އެކަކު އަނެކާގެ ކުށް ދެއްކުން މުޅިން ދޫކޮށްލެވޭން ވެއްޖޭ
އެކަންކަން ހެޔޮއަތަށް ފުރޮޅައި އަޚުންގެ ގޮތަށް އުޅޭން ވެއްޖޭ
އިހަށް ދުވަހަކު މިތާނގައި އޮތް އުޚުއްވަތްތެރި ގުޅުން މުގުރައި
ކިހައްޑިހައިން އަބުރު ނެތިކޮށް ދެކޮޅުވެރިކަން އިތުރު ވެއްޖޭ
ސިޔާސީ ފިކުރުތައް ފަދައިން ދެބަސްނުވެ ކަންކަމާ ދީނުގެ
ނިޔާތަކުގައި ތަފާތުނުކޮށް "ފޮތާ، ގޮތް" އިސްކުރަން ވެއްޖޭ
އުފެދި ބޮޑުވާ ކުދީން ސީދާ މަގުން ހިނގުމަށް ނުއެޅި ހުރަހެއް
އުފެދިގެން އަންނަޖީލު ރަނގަޅު މަގުން ހިންގާން އުޅޭން ވެއްޖޭ
ދުރުން އެއްވެސް ބަޔަކު ބޭރުން އައިސް ވިސްނާ ނުދޭނޭކަން
ހުރުން ބުއްދީގެ ހެޔޮ އިމުގައި އެއީ، މަޖްބޫރަކަށް ވެއްޖޭ
އަމަން ޤާއިމުވެ ރާއްޖޭގައި އުފާވެރިކަން ލިބޭނެ ގޮތުން
ތަމައްދުނުގައި ނިކަން ތަހުޒީބު ބަޔަކަށްވާން އުޅޭން ވެއްޖޭ
ވެރިންނާ ރައްޔިތުންނާ ވެސް ރިވެތި ޚުލުޤުން ޖަރީވެވިގެން
އެރިން ޙައްޤުވި ވަރަށްވުރެ އިތުރު މިންވަރު ނޭދެވޭން ވެއްޖޭ
ފަޚުރުވެރިވާނެ ޤައުމާމެދު ރަނގަޅު ޖީލެއް ބިނާކުރުމާ
ރަޙުމު ހަރުލާ ގޮތަށް ހިތުގައި ދަރީން ހާނައި ދެވޭން ވެއްޖޭ
ނަސޭހަތްދޭން މިއަދު ޙައްޤޭ ތިމާގެ އަމިއްލަ ނަފްސަށްކަން
ނަސޭހަތް ދޭފަރާތްތައް ވެސް ފިކުރުގައި ގެންގުޅޭން ވެއްޖޭ
ދިވެހި ޤައުމިއްޔަތުގެ ބިންގާ ނުކޮށްކަތި ފަހެ އަޅާއި ދީގެން
ރިވެތި ޚުލުޤުން މިސާލުޖެހޭ ދަރީން ޤައުމުން ނެރޭން ވެއްޖޭ
ވަޠަންދެކެ ލޯބިވާން ވާކަން އެކަމުގައި ޖާނު ދޭންވާކަން
ވަޠަންގެ ދަރީންގެ ހިތު ހަރުލާ ގޮތަށް ކިޔަވައި ދެވޭން ވެއްޖޭ
ދެވޭ މިޞްރާބު ގޯސްނޫންކަން އަޅައި ދުރުމީ ބަލައިދީފައި
ވެވޭން އޮތް އެންމެ ފަހި ދަތުރެއް ވެވޭތޯ ގަދަ އަޅާން ވެއްޖޭ
