...

Support Us

ކޮލަމް މާޒީ: ދުނިޔޭގެ އެންމެ ކުދި ގައުމުތަކަކީ ކޮބާ؟

ކޮންމެ ގޮތަކަށް ބެއްޔަސް އަދި ކޮންމެ ގޮތަކަށް ލިސްޓުކުރިޔަސް އެންމެ ކުޑަ 10 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެންމެ ބިން ކުޑަ ގައުމެއްގެ ގޮތުގައި ގިނަ މީހުން އެ ލިސްޓުގެ ކުރީގައި ލިޔަނީ ވެޓިކަން ސިޓީއެވެ. ނަމަވެސް ބިމުގެ ސައިޒުގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ކުޑަ 10 ގައުމުގެ ވާހަކަ ލިޔާއިރު، 0.19 އަކަމޭލުގެ "ވެޓިކަން ސިޓީ"އާއި 0.78 އަކަމޭލުގެ މަނޭކޯގެ ވާހަކަ ދައްކާ ހިތެއް އަޅުގަނޑެއް ނެތެވެ. އެއީ ކީއްވެގެންކަން ބައެއް ތަފުޞީލާއެކު ފަހުން ދަންނަވާނަމެވެ.

މި ލިސްޓްގައި މި ބަޔާންކުރަނީ މި ދެންނެވި ދެ ގައުމު ފިޔަވައި، ބިމުގެ ސައިޒަށް ބަލާއިރު ދުނިޔޭގެ އެންމެ ކުޑަ 10 ގައުމުގެ ކުރު ތަޢާރަފެކެވެ. ކުޑައިން ބޮޑަށެވެ.

  1. ނައުރޫ (ރިޕަބުލިކު އޮފު ނައުރޫ)

ނައޫރޫ މިއީ އޮސްޓްރޭލިއާ ބައްރުގެ ސަރަހައްދުކަމަށް ބެލެވޭ، އެހެންނަމަވެސް ޕެސިފިކު ކަނޑުގައި އޮންނަ ޖަޒީރާ ގައުމެކެވެ. މިނިވަން މުސްތަގިއްލު ގައުމެއްމެއެވެ. ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 8.5 އަކަމޭލެވެ. މި ދިޔަ އަހަރުގެ ކޮމަންވެލްތުގެ ތަފާސްހިސާބަށް ބަލާއިރު އެ ގައުމު އާބާދީއަކީ ގާތްގަނޑަކަށް 10 ހާސް މީހުންނެވެ. އަދި 1968ން ފެށިގެން އދ.ގެ ހިމާޔަތުގެ ދަށުގައި މިނިވަން ދައުލަތެއްގެ ހައްގުތަކާއެކު އޮތް ނަމަ ވެސް އދ.ގެ ފުރިހަ މެންބަރުކަން ލިބުނީ 1999ގައެވެ. ނައުރޫގައި ރަސްމީ ވެރިރަށެއް ނޯވެއެވެ. އިދާރިއްޔަތުގައި ހިމެނޭ އެކި އިދާރާތައް ހުންނަނީ މުޅި ގައުމުގެ އެކި ކަންކޮޅުތަކަށް ބަހައިލެވިފައެވެ.

ދާދި ފަހަކާ ޖެހެންދެން ނައުރޫގެ ރައްޔިތުންނަކީ "ފައިސާ މަތީގައި އުދުހުނު" ބަޔެކެވެ. އެ ރަށުގެ ބިމަކީ "ފޮސްފޭޓު"ގެ ނިޢުމަތް ލިބިފައި އޮތް ބިމަކަށް ވީތީ، ގިނަ ރައްޔިތުންނަށް އައީ މުސާރަ ލިބެމުންނެވެ. އަދި 1907ން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ ގައުމުގައި ފޮސްފޭޓު ނެގުމުގެ ސިނާއަތް އޮތް ނަމަ ވެސް އެ މައުދަނުގެ ފައިދާއިން އެ ގައުމަށް ލިބުނީ ކުޑަމިންވަރެކެވެ. ޕޮސްފޭޓު ކޮނެގެން އަގު އެއްކުރުމުގެ މަސައްކަތްކުރީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއާއި ނިއުޒީލޭންޑްގެ ސަރުކާރުތަކާ ގުޅިގެން އުފައްދައިފައިވާ ކުންފުންޏަކުންނެވެ. ނަމަވެސް ނައުރޫއަށް އެ ސިނާޢަތުން ލިބުނު މިންވަރުން ވެސް އެ މީހުން ދިރިއުޅުނީ ވަރަށް މުއްސަނދި ދިރިއުޅުމެކެވެ. އެހައި ފަސޭހައިން ފައިސާ ލިބުމުން ފައިސާ ފަހަށް ރައްކާކުރުމުގެ ބަދަލުގައި އަގު ބޮޑު ތަކެތި ގަނެ ފައިސާ "ތަޅައި ބުރުއްސީއެވެ." ބިމުގައި ހުރި ފޮސްފޭޓް ހުސްވިއިރު އާމްދަނީ ހޯދޭނެ މާ ގިނަ ގޮތެއް ހޯދިފައެއް ނެތެވެ. މަސްވެރިކަމާއި ތަކެތި އުފެއްދުމާއި ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރަށް ހަނި ދާއިރާއެއްގައި އޮތް ސިނާއަތްތަކެކެވެ. ނަމަވެސް އައްސޭރި ސަރަހައްދުގައި ކޮފީއާއި ކުފުރާ އުފެއްދުން ފަދަ ސިނާއަތްތައް ކޮންމެވެސް ވަރަކަށް އޮވެއެވެ. ޖުމްލަ 169 އަވަށަކަށް ބެހިފައިވާ ނައުރޫ އިދާރީ ގޮތުން ބަހައިލެވިފައިވަނީ 14 ސަރަހައްދަކަށެވެ.

ނަވާރަ މެންބަރުންގެ މައްޗަށް އެކުލެވޭ ބަރުލަމާމެއް އޮންނަ އިރު، ބަރުލަމާނުގެ ރިޔާސަތު ބެލެހެއްޓެވުމަކީ ގައުމުގެ ރައީސްގެ މަސްއޫލިއްޔަތެކެވެ. މިހާރުގެ ރައީސަކީ ރުސް ކޫން ނަމަކަށް ކިޔާ ބޭފުޅެކެވެ. ނައުރޫގައި ދީނެއްގެ ގޮތުން ރައްޔިތުން ތާބާވަނީ ނަޞާރާ ދީނުގެ ތަފާތު ފިރުޤާތަކަށެވެ. މި ފިރުޤާތައް ނިސްބަތްވަނީ އެކި ފައްޅިތަކަށެވެ. މިއަދު އެ ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސިބަހެވެ. ނަމަވެސް 96 އިންސައްތަ މީހުން އަމިއްލަ މުޢާމަލާތުގައި ބޭނުންކުރަނީ އަދިވެސް ނައުރޫބަހެވެ. މިއީ ދޮން މީހުންގެ ގައުމެއް ނޫނެވެ.

  1. ތުވާލޫ

ތުވާލޫ މިއީ ވެސް ޕެސިފިކު ކަނޑުގެ ޖަޒީރާ ގައުމެކެވެ. ދެކުނު ޕެސިފިކު ކަނޑުގައި އޮސްޓުރޭލިއާއާއި ހަވާއީއާ ދޭތެރޭ މެދެއްހާ ހިސާބުގައި އޮންނަ މުސްތަގިއްލު ސިޔާދަތީ ދައުލަތެކެވެ. ކުޑަކުޑަ ހަތަރު އަތޮޅެއްގެ މައްޗަށް އެކުލެވިފައިވާ މި ގައުމުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ނުވަ އަކަމޭލެވެ. ހުސްވި 2022 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެ ގައުމު އާބާދީއަކީ ގާތްގަނޑަކަށް 11 ހާސް މީހުންނެވެ. ބަރުލަމާނީ ވެރިކަމެއް ހިނގާ މި ގައުމުގައި ސިޔާސީ ޕާޓީތަކެއް ނޯވެއެވެ. އިންތިޚާބީ ދާއިރާތަކުގެ މައްޗަށް ބަހައިލައިގެން އެކި ދާއިރާތަކަށް މެންބަރުން ހޮވާ އިރު އެކި ކެންޑިޑޭޓުންނަށް ތާއީދުކުރާ ވަކި އަމިއްލަ ގުރޫޕްތަކެއް ހަދައިލަނީއެވެ. ދައުލަތުގެ ވެރިޔަކީ އިނގިރޭސި ރާޖާގެ ފަރާތްޕުޅުން ހުންނަވާ ގަވަރުނަރު ޖެނެރަލަކު ކަމަށް ވިޔަސް ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ބަރުލަމާނާއި ބައެއް ވަޒީރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބުކުރާ ބޮޑުވަޒީރެކެވެ. ގާތްގަނޑަކަށް 15 ވަރަކަށް މެންބަރުންގެ މައްޗަށް އެކުލެވޭ ބަރުލަމާނު އިންތިޚާބު ކުރަނީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.

އިނގިރޭސި އިސްތިޢުމާރުގެ ދަށުން ތުވަލޫ ސަލާމަތްވެ ފުރިހަމަ މިނިވަންކަން ލިބުނީ 1978ގައެވެ. މިހާރު އެއީ އދ.ގެ މެންބަރު ގައުމެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމަކީ އިގުތިސާދުގެ މުހިންމު ދެ ސިނާއަތުކަމަށް ވިޔަސް ވަރަށް ފަހަކާ ޖެހެންދެން ބޯޓުދަތުރުކުރުމަކީ ވެސް ތުވާލޫގެ ގިނަ ޢާއިލާތަކުގެ މާލީ ފުދުންތެރިކަމުގައި މުހިންމު ދައުރެއް އަދާކުރި ދަންނެކެވެ. މިހާރު އެ ދަންނު އަންނަނީ ދަށްވަމުންނެވެ. ގައުމުގެ ރަސްމީ އިގުތިސާދު ބިނާވެފައި އޮންނަނީ ސަރުކާރުގެ ޙަރަކާތްތަކުގެ މައްޗަށެވެ. މަސްވެރިކަމުގެ ސިނާޢަތަށް ލައިސަންސް ދޫކުރުމުންނާއި އެ ގައުމުގެ އިންޓަނެޓު މަޖާލު ކަމުގައިވާ ".tv"އިން ވެސް ދައުލަތަށް އާމުދަނީ ލިބެއެވެ. ދިވެހިރާއްޖޭގައި އިންޓަނެޓު މަޖާލަކަށް ".mv" ބޭނުންކުރާ ގޮތަށް އެ ގައުމުގައި ބޭނުންކުރަނީ ކުރީން ވެސް އިޝާރާތްކުރި ފަދައިން ".tv"އެވެ.

ތުވާލޫގެ ވެރި ރަށަކީ އެ ގައުމުގެ އެންމެ ބޮޑު ޖަޒީރާކަމުގައިވާ "ފުނަފުޓީ"އެވެ. ވެރިރަށަށް މީހުން ހިޖުރަކުރުން އަންނަނީ އިތުރުވަމުންނެވެ. ގައުމުގެ އެހެން ހިސާބުގެ އާބާދީއަށްވުރެ ވެރިރަށުގެ އާބާދީ 2005ން ފެށިގެން ވަނީ އިތުރުވެފައެވެ. މި ގައުމުގައި އޮންނަނީ އެކި ފިރުޤާތަކަށް ބެހިފައި އޮންނަ ނަޞާރާ އާބާދީއެކެވެ. ކޮންމެ ފިރުޤާއެއް ނިސްބަތްވަނީ ވަކި ފައްޅިއަކަށެވެ. "އެކަލޭސިއާ އަ ކެލިސިއާނޯ ތުވާލޫ" (ތުވާލޫގައި ދީނީ އަޅުކަން އަދާކުރުމަށް ޓަކައި މީހުން ޖަމާވާ މަސީޙީ ފައްޅި) ނުވަތަ "އީކޭޓީ"އަށް ނިސްބަތްވާ ފިރުޤާއަކީ ރަސްމީ ދީންކަމަށް ބެލެވެއެވެ. ސަބަބަކީ ގައުމީ އެކި މުނާސަބަތުތައް ފާހަގަކުރާން ހުއްދަ އޮންނަނީ ހަމައެކަނި އެ ފައްޅިއަށްކަމަށް ވާތީއެވެ.

ތުވާލޫގައި އާންމުކޮށް މުޢާމަލާތުކޮށް ހަދަނީ ލެޓިންއަކުރުން ލިޔެކިޔައި ހަދާ ތުވަލޫ ބަހުންނެވެ. އާންމުކޮށް އިނގިރޭސިބަހުން އާންމުން މުޢާމަލާތުކޮށް ނޫޅުނަސް ވިޔަފާރި މުޢާމަލާތުތައި ތުވާލޫބަހާއި އިނގިރޭސިބަސް ވެސް ބޭނުންކުރެއެވެ. ބަރުލަމާނާއި އަދި މި ނޫނަސް ރަސްމީ އިޙުތިފާލުތަކުގައި ބޭނުންކުރަނީ ތުވާލޫބަހެވެ. ނަމަވެސް "ނުއީ" ކިޔާ ޖަޒީރާގެ މީހުން އާންމުކޮށް ވާހަކަދައްކަނީ ކިރިބަތީ ބަހާއި ސަމޮއާ ބަހުންނެވެ. މިއީ ދޮން މީހުންގެ ގައުމެއް ނޫނެވެ.

  1. ސަން މެރީނޯ

ސަން މެރީނޯ މިއީ އިޓަލީވިލާތުގެ އިރު އުތުރުން ދެކުނު ޔޫރަޕުގައި ބިމުގައި އޮންނަ ކުޑަ ގައުމެކެވެ. މިނިވަން މުސްތަޤިއްލު ދައުލަތެކެވެ. ބިމުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 24 އަކަމޭލެވެ. މިއީ އެކެރިކާގެ ވޮޝިންޓަން ޑީސީ ތިންބައިކުޅަ އެއްބައިވަރުގެ އަދަދެކެވެ. މުޅި ގައުމުގެ އާބާދީއަކީ 34،800 އެވެ. މި ގައުމުގައި ރަސްމީ ވަކި ދީނެއް ނޯވެއެވެ. ނަމަވެސް ގައުމުގެ 10 ބައިކުޅަ ނުވަ ބައި ނިސްބަތްވަނީ ނަޞާރާ ދީނުގެ ރޯމަން ކެތޮލިކު ފިރުޤާއަށެވެ. ރަސްމީ ބަހަކީ އިޓަލީ ބަހެވެ.

މިނވަން ބާޒާރީ އިޤުތިޞާދެއް އޮންނަ މި ގައުމުގެ އިގުތިސާދުގައި ފޭރާމާއި ތަށިމުށި ފަދަ ތަކެތި އުފެއްދުމާއި ފަތުރުވެރިކަމާއި ދަނޑުވެރިކަން ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ބޭންކު ވިޔަފާރިއަކީ ވެސް އިޤުތިޞާދުގައި މުހިންމު ޙިއްސާއެއް އޮންނަ ޞިނާޢަތެކެވެ. އެ ގައުމުން އެތެރެކުރާ މުދަލުގެ އަގަށްވުރެ ބޭރުކުރާ މުދަލަށް ލިބޭ ފައިސާ އިތުރެވެ. އެހެންކަމުން އެ ގައުމުގެ އާމްދަނީ ބޮލަކަށް ޖެހޭ މިންރަކީ (ޖީޑީޕީ) ގާތްގަނޑަކަށް ދެ ބިލިޔަން ޔޫރޯއެވެ. ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ ގާތްގަނޑަކަށް 7.66 އިންސައްތައެވެ. އެހެންކަމުން މިއީ ކުރިއަރައިފައިވާ ތަނަވަސް ގައުމެއް ކަމުގައި ބެލެވެއެވެ.

ސަން މެރީނޯގެ އާބާދީއަކީ މަސްހުނި އާބާދީއެކެވެ. އޭޝިއާ ނަސްލާއި ވިލާތު ނަސްލު (ދޮން މީހުންނާއި ކަޅު މީހުން) މީހުން އެ ގައުމުގެ ރައްޔިތުންގެ ތެރޭގައިވެއެވެ.

  1. ލިކްޓަންސްޓައިން (Liechtenstein)

މި ގައުމަށް ކިޔާ ނަން ލެޓިން އަކުރުން ލިޔާ ގޮތް ގައުސުގެ ތެރޭގައި އަޅުގަނޑު އެ އޮތީ ލިޔެފައެވެ. ބޭނުންފުޅު ގޮތަކަށް ވިދާޅުވާށެވެ. އިނގިރޭސީންނާއި އެމެރިކާ މީހުން އެ ނަން ތަލައްފުޒު ކުރަނީ "ލިކްޓަންސްޓައިން" މިހެން ކަމަށް ވިޔަސް ޖަރުމަނު ބަހުން ކިޔަނީ (އަޅުގަނޑަށް އެނގިފައިވާ ގޮތުގައި) "ލިޝްޓަންސްޓެއިން" މިހެންނެވެ.

ކޮންމެއަކަސް މިއީ އޮސްޓްރިއާއާއި ސުވިޒަލޭންޑާ ދޭތޭގައި އޮންނަ ގައުމެކެވެ. ބިމަށް ބަލާއިރު 61.8 އަކަމޭލުގެ ބޮޑުމިނުގެ މި ގައުމަކީ ޖަރުމަނު ބަހުން ވާހަކަދައްކާ 38 ހާހެއް ހައި މީހުން ދިރިއުޅޭ، ހަތަރުވަނައަށް އެންމެ ކުޑަ ގައުމެވެ. ވިލާތުގެ މުއްސަނދި ގައުމެކެވެ. ބޮލަކަށް ޖެހޭ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އެންމެ މަތި އެއް ގައުމުގެ ތެރޭގައި ލިކްޓަންސްޓައިން ހިމެނެއެވެ.

ގައުމުގެ އިގުތިޞާދަށް ބަލާއިރު ލިކްޓަންސްޓައިން މިއީ މާލީ ގޮތުންނާއި ބައިނަލްއަޤުވާމީ ގޮތުން ދުނިޔޭގެ އެކި ގައުމުތަކާ ގުޅިފައިވާ، އަދި މާލީ ގޮތުން ޚާއްޞަ ދުނިޔޭގެ މާލީ ހަބެކެވެ. މައިގަނޑު ގޮތެއްގައި އިޤުތިޞާދު ބިނާވެފައިވަނީ މާލީ ޚިދުމަތް ހިމެނޭހެން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމާއި ތަކެތި އުފެއްދުމުގެ ޞިނާޢަތުގެ މައްޗަށެވެ.

މިއީ ވިރާސީ ގާނޫނީ ވެރިކަމެއް އޮންނަ ގައުމެކެވެ. ދައުލަތުގެ އެންމެ އިސް ވެރިޔަކީ އަމީރެވެ. (ޕްރިންސްއެވެ.) އަދި އޭނާ ވެރިކަމުގައި ހުންނަވާ އަނެއް ހައިސިއްޔަތަކީ ރަސްގެފާނުގެ ޤާއިމަޤާމެވެ. އެކަމަކު ރަސްކަލަކު ނުހުންނަވައެވެ. އަމީރުގެ އޮފީސްކޮޅެއް ވެސް ހުރެއެވެ. އެ އޮފީހަށް ކިޔަނީ ވެސް "ލިކްޓަންސްޓައިންގެ ޤާއިމަޤާމް" މިހެންނެވެ.

ބައިނަލްއަޤުވާމީ މައިދާނުގައި ގައުމު ތަމްސީލުކުރައްވަނީ ވެސް އަމީރެވެ. އެކަމަކު އޭނާ ވެސް ވެރިކަން ކުރައްވާން ޖެހިވަޑައިގަންނަވަނީ ޤާނޫނުއަސާސީއާ އެއް ގޮތަށެވެ. ނަމަވެސް ސިޔާސީ ޙަރަކާތްތަކުގައި އަމީރަށް ފުރިހަމައަށް ޙަރަކާތްތެރިވެވަޑައިގެންނެވެއެވެ. އަމީރަށް ގާނޫނުއަސާސީ އަރުވައިފައި އޮންނަ ބާރުތަކުގެ ތެރޭގައި އަމީރުގެ ގަރާރަކުން ކުއްލި ޙާލަތު އިޢުލާނުކުރެއްވުމާއި ބަރުލަމާނުގެ މަސައްކަތް ހުއްޓުވައިލުން ވެސް ހިމެނެއެވެ. ނަމަވެސް ބަރުލަމާނުގެ މަސައްކަތް ހުއްޓުވައިލެއްވޭނީ ބޮޑުވަޒީރުގެ ސޮއި ލިބިވަޑައިގެންފި ނަމައެވެ. އަދި ބަރުލަމާނުގެ ރުހުމާއެކު ވަޒީރުން ޢައްޔަންކުރެއްވުމާއި ކޯޓުތަކުގެ ރައީސުންނާއި ނާއިބު ރައީސުން (ފަނޑިޔާރުން) ޢައްޔަންކުރައްވަނީ ވެސް އަމީރެވެ. ދާޚިލީ ހުރިހާ ކަމަކާއި ސަރުކާރުގެ އިދާރީ ހުރިހާ މަސައްކަތެއް ހިންގެވުމުގެ ވެރިޔަކީ ބޮޑުވަޒީރެވެ.

ޖުމްލަ 25 މެންބަރުން ހިމެނޭ ބަރުލަމާނަށް ކޮންމެ ރައްޔިތަކާއި ބަރުލަމާނުގެ މެންބަރުންނަށާއި އަމީރަށް ވެސް ބިލު ހުށަހެޅޭނެއެވެ. މަޖިލީހުގެ މެންބަރުންނަކީ ކުރީގައި ދިވެހިރާއްޖޭގައި އޮންނަ ފަދައިން އެހެން މަގާމުތަކުގައި ނުވަތަ އެކި މަސައްކަތްތަކުގައި އުޅޭ މީހުންނެވެ. މެންބަރުކަމަކީ އިތުރު ވަގުތުގެ (ޕާޓުޓައިމު) ވަޒީފާއެކެވެ. އަހަރަކު ބާއްވަނީ ގިނަވެގެން ދިހަވަރަކަށް ނުވަތަ އަށެއްކަ ޖަލްސާއެވެ. ބަރުލަމާނު (ލޭންޑުޓެގު)ގެ މެންބަރުން ހޮވަނީ އާންމު އިންތިޚާބަހުންނެވެ. މިއީ ދިވެހިރާއްޖެއާ ވަރަށް ގުޅޭ ނިޒާމެއް ކަމަށް އަޅުގަނޑަށް ފެނެއެވެ.

ބޮޑުވަޒީރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މުޅި ވަޒީރުންގެ މަޖިލީހުގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. މާލީ ވަޒީރުކަމާއި ބޮޑުވަޒީރު އޮފިސަރުގެ މަގާމު ވެސް (މިހާރު) އަދާކުރައްވަނީ ބޮޑުވަޒީރު ދާނިއަލް ރިޝް ކިޔާ ބޭފުޅެކެވެ. ދާޚިލާ ކަންތައްތަކާއި ތިމާވެށްޓާއި އިޤުތިޞާދީ ކަންކަމާ ބެހޭ ވަޒީރަކީ ބޮޑުވަޒީރުގެ ނާއިބު ސަބުރީ މުނައިނީއެވެ. އިޖުތިމާޢީ ކަންކަމާއި ސަގާފީ ކަންކަމާ ބެހޭ ވަޒީރަކީ މެނުއަލް ފުރިކެވެ. ޚާރިޖީ ކަންކަމާއި ތަޢުލީމާއި ކުޅިވަރާ ބެހޭ ވަޒީރަކީ ޑޮމިނިކު ހަސްލާއެވެ. ބިނާރާއި ޢަދާލަތާ ބެހޭ ވަޒީރަކީ ގްރެޒިއަލާ މެރޮކް ވޮޗަރެވެ. މި މަގާމުތަކަށް ބޭފުޅުން ކަނޑައަޅުއްވައި އަމީރަށް ދަންނަވަނީ ބަރުލަމާނުންނެވެ. މަގާމު ދެއްވާނީ އަމީރެވެ. މިއިން ކޮންމެ ވަޒީރަކަށް ވެސް މަގާމުގައި ދެމި ހުންނެވޭނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޢަދުލު އިންސާފުގެ ދާއިރާގައި ހުންނަނީ މަތީ ކޯޓާއި ދަށު ކޯޓެވެ. ދަށު ކޯޓުތަކަކީ މަދަނީ ކޯޓާއި ޖިނާއީ ކޯޓެވެ. މަތީ ކޯޓުތަކަކީ އިސްތިއުނާފީ ކޯޓާއި އެންމެ މަތީކޯޓެވެ.

ރައްޔިތުންގެ ތެރެއިން 70 އިންސައްތަ އަކީ ނަޞާރާ ފިރުޤާއެއްކަމަށްވާ ރޯމަން ކެތޮލިކު މީހުންނެވެ. އަށް އިންސައްތަ މީހުންނަކީ ނަޞާރާ އެހެން ފިރުޤާތަކަށް ނިސްބަތަވާ މީހުންނެވެ. އަދި 10 އިންސައްތަ މީހުންނަކީ ޢަލްމާނީންނެވެ. ނަމަވެސް މި ޤައުމުގެ ހަ އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.

މި ގައުމުގެ އިދާރިއްޔަތުގެ ވާހަކަ އަޅުގަނޑު ތަންކޮޅެއް ދިގުކޮށް މި ލިޔެލީ މި ނިޒާމުގައި އެ ގައުމު ސުލްޙަވެރިކަމާއެކު އެންމެ މުއްސަނދި ގައުމެއްގެ ގޮތުގައި ދެމި އޮންނާތީ ހަމަ ޝައުޤުވެރިވިލެއް ބޮޑުކަމުންނެވެ. އެހެންކަމުން އަޅުގަނޑު ހިތަށް އެރީ އެ ގައުމެއްގެ އިދާރިއްޔަތު ރާވާންޖެހޭނީ ކޮންމެހެން އިނގިރޭސިވިލާތާއި އެމެރިކާގައި އޮންނަ ގޮތަކަށް ނޫންކަމާއި އެ ގައުމެއްގެ އިގުތިޞާދާއި ސަގާފަތާއި އާދަކާދަތަކަށް ރިޢާޔަތްކޮށްގެން ކަމެވެ. ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ދައުލަތުގެ އިދާރާތަކާއި ކޯޓުތަކާއި ވުޒާރާތައް މަދުކޮށްފިނަމަ، އިޤުތިޞާދަށް ހާދަ ބޮޑު ކުރިއެރުމެއް ލިބޭނެޔޭ ހަމަ ހިތަށް އެރީއެވެ.

  1. މާޝަލް އައިލެންޑުސް (މާޝަލީސް ބަހުން: މަޖޯލް)

މިއީ ޕެސިފިކް ކަނޑުގައި، ބައިނަލްއަޤުވާމީ ގޮތުން ތާރީޚު ކަނޑައަޅާ ރޮނގާ ދާދި ކައިރީގައި އޮންނަ، ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމެކެވެ. ޖުމްލަ 58,413 މީހުން ދިރިއުޅޭ، 1200 ވަރަކަށް ޖަޒީރާގެ މައްޗަށް އެކުލެވޭ މި ގައުމުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 70 އަކަމޭލެވެ. ގިނަ ޕާޓީތަކެއްގެ މައްޗަށް ޑިމޮކްރެސީ ބައްޓަންކޮށްފައިވާ މި ގައުމުގައި ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބަރުލަމާނެއް އިންތިޚާބު ކުރާ މި ގައުމުގައި އޮންނަނީ ރިޔާސީ-ބަރުލަމާނީ މަސްހުނި ޑިމޮކްރެސީއެވެ. ސިޔާސީ ހަތަރު ޕާޓީއެއް އޮވެއެވެ. ބަރުލަމާނުގެ އިތުރަށް ސެނެޓެއް އޮވެއެވެ. އެއީ މަޝްވަރާ ދޭ މަޖްލީހެވެ.

ރައީސްގެ ރިޔާސަތުގެ ދަށުގައި 10 ވަޒީރުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހެއް އޮވެއެވެ. މިގޮތުން 2020 ޖަނަވަރީ 14 އިން ފެށިގެން ރައީސްގެ މަގާމުގައި ހުންނަވަނީ ދާއޫދު ކަބުއާއެވެ.

ޢަދުލު އިންސާފުގެ ނިޒާމަށް ބަލާއިރު، ހަތަރު ބާވަތެއްގެ ކޯޓު ހުރެއެވެ. އެންމެ މަތީ ކޯޓުތަކަކީ ސުޕްރީމް ކޯޓާއި ހައިކޯޓެވެ. އޭގެ ދަށުން ހުންނަނީ ރަށުކޯޓުތަކާއި އިޖުތިމާޢީ ކޯޓުތަކެވެ. އަދި ސަގާފީ ކޯޓުތަކެވެ.

މިޒަމާނުގެ އިގުތިސާދު ބިނާވެފައިވަނީ ގަނޑުކޮށް މުދާ ވިއްކުމާއި ވަކި ވިޔަފާރިތަކާއި ރެސްޓޯރަންޓާއި ބޭންކާއި އިންޝުއަރެންސާއި އިމާރާތްކުރުމާއި މަރާމާތުކުރުމުގެ ޚިދުމަތާއި ފަންނީ ޚިދުމަތުގެ މައްޗަށެވެ. މީގެ އިތުރަށް މަސްވެރިކަމާއި ދަނަނޑުވެރިކަން ވެސް އިޤުތިޞާދުގައި ކޮންމެވެސް ދައުރެއް އަދާކުރެއެވެ. ދަނޑުވެރިކަމުގައި ކާއްޓާއި ބަނބުކޭލާއި އަލަކައްޓަލައާއި ދޮންކެޔޮ ވެސް ހައްދައެވެ. ކުފުރާ އުފައްދައި ބޭރުކުރެއެވެ.

އާންމު ބަހެއްކަމުގައި މި ގައުމުގައި ބޭނުންކުރަނީ ލެޓިން އަކުރުން ލިޔާ މާޝަލީސް ބަހެވެ. މައިގަނޑު ދީނަކީ ނަޞާރާ ދީނެވެ.

  1. ސެއިންޓް ކިޓްސް އެންޑް ނެވިސް (Saint Kitts and Nevis)

މިއީ ދެ ޖަޒީރާއެއްގެ މައްޗަށް އެކުލެވޭ ޖާޒީރާ ގައުމެކެވެ. އެޓުލާންޓިކު މާކަނޑާއި ކެރީބިއަން ކަނޑު ބެދުނު ހިސާބު މެދުގައި އޮންނަ ގައުމެކެވެ. އުތުރު އެމެރިކާ ސަރަހައްދުގެ ގައުމެކެވެ. ރީތި އަތިރިމައްޗާއި އުސް ފަރުބަދަ ވެސް ހިމެނޭ ޖަޒީރާ ގައުމެކެވެ. ގާތްގަނޑަކަށް 54 ހާހެއްގައި މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 104 އަކަމޭލެވެ. މި ގައުމުގެ 94 އިންސައްތަ މީހުންނަކީ ނަޞާރާއިންނެވެ. ބާކީ ހަ އިންސައްތައިގެ ތެރޭގައި ހިންދީންނާއި ސަގާފީ ދީންތަކަށް ތަބާވާ މީހުންނާއި ވަކި ދީނެއް ގަބޫނުކުރާ މީހުން ވެސް ހމެނެއެވެ. ރަސްމީ ބަހަކީ އިނގިރޭސިބަހެވެ.

މިއީ އޮސްޓްރޭލިޔާ ފަދައިން އިނގިރޭސި ރަސްކަން ތަމްސީލުކުރާ ގަވަރުނަރަކު އެންމެ އިސް ވެރިއަކަށް ހުންނަވާ ގައުމެކެވެ. ނަމަވެސް ސަރުކާރު ހިންގަނީ ބޮޑުވަޒީރެވެ. މި ގައުމުގައި ދެ ޖަޒީރާ އޮންނާތީ އެ ތާނގެ ސަރުކާރުން އެ ގައުމު ބަލަނީ ފަދުރާލީއެއް ކަމަށެވެ. އެހެންކަމުން ގައުމުގެ އެންމެ އިސްވެރިއެއް ގޮތުން އިނގިރޭސި ރާޖާގެ ފަރާތްޕުޅުން ގަވަރުނަރު ހުންނެވިޔަސް އެ ދެ ބިމުގެ ބޮޑުވަޒީރަކަށް މިހާރު ޓެރަންސު ޑުރޫ ހުންނަވާ އިރު، ނެވިސް ޖަޒީރާގެ ޕުރިމިއަރެއް ވެސް ހުންނަވައެވެ. ޕުރިމިއަރުގެ މަގާމުގައި 2017 ވަނަ އަހަރުން ފެށިގެން ހުންނަވަނީ މާކު ބުރަންޓުލީއެވެ.

  1. ދިވެހިރާއްޖެ

ދުނިޔޭގެ ކުދި ގައުމުތަކުގެ ލިސްޓުން ހަތް ވަނައިގައި އޮތީ ދިވެހިރާއްޖެއެވެ. ނަމަވެސް އޭޝިއާގެ އެންމެ ކުޑަ ގައުމަކީ ދިވެހިރާއްޖެއެވެ. ބިމުގެ ބޮޑުމިނަކީ ގާތަގަނޑަކަށް 115 އަކަމޭލެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދުގެ ދިގުމިން 510 މޭލަށް ދެމިފައިވާއިރު ފުޅާމިނުގައި ހުންނަނީ 80 ވަރަކަށް މޭލެވެ. އެންމެ ފަހުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީއަކީ 543,620 އެވެ. ދުއިސައްތައާ ގާތްކުރާ ޢަދަދެއްގެ ރަށްތަކެއްގައި މީހުން ދިރިއުޅެއެވެ. ރިސޯޓުތަކާއި މީހުން ނޫޅޭ ރަށްރަށް ހިމަނައިގެން 1200 ވަރަކަށް ރަށް ރާއްޖޭގައި އޮންނަކަމަށް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ރަސްމީ ބަހާއި ދީނާއި ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން އިތުރު ތަފުޞީލެއް ދިވެހީންނަށް ބޭނުން ނުވިޔަސް ދިވެހިރާއްޖެއަކީ ދިވެހިބަހުން ވާހަކަ ދައްކާ މުސްލިމު ގައުމެކެވެ. ލިޔެފައިވާ ފުރިހަމަ ގާނޫނުއަސާސީގައި އޮންނަ ގޮތުން ދިވެހިރާއްޖެއަކީ ދީމުގުރާޠީ ޖުމުހޫރިއްޔަތެކެވެ. މިހައިވަރުން ދިވެހިރާއްޖޭގެ މަޢުލޫމާތު ފުދޭނެކަމަށް އުންމީދުކުރަމެވެ.

 

  1. މޯލްޓާ

މިއީ ވެސް ވިލާތުގައި އޮންނަ ޖަޒީރާ ގައުމެކެވެ. ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 122 އަކަމޭލެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މޯލްޓާއަކީ ވެސް ފަސްލައްކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ގައުމެކެވެ. ބަރުލަމާނީ ނިޒާމެއް އޮންނަ މި ގައުމުގައި ދައުލަތުގެ އިސްވެރިއަކީ ރައީސެވެ. ސަރުކާރުގެ ވެރިއެއްގެ ގޮތުން ހުންނަވަނީ ރައީސް ޢައްޔަންކުރާ ބޮޑުވަޒީރެކެވެ. ކެބިނެޓުގައި 17 ވަޒީރުން ތިއްބަވައެވެ.

މޯލްޓާގެ ރަސްމީ ބަހަކީ މޯލްޓީޒް ބަހާއި ވޯލްޓީސް އިޝާރާތު ބަހާއި އިނގިރޭސިބަހެވެ. ގާނޫނުއަސާސީގައި ކަނޑައަޅައިފައިވާ ގޮތުން ގައުމުގެ ރަސްމީ ދީނަކީ އަދި އިސްކޫލުތަކުގައި ކިޔަވައިދެނީ ނަޞާރާ ދީނުގެ ކެތަލިކު މަޒުހަބެވެ.

  1. ގުރެނާޑާ

މިއީ އިސްޕޭނަށް ނިސްބަތްވާ ދައުލަތެކެވެ. އިސްޕޭނުގެ އަންދަލޫސިއާ މުޖުތަމަޢުގެ ޕްރޮވިންސެވެ. މި ޕްރޮވިންސްގެ ވެރި ރަށަށް ކިޔަނީ ވެސް ގުރެނާޑާއެވެ. މިއީ މިނިވަންކަން ދީފައި އޮންނަ މުސްތަގިއްލު ދައުލަތެކެވެ. އެ ދައުލަތަށް 1974ގައި ވަނީ އދ.ގެ މެންބަރުކަން ވެސް ލިބިފައެވެ. އެ ދައުލަތުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 131 އަކަމޭލެވެ. އެއް ލައްކަ ސައުވީހަކަށް ހާސް މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގައި އޮންނަނީ ބަރުލަމާނީ ވެރިކަމެކެވެ. ދައުލަތުގެ އެންމެ އިސްވެރިޔަކީ އިނގިރޭސި ރާޖާގެ މަންދޫބެއްގެ ހައިސިއްޔަތުން ގަވަރުނަރު-ޖެނެރަލެވެ. މިހާރު އެ މަގާމުގައި ހުންނެވީ އަންހެން ބޭފުޅެއް ކަމަށްވާ ޑރ. ސެސިލޭ ލާ ގްރެނާޑޭއެވެ. ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރެވެ. މިހާރު ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނީ ޢުމުރުފުޅުން 44 އަހަރުގެ ޑިކަން މިޝޭލެވެ. މީގެ އިތުރަށް މިނިސްޓަރު އޮފް ފިނޭންސުކަމާއި މިނިސްޓަރު އޮފް ނޭޝަނަލް ސެކިޔުރިޓީ، ހޯމް އެފެއަރޒް، ޕަބްލިކް އެޑްމިނިސްޓަރޭޝަން، އިންފޮރމޭޝަން އެންޑް ޑިޒާސްޓަރ މެނޭޖްމަންޓްގެ މަގާމު އަދާކުރައްވަނީ ވެސް އެ މަނިކުފާނެވެ.

ގްރެނާޑާގެ ރަސްމީ ބަހަކީ އިނގިރޭސިބަހެވެ. ގައުމުގެ އާބާދީގެ 82.4 އިންސައްތަ މީހުންނަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. ގައުމުގެ ދީނަށް ބަލާ އިރު، އާބާދީގެ 96.6 އިންސައްތައަކީ ނާޞާރާ ދީނުގެ ތަފާތުގެ މަޒުހަބުތަކެވެ.

  1. ސެއިންޓް ވިންސެންޓް އެންޑް ގްރެނޭޑީންޒް

ސެއިންޓް ވިންސެންޓް އެންޑް ގްރެނޭޑީންޒަކީ ކެރީބިއަން ކަނޑުގެ އިރުމަތީ އިންސަރަހައްދުގައި އޮންނަ ކެރީބިއަންސް (ވެސްޓް އިންޑީޒް) ސަރަހައްދުގެ ޖަޒީރާ ގައުމެކެވެ. ގާތްގަނޑަކަށް 142 (ނުވަތަ 150) އަކަމޭލުގެ ބޮޑުމިނުގެ މި ގައުމު އެކުލެވިގެންވަނީ ބައްތިރީހަކަށް ޖަޒީރާގެ މައްޗަށެވެ. މީގެ ތެރެއިން މީހުން ދިރިއުޅެނީ އަށެއްކަ ރަށުގައެވެ. ވެރި ރަށަށް ކިޔަނީ ކިންގުސްޓައުނެވެ. ރަސްމީ ބަހަކީ އިނގިރޭސިއެވެ. މި ރާއްޖޭގެ މީހުންގެ 88.6 އިންސައްތައަކީ ނަޞާރާ ދީނުގެ މީހުންނެވެ. އެ ގައުމުގައި 1.5 އިންސައްތަ މުސްލިމުން ވެސް އުޅެއެވެ. އެހެން ތަފާތު ދީންތަކުގެ މީހުންނާއި ވަކި ދީނެއް ގަބޫލު ނުކުރާ މީހުން ވެސް މި ގައުމުގެ ރައްޔިތުންގެ ގޮތުގައި އުޅެއެވެ.

ގާތްގަނޑަކަށް އެއް ލައްކަ ފަސްވަރަކަށް ހާސް (104،323) މީހުންގެ މަސްހުނި އާބާދީއެއް އޮންނަ މި ގައުމުގެ އާބާދީގެ 66 އިންސައްތައަކީ އެފުރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. ހަތަރު އިންސައްތައަކީ ވިލާތުގެ ދޮން ނަސްލުގެ މީހުންނެވެ. ދެން އުޅެނީ މަސްހުނި ނަސްލުތަކުގެ މީހުންނެވެ.

ވެރިކަމަށް ބަލާއިރު މިއީ ޤާނޫނީ ރަސްކަމެއް އޮންނަ ޔުނިޓަރީ ބަރުލަމާނީ ވެރިކަމެއް އޮންނަ ގައުމެކެވެ. ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން އިނގިރޭސި ރާޖާގެ މަންދޫބެއްގެ ގޮތުގައި ގަވަރނަރ-ޖެނެރަލްގެ މަގާމުގައި ހުންނަވަނީ ސޫސަން ދައުގަނެވެ. ބޮޑުވަޒީރަކީ ރާލްފު ގޮންސަލްވޭސެވެ.

ޖުމްލަ 0.19 އަކަމޭލުގެ "ވެޓިކަން ސިޓީ"އާއި 0.78 އަކަމޭލުގެ މަނޭކޯގެ ވާހަކަ އަޅުގަނޑު ނުދައްކާނެކަމަށް ދެންނެވީ އެއީ މުޅީން އެހެން ހައިސިއްޔަތެއް ލިބިގަނެވާ ދެ ދައުލަތްކަމަށްވާތީއެވެ. ވެޓިކަން ސިޓީއަކީ އިޓަލީވިލާތުގެ އެތެރޭގައި އޮންނަ ކުޑަކުޑަ ސިޓީއެކެވެ. އެއީ އެއްބަސްވުމެއްގެ ދަށުން އިޓަލީއިން މިނިވަންކަންދީ ދައުލަތެއްގެ ދަރަޖަ ދީފައިވާ "ސިޓީ ދައުލަތެކެވެ." އެއީ ނަޞާރާ ދީނުގެ ރޯމަން ކެތޮލިކްގެ މައި މަރުކަޒެވެ. އެހެން ދީނެއްގެ މީހަކަށް އެ ތާކު ދިރިއެއް ނޫޅެވޭނެއެވެ. އެ "ދައުލަތަށް" އާމަދަނީ ލިބޭ ވަސީލަތްތަކަކީ ހިލޭ އެހީއާއި އެ މީހުން ހަދާ އިސްޓޭމާއި ހަނދާނީ ފައިސާ ފޮއްތާއި މެޑެއްޔާއި މި ފަދަ ތަކެތި ވިއްކައިގެން ލިބޭ އެއްޗަކާއި އެތާގެ މިޔުޒިއަމަށް ވަންނަ މީހުން އަތުން ނަގާ ފީއާއި މިފަދަ ވަސީލަތްތަކުންނެވެ. މިއީ ދައުލަތެއްގެ ގޮތުގައި "ހަދައިފައި" އޮތަސް އެއީ ނަޞާރާ ދީނުގެ މީހުންގެ ދީނީ އަމިއްލަ ވެރިކަމެއް ކުރާ އަމިއްލަ ދީނީ މަރުކަޒެވެ. މި އަހަރު ފެށުނު އިރު އެ ސިޓީގެ އާބާދީއަކީ 820 މީހުންނެވެ. ފައިސާއަކަށް ބޭނުންކުރަނީ ޔޫރޯއެވެ. ވާހަކަދައްކަނީ އިޓަލީ ބަހުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތުކަމުން "މިނިވަން ދައުލަތެއް"ގެ "ޝަރަފު" ދީފައި ވިޔަސް މި ލިސްޓުގައި އަޅުގަނޑު ހިމަނާން ބޭނުން ނުވީ މި ފަދަ ސަބަބުތަކާ ހުރެއެވެ.

ދެން އޮތީ ވިލާތުގެ "ދައުލަތެއް" ކަމުގައިވާ މޮނާކޯއެވެ. އެއީ ވެސް ރަސްކަމެއް ހިނގާ މިނިވަން ނަޞާރާ ރަސްކަމެކެވެ. ޤައުމުގެ ރަސްމީ ނަމަކީ "ޕްރިންސިޕަލިޓީ އޮފް މޮނާކޯ"އެވެ. އާބާދީއަކީ ގާތްގަނޑަކަށް 38 ހާސް މީހުންނެވެ. މުޅި ގައުމުގެ ބޮޑުމިން މާލެއަށް ވުރެ ވެސް ކުޑަވީމާ ކުދި ގައުމުގެ ލިސްޓުގައި ހިމަނައިގެން ލިޔާން އަޅުގަނޑު ބޭނުން ނުވީއެވެ. މަޢާފުކުރެއްވުން އެދެމެވެ. ނަމަވެސް މަޢުލޫމާތަށް ޓަކައި މި ދެންނެވި ދެ "ދައުލަތު"ގެ މަޢުލޫމާތު ވެސް ކުޑަ މިންވަރަކަށް މި ހިމަނައިލީއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.