Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އަހަރަކީ ކޮބައިހެއްޔެވެ؟

އަހަރަކީ ކޮބާހެއްޔެވެ؟ މިއީ، މި ވަގުޤު އުފައްދައި އޭގެ ޖަވާބު ހޯދާން މުހިންމު ސުވާލެކެވެ. މިއީ، މީލާދީ އަހަރެއްގެ ނިމުމާއި ފެށުމުގެ ވަގުތުކަމުގައި ވާތީއެވެ.

މިފަދަ ޢިލްމީ ޒަމާނެއްގައި އަދި އެންމެ ބޮޑު ޢިލްމީ ފޮތްކަމުގައިވާ ކީރިތި ޤުރުއާން އަތުގައި އޮވެމެ އެފޮތް ބާވައިލެއްވިތާ 1443 އަހަރު ފާއިތުވީ އިރުވެސް، އެ މާތް ފޮތުގައި މި ކަން ދޭހަވާން ހުރި މަތިވެރި ޢިލްމީ ޙަޤީޤަތްތައް ގިނަ ބަޔަކަށް ދޭހަނުވެ އޮންނާތީއެވެ.

ފަހެ، އަހަރަކީ ކޮން އެއްޗެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު، ނަފީ ނުކުރެވޭނޭ ޢިލްމީ ޙަޤީޤަތްތަކުގެ ޢަލީގައި ދެންގަންނަ ނަމަ "އަހަރު" މި ބަހުގެ މާނައިގެ މައްޗަށް އިހަށް ބަލައިލުން މުހިންމެވެ. އެހެނީ، ނަމެއް އެކަމަކަށް ނުވާ އެއްވެސް ކަމެއް ނުވާތީ ކަމުގެ ނަމުގެ އަޞްލު ދެނެގަތުމަކީ ވެސް އެކަމެއް ދޭހަވުމުގެ އެއް އަސާސް ކަމުގައި ވާތީއެވެ.

އެގޮތުން ބަލާއިރު އަހަރަކީ ވަޤުތަށް ކިޔާ ނަންތަކުން ވަޤުތުގެ ވަކި މިންވަރެއް އަންގައިދޭ ނަމެކެވެ. އެއީ، ދިގުމިން ބަލާނަމަ އިންޗި އަކީ ދިގުނުގެ ނަންތަކުން މިންވަރަކަށް ކިޔާ ނަމަކަށްވާ ފަދައިންނެވެ.

ޒަމާން ނުވަތަ ވަޤުތު މިނެ، އެ މިނަކުން ވަޒަންކުރާ މިންތަކުގެ އަޞްލެއް ކަމުގައިވަނީ، ދުނިޔެ އޭގެ އަމިއްލަ ޖިސްމުގެ ވަށައިގެން ކޮންމެ 23 ގަޑި 56 މިނެޓްކުން އެއްފަހަރު އަޅާ ކޮންމެ ބުރަކީ އެއް ދުވަސް ކަމަށް ހިމަނައިގެން ޒަމާން ނުވަތަ ވަޤުތު ވަޒަންކުރާ ކުރުމެވެ. އެކަމުގެ އަޞްލާމެދު ކީރިތި ޤުރުއާނަށް ނަޒަރުކޮށް ބަލާއިރު ޙައްޖު ސޫރަތުގެ 47 ވަނަ އާޔަތުގައިވާ ބަސްފުޅުގެ ތެރޭގައި އޮތް "ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެންމެ ދުވަހެއްވަނީ ތިޔަބައިމީހުން ގުނައި ޢަދަދުކުރާ އެއްހާސް އަހަރާ އެއްފަދަ ވެގެންނެވެ." މި ބަސްފުޅާއި ސަޖިދަ ސޫރަތުގެ ފަސް ވަނަ އާޔަތުގައިވާ ބަސްފުޅުގެ ތެރޭގައި އޮތް "ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހަސް އަހަރުގެ މިންވަރުގެ ދުވަހެއްގައި އެ ހުރިހައި ކަމެއް އެކަލަނގެ ޙަޟްރަތަށް އަރައިގެން ދެއެވެ." މި ދެބަސްފުޅުން ވެސް އެނގޭ ފަދައިން، ވަގުތުގެ މިނުމުގެ އަޞްލެއް ކަމުގައިވަނީ، އިންސާނުން ވަޤުތު ވަޒަންކުރާ މިންގަނޑެވެ. ޒަމާނާ ވަޤުތު މިނެ އުޅޭ އަޞްލަކީ އެ މިންގަނޑު ކަމުގައި ބަލަން ވެސް ޖެހެއެވެ.

އިންސާނުން ޒަމާނާ ވަގުތު ގުނައި ބަލައި މިންކުރަނީ ކުރިންވެސް ބުނެފައިވާ ފަދައިން ދުނިޔެ އޭގެ އަމިއްލަ ޖިސްމުގެ ވަށައިގެން ކޮންމެ 23 ގަޑި 56 މިނަޓުން އަޅާ ބުރުގެ މައްޗަށްކަމީ ކަމުގެ ޢިލްމީ އަޞްލާމެދު ޚިލާފުވެވޭ ކަމެއް ނޫނެވެ. އެހެނަސް އިރުގެ އަހަރެއްގެ ދިގުމިން ބަލާ އަޞްލު މިންގަނޑަކީ އެއެއް ނޫނެވެ. ޙަޤީޤަތަކީ، ދުވަހެއްގެ މިންވަރަކީ، ދުނިިޔެ އިރުގެ ވަށައިގެން އަބަދާ އަބަދު ފަލަކުގައި ޖަހަމުންދާ ބުރުގައި ދުވާލަކު ދުނިޔެއަށް ފަލަކުގައި ހިނގޭ ދިގުމިން، ދަރަޖަ ދަގީގު ސާނިޔާއިން ވަޒަންކޮށް ބަލާއިރު ދުނިޔެއަށް ފަލަކުގައި ދުވާލަކަަށް ހިނގޭ މިންވަރެވެ.

ދަރަޖަ ދަގީގު ސާނިޔާގެ މިންގަނޑުން އިރުގެ އަހަރަކީ 359.75 ދަރަޖައެވެ. އެ ނަޒަރުން ދުވަހެއްގެ ދިގުމިން ކަމުގައި ބަލަނީ ދުނިޔެ އަމިއްލަ ޖިސްމުގެ ވަށައިގެން ބުރެއް ޖަހާއިރު ދުނިޔެއަށް ފަލަކުގައި ހިނގޭ ރޭޝިޔޯ މިންވަރަކީ، ދަރަޖަ ދަގީގު ސާނިޔާއިން ދުވަހެއްގެ މިންވަރު ކަމުގައިވާ މިންވަރެވެ. އެއީ، 0.9856 ދަރަޖައެވެ.

މިހިރަމިހިރަ ކަންކަމަކީ، ދިގު ބަޔާންތަކުން މެނުވީ ބަޔާން ކުރެވޭނެ ކަންކަމެއް ނޫނެވެ. ހަމައެކަނި އިރުގެ އަހަރުގެ ދަލީލުގެ މައްޗަށް ބަޔާން ކުރުމަށް ބެލިކަމުގައި ވިޔަސް ކީރިތި ޤުރުއާނުގައި ހުރި ދަލީލުތައް ލިޔެ ހާމަކުރުމަކީ ވެސް ކޮޅުންލާނޭ ކަމެއް ނޫނެވެ.

ދެންފަހެ، އިރުގެ އަހަރު އަންގައިދޭ ކަލަންޑަރުތަކުގެ ދުވަހެއްގެ ކޮންމެ ގޮޅިޔަކީ ދުނިޔެ އޭގެ ފަކުގައި އެތަނެއްގައި އެދުވަހަކު ހުރިކަން އަންގައިދޭ ބަޔާނެކެވެ. ކަލަންޑަރުގައި ވަކި ދުވަހެއްކަމަށް އޮންނަ ކޮންމެ ގޮޅިއެއް އަންގައިދެނީ، އެދުވަހަކު އިރު އެތާކު ހުންނާނެކަމެވެ. އިރު އެދުވަހަކު އެތާކު ނެތަ ނަމަ، ކަލަންޑަރުގެ ޞައްޙަކަން ގެއްލޭނެއެެވެ. އަދި އެއީ އެދުވަހެއް ކަމުގައެއް ވެސް ނުމެވާނޭމެއެވެ.

މިސާލަކަށް ނޫޙުޢަލައިހިއްސަލާމުގެ ޒަމާނުގައި ދުނިޔެ އެކުގައި ހަލާކުވެފައި އަލުން އިންސާނުން އާބާދުވާ ޙާލަތެއް އައިނަމަ، އަހަރުގެ ދުވަސްތައް ދެން ދެނެގަނެވޭނީ ހަމައެކަނި އިރު އޭގެ ފަލަކުގައި ހުރިތަން ބަލައިގެން ދުވަސް ކަށަވަރު ކޮށްގެންކަމުގައި ވާނެތީއެވެ. އެހެނީ ޒަމާނީ ކުރިއެރުމުގެ ވަސީލަތްތައް ނެތުމަށްފަހު އަލުން އާބާދުވާއިރު ދުވަސްތައް ދެނެގަތުމުގައި އިރު ހުރި ފަލަކީ ޕޮޒިޝަން ދެނެނުގަނެ، އަހަރުގެ އެއްވެސް ދުވަހެއް އެއީ، މައްސަރުގެ ކޮންދުވަހެއްކަން އެނގޭނޭ ކަށަވަރު އެހެންގޮތެއް ނޯންނާނެތީއެވެ.

އިރު، ޓްރޮޕިކް އޮފް ކެޕްރިކޯނުގައި ހުންނަ ދުވަހާއި އީކުއޭރޓަރގައި ހުންނަ ދެ ދުވަހާއި، ޓްރޮޕިކް އޮފް ކެންސަރގައި ހުންނަ ދުވަސް، ބަދަލުވުމެއް ނެތި ފާހަގަވެ އެނގެނީ އެ ހަމައިންނެވެ. އެ ހަމައިގެ ކަށަވަރު ކަމުންނެވެ.

އެއީ، ކީރިތި ޤުރުއާނުގެ އަންބިޔާ ސޫރަތުގެ 33 ވަނަ އާގަތުން އެނގޭން އޮންނަ ޢިލްމީ ޙަޤީޤަތެކެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. "އެކަލާނގެއީ ރޭގަނޑާއި ދުވާލު އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ." އަދި ހަމަ މި މޭރުމުގައި ޔާސީން ސޫތަރުގެ 40 ވަނަ އާޔަތް ވެސް ހިމެނެއެވެ.

ފަހެ، ފަލަކަކީ، ރޭޝިޔޯއެއްގައި އިރާއި ހަނދާއި ގުރަހަތައް ހިނގުމަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ޚިޔާލީ ރޮނގެވެ. އެ ރޮނގު ކައުނުގައި އޮންނަ ގޮތް ލޮލަށް ނުފެނުނަސް އެކަލާނގެ އުޑުގައި ލައްވާފައިވާ ސާބިތު ތަރިތަކުން ބަލައިގެން ޢިލްމަށް އެ ފަލަކުތައް ފެނެއެވެ. އިރު ހަނދު ނުވަތަ ގުރަހައެއް ހުރީ މިވެނީ ބުރުޖެއްގެ މިނެވި ދަރަޖަ ދަގީގެއްގައޭ ބުނެއުޅެނީ އެގޮތުން ބަލައިގެން ފެންނަ ފެނުމުގެ މައްޗަށެވެ.

އަހަރުގެ ދެވަނަ ބާވަތަކީ، ދުނިޔެ ވަށައިގެން ހަނދު ކޮންމެ މަހަކު ޖަހާ ބުރުގެ މައްޗަށް، އިރުގެ އަހަރަށް ވުރެ އަހަރަކު 11 ވަރަކަށް ދުވަސް މަދުކޮށް ހިމަނާ ހަނދުގެ އަހަރެވެ. ހަނދުގެ އަހަރު ބަލައި ގުނައި ހިމަނައި ހަދަނީ ފަލަކީ ސާބިތު ބުރުޖު ތަކާށާއި މަންޒިލްތަކުގެ މައްޗަކަށް ނޫނެވެ. ހަނދު ހިނގުމަށް މަންޒިލްތަކެއް މާތް ﷲ މިންވަރު ކުރައްވާފައިވާކަން ޔޫނުސު ސޫރަތުގެ ފަސް ވަނަ އާޔަތުންނާއި ޔާސީން ސޫރަތުގެ 39 ވަނަ އާޔަތުން އެނގެއެވެ.

ކަން އެހެން ހުރި ނަމަވެސް، ހަނދުގެ އަހަރު ބަލަނީ ހަނދުގެ މައްސަރު ފެށޭ ދުވަސް ކަނޑައަޅާ ޤާޢިދާއެއްގެ މަތީން ބަލައިގެން ފަށާ ހަނދުމަހުގެ 12 މައްސަރު ފުރިހަމަވުމުން އަހަރެއް ފުރިހަމަވީކަމަށް ބަލާ ހަމައިންނެވެ.

އަހަރުގެ ދެ ބާވަތް ހުރީ މި ހަމައިގައެވެ.