Support Us

99 މީހުން މެރި މީހެއްގެ ތައުބާ ދަތުރު

މާތް اللَّهُ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އަބޫސަޢީދުލް ޚުދުރީ، ސަޢުދު ބްނު މާލިކު ބްނު ސިނާނުގެ ކިބައިން ރިވާވެގެންވެއެވެ.

އެ ކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ ތެރެއިން އުންމަތެއްގެ މީހަކު، ނުވަދިހަ ނުވަ މީހުން މެރިއެވެ. (އެއަށްފަހު) ބިންމަތީގައި ހުރި އެންމެ ބޮޑަށް ދަންނަ މީހަކު އޮޅުންފިލުވައިދިނުމަށް އެދި، އޭނާ ސުވާލުކުރިއެވެ. ފަހެ، އޭނާއަށް ރާހިބަކު ބުނެދެވުނެވެ. ފަހެ، އޭނާ، އެ ރާހިބުގެ ގާތަށް އައެވެ. އަދި ބުންޏެވެ. ހަމަކަށަވަރުން، ތިމަންނާ މި ވަނީ، ނުވަދިހަ ނުވަ މީހުން ޤަތުލުކޮށްފައެވެ. ފަހެ، ތިމަންނާއަށް ތައުބާވެވިދާނެތޯއެވެ؟ ފަހެ، އެ ރާހިބު ބުންޏެވެ. ކަލެއަކަށް ތައުބާއެއް ނުވެވޭނެއެވެ. ފަހެ، އެ ހިނދު، އެ ރާހިބުކަލޭގެ ޤަތުލުކޮށްލައި، އޭނާއާލައިގެން ސަތޭކަ މީހުން ހަމަކޮށްފިއެވެ. ދެން އެއަށްފަހު، މި ބިންމަތީގައި ހުރި އެންމެ ބޮޑު ޢިލްމުވެރިޔަކު އޮޅުންފިލުވައިދިނުމަށް އެދުނެވެ. އޭނާއަށް ޢިލްމުވެރިޔަކު ބުނެދެވުނެވެ. ފަހެ، އޭނާ، އެ ކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. އަޅުގަނޑު މިވަނީ، ސަތޭކަ މީހުން ޤަތުލުކޮށްފައެވެ. (ވީމާ) އަޅުގަނޑަށް ތައުބާވެވޭނެތޯއެވެ؟ އެ ޢިލްމުވެރިޔާ ވިދާޅުވިއެވެ. އާނއެކެވެ. ތައުބާވުމާއި އެ މީހަކާ ދެމެދަށް ހުރަސްއެޅޭނީ ކާކަށްހެއްޔެވެ؟ ތިބާ އެވެނި ރަށަކަށް ދާށެވެ! އެހެނީ، އެ ރަށުގައި اللَّهُ ސުބުޙާނަހޫވަތަޢާލާއަށް އަޅުކަންކޮށް އުޅޭ މުއުމިނު ބަޔަކުވެއެވެ. ފަހެ، ތިބާވެސް، އެބައިމީހުންނާއެކު اللَّهُއަށް އަޅުކަންކުރުމުގައި ދެމިހުންނާށެވެ! އަދި ތިބާގެ ވަޒަނަށް ނުދާށެވެ! ހަމަކަށަވަރުން، އެއީ ނުބައިކަން ހުރި ބިމެކެވެ."

ފަހެ، އޭނާ އެ ކަލޭގެފާނު ވިދާޅުވެދެއްވި ރަށަށް ދިޔުމަށް ގަސްދުކޮށް، ދަތުރު ފެށިއެވެ. ފަހެ، އޭނާއަށް އެ ރަށަށް ދެވޭ މަގުގެ މެދާހަމައަށް ދެވުނުތަނާ، މަރު، އޭނާއާ ބައްދަލުކޮށްފިއެވެ. (އެބަހީ: އޭނާ މަރުވެއްޖެއެވެ.) ފަހެ، އޭނާއާ މެދުގައި ރަޙުމަތުގެ މަލާއިކަތުންނާއި، ޢަޛާބުގެ މަލާއިކަތުން ދެބަސްވެލެއްވިއެވެ. ފަހެ، ރަޙުމަތުގެ މަލާއިކަތުން ވިދާޅުވޫއެވެ. އޭނާ އައީ ތެދުހިތުން ތައުބާވެ، اللَّهُގެ ޙަޟުރަތަށް ރުޖޫޢަވެގެންވާ ޙާލުގައެވެ. ޢަޛާބުގެ މަލާއިކަތުން ވިދާޅުވޫއެވެ. އޭނާއަކީ، ދުވަހަކު ވެސް އެއްވެސް ހެޔޮ ޢަމަލެއް ކުޅަ މީހެއްނޫނެވެ. ފަހެ، އެ ހިނދު އެތަނަށް އިންސާނެއްގެ ސިފައިގައި މަލާއިކަތަކު ވަޑައިގެންނެވިއެވެ. ފަހެ، އެ ބޭކަލުން އޭނާއަކީ، އެ ބޭކަލުންގެ މެދުގައިވާ މައްސަލަ ފައިޞަލާ ކުރައްވައި، ނިޔާކުރައްވާނޭ ފަނޑިޔާރަކު ކަމުގައި ބަލައިގެންފޫއެވެ. ފަހެ، އެ ބޭކަލަކު ވިދާޅުވިއެވެ. ތިޔަބޭކަލުން އެ ދެ ރަށުގެ ދެމެދުގައި މިންއަޅުއްވައި ބައްލަވާށެވެ! އެ ދެ ރަށުންކުރެ، އޭނާ ކައިރީ، ކޮން ރަށަކާތޯ ބެއްލެވުމަށްފަހު، އެގޮތަކަށް ނިންމަވާނީއެވެ. ފަހެ، އެ ބޭކަލުން، އެ ދެ ރަށުގެ ދެމެދުގައި މިންއަޅުއްވައި ބެއްލެވިއެވެ. އެ ހިނދު އޭނާއާ ކައިރީ، އެ ރަށަށް ދިޔުމަށް ގަސްދުކޮށްގެން ނުކުތް ރަށްކަން އެނގުނެވެ. އެ ހިނދު ރަޙުމަތުގެ މަލާއިކަތުން އޭނާއާ ޙަވާލުވެލެއްވިއެވެ."

(رياض الصالحين 34-35)