ވާރޭގެ ތިކިތައް ގެންދެއޭ ފެންވަރުވަމުން އޭނާ
ފާރެއްގެ ކައިރީގައި ހުރީ، ހިނިތުންވަމުން އޭނާ
ބިއްލޫރި ފަށްފަށް ހެން ވެހޭ ތިކިތައް ބޮލަށް އެ އޮހޭ
ވިއްސައިލައޭ ކަނދުރާ ބޮލާ ހަލުވައިލަމުން އޭނާ
ވައިރޯޅި ފަހަތުން ވާރެއާ އެކުގައި އައިސް ޖެހުމުން
ގައިގައި، ނަށައިލާން ފަށައެ ބަނޑިބަނޑި ލައްވަމުން އޭނާ
ވައިރޯޅި ދެ އަތުން ކޮށްލުމުން ކުދިކުދި ސަމާސާތައް
ފައި ނޫފުރައި ހުރެ ތެޅިފޮޅޭ އަތްފޮޅުވަމުން އޭނާ
ވާރޭގެ ތާލަށް ހިނދުހިނދުން ލައްވައިލައޭ ނަށަމުން-
ރާގެއް، ދެ ތުންފަތް ލަސްލަހުން ދުރުކޮށްލަމުން އޭނާ
އެއްލިއްޖެއޭ އާ ފަތްފުށެއް ހުއްޓައިލުމުން ވާރޭ
ގެއްލިއްޖެއޭ އާ މަންޒަރުން ގޮސް ފުސްވަމުން އޭނާ
ވާރޭތެރޭ ގަހެކޭ ނެށީ ފެނުނީ ހިތުގެ ރާނީ
ޝާހިދު ލޮލަށް ހިތް އަބަދު ދާތީ ދައްކަމުން އޭނާ