Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބަކަރި ހުއިހައްޕާ މީހާއާއި ސިޔާސީ ވެރިޔާ

އެއް ދުވަހަކު ބަކަރި ހުއިހައްޕާ މީހާ އޭނާގެ ކަންބަޅިތައް ގޮވައިގެން ދަނޑުގައި ބަކަރި ހުއިހައްޕަން އުޅެނި ވަރަށް ވެސް ރީތި އަގު ބޮޑު ކާރެއްގައި މީހަކު އައެވެ. ދެން، އެ މީހާ ބަކަރި ހުއިހައްޕަން އުޅޭ މީހާއަށް ގޮވައި ގެނައެވެ.

އޭނާ އައުމުން، ކާރުގައި އައި މީހާ ބުންޏެވެ. "ބޭބޭއެވެ! ބޭބެ ގެންގުޅެނީ ކިހާ ބަކަރިއެއްކަން އަހަރެން ބުނެ އެ އަދަދު ދިމާކޮށްފި ނަމަ، ބޭބެގެ ބަކަރިތަކުން ބަކަރިއެއް އަހަންނަށް ދޭނަން ހެއްޔެވެ؟" ދެން ބަކަރި ހުއިހައްޕާ ބޭބެ، އޭނަގެ ދަނޑުގައި ވިނަ ކާން ތިބި ބަކަރީގެ އަދަދު ދިމާކޮށްފި ނަމަ، ކާރުގައި އައި މީހާއަށް ބަކަރިއެއް ދޭނަމޭ ބުންޏެވެ.

އެ ވަގުތު ކާރުގައި އައި މީހާ އޭނާގެ ކާރުން ކުޑަ އިލެކްޓުރޯނިކް އާލަތެއް ނަގައި އެ ހުޅުވައިގެން، އެއިން ދަނޑުގައި ތިބި ބަކަރިތަކާ ދިމާކޮށް، ހިސާބުތަކެއް ހެއްޖެވެ. އަދި އެއަށް ފަހު، ދަނޑުގައި 846 ބަކަރި ތިބި ކަމަށް ކާރުގެ ވެރިޔާ ބުންޏެވެ.

ދެން، ބަކަރިތަކުގެ ވެރިޔާ، ކާރުގައި އައި މީހާ ގާތު އޭނަ ބަކަރީގެ އަދަދު ދިމާކޮށްފި ކަމުގައި ބުންޏެވެ. އަދި، ދަނޑުގައި ހުރި ބަކަރިތަކުގެ ތެރެއިން އޭނާ ބޭނުން ބަކައްޓެއް ނަގައިގެން ގެންދަން ބުންޏެވެ. އަދި، ކާރުގައި އައި މީހާ ހުރިހާ ބަކަރިތަކެއް ބެލުމަށް ފަހު، އޭނާ ގަޔާވި ބަކައްޓެއް ހޮވައި ނަގައި އޭނާގެ ކާރުގެ ފަހަތަަށް ލިޔެވެ.

މި ހިސާބުން، ބަކަރި ހުއިހައްޕާ މީހާ ކާރުގެ ވެރިޔާއާ ވެސް ސުއާލެއް ކުރިއެވެ. "މަނިކުފާނު ކުރައްވަނީ ކޮން މަސައްކަތެއްކަން އަޅުގަނޑު ބުނެފި ނަމަ، އަޅުގަނޑުގެ ބަކަރި އަނބުރާ އަޅުގަނޑަށް ދެއްވާނަން ހެއްޔެވެ؟"

ކާރުގެ ވެރިޔާ ވަރަށް ހަމަޖެހިލައިފައި ދޭނަމޭ ބުނުމުން، ބަކަރި ހުއިހައްޕާ ބޭބެ ބުންޏެވެ. "މަނިކުފާނަކީ ސިޔާސީވެރިއެކެވެ. މަނިކުފާނު މަސައްކަތް ކުރައްވަނީ ސިޔާސީ މައިދާނުގައެވެ."

ކާރުގެ ވެރިޔާ ކުޑަކޮށް ހައިރާންވެލައިފައި ބުންޏެވެ. "ތިއީ ހަމަ ތެދެކެވެ. ނަމަވެސް، އަހަރެން އަދި އެއް ސުއާލު ކޮށްލަން ބޭނުމެވެ. އަހަރެންނަކީ ސިޔާސީ ވެރިއެއްކަން ބޭބެއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟"

ދެން އެ ބޭބެ ބުންޏެވެ، "އެއީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެކަން އެނގުނީ މަނިކުފާނުގެ ކިބައިން ފާހަގަވި ދެ ސިފައަކުންނެވެ. ފުރަތަމަ ސިފައަކީ އާންމު ރައްޔިތުންގެ މުދަލަކީ ތިމާގެ އަމިއްލަ އެއްޗެކަން ދެކި، ކޮންމެ ގޮތަކުން ވެސް އެ ހޯދުމަށް މަނިކުފާނު ދަހިވެތިވެ ވަޑައިގެންފައިވާ ކަމެވެ. އަދި، އެއްވެސް، ލަދެއް ހަޔާތެއް، ނެތި، އަދި އެހެންމެ، ކުޑަވެސް ޖެހިލުމެއް ނެތި، އެކަން ކުރަން އުޅުމެވެ. މަނިކުފާނު މިއަދު އަޅުގަނޑުގެ ބަކަރީގެ ތެރެއިން ބަކައްޓަކަށް ދަހިވެތިވެ ވަޑައިގަތުމުން، އަންގާލެއްވުމެއް ނެތި އަޅުގަނޑުގެ ދަނޑަށް ވަޑައިގެން، ކޮންމެ ވެސް އެއްޗެއް ކިއުއްވާފައި އަޅުގަނޑުގެ ބަކައްޓެއް ތިޔަ ގެންދަވަނީ ނޫންތޯއެވެ. މިއީ މަނިކުފާނަކީ ސިޔާސީ ވެރިއެއްކަން އަޅުގަނޑަށް އެނގުނު ފުރަތަމަ ސިފައެވެ.

ދެވަނަ ސިފައަކީ ހުރިހާ ކަމެއް އެނގޭ ކަމަށް މަނިކުފާނު ދައުވާ ކުރުމެވެ. ދަނޑުގައި ހުރި ބަކަރީގެ އަދަދު މަނިކުފާނަށް އެނގިވަޑައިގަތެވެ. ނަމަވެސް، މަނިކުފާނަކަށް ބަކަރިއާއި ކުއްތާ ވަކިކުރާކަން އެނގިވަޑައެއްނުގަތެވެ. ކަންބަޅިއެއް ކަމަށް މަނިކުފާނު އިޚްތިޔާރު ކުރެއްވީ އެ ކަންބަޅިތަކުގެ ފާރަވެރި ކުއްތާއެވެ! ކޮންމެއަކަސް، ސިޔާސީ ވެރިންނަކީ، ކަންކަމުގެ ހަގީގަތް އެމީހުންނަށް އެނގުނަސް ނޭނގުނަސް، އެކަންކަމުގެ ހަގީގަތް ހޯދުމުގެ ބޭނުމެއް ވެސް އޮތްކަމަށް ނުދެކި އެކަންކަން އެނގޭ ކަމަށް ދައުވާ ކުރާ މީހުންނެވެ. މިސާލަކަށް، ދުނިޔޭގެ ފައިސާގެ ބާޒާރުގައި ފައިސާގެ އަގަށް އަންނަ ބަދަލުތައް ގުޅިފައި އޮންނަނީ އިގުތިސާދީ ސަބަބުތަކާ ކަމަށް ވިޔަސް، އެއީ ކޮބައި ކަމެއް ބެލުމެއް ނެތި، ހިތަށް އެރި ގޮތަކަށް އެކަމާ ބެހޭ ވާހަކަ ދައްކަފާނެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ވެސް އެތައްއެތައް ކަންކަމަށް ރިއާޔަތް ކުރެވިގެން ކަމަށް ވިޔަސް، އެ ކަންކަމަކީ ކޮބައިކަން، އިމާރާތްކުރާ ފަންނީ މީހުން ކުރެން އަހައި އޮޅުންފިލުވުމެއް ނެތި، އެކަމާ ބެހޭ ވާހަކަތައް ވެސް ދައްކާނެއެވެ. އެހެންވެ، ކަންބަޅިއަކާއި ކުއްތާއެއްގެ ތަފާތު މަނިކުފާނަށް އެނގިވަޑައިގެން ނެތް ކަމަށް ވިޔަސް، ކަންކަން އެނގޭ ކަމުގެ ދައުވާ ކުރުމުގެ އެއްވެސް ޖެހިލުމެއް ނެތްކަން އަޅުގަނޑަށް ފާހަގަކުރެވުމުން، މަނިކުފާނަކީ ސިޔާސީ ވެރިއެއްކަން އަޅުގަނޑަށް ލަފާކޮށްލަން އެނގުނީއެވެ. ދެން، އެންމެ ރަނގަޅެވެ. މަނިކުފާނުގެ ކާރުކޮޅުން، އަޅުގަނޑުގެ ކުއްތާ ބާލައި ދަނޑަށް އެ ކުއްތާ ދޫކޮށްލާށެވެ!"