وقد أثقل الإملاق ممشاها

އޭނާ ހިނގާފައި ދަނިކޮށް، އަހަރެން، އޭނާ ދުށީމެވެ! އަހަންނަށް އޭނަ ނުފެނުނު ނަމައޭ ހިތަށް އެރިއެވެ! އޭނާގެ ފަގީރުކަމުގެ ހާލުގެ ސަބަބުން، ހިނގުންވެސް އޭނާއަށްވަނީ ބުރަ ކަމަކަށްވެފައެވެ.

أثوابها رثة والرِّجل حافية والدمع تذرفه في الخد عيناها

އޭނާގެ ހެދުން އޮތީ ވީދި ހަލާކުވެފައެވެ. އޭނާވަނީ ހުސްފައިގައެވެ.

އޭނާގެ ކޯތާފަތްމައްޗަށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

بكت من الفقر فاحمرّت مدامعها واصفرّ كالورس من جوع محيّاها

ފަގީރުކަމުގެ ސަބަބުން ރޮއިރޮއި އޭނާގެ ލޯވަނީ ރަތްވެފައެވެ. ބަނޑުހައިވެ، ވަރްސު ގަސް، (ރީނދޫ ކުލަ އެ ގަހުން ލިބޭ ގަހެއް،) ފަދައިން އޭނާގެ މޫނުމަތި ވަނީ ރީނދޫވެފައެވެ.

مات الذي كان يحميها ويسعدها فالدهر من بعده بالفقر أشقاها

އޭނާއަށް ރައްކާތެރިކަން ހޯދައިދީ އޭނާ އުފާކޮށްދިން (އޭނާގެ ފިރި)މީހާ މަރުވީއެވެ.

އެއަށްފަހު، ޒަމާން، އޭނާ ފަގީރުކޮށްލައި އޭނާ މިސްކީނަކަށްހަދައި ނިކަމެތިކޮށްލިއެވެ.

الموت أفجعها والفقر أوجعها والهم أنحلها والغم أضناها

(ފިރިމީހާގެ) މަރުވުން އޭނާގެ ކެތްތެރިކަން ކޮޅުންލެއްވިއެވެ. ފަގީރުކަން އޭނާއަށް ވޭންތައް މެދުވެރިކުރުވިއެވެ. އޭނާގެ ކަންބޮޑުވުންތައް އޭނާ ހިއްކާލައި އަނަރޫފަކޮށްލިއެވެ. އޭނާގެ ހިތާމަތައް އޭނާ ބަލިކަށިކޮށް ޟައީފުކޮށްލިއެވެ.

تمشي وتحمل باليسرى وليدتها حملا على الصدر مدعوما بيمناها

އޭނާ ހިނގާފައި ދިޔައީ އޭނާގެ ވާތުން އޭނާގެ ތުއްތުދަރިފުޅު އުރައިލައި މޭމަތީ ޖައްސައިލައިގެންނެވެ. އަދި އޭނާގެ ކަނާއަތް، ދަރިފުޅު ގައިމަތީ ބާއްވާލައި ދަރިފުޅު ވެއްޓުނަނުދީ ހިފަހައްޓާފައި އޮތެވެ.

تقول ربي لا تترك بلا لبن هذي الوليدة وارحمني وإياها

އޭނާ ދުއާކުރަމުން ދިޔައެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި ތުއްތުދަރުފުޅަށް ކިރުފޮދެއް ނުލިބިވާނޭގޮތް މެދުވެރިނުކުރައްވާށިއެވެ! މިއަޅާއަށާއި މި ތުއްތުދަރިފުޅަށް ރަހުމަތްލައްވާށިއެވެ!

يا رب ما حيلتي فيها، وقد ذبلت كزهرة الروض فَقْدُ الغيث أظماها

ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! މި ތުއްތު ދަރިފުޅަށްޓަކައި މިއަޅާއަށް ކޮއްދެވެން އޮތީ ކޮންކަމެއް ހެއްޔެވެ؟ މި ތުއްތު ދަރިފުޅު މުޅިން މިލައި މޯޅިވެއްޖެއެވެ. ވާރޭ ފެންފޮދެއް ނުލިބި ކަރުހިއްކައިގެންފައި ބަގީޗާގައި އިން މަލެއް މިލާމޯޅިވެދާ ފަދައިންނެވެ.

يكاد ينقدّ قبلي حين أنظرها تبكي وتفتح لي من جوعها فاها

ރޮވިފައި، ބަނޑުހައިހޫނުކަމުގެ ސަބަބުން އޭނާގެ އަނގަ ހުޅުވައި އަހަންނަށް ދައްކައި (ކާއެތިކޮޅަކަށް އެދުމުން، ދެރަވެ،) އަހަރެންގެ ހިތް ފަޅައިގެންދާވަރު ވިއެވެ.