Support Us

ކޮލަމް ކޯދު: އިންތިގާއީ އިންސާފާ ބެހޭ ގޮތުން މީހުން ބުނާ ބައެއް ވާހަކަ

އިންތިގާއީ އިންސާފު (ސިލެކްޓިވް ޖަސްޓިސް) އާ ބެހޭ ގޮތުން މީހުން ބުނާ ބައެއް ވާހަކަ ބުނުމުގެ ކުރިން، އިންތިގާއީ އިންސާފުގެ މާނައާ މެދު އެއްޗެއް ބުނަން ޖެހެއެވެ. އޭގެ މާނަ ރަނގަޅަށް ސާފުވެދިޔުމަށްޓަކައެވެ.

އިންތިގާއުގެ މާނައަކީ ހޮވުމެވެ. ބައެއްގެ ތެރެއިން ނުވަތަ އެއްޗެހި ތަކެއް ތެރެއިން މީހަކު ނުވަތަ އެއްޗެއް ހޮވުމެވެ. މިސާލަކަށް ކުރެހުމުގެ މައުރަޒަކަށް ގޮސް، ވަކި ކުރެހުމެއް ހޮވައި ނެގުމަކީ އިންތިގާއުކުރުމެވެ. ހަނޑުލުގެ ކުނިބުނި ނަގައި ރީތި ހަނޑުލާ ވަކިކުރުމަކީ ވެސް އިންތިގާއު ކުރުމެވެ. ކުށްކުރި ޖަމާއަތެއްގެ ތެރެއިން ވަކި މީހަކު ހޮވައި ނެގުމަކީ ވެސް އިންތިގާއު ކުރުމެކެވެ.

އެހެންވެ، އަދުލު އިންސާފުގެ ދާއިރާގައި 'އިންތިގާއީ އިންސާފޭ' ނުވަތަ 'އިންތިގާއީ އަދާލަތޭ' ބުނުމުން ގަސްދުކުރެވޭ މާނައަކީ ބަޔަކު ކުށަކަށް އަރައިގަތުމުން، އޭގެ ތެރެއިން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒު ކުރެވި އެ މީހަކުގެ ނުވަތަ އެ ބަޔަކުގެ މައްޗަށް ގާނޫނު ހިންގާލުމެވެ.

ގާނޫނުގެ ކުރިމަތީ އެންމެންނަކީ ހަމަހަމަ ބައެއްކަން ރަމްޒުކޮށްދޭ ތިލަފަތުގެ ކައިރީގައި ކަނު ބަނދެވިފައިވާ މީހަކު ހުރޭ ނޫން ހެއްޔެވެ؟ މި ރަމްޒުގެ މާނައަކީ ގާނޫނަކީ ވަކި މީހަކަށް ބެލުމެއް ނެތި އެންމެންގެ މައްޗަށް ވެސް ހަމަހަމަ ގޮތެއްގައި ހިންގާލެވޭ އެއްޗެއް ކަމެވެ. އާދެ ގާނޫނުގެ ލޮލަކީ އިންތިގާއީ ސިފައެއްގައި މީހުންނަށް ބަލާ ލޮލެއް ނޫނެވެ. ގާނޫނުގެ ކުރި މައްޗަށް ކުށަކަށް ތުހުމަތު ކުރެވޭ މީހަކު ގެނައުމުން، ގާނޫނުގެ ލޯ އެއީ ކާކުތޯ ބަލާކަށް ނޫޅެއެވެ. ގާނޫނަށް މުހިއްމު ވަނީ، ގާނޫނީ ގޮތުން އޭނާ ކުށްވެރިވޭތޯ ބެލުމެވެ. ގާނޫނީ ގޮތުން އޭނާ ކުށްވެރިވުމަށް އަދުލު އިންސާފުގެ ކޯޓުގައި އޭނާގެ މައްޗަށް އުފުލޭ ތުހުމަތާ ގުޅޭ ހެކިތަކުގެ އަލީގައި އޭނާ ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ބަލައި، އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، އޭނާއަކީ ކުށްވެރިއަކު ކަމުގައި ނިންމައި އެކަމުގެ އަދަބު އޭނާގެ މައްޗަށް ކަނޑައަޅައި އެ އަދަބު އޭނާގެ މައްޗަށް ހިންގާލަން އަމުރު ކުރުމެވެ. މިކަންކަން ކުރަނީ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މީހާގެ މޫނަށް ބެލުމެއް ނެތިއެވެ. އާދެ، އޭނާއަކީ ކޮންމެ މީހަކަށް ވިޔަސް ވެހެވެ. ފަގީރަކަށް ނޫނީ މުއްސަނޖަކަށް، އާންމުންގެ މީހަކަށް ނޫނީ ޚާއްސުންގެ މީހަކަށް، ޖާހެއް ނެތް ދެރަ ނިކަމެއްޗަކަސް ނޫނީ ޖާހު މަތިވެރި ގަދަރުވެރި މީހަކަށް ވިޔަސް ވެހެވެ. އާދެ، ގާނޫނީ ގޮތުން އެންމެން ހަމަހަމަކަން ރަމްޒުކޮށްދޭ ތަސްވީރުގައި ހިމެނޭ ކަނުބަނދެފައިވާ މީހާ ބުނެދޭ ވާހަކައަކީ މިއެވެ.

ނަމަވެސް، މިއާ ޚިލާފަށް، ގާނޫނު ހިންގާލުމުގައި، ކުށަށް އަރައިގަތުމުގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅި އޭނާ ގާނޫނުގެ ކުރިމައްޗަށް ހާޒިރު ކުރެވޭ ހިނދު، ގާނޫނުގެ ލޮލަށް އޭނަ ފެނި، އޭނާ ވަކި މީހަކަށް ވުމުން، ނުވަތަ ނުވުމުން، އޭނާ ކުށްވެރިކުރަން ނުވަތަ ނުކުރަން ގާނޫނަށް ފެނިއްޖެ ނަމަ، އެކަން ވާނީ އިންތިގާއީ ސިފައެއްގައި ގާނޫނު ހިންގާލުމަކަށެވެ. އާދެ، އިންތިގާއީ އިންސާފުގެ ނުވަތަ އަދާލަތުގެ (ސިލެކްޓިވް ޖަސްޓިސްގެ) މިސާލަކަށެވެ.

އިންތިގާއީ އިންސާފުގެ މާނައިގެ މައްޗަށް ބަލާލާއިރު، އެކަމާ ގުޅުން ހުރި މުހިންމު ވާހަކައެއް ލިޔެލަން ޖެހެއެވެ. ގާނޫނުތައް ހިންގާލެވެންވާނީ އިންތިގާއީ ސިފައެއްގައި ނޫންކަމާއި އެކަން ކުރަން ޖެހޭނީ އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައިކަމަށް އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގައި ބާރު އަޅައިފައިވާވަރު ބަޔާން ކޮށްދޭ ބަޔާންކޮށްދިނުމުގެ މައްޗަށެވެ. މިކަމާ ގުޅޭ އިސްލާމީ ޝަރިއަތުގެ ތިން ނައްސެއް މިތާ ލިޔެން ގަސްދުކުރަމެވެ.

އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވޭ އިރު، އޭގެ ތެރެއިން ފުރަތަމަ ބައި، އާދެ، 'ދީނީ' ބައި، ގުޅެނީ ފަރުދީ އިސްލާހާއެވެ. ދެވަނަ ބައި ގުޅެނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމާއެވެ. މި ބިނާކުރުން އަސާސީ ގޮތެއްގައި ގުޅެނީ އެންމެންގެ ހަމަހަމަކަމާއި އަދުލު އިންސާފާއެވެ. އާދެ، މުޖުތަމައުގެ އިސްލާމީކަން އަންނަނީ މުޖުތަމައަކީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ކަންކަން ގާއިމުކުރެވިގެންނެވެ.

އަދުލު އިންސާފުގެ މައްޗަށް ކަންކަން ގާއިމު ކުރުމުގެ އަހައްމިއްޔަތު ބަޔާންކޮށް ދިނުމުގެ ގޮތުން ކީރިތި ގުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. إن الله يأمر بالعدل… (މާތްﷲ އަމުރުފުޅު ކުރައްވަނީ އަދުލުވެރިވުމަށެވެ.) އާދެ، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތަކުގެ ތެރެއިން މުޖުތަމައުގެ ކަންކަން ރާވައި ހިންގުމާ ބެހޭ އާޔަތުގެ މައިަނޑު މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުމެވެ. މިއާޔަތުގެ މުހިއްމު ކަމަށްޓަކައި، މިކަން ހަނދާން ކޮށްދިނުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި މިއާޔަތް ކިޔެވެއެވެ.

އަދުލު އިންސާފުގެ މުހިއްމުކަން ބަޔާން ކޮށްދޭ އަނެއް އާޔަތަކީ އަލްމާއިދާ ސޫރަތުގެ އަށް ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ لا يجرمنكم شنآن قوم على ألا تعدلو اعدلو هو أقرب للتقوى (ބަޔަކާ މެދު ދުޝްމަނުކަން އޮތުމަކީ އެ މީހުންނާ މެދު އަދުލުވެރިވުމަށް ހުރަސްއަޅާ ކަމެއް ކަމުގައި ވިޔަ ނުދޭށެވެ. (އެމީހުންނަށް ވެސް) އަދުލުވެރިވާށެވެ! އަދުލުވެރިވުން ތަގުވާވެރިވުމާ ގާތްވެގެން ވެއެވެ.

މިއާޔަތުން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ؟ މައިގަނޑު ދެ ކަމެކެވެ. ފުރަތަމަކަމަކީ ތިމާމެން ނުރުހޭ ބަޔަކާ މެދުވެސް ކަންތައް ކުރަން ޖެހޭނީ އަދުލުވެރިކަމާއެކުގައެވެ. މިއިން އިޝާރަތްކުރަނީ އެންމެނާ މެދު ވެސް އަދުލުއިންސާފަށް ކަންތައް ކުރަން ޖެހޭނޭ ކަމެވެ. ދެވަނަ ކަމަކީ މާތްﷲއަށް ބިރުވެތިވެ، އެކަލާނގެއާ ކުއްތަންވާން އެދޭ ނަމަ، އަދުލުއިންސާފަށް އެންމެނާ މެދު ވެސް ކަންތައް ކުރަން ޖެހޭނެ ކަމެވެ.

ތިންވަނަ ނައްސު ގުޅެނީ ކީރިތި ރަސޫލާގެ ހަދީސްފުޅަކާއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ لو أن فاطمة بنت محمد سرقت لقطعت يدها (މުހައްމަދުގެފާނުންގެ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރައްވައިފި ނަމަވެސް، އެ ކަމަަނާގެ އަތްޕުޅު ވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ.) މި ބަސްފުޅާއެވެ. އާދެ، ޝަރީއަތުގެ ހުކުމްތައް ހިންގަވާލެއްވުމުގައި މީސްތަކުންގެ މެދުގައި އެއްވެސް ތަފާތުކަމެއް ނެތި އެކަން ކުރަން ޖެހޭނޭކަން މި ހަދީސްފުޅުން ވަރަށް ވެސް ސާފުކޮށް އެނގެއެވެ.

މި ނަންގަތް ތިން ނައްސުން، އިސްލާމީ ޝަރިއަތުގެ ތައުލީމާތުތަކުގައި އަދުލު އިންސާފަށް ދެވިފައިވާ މަގާމައި އެކަމުގެ އަހައްމިއްޔަތު ފާހަގަވެގެންދެއެވެ. އާދެ، ކުރިން ވެސް ނަންގަތް ފަދައިން މުޖުތަމައުގެ އިސްލާމީ ހުވިއްޔަތު ފެނިގެންދަނީ ހަމަހަމަކަމާއި އަދުލު އިންސާފު، މި ދެކަންތައް މުޖުތަމައުގައި ހިންގާލެވިގެންނެވެ.

ދެން، އިންތިގާއީ އިންސާފާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބައެއް ވާހަކަތައް އަޑުއަހާލަމާތޯއެވެ.

  1. ހޮވާލެވޭ ވަކީ ބައެއްގެ މައްޗަށް ހިންގާލެވޭ ގާނޫނަކީ ގާނޫނަކަށް ނުވެއެވެ. އިންތިގާއީ އިންސާފަކީ އިންސާފެއް ނޫނެވެ. އެއީ ބޭއިންސާފެކެވެ.
  2. ކުށެއްގައި އެތައް ބަޔަކު ޝާމިލުވާއިރު، ވަކި މީހަކު ގާނޫނުގެ ކުރި މައްޗަށް ގެނެސް އަދަބު ދިނުމަކުން އަދުލު އިންސާފު ގާއިމުކުރެވުނީ ކަމުގައި ނުބެލެވެއެވެ. ކުށުގައި ހިމެނޭ އެހެން އެންމެން ވެސް ގާނޫނުގެ ކުރިމައްޗަށް ނުގެނެވޭ ހިނދު، އެކަންވާނީ އިންތިގާއީ އިންސާފަކަށެވެ. އިންތިގާއީ އިންސާފަކީ އިންސާފެއް ނޫނެވެ. ބޭއިންސާފެކެވެ.
  3. ވަރަށް ގިނަ ފަހަރު، އަހަރުމެން އިންސާނުންނަށް ލިބިފައި އޮންނަނީ އިންތިގާއީ އިވުމަކާއި އިންތިގާއީ ފެނުމެކެވެ. އަހަރުމެންނަށް އިވެނީ އަހަރުމެން އަޑުއަހަށް ބޭނުންވާ އެއްޗެކެވެ. އަދި އަހަރުމެންނަށް ފެންނަނީ އަހަރުމެން ބަލަން ބޭނުންވާ އެއްޗެކެވެ. މިފަދައިން އަހަރުމެންގެ އިވުމާއި ފެނުން ހުންނަ ކަމަށް ވަންޏާ އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ގާނޫނުތައް ހިންގާލެވޭނީ ކިހިނެއް ހެއްޔެވެ؟
  4. އިންސާފަކީ އޮންނަން ޖެހޭނެ އެއްޗެކެވެ. ފަހަރެއްގައި މި ދުނިޔޭގައި އިންސާފެއް ނުލިބި ހިނގައިދާނެއެވެ. ނަމަވެސް، އާޚިރަތުގައި އިންސާފު ލިބޭނެއެވެ. އިންސާފަކީ މިއަދު ވިޔަސް ނޫނީ ފަހުން ވިޔަސް، ލިބެންޖެހޭ އެއްޗަކަށް ވާތީ އާޚިރަތް ދުވަހެއް ވެސް އޮންނަން ޖެހެއެވެ. އަދި، އެ ދުވަހުން، އަނިޔާ ލިބުނު މީހުންނަށް ނިޔާ ހޯދައިދޭނޭ ފަރާތެއް ވެސް އޮންނަން ޖެހެއެވެ. އާދެ، ދުނިޔެމަތީ އަނިޔާއާއި ބޭއިންސާފު އޮންނަ އިރު، މިކަން، އެކަންކަން ހަމައަކަށް އަޅުވައިދޭނޭ ދުވަހަކާއި ފަރާތެއް އޮންނަން ޖެހޭކަން ލާޒިމުކުރުވައެވެ. މާތްﷲ ވޮޑިގެންވުމާއި އާޚިރަތް ދުވަސް އޮތުން މަޖުބޫރު ކުރުވައެވެ. އެހެން ނޫން ނަމަ، އިންސާފުވެރި ގޮތެއްގައި ކަންކަން ނިންމުމުގެ ބޭނުމެއް ނެތެވެ. ހެވާއި ނުބައިގެ އާއި ރަނގަޅާއި ނުރަނގަޅުގެ ތަފާތެއް ވެސް ނެތެވެ.
  5. އިންސާފުވެރިކަމަކީ ދައުލަތްތައް ދިރިހުރުމަށް ބޭނުންވާ ކާނާއެވެ. ތަނެއްގައި އިންސާފުވެރިކަން ނެތިއްޖެ ނަމަ، އެ ތަނެއް ހަލާކުވެ ބަރުބާދުވެދެއެވެ. އެކަމުގެ ނުބައި އަސަރު ކުރަނީ ބޭއިންސާފުން ކަންތައް ކުރާ މީހުންނަށް އެކަންޏެއް ނޫނެވެ. ބޭއިންސާފުން ކަންތައް ކުރާތަން ފެންނައިރު، އެކަމާ އަޅާނުލާ އެއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ އަތް އުރާލައިގެން ތިބޭ މީހުންނަށް ވެސް އެކަމުގެ އަސަރު ކުރެއެވެ. އާދެ، ތަނެއްގައި ބޭއިންސާފު އާންމުވެއްޖެ ނަމަ، އެކަމުގެ ނުބައި އަސަރު އެންމެނަށް ކުރެއެވެ. ބޭއިންސާފުން ކަންތައް ކުރާ މީހުންނަށް އެކަމުގެ ނުބައި އަސަރު ކުރަނީ ބޭއިންސާފުން ކަންތައް ކުރާތީއެވެ. އެެހެން މީހުންނަށް އެކަމުގެ ނުބައި އަސަރު ކުރަނީ އެކަމާ އަޅާ ނުލައި އެއްޗެއް ނުބުނެ ތިބެ، ބޭއިންސާފުން ކަންތައްކުރާ މީހުންނަށް އެކަން އެ ގޮތަށް ކުރުމުގެ މަގުފަހިކޮށްދޭތީއެވެ.
  6. އިންސާފުވެރި ގޮތުގައި ކަންކަން ނިންމުމުން، ހެޔޮ ލަފާ މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބެއެވެ. ނަމަވެސް، އެކަމުގެ ސަބަބުން، ނުބައި ނުލަފާ ޝިއްރީރުންގެ ހިތްތައް، ނުތަނަވަސްވެގެން ދެއެވެ.