Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- "އަހަންނަކީ ގަބު ކުއްޖަކީމެވެ."

ފަސް ވަނަ ގުރޭޑުގައި ކިޔަވަމުންދިޔަ ރަހުމަތްތެރި ދެ ކުދިންނެވެ. އެއްދުވަހަކު، ސަމާސައަކަށް، އެއްކުއްޖަކު ކަރުދާސްކޮޅެއްގައި "އަހަންނަކީ ގަބު ކުއްޖަކީމެވެ" މިހެން ލިޔެފައި އޭނާގެ ރަހުމަތްތެރި އަނެއް ކުއްޖާގެ ގަމީހުގެ ފަހަތުގައި ތަތްކުރިއެވެ.

ގަޑިއަކީ ހިސާބު ގަޑިއެވެ. ހިސާބުގެ ވަރަށް އުނދަގޫ މައްސަލައެއް މުދައްރިސު ބޯޑުގައި ލިއުއްވާފައި އެ މައްސަލަ ހައްލުކުރުމުގެ ފުރުސަތު ހުޅުވާލެއްވިއެވެ. އަދި، ކުދިންނާ މުޚާތަބުކުރައްވައި މުދައްރިސު ބުނުއްވިއެވެ. "ކަލޭމެން ކުދިންގެ ތެރެއިން މި މައްސަލަ ހައްލުކުރެވޭނީ ކޮން ކުއްޖަކަށް ހެއްޔެވެ؟"

އެ ވަގުތު ކިލާސްތެރެ މުޅިން ހަމަހިމޭންވިއެވެ. ހުރިހާ ކުދިންގެ ނަޒަރު ވެސް ހުރީ ބޯޑާ ދިމާއަށް ހުއްޓިފައެވެ. ނަމަވެސް، އެއްވެސް ކުއްޖަކު އެއްޗެއް ބުނަން ބޭނުންވިހެނެއް ހިޔެއް ނުވިއެވެ. އެހެން ހީވީ އެއްވެސް ކުއްޖަކު އަތް ނެގިތަން ނުފެންނާތީއެވެ. ދެން، އެ ގޮތަށް، ހަމަހިމޭންކަންމަތީ ކުޑަ ހިނދުކޮޅެއް ވޭތުވިތަނާ، އޭނާގެ ބުރިކަށި މަތީގައި "އަހަންނަކީ ގަބު ކުއްޖެކޭ" ލިޔެފައި އޮތް ކުއްޖާ އަތް މައްޗަށް ނެގިއެވެ. އަދި، މައްސަލަ ހައްލުކުރުމުގެ އިޒުނައަށް މުދައްރިސުގެ އަރިހުން އޭނާ އެދުނެވެ.

ދެން، މުދައްރިސުގެ އިޒުނައައާކު 'ގަބު ކުއްޖާ' ބޯޑުދޮށަށް ދާން ހިނގައިގަތެވެ. އެ ވަގުތު ހުރިހާ ކުދިންނަށް ވެސް އޭނާގެ ބުރިކަށީގައި ލިޔެ ތަތްކޮށްފައިވާ ކަރުދާސްކޮޅު ފެނުނެވެ. އަދި، ކިލާހުގެ ހުރިހާ ކުދިން ވެސް، އެކަމާ ހޭންފެށިއެވެ. ނަމަވެސް، އެ ކުއްޖާއަކަށް ވެގެން އުޅޭ ގޮތެއް ސާފެއް ނުވެއެވެ. އެހެންވެ، ކުދިން ހުނުމާއި އަޑުގަދަކުރުމާ އަޅާނުލާ ބޯޑު ދޮށަށް ގޮސް، ބޯޑުގައި މައްސަލަ، ހެޔޮކޮށް، ހައްލުކުރިއެވެ. އޭނާ ބޯޑު ދޮށުގައި ހުއްޓި ހުރިއިރު، މުދައްރިސަށް ވެސް އެ ކުއްޖާ ބުރަކަށީގައި ތަތްކޮށްފައި ހުރި ކަރުދާސްކޮޅު ފެނުނެވެ.

އެކުއްޖާ މައްސަލަ ހައްލުކޮށް ނިމުމުން، އޭނަގެ ބުރިކަށިން، އެ ކަރުދާސްކޮޅު ނައްޓާލިއެވެ. އަދި، ކުލާހުގެ ކުދިންނާ މުޚާތަބުކޮށް މުދައްރިސް ބުނުއްވިއެވެ. "ކަލޭމެން ހުރިހާ ކުދިން ކަލޭމެންގެ ޒަމީލަށް، ސާބަހާއި ހިއްވަރު ދިނުމުގެ ގޮތުން އަތްތަލިބަޑިޖަހާށެވެ. ދެން، އެއަށް ފަހު، އެ ކުއްޖާއަށް ތައުރީފުގެ ބަސްތައް އިއްވާލިއެވެ. ދެން، އެ ކުއްޖާގެ ބުރިކަށީގައި އެ ކަރުދާސްކޮޅު ތަތްކުރި ކުއްޖާ ހޯދުމުގެ ގޮތުން ކުދިންނާ ސުއާލުކުރަން ފެށިއެވެ. އެ ކުއްޖާ ހޯދައި، އޭނާއަށް ނަސޭހަތްތެރިވުމުގެ ގޮތުންނެވެ…

މި ވާހަކައިން ލިބޭ އިބުރަތަކީ ކޮބައިހެއްޔެވެ؟ އެ ކުއްޖާއަށް އޭނާގެ ބުރިކަށީގައި ތަތްކޮށްފައި އޮތް ކަރުދާސްކޮޅު ފެނުނު ނަމަ ކަންތައް ވެދާނެ ގޮތަކާ މެދު ވިސްނާލުން މުހިއްމެވެ. އޭނައަށް އެކަން އެނގުނު ނަމަ، އޭނައަށް ވެސް، އޭނައަކީ 'ގަބު' ކުއްޖެއް ކަމަށް ހީވެ، މައްސަލަ ހައްލުކުރަން ކުރިމަތިލާން ޖެހިލުންވެދާނެއެވެ. އަދި، ހުރިހާ ކުދިން އޭނާއާ ދިމާއަށް އޭނައަކީ 'ގަބެކޭ' ކިޔައި އޭނައަށް ވެސް އޭނައަކީ ގަބު ކުއްޖެކޭ ހީވާން ފަށާފާނެއެވެ.

ހަޔާތުގެ ކަންތައް ވެސް، ވަރަށް ގިނަ ފަހަރު، އޮންނަނީ މި ކަހަލަ ގޮތަކަށެވެ. ތިމާ ކަމެއް ކުރަން ކުރިމަތިލާން އުޅޭއިރު، އެކަން ނުވާނޭ ކަމަށް ބުނެ ކުރިމަރާ މީހުން އުޅޭނެއެވެ. އެ ފަދަ މީސްމީހުންގެ ވާހަކަ އަޑުއަހަން ވެއްޖެ ނަމަ، ތިމާ ކުރަން އުޅޭ ކަމެއް އޮންނާނީ ނުވެފައެވެ. ނަމަވެސް، އެފަދަ މީސްތަކުންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން، ތިމާ ކުރަން ބޭނުން ކަމެއް ކުރަންވީއެވެ. އޭރުން، އެ ކުއްޖާ، އޭނާގެ 'ގަބުކަން' ނުދެކި، އެކަމާ އަޅާނުލައި، ހިސާބުގެ މައްސަލަ ހައްލުކުރި ފަދައިން، ތިމާ ބޭނުންވާ މާ ބިނދެވި، އެ މަލުން، މާމެލާމެލީގެ ބަގީޗާއެއް އުފައްދާލެވި، ތިމާ އެދޭ ހުވަފެން ހަގީގަތަކަށް ހަދާލެވޭނެއެވެ.

(ދިވެހިކޮށްލުމެއް)