Support Us

ކޮލަމް ކޯދު: މީހަކު ބުނި އެއްޗަކާ މެދު ބުނާ ކުޑަކުޑަ އެއްޗެއް

މީހަކު ބުންޏެވެ. "އިއްޔެގެ ހުކުރު ޚުތުބާގެ މައުޟޫއަކީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. މިއީ އަހަރެން ދެކޭ ގޮތުގައި ވަރަށް ވެސް މުހިއްމު އަދި އެހެންވެ، އަބަދުމެ ދައްކަން ޖެހޭ ވާހަކައެކެވެ. އަހަރުމެންގެ ތެރޭގައި އެއްބައިވަންތަކަން އިސްލާހުކޮށް، އެކަން އާލާކޮށް އަދި ދެމެހެއްޓުމަށްޓަކައެވެ. މި ކަމާ ދޭތެރޭ ބުނަނީ ކީކޭ ހެއްޔެވެ؟"

"ތިކަމާ ދޭތެރޭ ބުނެވެން އޮންނާނީ ކީކޭ ހެއްޔެވެ؟ ތިޔަ ބުނީ ހަމަ ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. އިސްލާމީ ނަޒަރަކުން ބެއްޔަސް، އަދި އެނޫން ގޮތަކަށް ބެއްޔަސް އެއްބައިވަންތަކަމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. އެކަން، ހީނަރުވިޔަ ނުދީ، ނުވަތަ އެކަން ހީނަރުވަމުންދާކަން ފާހަގަ ކުރެވޭ ނަމަ އެކަން އާލާކޮށް، ދަމަހައްޓަން ޖެހޭނޭ އިސްލާމީ އަސާސީ އަގެކެވެ."

"އިސްލާމީ އަސާސީ އަގެކޭ ތިބުނަނީ ކީއްވެ ހެއްޔެވެ؟"

"ތި ސުއާލުގެ ޖަވާބު ޚުތުބާގައި ދިނެއް ނޫން ހެއްޔެވެ؟ ޚުތުބާގައި إن هذه أمتكم أمة واحدة…" މިއާޔަތް ކިއެއް ނޫން ހެއްޔެވެ؟ 'މިއީ ކަލޭމެންގެ އުއްމަތެވެ. އެއީ އެއް އުއްމަތެއްގެ ގޮތެއްގައިވާ ބައެކެވެ.' އާޔަތުގެ މާނަ ވެސް ޚުތުބާގައި ކިއައިދިނެއް ނޫން ހެއްޔެވެ؟ މިއާޔަތުގައި އިތުރަށް ބަލާލަން ޖެހެނީ 'އުއްމަތް' މި ލަފްޒުގެ މާނައިގެ މައްޗަށެވެ."

"އުއްމަތުގެ މާނައަކީ ކޮބައި ހެއްޔެވެ؟"

"’އުއްމަތް’، މި ލަފްޒުގެ އަސާސީ އެންމެ ސާދާ މާނައަކީ އިންސާނުންގެ ޖަމާއަތް، މިއެވެ. މި އަސާސީ މާނަ އެކުލެވޭ އެހެން ބައެއް ލަފްޒުތައް ވެސް ހުރެއެވެ. މިސާލަކަށް 'ގައުމު' އަަދި، 'މިއްލަތް' މި ދެ ލަފްޒެވެ. މި ނަންގަތް ތިން ލަފްޒުވެސް، މި ނަންގަތް އިންސާނީ ޖަމާއަތަކަށް އިޝާރަތް ކުރެވެއެވެ. އަދި އިތުރަށް، ޚާއްސަކޮށްލަން ބޭނުން ނަމަ، އެއްކުރެވިފައިވާ އިންސާނީ ޖަމާއަތަކަށް މި ތިން ލަފްޒުވެސް އިޝާރަތްކުރެއޭ ބުނެވިދާނެއެވެ."

"ދެން، އެއްކުރެވިފައިވާ ޖަމާއަތެކޭ ބުނާ ބަހުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ އެއްކުރެވިފައިވެއޭ ބުނުމުން އިޝާރަތްކުރަނީ އެ މީހުންނަކީ އެމީހުންގެ މުޖުތަމައީ އަދި ޖަމާއީ މަސްލަހަތުތައް އެކަކު އަނެކަކާ ގުޅިފައިވާ ބައެއްކަމެވެ. މާނައަކީ، އެ މީހުންވަނީ ސިޔާސީ ގޮތުން އެއް ބާރެއްގެ ދަށުގައި ކަމެވެ. މި ތިން ލަފްޒުވެސް މި ނަންގަތް ކަންކަމަށް އިޝާރަތް ކުރެއެވެ. އިންސާނީ ޖަމާއަތަކާއި އަދި ސިޔާސީ ގޮތުން ގުޅިފައިވާ ޖަމާއަތެއް ކަމަށާއި އަދި އެހެންވެ އެމީހުންގެ ޖަމާއި އަދި މުޖުތަމައީ މަސްލަހަތުތައް ގުޅިފައިވާ ކަމަށެވެ."

"ދެން މި ތިން ލަފްޒުގެ ތަފާތުގެ މައްޗަށް ކުރު، އަދި ވަރަށް ވެސް ސާދާ ގޮތަކަށް ބަލައިލަމާ ހެއްޔެވެ؟ ގައުމޭ ބުނުމުން އިޝާރަތް ކުރާ އިންސާނީ ޖަމާއަތް ހިއްސާކުރާ އެހެން ސިފަތަކެއް ވެސް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ސިފައަކީ ނަސްލެވެ. ގައުމެކޭ ބުނުމުން، އެ ލަފްޒު އޭގެ އަސްލު މާނައިގައި އިޝާރަތް ކުރަނީ އެއް ނަސްލެއްގެ، އެއް ދަރިކޮޅެއްގެ ބައަކަށެވެ. އެހެންވެ، އެޖަމާއަތުގެ ކުލަ އެއްގޮތް ވެއެވެ. ދެން، އެއީ އެއް ބަހެއް، އެއް ސަގާފަތެއް، އަދި އެއް ތާރީޚެއް ވެސް ހިއްސާކުރާ ބައެކެވެ."

"މިއްލަތް އިޝާރަތް ކުރަނީ އެ ޖަމާއަތަކީ އެއް ދީނެއްގެ ބައެއްކަމެވެ. އެހެންވީމާ އެއް މިއްލަތެއްގެ ބައެކޭ ބުނުމުން، އެއީ އެއް ނަސްލެއްގެ ނުވަތަ އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކަށްވާކަށް ނުޖެހެއެވެ."

"އުއްމަތޭ ބުނުމުން އިޝާރަތް ކުރަނީ ވަކި ޚާއްސަ އަގުތަކެއް ހިއްސާކުރާ ޖަމާއަތެއްކަމެވެ. ކީރިތި ގުރުއާނުގައި މުސްލިމުންގެ ޖަމާއަތަށް 'ގައުމެކޭ' ނުކިޔައި 'އުއްމަތެކޭ' ކިޔުނީ މި ސަބަބަށްޓަކައެވެ. މުސްލިމުން އެއްބައެއްކަމުގައި ހަދާލަނީ އެމީހުން އެއް ނަސްލެއްގެ ބަޔަކަށްވާތީ އެއް ނޫނެވެ. ނުވަތަ އެއް ބަހަކުން ވާހަކަދައްކާ ބަޔަކަށްވާތީ އެއްވެސް ނޫނެވެ. ނަމަވެސް، އެމީހުންނަކީ ވަކި ކަހަލަ ސިފަތަކަކާއި އަގުތަކެއް ހިއްސާކުރާ ބަޔަކަށްވާތީއެވެ."

"މުސްލިމުންގެ އެއްބައިވަންތަކަން ބިނާވަނީ ކޮންކަމެއްގެ މައްޗަށްތޯ ބަލާލަން ގަސްދުކުރާ އިރު، ދެނެގަންނަން ޖެހެނީ މި އަގުތަކަކީ ކޮބައިކަމެވެ. ޝައްކެއްނެތް ގޮތުގައި، މި ސިފަތުގެ ޖައުހަރީ ސިފައަކީ މާތްﷲއަށް އީމާންވެ، ސަލާމާތް ސަލަވާތް ލެއްވި މުހައްމަދުގެފާނުގެ ރަސޫލުކަން ގަބޫލުކުރުމެވެ. ދެން، މި ގަބޫލުކުރުން ނިޔާ ކުރަނީ ހަމަހަމަކަމުގެ އަގު ގަބޫލުކުރުމެވެ. އުއްމަތެއްގެ މީހުން ބަނދެލައި އެކުވެރިކުރުވާ އެންމެ މަތިވެރި އަގަކީ މި އަގެވެ. އާދެ، ހަމަހަމަ ކަމުގެ އަގެވެ. ނަސްލުގެ މައްޗަށް ނުވަތަ ނިސްބަތްވާ އާއިލާއެއްގެ މައްޗަށް، ނުވަަތަ ވާހަކަ ދައްކާ ބަހުރުވައިގެ މައްޗަށް، އާދެ، މީސްތަކުން އެކަކު އަނެކަކާ ވަކިކޮށް ތަފާތުކުރާ މިފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެއްވެސް ތަފާތުކުރުމެއް، ޚާއްސަ އިމްތިޔާތައް ދިނުމެއް، ނޯންނަ ހަމަހަމަ ކަމުގެ މައްޗަށެވެ. މިކަން ވެސް ހުކުރު ޚުތުބާގައި ހަނދާން ކޮށްދެއެވެ. އާދެ، إن الله يأمر بالعدل (މާތްﷲ އަމުރުފުޅު ކުރައްވަނީ – އެބަހީ ކީރިތި ގުރުއާނުގެ މުޖުތަމައީ ހުރިހާ ތައުލީމާތުތަކެއްގެ އަމާޒަކީ – އަދުލުވެރިކަން، އާދެ، ހަމަހަމަކަން، ގާއިމުކުރުމަށެވެ. އައްނަހުލު ސޫރަތުގެ މިއާޔަތުގެ އިތުރުން ހުޖުރާތު ސޫރަތުގައި ވެސް މި އަގުގެ ވާހަކަ ގެނެސްފައި ވެއެވެ. އަދި، މީސްތަކުންގެ މެދުގައި ތަފާތުކުރުން ލާޒިމުކުރާ ކަންކަން ދޫކޮށް، އެ ފަދަ ކަންކަމާ ދުރުވާން ވެސް އަމުރުކުރެވިފައި ވެއެވެ."

"އުއްމަތުގެ އެއްބައިވަންތަަކަން ބިނާވާ އަސާސީ އެއްމެ މުހިއްމު އެއް ކަމަކީ ހަމަހަމަކަން ކަމުގައިވާ އިރު، މި އެއްބައިވަންތަކަން ދެމެހެއްޓޭނީ އަމަލީ ގޮތެއްގައި މި ހަމަހަމަކަން ދައްކާލެވިގެންނެވެ. އަމަލީ ގޮތެއްގައި މި ހަމަހަމަކަން ދައްކާލެވެނީ ކިހިނެއް ހެއްޔެވެ؟ އެކަން ކުރެވޭނީ އުއްމަތުގެ އާދެ، އަޅުގަނޑުމެންގެ އިސްލާމީ ޖަމާއަތުގެ ދަށުގައި ހިމެނޭ އެންމެނަށް ވެސް އެމީހުންގެ އަސާސީ ބޭނުންތައް ފުއްދޭނޭ ގޮތް ވެފައި އޮތުމުންނެވެ. މި ނަންގަތް އަސާސީ ބޭނުންތަކަކީ ކޮބައި ހެއްޔެވެ؟ އަޅުގަނޑުމެން ތުންތުން މަތިން ބޭނުން ކުރާ އެހެން ބަހެއްގެ އިބާރާތެއްގައި މިކަން ޚުލާސާވެފައި އޮވެއެވެ. އާދެ، 'ރޯޓީ، ކަޕްޅާ، އައަރު މަކާން' މި އިބާރާތުގައެވެ. ކެއުން ބުއިމާ، އަންނައުނާއި އުޅޭނޭ ތަނެއް، ޖަމާއަތުގެގެ ކޮންމެ ފަރުދަކަށް ވެސް ލިބޭގޮތް ހަމަޖެހިފައި އޮންނަ ސިޔާސީ ނިޒާމެއްގެ ދަށުންނެވެ. މީގެ އިތުރުން، މިހާރު، ސިއްހީ އަދި ތައުލީމީ ޚިދުމަތަކީ ވެސް އަސާސީ ޚިދުމަތެކެވެ. ޖަމާއަތުގެ ހުރިހާ ފަރުދުންނަށް މި ނަންގަތް ކަންކަން – އެޖަމާއަތުގައި ހިމެނޭ އަފުރާދުންގެ މެދުގައި އެއްވެސް ތަފާތު ކަމެއް ނެތި – ލިބެން ޖެހެއެވެ. އިސްލާމީ އެއްބައިވަންތަކަމާއި އަޚުވަންތަކަން އާލާކޮށް ދެމެހެއްޓޭނީ، ޖަމާއަތުގެ ހުރިހާ އަފުރާދުންނަށް ވެސް އެންމެ ފުރަތަމަ މިކަން ގަބޫލުކުރެވިގެންނެވެ. ހުރިހާ އެންމެނަކީ ވެސް ހަމަހަމަ ބައެއްކަމާއި އަދި މި ހަމަހަމަކަން ނިޔާކުރަނީ ދެންމެ ނަންގަތް އަސާސީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި އެންމެންނަށް ވެސް ލިބޭނޭ ގޮތް ހަމަޖެހިފައި އޮންނަން ޖެހޭނޭ ގޮތް ގަބޫލުކުރެވިގެންނެވެ. މިކަން ގަބޫލުކުރެވިއްޖެ ނަމަ، މިފަދަ ހަމަހަމަކަމުގެ ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ އެދުން އުފެދި، އެ މަސައްކަތް ކުރަން ފެށޭނެއެވެ. އަދި، ތަނުގެ މުއްސަނދިކަމަކީ މަދު، ވަކި ބައެއްގެ ދަށުގައި އޮންނަ އޮތުމާ މެދު ނަފުރަތުކޮށް ދެކޮޅު ހެދޭނެއެވެ."

"އާދެ، އިސްލާމީ އުއްމަތުގެ ވާހަކަ ދައްކާ އިރު، އިސްލާމީ އެއްބައިވަންތަކަމާއި އަޚުވަންތަ ކަމުގެ ވާޙަކަ ދައްކާއިރު، މި ނަންގަތް ބައި އިތުރުކޮށްލަން ޖެހޭނޭ ކަމަށް ދެކެމެވެ. އިސްލާމީ އެއްބައިވަންތަކަން ހަގީގަތަކަށް ހަދާލަން ބޭނުން ނަމައެވެ."