Support Us

ރ. ކަނދޮޅުދޫއަށް ސުނާމީ އަރައި، ރަށުތެރޭގައި ލޮނުގަނޑު ފެތުރެނީ

ސުނާމީ ކާރިސާ-2004 ގެ ވަގުތުފީތާ އާއި ޚާއްޞަ ބައެއް މަޢުލޫމާތު

ތިރީގައި މިވަނީ 2004 ޑިސެމްބަރު 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ވަގުތުފީތާ އާއި ޚާއްޞަ ބައެއް މަޢުލޫމާތެވެ.

26 ޑިސެންބަރު 2004

05:59- އިންޑިނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ކަނޑުގެ 10 މީޓަރު އަޑިއަށް 9.3 ގެ ބާރުމިނުގެ ބިންހެލުމެއް އައެވެ. މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުބާނިތައް ދަތުރުކުރަމުން އައީ ރާއްޖޭގެ އިރުމަތިން އިންޑިއާ ކަނޑުން ގަޑިއަކު 800 ކިލޯ މީޓަރުގެ ބާރު މިނުގައެވެ.

09:20- ދިވެހިރާއްޖެއަށް ސުނާމީގެ އަސަރުކުރިއެވެ. ރާއްޖޭގެ އެކި ރަށަށް ސުނާމީ އެރި ވަގުތު ތަފާތެވެ. ސުނާމީގައި ރާއްޖެއިން 82 މީހުން މަރުވެ، 26 މިހުން ގެއްލުނެވެ. 15000 މީހުންގެ ގޯތިގެދޮރު ގެއްލުނެވެ. 22000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. ރާއްޖޭގައި މީހުން ދިރިއުޅުނު 200 ރަށުގެ ތެރެއިން 191 ރަށަށް ސުނާމީ އެރިއެވެ.

09:30- ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޑިފެންސް މިނިސްޓަރ އިސްމާޢީލް ޝަފީޢު އަދި ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޒާހިރު މާލޭގެ އެކި ސަރަޙައްދުތަކަށް ޒިޔާޒަތް ކުރައްވައި ރާޅު އެރުމުން ލިބުނު ގެއްލުންތައް ބައްލަވާލެއްވިއެވެ.

11:00- ވަޒީރުންގެ މަޖިލިހުގެ ކުއްލި ބައްދަލުވުމެއް ބޭއްވެވިއެވެ. މި ކާރިސާއާ ގުޅިގެން ވަޒީރުންގެ ކޮމެޓީއަކާއި ޓާސްކް ފޯހެއް އުފެއްދެވިއެވެ. ޓާސްކް ފޯސް ލީޑްކުރީ ސިފައިންނެވެ. ސިފައިންގެ އެލާޓް ސްޓޭޓަސް ބަދަލުކޮށް ހުރިހާ ސިފައިން ތައްޔާރީ ހާލަތަށް ގެނައެވެ.

13:00- އިސްކަންދަރު ސްކޫލަކީ ސުނާމީ ރިލީފް މަސައްކަތް ހިންގާ މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސަވައި މަސައްކަތް ފެށްޓެވިއެވެ. ސުނާމީ ރިލީފް އޮޕަރޭޝަން ސިފައިން ފެށިއެވެ. މާލޭގައި ރިލީފް ކޭމްޕްތަކުގެ ގޮތުގައި ބައެއް ސްކޫކުތައް ހަމަޖައްސައި މާލެ އަތޮޅުން މާލެއައި ފަރާތްތަކަށް ޚިދުމަތް ދޭންފެށިއެވެ.

27 ޑިސެންބަރު 2004

މުއްދަތެއް ކަނޑަނާޅައި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވިއެވެ.

މުއާސަލާތީ ޚިދުމަތް ކެނޑިފައިވާ ރަށްރަށަށް ކޯސްޓްގާޑްގެ ލޯންޗްފަހަރުގައި ސިފައިން ދަތުރުކޮށް މާލެއަށް ކޯސްޓްގާޑުގެ ސެޓު މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮދޭން ފެށިއެވެ.

ނިޔާވި މީހުން ވަޅުލުމާއި ހާލުގައި ޖެހިފައިވާ ރަށްރަށް ސާފުކޮށްދިނުމުގައި ރައްޔިތުންނާއެކު ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ.

28 ޑިސެންބަރު 2004

21:00- ދިވެހިރާއްޖޭގައި ކާރިސާގެ ކުއްލި ހާލަތު އިޢުލާންކުރިއެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ 13 ރަށަކީ:-

  1. ހއ. ފިއްލަދޫ
  2. ރ. ކަދޮނޅުދޫ
  3. މ. މަޑިފުށި
  4. މ. މުލި
  5. މ. ނާލާފުށި
  6. މ. ކޮޅުފުށި
  7. ދ. ރިނބުދޫ
  8. ދ. ގެމެންދޫ
  9. ތ ވިލުފުށި
  10. ތ. މަޑިފުށި
  11. ލ. ކަޅައިދޫ
  12. ލ. މުންޑޫ
  13. ލ. ދަނބިދޫ

ސުނާމީއާ ގުޅިގެން އެންމެ ފުރަތަމަ މީހުން ފޭބީ ފަސް ރަށަކުންނެވެ.

  1. ރ. ކަނދޮޅުދޫ
  2. ތ. ވިލުފުށި
  3. ދ. ގެމެންދޫ
  4. މ. މަޑިފުށި
  5. ލ. ކަޅައިދޫ

މީގެ ތެރެއިން އަލުން މީހުން އާބާދުކުރީ ހަމައެކަނި ތ. ވިލުފުށީގައެވެ. މީ ސޭފް އައިލެންޑް ކޮންސެޕްޓަށް ބިނާވެށި ޕްލޭންކޮށް މީހުން އާބާދުކުރެވުނު ރަށެކެވެ.

މީހުން ބަދަލުކުރިއިރު ރ. ކަނދޮޅުދޫ މީހުން ބަދަލުކުރުމަށް ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ރ ދުވާފަރު ތަރައްޤީކުރެވުނެވެ.

މީގެ އިތުރުން ސުނާމީ ކާރިސާއަށްފަހު އިތުރު އެހެން ރަށްތަކަކުން މީހުން އެހެން ރަށްެރަށް ބަދަލުކުރިއެވެ.

އޭގެތޭގައި..

  1. ހއ. ހަތިފުށި (2007)
  2. ހދ. ކުނބުރުދޫ (2011)
  3. ހދ. މާވައިދޫ (2011)
  4. ހދ. ފަރިދޫ (2011)
  5. ލ. ގާދޫ (2016)، ހިމެނެއެވެ.
  • ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ހިޔާތައް އަޅައިދިނުމުގެ މަސައްކަތް ފެށުނެވެ. އަދި ގެއްލުން ލިބުނު ސްކޫލުތަކާއި ޞިއްޙީ މަރުކަޒުތައް މަރާމާތުކޮށްދޭން ފެށުނެވެ. މިގޮތުން އަލަށް 8 ސުކޫލެއް އަޅައި 82 ސުކޫލެއް މަރާމާތުކުރެވުނެވެ. އަދި ޞިއްޙީ ޚިދުމަތްދޭ 24 ތަނެއްގެ ޚިދުމަތް މެދު ކެނޑިފައިވަނިކޮށް ޚިދުމަތް ދެވޭގޮތް ހެދިއެވެ.

– ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު ތިން ފަތުރުވެރިން މި ކާރިސާގައި މަރުވިއެވެ. އަދި 21 ރިސޯޓެއް ވަގުތީގޮތުން ބަންދުކުރަން ޖެހުނެވެ.

– މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ 151 އުޅަނދަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

– ސުނާމީ ކާރިސާއާ ގުޅިގެން ސިފައިންގެ އާސްރާތުކުރާ ޓީމުތައް އެންމެ ފުރަތަމަ ހަރަކާތްތެރިވި 13 ރަށަކީ:-

  1. މ. ކޮޅުފުށި
  2. މ.މުލި
  3. މ. ނާލާފުށި
  4. ތ. މަޑިފުށި
  5. ލ. ފޮނަދޫ
  6. ލ. ގަން
  7. ލ. މާބައިދޫ
  8. ލ. އިސްދޫ
  9. ގއ. ދާންދޫ
  10. ގއ. މާމެންދޫ
  11. ގއ. ނިލަންދޫ
  12. ގއ ވިލިނގިލި
  13. ނ. މާފަރު

– ސިފައިން ޤާއިމުވެ ތިބެ ޚިދުމަތް ދިނުމަށް ހަތް ސަރަޙައްދެއްގައި ފޯވަރޑް ކޯޑިނޭޝަން ސެންޓަރުތަކެއް ހަދައި ޚިދުމަތް ދިނެވެ. ސަރަޙައްދީ މަރުކަޒުތައް ޤާއިމުކުރި ރަށްރަށަކީ:-

  1. ހދ. ހަނިމާދޫ
  2. ރ. އުނގޫފާރު
  3. މ. މުލަކު
  4. ދ. ކުޑަހުވަދޫ
  5. ތ. ވޭމަންޑޫ
  6. ލ. ކައްދޫ
  7. ގދ. ކާޑެއްދޫ

– ސުނާމީ ކާރިސާގައި ދިވެހި ސިފައިންނާ ގުޅިގެން އެންމެ ފުރަތަމަ އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދިނީ ބޭރުގެ ފަސް އަސްކަރިއްޔާއަކުންނެވެ. އެއީ:-

  1. އިންޑިޔާ ސިފައިން
  2. ބަންގްލަދޭޝް ސިފައިން.
  3. ޕާކިސްތާން ސިފައިން.
  4. ފްރާންސްގެ ކަނޑުގެ ސިފައިން.
  5. އެމެރިކާގެ ކަނޑުގެ ސިފައިން.

ސުނާމީ ކާރިސާގައި ނިޔާވި އެންމެހާ އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *