Support Us

ކޮލަމް ކޯދު: ޅެންވެރިޔެއްގެ ހާސަރެއް- ދިވެހި ސިޔާސީ މަސްރަހުން ފެންނަހެން ހީވާ މަންޒަރެއްގެ ވާހަކަ

أو قيل إن بلادكم يا قوم سوف تقسم

فتحمدوا وتشكروا وترنحوا وترنموا

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

ތިރީގައިވާ ޅެމަކީ އިރާގުގެ މަޝްހޫރު ޝާއިރެއް ކަމުގައިވާ މައުރޫފު އައްރުސާފީގެ (1945-1875) ޅެމެކެވެ. އޭނާއަކީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރެއްވި ބޭކަލެކެވެ. ލިޔުންތެރިކަމުގެ އިތުރުން، ތަރުޖަމާ ކުރެއްވުމުގައްޔާއި ނޫސްވެރިކަމުގެ ދާއިރާގައެވެ. ތައުލީމާ ތަރުބިއްޔަތުގެ މައިދާނުގައްޔާއި އަދި ސިޔާސީ މައިދާނުގައި ވެސް އޭނާ މަސައްކަތްކުރެއްވިއެވެ. އޭނާއަކީ މުޖުތަމައުގެ އިސްލާހަށް ގޮވާލައްވައި ލިޔުއްވި ލިޔުންތެރިއެކެވެ. އޭނާގެ ޅެންފޮތްތަކާއި އަދި އެނޫންވެސް ލިޔުންތައް ޗާޕުކުރެވި ޝާއިކުރެވިފައި ވެއެވެ. (ޅެން ދިވެހިކޮށްލެއްވީ އަޅުގަނޑުގެ ބައްޕަ އަލްމަރްޙޫމު އަބްދުއްރަހީމު އަބްދުލް މަޖީދު، މީގެ ތިރީހަކަށް އަހަރު ކުރިންނެވެ.)

ياقوم لا تتكلموا إن الكلام محرم

ޤައުމުގެ ދަރީންނޭ ބަސްއަހާ ވާހަކަ ނުދައްކާށޭ ސަފުން

ވައި އަނގަތަޅާ ހެދުމީ ތިހެން ގައިމުން ހަރާން ކަމަކަށް ވުމުން

ناموا ولا تستيقظوا ما فاز إلا النوم

ފައި ދަމަދަމާފައި ނިދުމުގައި ދެމި ތިއްބަވާށޭ ދާނުގައި

ވާނީ އެދޭހެން ކާމިޔާބު ޣާފިލުވެ ތިބެގެންނޭ މިހެން

وتأخروا عن كل ما تقضي بأن تتقدموا

ފަސްޖެހި ތިބޭށޭ ކަންކަމުން، މުސްތަޤުބަލަށް ފައިދާކުރާ

ކޮސް އަނގަތެޅުން ވެސް މޮޅުކަމެއް ކަމުގައި ހަދައި ހެވިފާ ނިކަން

ودعوا التفهم جانبا فالخير ألا تفهموا

އެކުވެރިވެ އެއްބައިވަންތަވުން އެކުގައި ނަގާ އެއްލާށެލާ

ވަކިވަކިވެ ބައިބައި ކުރުމުގައި ނަސްރޭ އޮތީ ހީކޮށްލަމުން

وتثبتوا في جهلكم فالشر ألا تتعلموا

ހޭވެރިވެ ހޭލުންތެރިކަމެއް ބޭނުން ނެތޭ ބުނެ އިއްވަމުން

މޭރުން ނުވުން އެއްވެސް ކަމެއް މޮޅު ގޮތް ކަމަށް ވީއޭ ހަދަން

أما السياسة فاتركوا أبدا وإلا تندموا

ކަންކަން ސިޔާސީ އެންމެހައި ނަންވެސް ނުގަންނާށޭ މިހެން

ކަންތައް ނުވާ ނަމަ ދެން އޮތީ ދަންޖެއްސުމާ އެކުގައި މެރުން

إن السياسة سرها لو تعلمون مطلسم

ސިއްރާއި ހިކުމަތްތައް އެނގޭ ނަމައީ ސިޔާސަތު ނަންދެވޭ

އެއްޗެއް އެއީ ފަހުމެއްނުވާ އަރަތެއް ކަމުން ނުފިލާ އޮޅުން

وإذا أفضتم في المبــــــــــــــــــاح من الحديث فجمجموا

އޮތް މިންވަރުން ވެސް ހުއްދައެއް ދައްކާ ހަދާ ވާހަކަ ވިޔަސް

ފެންވަރު ނުހުންނަ ގޮތަކަށް ދެމޭ ހާސަރު ކަމަށް ވީއޭ ހަދަން

من شاء منكم أن يعيـــــــــــــــــش اليوم وهو مكرم

فليمس لا سمع ولا بصر لديه ولا فم

މިއަދަށް އުޅެން، ބޭނުންވި ނަމަ ޝަރަފާ އެކީގައި އިއްޒަތާ

އަނގައެއް، ލޮލެއް، އަދި ކަންފަތެއް، ނެތް މީހަކަށް، ވާށޭ މުޅިން

فارضوا بحكم الدهر مهــــــــــــما كان فيه تحكم

ރުހިގެން ތިބޭށޭ މީ ޒަމާނުގެ ގޮތް ކަމަށް ހީކޮށްލަމުން

ފުރިހަމަވި އިސްތިބްދާދު އޮތް ނަމަވެސް، ގަޔާވެވިފާ ނިކަން

إن قيل هذا شهدكم مر فقولوا علقم

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

أو قيل إن نهاركم ليل فقولوا مظلم

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭގަނޑޭ ބުނެވޭ އިރަށް

ބުނެލާށެ އާނ! މީ ރޭގަނޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން

إن قيل إن ثمادكم سيل فقولوا مفعم

ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ

ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން

أو قيل إن بلادكم يا قوم سوف تقسم

فتحمدوا وتشكروا وترنحوا وترنموا

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން