...

Support Us

ކޮލަމް މާޒީ: ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ހުރަވީ ދުވަސް

މިއަދަކީ ޤައުމީ މުހިންމު ދެ މުނާސަބަތެއް އެކުއެކީގައި ފާހަގަކުރާ މުހިންމު ދުވަހެކެވެ. އެއް މުނާސަބަތަކީ ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ދިވެހީންގެ ތެރެއިން ފާހަގަވި އެއްބައިވަންތަކަން ރަމްޒުކޮށްދީ ޤައުމީ އެއްބައިވަންތަކަން ދަމަހައްޓާން ބާރުއެޅުމުގެ ގޮތުން ފާހަގަކުރާ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ސުނާމީ ކާރިސާ ކުރިމަތިވި ދުވަސްކަމަށްވާ ޑިސެންބަރު މަހު 26ވަނަ ދުވަހުއެވެ.

މި ދެންނެވި ހިތާމަވެރި ހާދިސާ ދިވެހިންނަށް ކުރިމަތިވި ހިނދު، ދިވެހީންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ހިތްވަރެކެވެ. ފެނުނީ އާދަޔާ ޚިލާފު އެއްބައިވަންތަކަމަކާއި އެކުވެރިކަމެކެވެ. އަޅައިލުމާއި ލޯތްބާއި ސަމާހަތާއި އުޚުއްވަތްތެރިކަމެވެ. ގެދޮރާއި މުޅި ޢުމުރަށް ކުރި ބުރަ މަސައްކަތުން އެއްކުރެވުނު ހުރިހާ މުދަލެއް ގެއްލިފައިވާ އާއިލާތަކަށް ހިތްވަރުދިނުމަށް ކަމަރުބަދެލައިގެން ދިވެހީން ނުކުތް މަންޒަރެވެ. ދަރީންނާއި ޙަޔާތުގެ ބައިވެރީން އަބަދުގެ އަބަދަށް ގެއްލުނު ވަގުތު، އަތާއި އަތް ގުޅައިލައިގެން ދިވެހީންގެ ސަފުތައް ރުކުރުވައިލި އުފާވެރި މަންޒަރެވެ. އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ފަށައިގަތީ ވެއްޓުނު ވަޅުގަނޑުން އަރައިގަތުމަށް ޓަކައެވެ. ލިބުނު ހިތްދަތިކަމުން ސަލާމަތްވުމަށް ޓަކައެވެ. އަތާއި އަތް ޖޯޑުކޮށްގެންނެވެ. އާދޭހެވެ! އޯގާވެރިކަމާއި ލޯތްބާއި އެއްބައިވަންތަކަމާއެކުއެވެ. އާދޭހެވެ! މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވަމެވެ. އިޚުލާޞްތެރިކަމާއެކުގައެވެ.

ދެން މިއަދު ފާހަގަކުރާ އަނެއް ދުވަހަކީ ދިވެހިރާއްޖޭގެ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުމާދަލްއާޚިރާ މަހު ތިންވަނަ ދުވަހެވެ. މި އަހަރު މި ދެ ދުވަސް ވެސް މި ދިމާވަނީ އެއް ދުވަހަކާއެވެ. ޑިސެންބަރު މަހު 26 ވާ ހޯމަ ދުވަހާއެވެ.

ހުރަވީ ދުވަސް ފާހަގަކުރަނީ ހިޖުރައިން 12ވަނަ ޤަރުނުގެ ތެރޭގައި ހިނގި މުހިންމު ގައުމީ ހާދިސާއަކަށް ނިސްބަތަކޮށް ކަމަށް ވިޔަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރާން ފެށީ ދާދި މިދާކަށް ދުވަހުއެވެ. މީގެ ސާޅީސް އެތައް އަހަރެއްގެ ކުރީން ހިޖުރައިން 1400 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހު 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

ހިޖުރައިން 1166ވަނަ އަހަރު ޖުމާދަލްއާޚިރާ މަހު ތިނެއް ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވި ރެއެވެ. އެއީ އެ ތާރީޚެވެ. އެ ތާރީޚީ ހާދިސާއަށް ތިން ޤަރުނު ފުރޭން ދެން އޮތީ މަދު އަހަރުކޮޅެކެވެ. މި މުހިންމު ހާދިސާއާ ގުޅުވައިގެން ހުރަވީ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަނީ، އެ މަތިވެރި އަބުޠާލުގެ ޒިކުރާ އާކުރުމަށް ޓަކައެވެ. އެ ރަދުންނާއި އަދި ދިވެހި ޤައުމު ދެކެފައިވާ ޤައުމީ އަބްޠާލުންގެ މަތިވެރި ޚިދުމަތާއި ޤުރުބާނީ އަމަލީ ގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެ އަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ހިތްވަރު ދިވެހީންގެ ހިތްތަކުގައި ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ގޮތުންނެވެ.

ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، އިންޑިޔާގެ މަލަބާރީކަރައިގެ (ހޮޅީންގެ) ލަޝްކަރެއް މި ރާއްޖެ އައިސް، 13 ޞަފަރު 1166 (20 ޑިސެންބަރު 1752)ގައި ރަސްކަމުގެ ކޮއިލުގައި ހުޅުޖަހައި މާލޭގެ ބޮޑު ބައެއް އަންދައިލައި، އޭރު ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާނުލްމުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ރަހީނުކޮށްގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ "ވެރިކަމެއް" ޤާއިމުކުރިއެވެ.

އިންޑިއާގެ މަލާބާރީން ނުވަތަ ޢާންމު ބަހުންނަމަ ހޮޅީން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިން މަހާއި ވިހި ދުވަސްވީ ތަނާ މުލީގޭ ދޮންޙަސަން މަނިކުފާނާއި އެ މަނިކުފާނުގެ ބައިވެރީންނާ ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި މަސައްކަތްކުރައްވާން އެއްބަސްވެވަޑައިގަތެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ ތިނެއް ވީ އާދީއްތަ ވިލޭރޭ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނަށް ޙަމަލާދެއްވައި އެމީހުން ބަލިކުރެއްވިއެވެ.

ދޮންބަންޑާރައިން މި ކާމިޔާބީއަށްފަހު ވެސް އެކި ފަހަރު މަތީން ރާއްޖެ އަޅުވެތިކުރާން އިންޑިއާގެ ކަންނަންނޫރުގެ ވެރީން މަސައްކަތްކުރިއެވެ. މި ގޮތުން ހިޖުރައިން 1166ވަނައަހަރާއި 1167ވަނަ އަހަރާއި 1168ވަނަ އަހަރާއި 1174ވަނަ އަހަރު ވެސް ދިވެހިރާއްޖެ އަލުން ހިފުމަށް ޓަކައި ކަންނަންނޫރު ޢަލީރާޖާ ހަނގުރާމަވެރި އުޅަނދުތައް ފޮނުވައިފައިވެއެވެ. މިފަދަ ކޮންމެ ފަހަރަކު ވެސް ހިތްވަރުގަދަ ރަސްގެފާނު (ދޮންބަންޑާރައިން) ވަނީ ދުޝްމަން މަލާބާރީ ލަޝްކަރުތަކާ ހަނގުރާމަކުރައްވައި ދިވެހީންނަށް ނަޞްރާއި ފަތަޙާ ހޯއްދަވައިދެއްވަވައިފިއެވެ.

މިއަދު އަޅުގަނޑުމެން ހުރަވީ ދުވަސް ފާހަގަކުރާއިރު ހަނދާންކުރާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މަދު މީހަކު ގައުމަށްވާ ޚިޔާނާތެއްގެ ސަބަބުން މުޅި ޤައުމު ހަލާކުގެ ތެރެއަށް ވެއްޓިދާނެކަމެވެ. ވީމާ، ޤައުމަށް ޣަދަރުވެރިވުމާއި ޚިޔާނާތްތެރިވުމުގެ ނުރައްކާ އަޅުގަނޑުމެން ހަނދާންކުރާންޖެހޭނެއެވެ. އަދި މިނިވަންކަން އަނބުރައި އިޢާދަކުރުމަށް ޓަކައި އުފުއްލާންޖެހޭ ބުރައާއި އެ ކަން ކުރުމުގައި ޤައުމީ އެއްބައިވަންތަކަން މުހިންމުވާ މިންވަރު ހިތްމައްޗަށް ގެންނާންޖެހޭނެއެވެ. އަދި މި ފަދަ މުހިންމު އަދި ޚުޠޫރައްތެރި ޤައުމީ ޚިދުމަތެއް އަދާކުރުގައި ވިސްނުންތެރިކަމާއި ރޭވުންތެރިކަން އެއީ ކިހާ މުހިންމު އެއްޗެއްކަން ވެސް ފާހަގަކުރާންޖެހެއެވެ. މުހިންމު މަސައްކަތެއް ފުރިހަމަކުރުމަށް ޓަކައި އިޚުލާޞްތެރިކަމާއި ކަށަވެތިކަން ކޮންމެހެން ބޭނުންވާކަން ވެސް ހަނދާނަށް ގެންނާންޖެހެއެވެ. މިއަދު އަޅުގަނޑުމެން ހުރަވީ ދުވަސް ފާހަގަކުރާއިރު، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެއްޓުމަށް ޓަކައި ޤައުމު ދެކެ ލޯބިވުމާއި އެއްބައިވަންތަކާއި އިޚުލާޞްތެރިކަމާއި ކަށަވެތިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން އަބަދު ވެސް ހަނދާނުގައި ބަހައްޓާންޖެހޭނެއެވެ.

ހުރަވީ ދުވަސް ނިސްބަތްވާ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1) ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތާއި ދިވެހިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހީންގެ ހިތްތަކުގައި ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި ދުވަހަށް ހުރަވީ ދުވަސް ކިޔައިފައިވަނީ އެ މަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިސްބަތްވާ ބޭފުޅަކަށްވާތީއެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެމަނިކުފަނުގެ ބައްޕާފުޅަކީ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނެވެ.

މިއަދުގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަންކުރެއްވީ ހަތް އަހަރު ދުވަހުއެވެ. އެއީ ހިޖުރައިން 1173 ވަނައަހަރުން 1180 ވަނަ އަހަރާއި ހަމައަށެވެ. އެ މަނިކުފާނަށް ޖުމްލަ ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި، އަންހެން ދެ ބޭފުޅުންނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (ދޮން ބަންޑާރައިން) އަވަހާރަވީ ހިޖުރައިން 1180 ވަނަ އަހަރު ރަމަޟާން މަހު ދެވަނަ ދުވަހުއެވެ.

ކީރިތިވަންތަ މާތްﷲ ދޮންބަންޑާރައިން ދިވެހީންނަށް ގެނެސްދެއްވި ކާމިޔާބީގެ އަޖުރު ދެއްވާށިއެވެ. އެ މަނިކުފާނަށް ފުއްސަވައި، ރުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ! ދިވެހި ޤައުމީ ސިޔާދަތާއި އިސްތިޤުލާލު ދެހެއްޓުމުގެ ވިސްނުމާއި ތައުފީޤު ދިވެހީންނަށް ދެއްވާށިއެވެ! މި ލޮބުވެތި ޤައުމު މިނިވަންކަންމަތީ އަބަދަށް ދަމަހައްޓަވާށިއެވެ! އާމީން!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.