Support Us

ކޮލަމް ކޯދު: ހަރުފައިގެ ހިކުމަތުން ފިލާވަޅު ލިބިގަތުން

ރަހުމަތްތެރި ޖުހާ ދެކިލަން، ޖުހާގެ ގެއަށް މަނިކުބޭ ޒިޔާތްކުރިއެވެ. ޖުހާގެ ގެއަށް މަނިކުބޭ ވަންއިރު، ޖުހާ އިނީ އޭނާގެ އެހެން ރަހުމަތްތެރިއެއް ކަމުގައިވާ އަހުމަދުބެއާ ދެމީހުން ކޮންމެ ވެސް ބަހުސެއް ކުރުމުގައެވެ. މަނިކުބޭ އައުމުން، ސަލާމް ގަލާންކޮށްލުމަށް ފަހު، މަނިކުބޭ ގާތު އިށީންނަން ބުނެ، މަނިކުބޭ ވެސް ޖުހާއާއި އަހުމަދުބެޔާ ކުރަމުން ގެންދިޔަ ބަހުސުގައި ބައިވެރިކުރުވިއެވެ. ޖުހާ ކައިރީ ހުރި ގޮނޑިއެއްގައި މަނިކުބޭ އިށީން އިރު ޖުހާ ބުނަމުންދިޔަ އަޑު އިވުނެވެ.

ޖުހާ: އާނއެކެވެ! ހަރުފައަކީ ވެސް ވަރަށް ހިކުމަތްތެރި ސޫތްޕެކެވެ. އަހަރުމެންނަށް ހަރުފަގެ ކިބައިން ވެސް ދަސްކުރެވިދާނޭ ކަންކަން އެބަ ހުއްޓެވެ!

އަހުމަދުބޭ: ޖުހާއެވެ! ކަލޭ ދެން ބުނާނީ އިބިލީސް ވަރުގެ ހިކުމަތެރިއެއް ވެސް ނެތް ކަމާއި އޭނާއަށް ވެސް އަހަރުމެން ތަބާވާން ޖެހޭނޭ ކަމެވެ!

ޖުހާ: ތިހެނެއް އަހަރެން ނުބުނަމެވެ! އަހަރެން މިބުނަނީ ކޮންމެ މީހެއްގެ ނޫނީ ދިރޭ ކޮންމެ އެއްޗެއްގެ ކިބައިގައި ވެސް ހިކުމަތްތެރިކަން ހުރެދާނޭ ވާހަކައެވެ. އާނއެކެވެ! އިބިލީސް ކިބައިން ވެސް ހިކުމަތްތެރިކަން ފެނިދާނެއެވެ. އޭގެ މާނައަކީ އެމީހުން ކުރާހާ ކަމެއް، އެމީހުން ކުރާހާ ގޮތަކަށް އަހަރުމެން ކުރުމެއް ނޫނެވެ. ހަރުފަ، އޭގެ ހިކުމަތްތެރިކަން ބޭނުންކޮށްގެން، އޭގެ ޝިކާރައަށް ވިހަލައި އެ ޝިކާރަ އަތުލައިގަނެ، ދިރުވާލައެވެ. އިބިލީސް، އޭނާގެ ހިކުމަތްތެރިކަން ބޭނުންކޮށްގެން މީހުން މަގުފުރައްދައެވެ. ފަހަރެއްގައި ވެސް މީގެ މާނައަކީ އަހަރުމެން، އެހެން މީހުންނާއި އެއްޗެހީގެ ހިކުމަތުން ފިލާވަޅު ލިބިގަނެ، އޭގެ އެހީގައި އެހެން މީހުންނަށް ވިހަލައި އެހެން މީހުންގެ ދުވަސް ދުއްވާލުމެއް ނޫނެވެ. ނޫނީ އެހެން މީހުން މަގުފުރެއްދުމެއް ނޫނެވެ. އަހަރެން މި ބުނަނީ، ކޮންމެ ތަނަކުން ވިޔަސް، ނޫނީ ކޮންމެ ދިރި ހުރި އެއްޗަކުން ވިޔަސް، ހިކުމަތެއް ލިބެން އޮންނަމަ އެ ހިކުމަތް ހޯދައި، އެ ހިކުމަތުގެ ބޭނުން ހެޔޮ ގޮތުގައި ކުރާ ވާހަކައެވެ.

ނަބަވީ އިރުޝާދެއް ކަމުގައި ބުނެވޭ ބަހެއްގައި އޮވޭ ނޫން ހެއްޔެވެ؟ الحكمة ضالة المؤمن أنى وجدها فهوا أحق بها. ހިކުމަތަކީ މުއުމިނާއަށް ގެއްލިގެން އޭނާ ހޯދަމުންދާ އެއްޗެކެވެ. ކޮންމެ ތާކުން އޭނާއަށް އެ ހިކުމަތް ފެނި ލިބުނުކަމުގައި ވިޔަސް، އޭނާއަށް އެ ހައްގުވެގެން ވެއެވެ. މީގެ މުރާދަކީ މުއުމިނާއަކީ އުނގެނުމާއި ހިކުމަތް ހޯދުމުގައި އަބަދުވެސް ދެމި ހުންނަން ޖެހޭނޭ ކަމެވެ. އުނގެނުމާއި ހިކުމަތަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ޚާއްސަ ވެފައި އޮންނަ އެއްޗެއް ނޫނެވެ. އުނގެނުމާއި ހިކުމަތްތެރިކަން ލިބިގަތުން ކޮންމެ މީހަކަށާއި ކޮންމެ ބަޔަކަށް ވެސް އެކަށީގެން ވެއެވެ. އެހެންވެ، އުނގެނުމާއި ހިކުމަތް ލިބެން އޮތް ތަނަކުން، މުއުމިނާ އެކަންކަން ހޯދައި އެކަމުގެ ބޭނުން ހެޔޮ ގޮތުގައި ކުރަން ޖެހެއެވެ. އަހަރެންގެ ވާހަކައަކީ މިއެވެ!

މަނިކުބޭ: އެންމެ ރަނގަޅެވެ! ޖުހާގެ ވާހަކަ އަހަރެން ގަބޫލުކޮށްފާނަމެވެ. ހަރުފަ ވެސް އަދި އިބިލީސް ވެސް ބޮޑެތި ހަކީމުން ކަމުގައި ވެދާނެއެވެ. އެކަން ރަނގަޅަށް ސާފުވެދިޔުމަށްޓަކައި އަހަރެން ސުއާލެއްކޮށްލަން ބޭނުމެވެ. ޖުހާއެވެ! ހިކުމަތަކީ ކޮބައިކަން އަހަންނަށް އަޅެ ބުނެދީބަލާށެވެ!

ޖުހާ: ތިކަން ކޮށްދެވިދާނެއެވެ! ހިކުމަތްތެރިއޭ ބުނުމުން އޭގެ މާނައިގައި ތިން އުންސުރު، ތިން ބައެއް، ތިން ކަމެއް އެކުލެވިގެން ވެއެވެ. މިހާރު އުންސުރަކީ ދޭތެރެ ދޭތެރެއިން އިވޭ ލަފްޒެއްތާއެވެ. އުންސުރުގެ މާނަ ސާފުނުވެ، ފަންސުރާ އެއްގޮތްވުމުގެ ކުރިން، އެއާ މެދު ވެސް އެއްޗެއް ބުނެލަން ޖެހެއެވެ. ލަފްޒު ލަފްޒު އިޝާރަތްކުރަނީ މާނައަކަށް ނޫން ހެއްޔެވެ؟ ބައެއް ލަފްޒުތަކަކީ އޭގައި ގިނަގުނަ މާނަ އެކުލެވޭ ލަފްޒުލަފްޒެވެ. ލަފްޒެއްގައި ގިނަ މާނަ އެކުލެވޭ ނަމަ، އޭގެ ތެރެއިން ކޮންމެ މާނައަކީ އެ ލަފުޒުގެ މާނައިގެ ބައެކެވެ. މިފަދަ ބައިބަޔަށް އުންސުރޭ ކިޔެއެވެ. ހިކުމަތްތެރިކަމޭ ބުނުމުން އޭގެ މާނައިގައި އެކުލެވޭ ތިން އުންސުރަކީ ނުވަތަ ތިން ބަޔަކީ މިއެވެ: ދުނިޔަވީ ހަޔާތުގެ ތަޖުރިބާއާއި އިލްމުވެރިކަމާއި ރަނގަޅު ގޮތް ކަނޑައަޅާލުމުގެ އެކަށޭނަ ކަމެވެ.

އަހުމަދުބޭ: އެންމެ ރަނގަޅެވެ! ހަރުފައިގެ ކިބައިގައި ތި އުންސުރުތައް އެކުލެވި، ހަރުފަ ހިކުމަތްތެރިވަނީ ކޮންގަތަކުން ހެއްޔެވެ؟

ޖުހާ: ހަރުފައަކީ ވިސްނުންތޫނު، އަދި، ބުއްދިވެރިކަމާއެކު އޭގެ އަމަލުތައް ބަހައްޓާ ސޫތްޕެކެވެ. ހަރުފަ ފިޔަވަޅެއް އަޅަނީ، ވިސްނައި، ކުރިމަގަށް ބަލައި، ރައްކާތެރިވެ، އެއަށް ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާފައެވެ. ހަރުފައިގެ މި ސިފަތަކަށާއި އޭތި ކަންކުރާ ގޮތުގެ މައްޗަށް ބަލާލުމުން، އެއީ ހިކުމަތްތެރި އެއްޗެއްކަން އެނގޭ ނޫން ހެއްޔެވެ؟

މަނިކުބޭ: ސާފުވެއްޖެއެވެ. ނަމަވެސް، އަހަރުމެންނަށް ފެންނަނީ ހަރުފައަކީ ހީލަތްތެރިކަމާއެކު އޭގެ ބޭނުން ފުއްދާ އެއްޗެއްގެ ގޮތުގައެވެ. ފިލާ މަޑުން އޮވެފައި، އޭގެ ޝިކާރައަށް ވިހަލައި، އޭތީގެ ޝިކާރައިގެ ބާރު ކަނޑުވާލުމަށް ފަހު، އެއްވެސް ރަހުމެއް ނެތި، ދިރި ވެސް ހުއްޓާ އޭގެ ޝިކާރަ ދިރުވާލާ އެއްޗެކެވެ. ދެން، ހަރުފައިގެ ތި ފާހަގަކުރި ހިކުމަތެރިކަމުން އަހަރުމެން ފައިދާ ލިބިގަންނަނީ ކިހިނެއް ހެއްޔެވެ؟

ޖުހާ: ކުރިން ވެސް އަހަރެން ބުނީމު ނޫން ހެއްޔެވެ؟ ހަރުފަ، އޭގެ ހިކުމަތްތެރިކަން ބޭނުންކޮށްގެން، ވިހަލައި ޝިކާރަކުރެއެވެ. އެއީ އޭގެ ތަބީއަތެވެ. އަހަރުމެންނަށް އޮތީ ދެންމެ މި ނަންގަތް އޭގެ ހިކުމަތްތެރި ސިފަތައް ލިބިގަތުމެވެ. ދެން، ނުހަމަ ގޮތުގައި އޭގެ ބޭނުންކޮށް މީހުން ގައަށް ވިހަލައި ގެއްލުން ދިނުމެއް ނޫނެވެ. ނަމަވެސް، އެ ސިފަތައް ލިބިގަނެ، ހެޔޮ ގޮތުގައި، އޭގެ ބޭނުން ކުރުމެވެ. މިކަން ވިސްނި ދިޔުމަށްޓަކައި ހަރުފައިގެ ހިކުމަތްތެރިކަމުގެ ވާހަކައިގެ އަސްލަށް ރުޖޫއަވެ، އެ އަސްލުގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟

ހަރުފައިގެ ހިކުމަތުގެ ވާހަކައިގެ އަސްލު ގުޅެނީ އިންޖީލާއެވެ. މެތިޔުގެ އިންޖީލުގެ ދިހަވަނަ ބާބުގެ ތޭރަ ވަނަ އާޔަތާއެވެ. އެ އާޔަތުގައި ސަލާމްލެއްވި އީސާގެފާނާއި މުޚާތަބުކޮށް ދެންނެވިފައި ވެއެވެ. "ދެނެވަޑައިގެން ހުންނާވާށެވެ! ތިމަންރަސްކަލާނގެ، (ރަސޫލުކަމައިގެން) ކުރިއަށް ވަޑައިގަތުމަށްޓަކައި ކަލޭގެފާނު ފޮނުއްވެވީ ވިޔަޅުތަކެއްގެ (ވުލްފުތަކެއްގެ) ތެރެއަށް ވަންނަ ކަންބަޅިއަކު ފަދައިންނެވެ. އެހެންވެ، ހަރުފަތަކެއް ފަދައިން ބުއްދިވެރިވެ ވަޑައިގެން، އަދި، އޭގެ ކިބައިން އެއްވެސް ގެއްލުމެއް ނުލިބޭނޭ ހަމާމު ދޫންޏެއް (ކޮތަރާއި ވައްތަރު ދޫންޏެއް، ޑަވް،) ފަދައިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!"

މިބަސްކޮޅުން ދެތިން ކަމެއް ފާހަގަވޭ ނޫން ހެއްޔެވެ؟ ސަލާމްލެއްވި އީސާގެފާނު ފޮނުއްވެވުނީ ވިޔަޅުތަކެއް ފަދަ ބައެއްގެ ތެރެއަށް ކަމެވެ. އެކަލޭގެފާނަކީ ތެދުވެރި، އިޚުލާސްތެރި މަޑުމައިތިރި ބޭކަލަކަށް ވުމުން، މިފަދަ ވިޔަޅުތަކެއް ފަދަ އިންސާނުން، އެކަލޭގެފާނާއި މެދު، ވިޔަޅުތަކެއް ކަންބަޅިއަކާ ދޭތެރޭ ކަންތައް ކުރާނޭ ފަދައިން އަމަލުކޮށްފާނޭ ކަމެވެ. އެހެންވެ، އެފަދަ ބައެއްގެ ތެރޭގައި ހަރުފައިގެ ހިކުމަތް ބޭނުން ކުރައްވަން އެކަލޭގެފާނަށް އިރުޝާދުދެއްވިފައި ވެއެވެ. ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަންވާނީ ވަރަށް ސަމާލުވެ ހުންނަވައިގެންކަމެވެ. މިފަދައިން ކަންތައް ކުރައްވަން ޖެހިވަޑައިގަންނަވަނީ އެމީހުންގެ ފަރާތުން ގެއްލުން ލިބުން ބޮޑުވުމުންނެވެ. ހަރުފައިގެ ހިކުމަތް ހޯއްދެވިޔަސް، ހަމަ އެއާޔަތުގައި އަމުރުކުރެވިފައި ވަނީ، ހަރުފަ ކަންތައް ކުރާ ފަދައިން، މީސްތަކުންނަށް ގެއްލުން ނުދެއްވުމަށެވެ. އެއްވެސް ގެއްލުމެއް އެއިން ނުލިބޭ، ސުލްހަ މަސަލަސްކަމުގެ ރަމްޒެއް ކަމުގައިވާ، ހަމާމު ދޫންޏެއް ފަދައިން ވެވަޑައިގަތުމަށެވެ!

އަހުމަދުބެއާއި މަނިކުބޭ އެއްފަހަރާހެން ބުނެވެނުވެ: ތިކަމާ އަހަރުމެންނާ މިއަދު ހުރި ގުޅުމާއި ތިކަމުން މިއަދު އަހަރުމެންނަށް ލިބެން އޮތް ފައިދާގެ ވާހަކަ އަދި އިތުރަށް ބުނެދީ ސާފުކޮށްދީ ބަލާށެވެ!

ޖުހާ: ތިކަން ކުރެވޭތޯ އުޅެމާހެވެ! މިކަމުން އަހަރުމެންނަށް މިއަދު ލިބެން އޮތް ފިލާވަޅަކީ ކޮބައިކަމާ މެދު ވިސްނާލަން ޖެހެއެވެ. ހަރުފައިގެ ހިކުމަތުން ލިބެން އޮތް ފިލާވަޅަކީ ކޮބައިތޯ ބަލާލުމަށްޓަކައި ހަރުފައިގެ ޚާއްސަ ބައެއް ސިފަތަކާއި އަދި އެ ކަންތައް ކުރާ ގޮތުގެ މައްޗަށް އަދި އެއްފަހަރު ބަލާލަމާ ހެއްޔެވެ؟ ހަރުފައަކީ ވަރަށް ވެސް ބަލައިގެން އުޅޭ ސޫތްޕެކެވެ. އަދި، އެއީ އެއަށް ފައިދާހުރި ގޮތަކީ ކޮބައިކަމާއި ގެއްލުން ހުރިގޮތަކީ ކޮބައިކަން ވެސް ވަކިކުރާ ވިސްނުންތޫނު ސޫތްޕެއް ވެސް މެއެވެ. މީގެ އިތުރުން އޭތި ކުރާކަމެއް ކުރަނީ ކުރިއަށް ކަންތައް އޮވެދާނެ ގޮތްތަކާ މެދު ވިސްނާފައެވެ. އަހަރުމެން ވެސް ކަންކަން ކުރުމުގައި މި ސިފަތައް ލިބިގަނެ، އޭގެ އަލީގައި އަހަރުމެންނަށް ވެސް ކަންކަން ކުރެވިދާނެ ނޫން ހެއްޔެވެ؟ ކަމެއް ކުރުމުގެ ކުރިން، އެކަމެއްގެ ހުރިހާ ކޮޅުކޮޅަށް ބަލައި ރައްކާތެރިވެ، ސަމާލުވެ ހުރެގެންނެވެ. އަމިއްލަ ވިސްނުމާއި ބުއްދި ބޭނުންކޮށްގެން، ކަމަކުން ލިބިދާނެ ގެއްލުމާއި ފައިދާގެ މައްޗަށް ބަލައި، ދުރަށް ވިސްނައި، އެކަމަކުން ކޮށްފާނޭ އަސަރުގެ މައްޗަށް ވެސް ބަލައިގެންނެވެ. މިސާލަކަށް މީހަކު ފޯނެއް ކޮށްލާފައި މިވެނި ކަމެއް ކޮށްލުމުން މިވެނި ފައިދާއެއް ލިބިދާނޭ، އެހެންވެ މިވެނި އަދަދަކަށް ފައިސާ ދޭށޭ، ބުނުމުން އެކަމާ މެދު ވިސްނާ ނުލައި، އެ ފޯނުކުރި މީހާ ޖައްސަން އުޅުނު ދަހިވެތި ކަމުގެ ދަލުގައި ޖެހި، އޭނާ ބުނި އަދަދަކަށް ފައިސާ ދިނުމުން، އެމީހަކާ އަދި ފައިސާ ވެސް ގެއްލިދާ ގޮތް ވޭ ނޫން ހެއްޔެވެ؟ މިފަދަ ހީލަތުގެ ދަލުގައި އެތައް އެތައް ބަޔަކު ޖެހޭ ވާހަކަތައް ނޫސްތަކުން ފެނޭ ނޫން ހެއްޔެވެ؟ ހަރުފައިގެ ވިސްނުމާއި ހިކުމަތްތެރިކަން ބޭނުންކޮށްފި ނަމަ މިފަދަ ކަންކަމުން ސަލާމަތްވެވިދާނެނޫން ހެއްޔެވެ.

ދެން، ހަރުފައިގެ އަމަލުތަކަށް ބަލާލަމާ ހެއްޔެވެ؟ ހަރުފައެއް އާ ސަރަހައްދަކަށް ހިނގައްޖެ ނަމަ، އަޑުގަދަކޮށް، އެންމެންގެ ތެރޭގައި، އޭތި އައިކަމުގެ އިއުލާނު ކުރާކަށް އޭތި ނޫޅެއެވެ. އޭތި އަޑުލައްވައި، އޭތީގެ މޮޅުކަމާއި ބޮޑުކަން އެހެން އެއްޗިއްސަށް ދެއްކެމުގެ ބޭނުމެއް އޮތް ކަމަކަށް އޭތި ނުދެކެއެވެ. މިއާ ޚިލާފަށް އޭތި މަޑުމަޑުން، ބިންމަތީ، ތިރިތިރީގައި އޮވެ، އޭތީގެ އާ ވެށީގެ ތެރެއަށް ފެތޭތޯ ބަލައެވެ. ދެން، އޭތީގެ ވަށައިގެން ހިނގާކަންކަން ބަލައި ވެށި ރަނގަޅަށް ދަސްކޮށް، އޭތީގެ ޝިކާރައިގެ އިންތިޒާރުގައި ކެތްތެރިކަމާއެކު އޭތި އޮވެއެވެ.

ހަރުފަ މި ގޮތަށް އަމަލުކުރާ ކުރުމުގެ މައްޗަށް ބަލައި ވިސްނައިގެން ވެސް އަހަރުމެންނަށް ފައިދާ ލިބިގަނެވިދާނެއެވެ. މިސާލަކަށް މީހެއްގެ އަގު ވަޒަންކުރަން ވެއްޖެ ނަމަ، އެމިހެއްގެ ގާތުގައި ތިމާގެ އަމިއްލަ ވާހަކަ ގިނައިން ދައްކައި ތިމާގެ ބޮޑުކަމާއި މޮޅުކަން އިއުލާނު ކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އޭނާ ދައްކާ ވާހަކަތައް ގިނައިން އަހަން ޖެހެއެވެ. އެހެނީ އޭނާގެ ވާހަކަތައް އަހާލުމުން، އޭނާގެ ސިކުނޑީގެ ހުރި ނަމަ ހުރި ތެތްކަމެއް އެނގި ސާފުވާނެއެވެ. އެމީހަކަށް ކަންކަން ކުރެވޭނެ ވަރާއި ނުކުރެވޭނެ ވަރު ވެސް އަންދާޒާކޮށްލަން އެނގޭނެއެވެ. މިސާލަކަށް އިންޑިޔާ ކަނޑޭ ބުނުމާއި އިންޑިޔާގެ ކަނޑޭ ބުނުމަކީ އެކައްޗެއް ނޫންކަމާއި އެ ދެ އިބާރާތުގައި ކުޑަ ކުޑަ ގާފެއްގެ ތަފާތު އޮތުން، އެއީ އިމްލާ ކުށެއް ނޫންކަމާއި، ހަގީގަތެއްގެ ތަފާތުކަން ވެސް، އެނގޭނެއެވެ. ހަމަ އެހެންމެ، އިންޑިޔާގެ އަސްކަރީ ބަޔަކު، އެމީހުންގެ އަމިއްލަ ގާނޫނުތައް އެމީހުންގެ މައްޗަށް ހިނގާ ގޮތަށް ރާއްޖޭގައި ތިބުމާއި، ދިވެހި އަސްކަރީންގެ މީހަކު އިންޑިޔާއަށް ބޭހަށް ނުވަތަ ކިޔަވަން ނުވަތަ ޗުއްޓީއަކަށް ގޮސް ހުރުމަކީ ތަފާތު ކަމެއްކަން ވެސް އެނގޭނެއެވެ. މި ނަންގަތް ގާފާއި އަދި އަސްކަރީން ތިބޭ ތިބުމުގެ ތަފާތު ނޭނގޭ މީހުން، ގައުމީ މައްސަލަތަކުގައި ވާހަކަ ދެއްކުމުގެ ގާބިލުކަން ނެތްކަމާއި އެފަދަ ބަޔަކާ އެކަށީގެން ނުވާ މަގާމުތައް ހަވާލުކުރަން ނުވާނޭ ކަން ވެސް އެނގޭނެއެވެ. އަދި، އެފަދަ ތަފާތުތައް ނޭނގޭ މީހުން، އެމީހުންނާ އެކަށީގެން ނުވާ މަގާމުތަކަށް އިންތިޚާބުކުރާނީ ވެސް މޮޔައިންކަން ވެސް އެނގޭނެއެވެ. އަދި، މިފަދަ ކަންކަން އެނގުމުން، މިފަދަ ތަފާތުތައް ވާހަކަދައްކަން ނޭނގޭ މޮޔައިން، އެ ތަފާތު އެނގެން ލާޒިމުކުރާ މަގާމުތަކަކަށް ދެވަނަ ފަހަރަށް އިންތިޚާބުކޮށްގެން ނުވާނޭކަން ވެސް އެނގޭނެއެވެ. މިއީ ހައްތަހާ ވެސް، ހަރުފައިގެ ހިކުމަތުން ލިބިގަނެވިދާނޭ ފިލާވަޅުތަކެވެ. އެހެންވެ، ދެންމެ މި ބުނި ތަފާތުތައް ނޭނގޭ، ނުވަތަ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތުގެ މަސްތުގައި ޖެހިފައިވުމުން އެ ތަފާތުތައް އެނގެން ބޭނުންނުވާ، ދުނިޔަވީ ވިޔަޅުތަކުގެ ތެރޭގައި އުޅޭއިރު، މި ނަންގަތް ހަރުފައިގެ ހިކުމަތުން ހިކުމަތް ލިބިގަނެ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ! އެހެން ނޫން ހެއްޔެވެ؟ ދެން ކަލޭމެންނަށް އިތުރަށް ސާފުކޮށްދޭނޭ ކަމެއް އެބަ އޮތް ހެއްޔެވެ؟

މިހެން ބުނެ ޖުހާގެ ވާހަކަ ނިންމާލިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *