Support Us

ކޮލަމް ކޯދު: އާނ! މިއީ ބަކަރިއެއް ނޫނެވެ. ހަމަ ކުއްތާއެކެވެ!

އެއް ދުވަހަކު މީހަކު އޭނާގެ ބަކަރި ކޮށިން ބަކައްޓެއް ހިފައިގެން ވިއްކާލަން ބާޒާރަށް ދިޔައެވެ. ހަތަރު ވަގަކަށް މިތަން ފެނުނެވެ. އަދި، ބަކަރީގެ ވެރި މީހާ އަތުން ބަކަރި އަތުލާނެ ގޮތަކާ މެދު ސައްލާކުރިއެވެ. ދެން، ހަތަރު ވަގުން އެއްބަސްވީ ބަކަރީގެ ވެރިޔާ ބާޒާރަށް ދާ މަގުގެ އެކި ހިސާބުތަކުގައި، އެ މީހުން ވަކިވަކިން، ބަކަރީގެ ވެރިމީހާއަށް ފާރަލައިގެން ތިބެ އޭނައާ ދިމާކުރުމަށެވެ.

ބަކަރީގެ ވެރިޔާ، ބާޒާރަށް ދާން ހިނގަމުން ދަނިކޮށް، މަގުގެ އެއްފަރާތުގައި އިން މީހަކު އޭނާއަށް ގޮވާލައި ބުނި އަޑު އިވުނެވެ. "ބޭބޭ އެވެ! ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން ބޭބެގެ ފަހަތުގައި އޭތި ބާއްވައިގެން ތިދަނީ ކޮންތާކަށް ހެއްޔެވެ؟" ދެން، ބަކަރީގެ ވެރިޔާ، ވަރަށް ރުޅިއައިސްފައި، އެ މީހާ ދިމާއަށް ބުންޏެވެ. "ކަލޭގެ ލޯ ތިހުރީ ސަލާމަތުން ހެއްޔެވެ؟ މިއީ ކުއްތާއެއް ނޫނެވެ. މިއީ ބަކަރިއެކެވެ!" މިހެން ބުނެ ބާޒާރާ ދިމާއަށް ބަކަރީގެ ވެރިޔާ އަވަސް ހިނގުމެއްގައި ހިނގަމުން ދިޔައެވެ.

މާގިނަ އިރުތަކެއް ނުވަނީސް، މަގުމަތިން އަނެއްކާ ވެސް މީހަކާ ދިމާވިއެވެ. އޭނާ ވެސް ބަކަރީގެ ވެރިޔާއަށް ގޮވާލައިފައި ބުންޏެވެ! "ބޭބޭއެވެ. ތިއޮތީ ހާދަ ރީތި ކުއްތާއެކެވެ؟ ތި ކުއްތާގެ ކަރުގައި ވާގަނޑެއް އައްސައިގެން ފަހަތުގައި އޭތި ބާއްވައިގެން ތިދަނީ ކޮންތާކަށް ހެއްޔެވެ؟" މިފަހަރު، ބަކަރީގެ ވެރިޔާ، ފަހަތަށް އެނބުރި އޭނާގެ ބަކަރިއާ ދިމާއަށް ބަލާލިއެވެ. އޭނާއަށް ގެނެވުނީ ބަކައރިއެއްތޯ ނޫނީ ބަކަރި ކޮށީގެ ފާރަމަރަން ގެންގުޅޭ ކުއްތާތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ދެން، އޭނާ ބުންޏެވެ. "މިއީ ބަކަރިއެކެވެ! މިދަނީ މި ބަކަރި ވިއްކާލަން ބާޒާރަށެވެ."

ބަކަރީގެ ވެރިޔާ ބާޒާރާ ދިމާއަށް، ހިނަގަމުން ކުރިއަށް ދިޔައެވެ. އަނެއްކާ ވެސް، އެހެން މީހަކާ މަގުމަތިން ދިމާވެ، ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން ކޮންތާކަށް ދަނީތޯ އޭނާ ވެސް އެއްސެވެ. މިފަހަރު، ބަކަރީގެ ވެރިޔާ ވަރަށް ހައިރާންވިއެވެ. އަދި، ހިތުގައި ޝައްކުތައް އުފެދުނެވެ. އޭނާ ހިފައިގެން މިދެވެނީ ބަކަރިއެއްތޯއާ މެދުއެވެ. ނޫނީ އޭނާގެ ލޮލާއި ބޮލަށް މިއަދު ކޮންމެވެސް މައްސަލައެއް ދިމާވެފައި ހުރުމުގެ ސަބަބުން ބަކަރިއާއި ކުއްތާ ވަކިކުރަން ނޭނގުނީ ބާވައެވެ! ކޮންމެއަކަސް ތިން ވަނަ މީހާ ބުނި އެއްޗަކަށް ޖަވާބު ނުދީ ގަސްދުކުރީ ހިނގަމުން ކުރިއަށް ދާށެވެ. ބާޒާރަށް ދެވުމުން، އޭނާގެ ގެނައީ ބަކަރިއެއްތޯ ނޫނީ ކުއްތާއެއްތޯ ޔަގީންކޮށްދޭނެތާއޭ ހީކޮށްލާފައެވެ.

ދެން، ބާޒާރާ ކައިރިވެފައިވަނިކޮށް ހަތަރު ވަނަ ވަގާ އޭނައާ މަގުމަތިން ދިމާވިއެވެ. އަދި އޭނަވެސް، ހަމަ ކުރިން ދިމާވި ތިން މީހުން ބުނި ފަދައިން ބުންޏެވެ. "ބޭބޭއެވެ! ކުއްތާއެއްގެ ކަރުގައި ވާގަނޑެއް އައްސައިގެން މާ ބާރަކަށް ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ މިއަދުގެ ދިލަ ހޫނުގެ ސަބަބުން އަނެއްކާ ބޭބެއަށް ކޮންމެވެސް ނުރަނގަޅު އަސަރެއް ކޮށްފައިވަނީ ހެއްޔެވެ؟" މިފަހަރު ބަކަރީގެ ވެރިޔާ ހިތަށް އެރިއެވެ. ހަތަރު މީހުން ދޮގުހަދައި އެކައްޗެއް ނުކިޔާނެއެވެ! އަހަންނަށް މިހިރީ ކޮންމެވެސް ކަމެއް ވެފައެވެ. ދެން، އެހެން ތިން މީހަކު ވެސް ހަމަ އެ ވާހަކަ ބުނިކަމަށް އިއުތިރާފުވާން ލަދުގަނެ، ބުންޏެވެ! އާނއެކެވެ! މިއީ ހަމަ ކުއްތާއެކެވެ. އެހެން ބުނެފައި ބަކަރީގެ ކަރުގައި އޮތް ވާގަނޑު މޮހާލައި، އޭތި ދޫކޮށްލާފައި އަނބުރާލާފައި ގެއާ ދިމާއަށް ދާން ދުއްވައިގަތެވެ.

ވަގުންގެ ހީލަތް ކާމިޔާބުވުމުން، ބަކަރި ހިފައިގެން ހަތަރު ވަނަ ވަގު، ހެމުން ހެމުން، އަނެއް ތިންވަގުން ތިބަ ތަނާ ދިމާއަށް ދިޔައެވެ.

މިއީ ވެދާނެ ކަމެއްތޯ ބައެއް މީހުން ސުއާލު ކޮށްފާނެއެވެ. އަދި، އެ ސުއާލުގެ ޖަވާބުގައި މިއީ މުސްތަހީލު ކަމެކޭ ވެސް ބުނެފާނެއެވެ. އެ ސުއާލާއި އަދި އޭގެ ޖަވާބާއި މެދު ބުނާނީ ކީކޭ ހެއްޔެވެ؟ މިކަން މިސިފައިގައި ހިނގިޔަސް ނުވަތަ ނުހިނގިޔަސް، މިފަދަ ކަންކަން އަބަދުވެސް ހިނގާކަން ކަށަވަރެވެ. މީހުންގެ ތެރެއަށް އެމީހުން ނުރުހިދާނޭ ކަންކަން ވައްދައި، މީސްތަކުން އެކަން ބަލައިގަންނަ ގޮތް ހަދަނީ މި ސިފައިގައެވެ. މަކަރާއި ހީލަތް ހަދައި އޮޅުވާލައި، ބަކަރި ކުއްތާއަކަށް ހެދި ފަދައިން، މުޖުތަމައުގެ އިސްވާރުންގެ ދައުރު އަދާކުރަން ތިބޭ ބަކަރި ކުއްތާއަށް ހަދާ ވަގުންގެ އޮޅުވާލުމުގެ މަސައްކަތް ކޮށްގެންނެވެ. ތަންކޮޅެއް ކުރިން މިފަދަ މަންޒަރެއް ފެނި، ބަކަރިއެއް ކުއްތާއަކަށް ވިއެވެ.

ކުރިން، ބަކަރިއެއް ކުއްތާއަކަށް ހެދީއޭ ހެއްޔެވެ؟ އާނއެކެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމުގެ މައްސަލައިގެ ވާހަކަ ފެށުނު ގޮތް މަތިން ހަނދާން ކޮށްލާށެވެ! އަދި، އެކަމާ މެދު، އަމިއްލައަށް ވިސްނާލާށެވެ! އެންމެ ފުރަތަމަ، އެކަން ފެންމަތިވުމުން، މަސްއޫލު ފަރާތްތަކުން އިވުނީ ކޮން އަޑެއް ހެއްޔެވެ؟ އެކަމަށް އިންކާރު ކުރި އަޑެވެ! ރާއްޖޭގައި އިންޑިޔާ ސިފައިން ނުތިބޭނޭ ވާހަކައިގެ އަޑެވެ. ދެން، ބަޔަކު އިނގިލި ދިއްކޮށްފައި ބުނާހެން، އިންޑިޔާ ސިފައިން އެތިބީ ނޫންހޭ، ބުނީމާވެސް، ދެންވެސް ކުރީ އިންކާރު ނޫން ހެއްޔެވެ؟ މިފަހަރު ބުނީ ނުތިބޭނޭ ވާހަކައެއް ނޫނެވެ. މިފަހަރު ބުނީ އިންޑިޔާ ސިފައިން ނެތް ވާހަކައެވެ. ކަލޭމެން އިނގިލި ދިއްކޮށްފައި އިންޑިޔާ ސިފައިންނޭ ބުނާ މީހުންނަކީ ސިފައިން ނޫން ކަމެވެ! ބަނގުރާ ފުޅިއެއްގެ ލޭބަލް ނައްޓާލާފައި 'ރުކުރާ’ގެ ލޭބަލް އެޅުވުން ކަހަލަ ކަމެކެވެ. ދެން، އިންޑިޔާ ސިފައިންގެ މަރުކަޒުތަކާއި އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބިކަމާއި އަދި ތިބޭނޭކަން ވެސް އިންކާރު ނުކުރެވޭ ދަރަޖައަށް ދިޔުމުން، މިހާރު ބުނަނީ ކީކޭ ހެއްޔެވެ؟ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމުގެ ބަހަނާތަކުގެ ވާހަކައެވެ! އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމެވެ! އިންޑިޔާއިން ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނާތީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭނޭ ކަމެވެ! ބޭހަށާއި ކިޔެވުމަށް، އަދި ޗުއްޓީއަށް އިންޑިޔާއަށް، ދިވެހިން ދާތީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ޖެހޭނޭ ކަމެވެ. ރާއްޖޭގެ އަމްނާ ސަލާމަތް ގުޅިފައި އޮތީ އިންޑިޔާއާ ކަމުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމެވެ! ރާއްޖެ ތަރައްގީ އިންޑިޔާއާ ގުޅިފައި އޮތުމުން އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނޭ ކަމެވެ! އެންމެ ފަހުން އިވުނީ، ދުނިޔޭގައި އެއްވެސް ތަނެއް، އެ ތަނެއްގައި ބޭރު ސިފައިން ނުތިބެ، ތަރައްގީވެފައި ނެތުމުން، ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބެން ޖެހޭނޭ ކަމުގެ ވާހަކައެވެ.

މިވާހަކަތަކަކީ އެވާހަކަތަކުގެ ކުރީ ބަޔާއި އެއިން ނެރޭ ނަތީޖާއާ މަންތިގީ ހަމައެއްގެ މަތިން ގުޅޭ ކަމެއް ނޫނެވެ. މިސާލަކަށް، އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުމުން، އެކަމާ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ އޮތް ގުޅުމަކީ ކޮބާ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، އިންސާނުންނަކީ ޖަނަވާރުންނަށް ވެފައި، ކުއްތާއަކީ ވެސް ޖަނަވާރުންނަށްވެ، އަދި މި ދެބާވަތަކީ ވެސް އެއްޗެހި ކާ ޖަނަވާރުންނަށް ވުމުން، އިންސާނުންނަކީ ކުއްތާތަކެކޭ ވެސް ބުނެވިދާނެއެވެ!

މީގެ އިތުރުން، މަތީގައި ދެއްކިފައިވާ ބައެއް ބަހަނާތަކަކީ އޭގައި އެއްވެސް ތެދެއް އެކުލެވޭ ވާހަކައެއް ނޫނެވެ. ތަންތަން ކުރިއަރަނީ ބޭރުގެ ސިފައިން ތިބެގެންނެއް ނޫނެވެ. އޭގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ ސިންގަޕޫރު ކުރިއެރީ ބޭރުގެ ސިފައިން އެތާ ތިބީމާ ހެއްޔެވެ؟ ޝައްކެއް ނެތެވެ. ތަރައްގީގެ މަސައްކަތް ސިންގަޕޫރުގައި ފެށިއިރު، ބޭރު ގައުމުތަކުގެ ސިފައިންގެ އެހީއަށް ސިންގަޕޫރުގެ ވެރިން އެދި، އެ އެހީ ހޯދިއެވެ. އެކަމުގައި އޮތީ ދެ ބޭނުމެކެވެ. މެލޭޝިއާގެ ފެޑެރޭޝަނުން ސިންގަޕޫރު ވަކިވާން ޖެހުމުން، މެލޭޝިއާއިން ސިންގަޕޫރަށް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އޮތުމެވެ. ދެވަނަ ސަބަބަކީ ސިންގަޕޫރުގެ ސިފައިން ތަމްރީނުކުރުމެވެ. ސިންގަޕޫރުގެ ތައުލީމީ އިގުތިސާދީ އަދި މިނޫން ވެސް ތަރައްގީގެ ބޮޑު މަސައްކަތުގައި ބޭރުގެ ސިފައިންނެއް ބައިވެރިއެއް ނުވެއެވެ. ހަމަ އެހެންމެ، ޖަޕާނުގައި ބޭރުގެ ސިފައިން ތިއްބެވެ. އެމީހުން ތިބީ ޖަޕާނު ތަރައްގީ ކުރާކަށެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމި، ކުރެވުނު މުއާހަދާތައް ހިންގާލުމަށްޓަކައެވެ. ޖަޕާނުގެ ތަރައްގީގެ މަސައްކަތް ކުރީ އެމީހުން އަމިއްލައަށެވެ.

ކޮންމެއަކަސް، މި މަގާމުގައި މުހިއްމީ ބަކަރި ކުއްތާއަށް ހެދުމުގެ މައްސަލައެވެ. ދޮގު ހަދައި އޮޅުވާލައިގެން މަގުސަދު ހާސިލުކުރުމުގެ މައްސަލައެވެ. އިންޑިޔާ ސިފައިން ރާއްޖެ ގެނެސް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެމީހުން އަސްކަރީ މަރުކަޒުތައް މިހާރު އެ އޮތީ ގާއިމުކުރާ ގޮތަށް ހަމަޖެހިފައެވެ. އުތުރާއި ދެކުނު ގައެވެ. އަދި މެދު ރާއްޖޭގައި ވެސް މެއެވެ. ހަނިމާދޫ، އައްޑޫ އަދި ލާމުގައި ވެސް މެއެވެ. އިންޑިޔާއަށް ތަނެއް ތަރައްގީ ކުރެވޭނެ ނަމަ، އެންމެ ފުރަތަމަ އެމީހުން ތަރައްގީ ކުރާނީ އިންޑިޔާއެވެ! މިއީ އެކަކަށް ވެސް އިންކާރު ނުކުރެވޭނޭ ކަމެކެވެ. އިންޑިޔާ ތަރައްގީ ނުކޮށް، އެމީހުންނަށް ރާއްޖެ ތަރައްގީކޮށް ރާއްޖެއަކީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ހެދުމުގެ އެދުމާއި ގާބިލުކަން އެމީހުންނަށް ލިބިފައި އޮތްކަން ގަބޫލުކުރާނީ ބަކަރީގެ ވެރިޔާ ބަކަރިއަކީ ކުއްތާއެއްކަން ގަބޫލުކުރި ގޮތަށެވެ! އަމިއްލަ ވިސްނުމެއް ފިކުރެއް ނުކޮށް، އަމިއްލަ އެދުމާއި މަސްލަހަތު ކުރިއަށް ނެރެގެން އުޅޭ ބައެއްގެ ކުރިމަތީގައި ދޮގެއް އެތައް ފަހަރަކު އެކި ގޮތްގޮތަށް ތަކުރާރުކުރުމުން، އެ ދޮގު ތެދަކަށް ބަދަލުވެ، އެކަން ބަލައިގަނެވޭ ގޮތްވާތީއެވެ. މިކަމުގެ ތެދުކަން އިންޑިޔާ ސިފައިންނާއި އެމީހުންގެ މަރުކަޒުތައް ގާއިމުކުރަން، ހަތަރު ވަގުން، ބަކަރިއަކީ ކުއްތާއެއްކަން ބަކަރީގެ ވެރިޔާއަށް ދެއްކި ގޮތަށް، އަހަރުމެންގެ ވެރިންގެ ގޮތުގައި އިސްކޮށްފައި ތިބި ހަމަ އެފަދަ 'ޣަދަރުވެރި ވަގުންގެ' ހީލަތްތެރިކަމުން، ބައެއްގެ ކިބައިގައި ނެތް އެދުމަކާއި ނެތް ގާބިލުކަމެއް އެއީ އެމީހުންގެ ކިބައިގައި އޮތް ކަމެއްކަން މިހާރު ދައްކައިފިއެވެ!

މި މަގާމުގައި ފާހަގަކޮށްލަން ބޭނުންވަނީ ކަންކަން ކުރުމުގައި، ޑިމޮކުރަސީގެ އުސޫލު ނިޔާކުރާ ގޮތުން، ރައްޔިތުން އެދޭ ގޮތަކީ ކޮބައިތޯ ބެލުމެއް ނެތި، މަކަރުވެރި ހީލަތް ބޭނުންކޮށްގެން، ބަކަރި ކުއްތާއަށް ހަދާލެވޭ ހަމައިން، ތިމާމެން ވަކި ގޮތެއް ބޭނުންވީމައި، އެކަން ކުރާ ގޮތެވެ! ދެން، ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ކަންކަން ކުރުމުގައި، ހަތަރު ވަގުންގެ އޮޅުވާލުމުގެ ހީލަތް ނޫން ގޮތެއް ނޭނގޭ ބަޔަކަށް، އެ ނޫން ގޮތަކަށް ކަންކަން ކުރަން އެނގޭނީ ހެއްޔެވެ؟

ދެން، އޮތް ސުއާލަކީ، ބަކަރީގެ ވެރިޔާ، ހިތާހިތާ ބުނި ފަދައިން، އަހަރުމެންވެސް، އަހަރުމެންނަކީ ބޯ ހަމަނުޖެހޭ ބަޔެއްކަމުގައި ދުށުން ހެއްޔެވެ؟ އެއީ އެއް ގޮތެވެ. އެހެންވެއްޖެ ނަމަ، މިނިވަންކަމާއި އަޅުވެތި ކަމަކީ ހަމަ އެއްފަދަ ކަމެކޭ ހީވާން ފަށާނެއެވެ. މިހާރު ވެސް އެއްބަޔަކު އެހެން ބުނަން ފަށައިފިއެވެ. މަލިކު މީހުން އެތިބީ މޮޅު ހޯދައިގެން ކަމެވެ! އެހެން ބުނި މީހާ އެބުނަނީ އެމީހުންވެސް މަލިކު މީހުން ފަދައިން، ރާއްޖެއާއި، ނުވަތަ އޭނާގެ އިބާރާތް ބޭނުން ކުރާ ނަމަ 'މާލޭ ސަރުކާރާއި' ވަކިވެ، އިންޑިޔާއާ ގުޅުން ބުއްދިވެރިކަމެވެ. ހަމަ އެހެންމެ އަހަރުމެންގެ ދީނާއި އަގުތަކަކީ ވެސް ބޭކާރު އެއްޗެއް ކަމުގައި ފެންނަން ފަށާނައެވެ. މިފަދަ ދައުވާކޮށް، އެ މަސައްކަތް ކުރާތަން، ދޭތެރެ ދޭތެރެއިން، މިހާރު ފެންނަމުން ދެއެވެ. ނަމަވެސް، ބަކަރި ކުއްތާއަށް ހަދާލައި، އެފުށް މިފުށަށް ހަމަތައް ޖަހާލަން، ބަލާލައިފި ނަމަ، ހީވަނީ، ބަކަރި ކުއްތާއަށް ބަދަލުވާ މަންޒަރު ދެކެން ތަނުގެ ބޮޑު އަޚުލަބިއްޔަތެއް ބޭނުން ނުވާނޭ ހެންނެވެ. ބޮޑު އަޚުލަބިއްޔަތަކަށް ބަކަރި ބަކަރިއެއްގެ ގޮތުގައި، އަދި، ކުއްތާ ކުއްތާއެއްގެ ގޮތުގައި ފެންނާނޭ ލޮލާއި، ބޯ ލިބިފައިވާނޭ ހެންނެވެ!

އެހެން ކަމަށްވާ ނަމަ، އަހަރުމެން ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ ފެނި މިދިޔަތަނުން އިބުރަތް ލިބިގަނެ، ޣަދަރުވެރިންނަކީ ޣަދަރުވެރިންކަން ދެނެގަތުމެވެ. މިވޭތުވެ ދިޔަ ހަތަރު އަހަރު، އޭގެ ކުރިއާ އަޅާ ބަލާއިރު، އަހަރުމެންގެ ތެރޭގައި ފާހަގަކޮށްލެވޭ، އަދި އެ ކަންކަމުން އެންމެނަށް ފައިދާ ކުރާނޭ މާ ބޮޑުކަމެއް ނުކޮށް، މަކަރާއި ހީލަތް ހަދައި، އާންމުންނަށް ބަކަރިއަކީ ކުއްތާއެއް ކަމަށް ދައްކައި އޮޅުވާލި މީހުންގެ ވާހަކަތައް ހަނދާންނައްތާނުލައި، މިހާރު އެމީހުން ދައްކާ ވާހަކަތައް ކިތަންމެ އޮމާންވި ކަމުގައި ވިޔަސް، އަދި، މުޅި ރާއްޖޭގެ ކަނޑުތައް ހިއްކައި، ރާއްޖޭގެ ކޮންމެ މުވާތިނަކަށް ރަނުން ގަނޑުވަރު އަޅާދޭން ބުންޏަސް، އެމީހުންގެ ހަގީގަތް، އެމީހުންގެ ޣަދަރުވެރި ތަބީއަތް، ބަދަލު ނުވާނޭކަން ދެނެގަންނަން ޖެހެއެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް، ތަނުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކޮށް، ތަނުގެ އިޖުތިމާއީ އަދި އިމުރާނީ މަސައްކަތްތައް ކުރިއަރުވައި، އުއްމަތް ބިނާ ކުރުމުގެ ފުރުސަތު ލިބުމުން، އެކަންކަން ކުރުމަށް ފޭލިވީ ބަޔަކަށް ތިން ވަނަ ފުރުސަތެއް ދޭނީ ހަމަ ހަގީގަތުގައި ވެސް، ކުޑަކޮށް ވެސް އަމިއްލަ ވިސްނުމެއް ނުގެން ގުޅޭ ބައެކެވެ. އެހެންވެ، އެއްފަހަރު އެ ގާގަނޑެއްގައި އަޅައިގެންފައި ވެއްޓުމުން، ދެވަނަ ފަހަރަށް އެ ގާގަނޑުގައި އަޅައި ނުގަންނާނޭ ގޮތަށް މަސައްކަތްކުރަން ޖެހެއެވެ. އެއްފަހަރު އެ ހޮރަކުން ކަށިޖެހި ހޮރަށް ދެވަނަ ފަހަރު އަތްލއިގެން ނުވާނެއެވެ. ދެ ފަހަރު، އޮޅުވާލައި މަކަރުން ކަންތައްކޮށް، ބަކަރިއަކީ ކުއްތާއެކޭ އަހަރުމެންގާތު ބުނެ، ހަތަރު ވަގުން ވެގެން ބަކަރީގެ ވެރިޔާ މޮޔަހެއްދި ފަދައިން، އަހަރުމެން އިތުރަށް، ތިން ވަނަ ފަހަރަށް މޮޔަ ހެއްދުމުގެ ފުރުސަތު ދީގެން ހެޔޮވާނެ ހެއްޔެވެ؟ ބަކަރިއަކާ ދިމާއަށް ކުއްތާއެކޭ ބުނާ މީހުންގެ ވާހަކައަށް ނުހެއްލި ބަކަރިއަކީ ބަކަރިއެއްކަމާއި ކުއްތާއަކީ ކުއްތާއެއްކަން ދެނެގަނެ، މަކަރުވެރި ހީލަތްތެރި ޣަދަރުވެރިންގެ ކިބައިން އަހަރުމެން ސަލާމަތްކަން ހޯދަން ޖެހެއެވެ. އެފަދަ މީހުންނަށް، އެއީ ކޮންމެ މީހަކަށް ވިޔަސް، އަދި، ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް، ވޯޓު ދިނުމުން ދުރުވެގެންނެވެ.

(ތަރުޖަމާއެއް، ކުޑަ ބަދަލަކާއި އިތުރުކޮށްލުމަކާއެކު)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ތިޔަ ވާހަކަ ޖުމްލަކޮށް ވަރަށް ރަނގަޅު އިބުރަތްތެރި އެކަމު ނިމިގެން ދިޔައީ ސިޔާސީ ވަކިބަޔަކައް ތައުރީފު ކޮށް އަނެއްބަޔަކައް އެހާމެ ތައުރީފު ކޮއްފަކަން ފާހަގަވޭ. ޑޮކު ގެ ވިސްނުން ވަރައް އަމިއްލަ ސިޔާސީ މަންފާއެއް ބޭނުންވެގެން ވަގުން ބަކަރި ކުއްތާ އަކައް ހެދި ގޮތައް އިންޑިއާ އޭ ކިޔައިގެން އެހެން މިހާރު ވެރިކަން ކުރާ މީހުންނަށްވުރެ ޑޮކު ބޭނުންވާ ބަޔަކު ވެރިކަމައް ގެންނަން ބަކަރި ކުއްތާއަކައް ބަދަލް ކުރަން އުޅޭހެން. ހަހަހަހަ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *