Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

ތަނެއްގެ މީހުންގެ މަދަނީ ސުލޫކު ދެނެގަނެވޭނޭ އެއްގޮތަކީ އެތަނުގެ އެއްވެސް ގޮތެއް ނެތް މީހުންނާ މެދު އެ ތަނުގެ އަފުރާދުން ކަންތައްކުރާ ގޮތުގެ މައްޗަށް ބަލައިގެންނެވެ. މި މަގާމުގައި 'މަދަނީ ސުލޫކޭ' ބުނެ އިޝާރަތް ކުރަނީ މަދަނިއްޔަތެއްގެ އަހުލުވެރި ބަޔަކު ކަންކޮށް އުޅޭ ގޮތަށެވެ. ރިވެތި އަޚުލާގުތަކުގެ މަތީގައި ތިބި، ތަހުޒީބީ ބަޔަކު ކަންކަން ކުރާ ގޮތަށެވެ.

މަތީގައި އެ ފެންނަނީ މީހުން އުޅޭ ރަށެއްގެ ގަބުރުސްތާނެވެ. އެތަނުގައިވާ މީހުން ހިމެނޭނީ، ޝައްކެއްނެތް ގޮތުގައި އެ މީހުން އަމިއްލަ ނަފްސަށް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭނޭ، އެއްވެސް ގޮތެއް ނެތް ބަޔަކަށެވެ. އެ މީހުންގެ ގެއަށް އައިސް އެ މީހުންނަށް ޒިޔާރަތްކުރާ މީހުން، ހިތްހަމަޖައްސާލަދޭން އެ މީހުން ވެސް ބޭނުންވާނެތާއެވެ. އެ މީހުންގެ ކައިރިއަށް ޖެހިލައި އެ މީހުންގެ މައްޗަށް ހެޔޮ ދުއާކޮށްލަދޭނޭ ޒާއިރުންނަށެވެ. އެހެންވެ، އެ ފަދަ ޒާއިރުން، އެ ގަބުރުސްތާނުގެ އަހުލުވެރިންގެ މިއަދުގެ ގެއަށްވާ އެ ގަބުރުސްތާނަށް ވަދެ، އެ ގޭ ގޯތިތެރޭ ހިނގާލެވޭނޭ މަގުފަހިވެފައި އޮތުން އެ ގޭ އަހުލުވެރިން އެދޭނެތާއެވެ.

ނަމަވެސް، ތަސްވީރުން ފެންނަ ފަދައިން، އެ ގެ އެއޮތީ ޖަންޖައްޔެއް ހެންނެވެ. ވިނަ ގަސްތަކުން އެ ގެއަށް ވަންނަން އޮންނަ ދޮރު ވެސް ވަނީ ބެދިފައެވެ. ބޭރުން ވެސް، އެ ގޭ ގޯތިތެރެ ވެސް ފެންނަ ގޮތެއް ނުވެއެވެ. ބޯކޮށް ހެދިފައިވާ ވިނައާއި ގަސްތަކުގެ ސަބަބުންނެވެ.

ކޮންމެއަކަސް، އަހަރުމެންގެ ކިބައިގައިވާ މަދަނީ ސުލޫކް ލާޒިމުކުރަނީ މިފަދަ ގޭގެ ވެސް ސާފުކޮށް ބަލަހައްޓަންޖެހޭ ކަމެވެ. މިކަމަކީ، ޝައްކެއްނެތް ނެތް ގޮތުގައި 'ކިފާޔަތުގެ ފަރުޟެއް' ފަދަ ކަމެކެވެ. މިކަން ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ރަށްރަށުގެ ކައުންސިލުގެ ފަރާތުންނެވެ. ރަށުގެ މަގުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާ ފަދައިން ރަށުގެ ގަބުރުސްތާނު ނުވަތަ ގަބުރުސްތާނުތައް ވެސް ސާފުކޮށް ބަލަހެއްޓުން މުހިއްމެވެ. އެ ކައުންސިލުގެ މި މުހިއްމު ވާޖިބު އަދާ ނުކުރެވިއްޖެ ނަމަ، ރަށު އެންމެންނަށް ވެސް ހުތުރު ނަން ލިބޭ ގޮތް ވެއެވެ. މަތީގައިވާ ތަސްވީރު، ވަރަށް ހިތާމައާއެކު، ބުނަމުންދަނީ އެކަން ނުކުރެވި، އެންމެނަށް ވެސް ހުތުރު ނަން ލިބޭ ގޮތަށް ކަން އޮތް ކަމެވެ.