...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޖަމަލަކަށް ކިޔަން ދަސްކޮށްދިނުން

ޖަލު ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާގެ މަސްއޫލިއްޔަތު އުފުއްލަވާ ބޭކަލެއްގެ ހައިސިއްޔަތުން، ދާޚިލީ ވަޒީރު ޖަލަށް ޒިޔާރަތް ކުރެއްވިއެވެ. ޖަލުގެ ކަންތައް ހުރި ނެތް ގޮތް ބައްލަވައި އަދި، ޖަލުގެ މީހުންގެ ވާހަކަތަކާއި ޝަކުވާތައް ވެސް އަޑުއައްސަވާލެއްވުމުގެ ބޭނުމުގައެވެ.

ޖަލުގެ ގޮޅިތަކުގެ ތެރެއިން، ދަންޖައްސަން ހުކުމުކުރެވިފައިވާ މީހުންގެ ގޮޅިއަށް ވެސް ވަޒީރު ވަޑައިގަތެވެ. އަދި، އެ ގޮޅީގެ މީހުންގެ ޝަކުވާތަކާއި ވާހަކަތައް ވެސް އަޑު އައްސަވާލެއްވިއެވެ.

ދަންޖައްސައި މަރަން ނިޔާ ކަނޑައެޅިފައިވާ އެންމެންގެ ވެސް އޮތީ ހަމަ އެއް ވާހަކައެކެވެ. އެމީހުންގެ އަދަބު ލުއިކޮށްދެއްވުމަށް އެދި ދެންނެވުމުގެ ވާހަކައެވެ. ނަމަވެސް، ވަޒީރަކަށް އެމީހުންގެ ހުކުމް ބަދަލުކޮށްދެއްވުމުގެ އިޚްތިޔާރު ލިބިފައެއް ނެތެވެ. ނަމަވެސް، އެ މީހުންގެ ވާހަކަތަކަށް ކޮންމެ ވެސް އެއްޗެއް ވިދާޅުވާން ވަޒީރަށް ޖެހިވަޑައިގަތެވެ. ވަޒީރަކީ ވެސް، ކުޅަދާނަ ސިޔާސީވެރިއެކެވެ. އެހެންވެ، އެކަހަލަ ދަނޑިވަޅުތަކުގައި ވެސް، ވިދާޅުވާނެ އެއްޗެއް އެނގިވަޑައިގަންނަވައެވެ. ސިޔާސީވެރިންގެ މޮޅު ވައުދުތައް ފަދަ ބުނުންތައް ވިދާޅުވާން ވަޒީރަށް ވެސް އެނގިވަޑައިގަތެވެ.

ދެން، ދަންޖައްސަން ހުކުމްކުރެވިފައިވާ މީހުންގެ ގޮޅީގެ އެންމެން އެއްކުރައްވައި އެ މީހުންގެ އުއްމީދުތައް މަރާލައި ނެތިކޮށް ނުލައްވައި ވިދާޅުވިއެވެ. "ކަލޭމެން އެންމެންގެ އަދަބު ލުއިކުރެވޭނޭ ގޮތެއް އެބައޮތެވެ. ހަމައެކަނި ލުއި ކުރުމެއް ވެސް ނޫނެވެ. ކަލޭމެން މިނިވަންވާނޭ ގޮތެއް ވެސް އެބަ އޮތެވެ." މި ވާހަކަ އަޑުއަހައިފައި އެންމެންގެ އުއްމީދުތައް އާވިއެވެ. ޖަލުން ނިކުމެ، އާ ދިރިއުޅުމެއް ފެށުމުގެ ހުވަފެންވެސް އެމީހުންނަށް ފެންނަށް ފެށިއެވެ. ދެން، އެންމެން އެއްކޮށްހެން ވަޒީރަށް ދެންނެވިއެވެ. "އެ ގޮތަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ޖަލުން މިނިވަންވާން އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯއެވެ؟"

ދެން ވަޒީރު ވިދާޅުވިއެވެ. "ދާދި އިހަކަށް ދުވަހު، ރަސްގެފާނު ޖަމަލެއް ބައްލަވައިގެންފިއެވެ. އެ ޖަމަލަށް ކިޔަން ދަސްކޮށްދީފި މީހަކު މިނިވަން ކުރެވިދާނެއެވެ. އަދި، މީގެ އިތުރުން، އެ މީހަކަށް، އިނާމެއްގެ ގޮތުން، ފަންސާސް ހާސް ރުފިޔާ ވެސް ދެވޭނެއެވެ. އަލުން އާ ދިރިއުޅުމެއް ފަށައިގަންނަން ކުޑަ އެހީއެއްގެ ގޮތުގައެވެ."

އެންމެނަށް ކުރެވުނު އުއްމީދާއި އަދި ދުށް ހުވަފެން، މުޅިން ފިލައިދިޔައެވެ. ޖަމަލަކަށް ކިޔަން ދަސްކޮށްދޭނޭ ގޮތެއް ހަމަ އެކަކަށް ވެސް ނޭނގޭތީއެވެ. އެހެންވެ، ވަޒީރުގެ ވާހަކަފުޅަކީ ސިޔާސީ ވެރިއެއްގެ އޮޅުވާލުމުގެ ވާހަކައެއް ފަދަ ވާހަކައެއް ކަމަށް ނިންމައި، އެންމެން އިސްދަށަށް ޖަހާލިއެވެ.

އެ ވަގުތު، ތަންކޮޅެއް ދުރުގައި އިން، ޖަލުގެ ނަމުން ނަމަ، ބޯހަރުބޭ އަތް އުފުލާލާފައި ވަޒީރަށް ދެންނެވިއެވެ. "އަޅުގަނޑު ތިކަން ކޮށްފާނަމެވެ. ނަމަވެސް، އަޅުގަނޑަށް ސާޅީސް ދުވަހުގެ މުހުލަތެއް ދެއްވަންވާނެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އަޅުގަނޑު ބޭނުން އެއްޗެއް އަޅުގަނޑަށް ލިބޭނޭ ގޮތް ހައްދަވައި ދެއްވަންވާނެއެވެ."

ބޯހަރުބޭގެ ވާހަކަ އައްސަވާފައި ވަޒީރު ނިންމެވީ އެއީ އޭނާ ފަދަ ސިޔާސީވެރިންގެ ވާހަކައެއް ކަމެވެ. ބޯހަރުބޭ ދަންޖައްސައި މެރުމުގެ ކުރިން، މީރު ކާނާއަށް އެދި، އަރާމުކޮށް އުޅެލުމަށްޓަކައި ހަދާ އުކުޅެއް ކަމެވެ. ކޮންމެއަކަސް، ބޯހަރުބޭގެ އެދުމާ ވަޒީރު އެއްބަސްވެ ވަޑައިގަތެވެ. ޝަރުތެއްގެ މަތިންނެވެ. ސާޅީސް ދުވަހުގެ ތެރޭގައި ޖަމަލަށް ކިޔަން ދަސްކޮށް ނުދެވިއްޖެ ނަމަ، އޭގެ އަނެއް ދުވަހު ބޯހަރުބޭ ދަންޖެއްސުމަށް ޝަރުތުކޮށްފައެވެ.

ދެން، ބޯހަރުބެއާ ޖަމަލު ހަވާލުކުރެވުނެވެ. އެންމެ ފުރަތަމަ ވެސް، ބޯހަރުބޭ ކުރި ކަމަކީ ޖަމަލަށް ކާންނުދީ ތިން ދުވަސް ވަންދެން ޖަމަލު ބޭއްވުމެވެ. އަދި، އެކި ވައްތަރުވައްތަރުގެ ޖަމަލު ކާނާ ގެނައުމަށް ބޯހަރުބޭ ޖަލު ސަރުދާރުގެ ކިބައިން އެދުނެވެ. އެ ކާނާ ލިބުމުން، ފޮތެއްގެ ސަފުހާތަކުގެ ތެރެއަށް އެ ކާނާ އެޅިއެވެ. އެއަށްފަހު، ޖަމަލު ގެނެސް ޖަމަލު ކުރިމަތީ ފޮތް ބޭއްވިއެވެ. އަދި، ކާނާ އަޅާފައި އޮތް ކޮންމެ ސަފުހާއެއް ހުޅުވާލައި ޖަމަލަށް ކާންދިނެވެ.

ޖެހިގެން އައި ތިން ދުވަހު ވެސް، ކުރީ ތިން ދުވަސް ފަދައިން، ޖަމަލު ބަނޑުހައި ކުރުވިއެވެ. އަދި، ދެން އައި ދުވަހު، ފޮތެއްގެ ތެރެއަށް ކާނާ އަޅައި ޖަމަލަށް ކާންދިނެވެ. ނަމަވެސް، މިފަހަރު، ބޯހަރުބޭ ފޮތުގެ ގަނޑުތައް އެއްލާކަށް ނުހަދައެވެ. އެކަން ކުރުވީ ޖަމަލު ލައްވައެވެ.

މި ގޮތަށް ތިން ދުވަހުން ތިން ދުވަހުން ޖަމަލު ބަނޑުހައިކޮށް، ޖެހިގެން އަންނަ ދުވަހު ފޮތެއްގެ ސަފުހާތަކުގެ ތެރެއަށް ކާނާ އަޅައި ޖަމަލަށް ފޮތުގެ ސަފުހާތަށް އުކައިގެން ކާން ދަސްކޮށްދިނެވެ. ދެން، ސާޅީސް ދުވަސް ހަމަވާން ފަސް ދުވަސް ވުމުން، ޖަމަލު ބަނޑުހައިކޮށްލިއެވެ. އިހުނާ ޚިލާފަށް މިފަހަރު، ފަސް ދުވަސް ވަންދެން ޖަމަލަށް އެއްޗެއް ކާންނުދީ ބޭއްވިއެވެ.

ސާޅީސް ދުވަސް ހަމަވުމުން ބޯހަރުބެއާ ޖަމަލު ރަސްގެފާނުގެ ދަރުބާރަށް ހާޒިރުކުރެވުނެވެ. އަދި ބޯހަރުބެއާ މުޚާތަބުކޮށް ވަޒީރު ވިދާޅުވިއެވެ. "ކޮބާ ބޯހަރުބޭއެވެ! ޖަމަލަށް ކިޔަން ދަސްކޮށްދެވިއްޖެ ހެއްޔެވެ؟ އެކަން، އަހަރުމެން އެންމެންގެ ކުރިމަތީ ދައްކާލަބަލާށެވެ! ޖަމަލު ފޮތް ކިޔާތަން އަހަރުމެންނަށް ދައްކާލައި ކަލޭގެ މިނިވަންކަން ހޯދާށެވެ!"

އެ ވަގުތު، ބޯހަރުބޭ ވަޒީރަށް ދެންނެވިއެވެ. ރަސްގެފާނުގެ ޖަމަލު، ރަސްގެފާނު ފަދައިން ވަރަށް ވެސް ވިސްނުން ތޫނެވެ. އެހެންވެ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޖަމަލު ކިޔަން ދަސްކޮށްފިއެވެ. ވަޒީރު ބޭނުންފުޅު ފޮތެއް ޖަމަލާ ހަވާލުކުރުމުން ޖަމަލު އެ ފޮތް ކިޔާނެއެވެ."

ދެން ޖަމަލު ކުރިމަތީ ފޮތެއް ގެނެސް ބޭއްވުނެވެ. މަޑުމަޑުން ފޮތަށް ބަލަން އޮވެފައި، ޖަމަލު އެ ފޮތް ހުޅުވާލިއެވެ. އަދި، ކޮންމެ ސަފުހާއަކަށް ވެސް އިރުކޮޅަކު ބަލަހައްޓައިގެން އޮވެއެވެ. ކާ އެއްޗެއް ފެނޭތޯއެވެ. ދެން، ފަހަރަކު ސަފުހާއެއް އެއްލައި މުޅި ފޮތް އެއްކޮށް ކިޔެވެ.

މިކަމާ ރަސްގެފާނުގެ ދަރުބާރުގެ ތިއްބެވި ބޭފުޅުން ހައިރާންވިއެވެ. ރަސްގެފާނުގެ ދަރުބާރުގޭގައި މުޅިން ވެސް ތިއްބަވަނީ 'ސިޔާސީ އިލްމުވެރިން' ކަމަށް ވުމުން، ކަންކަމުގެ ހަގީގަތާ މެދު މާ ބޮޑަށް ވިސްނައި ފިކުރުކުރައްވަން އެ ބޭފުޅުންނަށް ބޮޑު ކަމަކަށްވެ، އެކަމަށް އެބޭފުޅުން ނުކުޅެދިފައިވާތީ ވެސް މެއެވެ.

ކޮންމެއަކަސް، ވަޒީރު، އަނެއްކާވެސް، އޭނާގެ ސިޔާސީ ސިކުނޑިފުޅު ބޭނުންކުރައްވައި ބޯހަރުބެއާ މުޚާތަބުކޮށް ވިދާޅުވިއެވެ. "ބޯހަރުބެ ވަރަށް ވެސް ކުޅަދާނައެވެ. ޖަމަލަށް، ރަނގަޅަށް ކިޔަން ދަސްކޮށްދީފީމުއެވެ. ނަމަވެސް، ޖަމަލު އެ ފޮތް ކީ ސިއްރުން ނޫން ހެއްޔެވެ؟ ޖަމަލު ހަރު އަޑުން ފޮތް ކިޔާނޭ ގޮތް އަޅެ ހަދާލަބަލާށެވެ!"

ދެން، ބޯހަރުބޭވެސް އޭނާގެ ސިޔާސީ ސިކުނޑި ބޭނުންކޮށްފައި ވަޒީރަށް ދެންނެވިއެވެ. "އަޅުގަނޑުމެން އެއްބަސްވީ ޖަމަލަށް ކިޔަން ދަސްކޮށް ދިނުމަށް ނޫންތޯއެވެ؟ ޖަމަލަށް ވާހަކަ ދައްކަން ދަސްކޮށްދޭކަން ނޫނެއް ނޫންތޯއެވެ؟ ކިޔަން ދަސްކޮށް ދިނުމާއި ވާހަކަ ދައްކަން ދަސްކޮށްދިނުން އެއީ މުޅިން ދެކަމެއް ނޫންތޯއެވެ؟"

މިފަހަރު، ވަޒީރަށް ވެސް ޖެހިވަޑައިގަތީ ބޯހަރުބެއާ އެއްބަސްވެވަޑައިގަންނަވާށެވެ. އެހެންވެ، ބޯހަރުބެ މިނިވަންކޮށް، ބޯހަރުބެއަށް ދެއްވަން ވަޒީރު ވިދާޅުވި ފައިސާގެ އިނާމު ވެސް ދެއްވިއެވެ.

މި ވާހަކައިން ލިބިދޭ އިބުރަތަކީ، ފިލާވަޅަކީ، ކޮބައިހެއްޔެވެ؟ ހަޔާތުގެ ދަތުރުގައި ފައިކައްސާލައި، ވެއްޓޭ އަނދަވަޅުތަކުން ސަލާމަތްވެވޭނޭ މަގެއް އޮންނާނޭ ކަމެވެ. ތިމާ ވިސްނައި ފިކުރުކޮށް، އަދި ގަދައަޅައި މަސައްކަތްކޮށްފި ނަމަ، އެކަމަކުން ސަލާމަތްވުމުގެ މަގު ފެނިގެންދާނެއެވެ. އޭނާ ދަންޖައްސަން ކަނޑައަޅައި ނިންމާފައި އޮތް ހުކުމުން ބޯހަރުބެ ސަލާމަތްވި ފަދައިންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.