Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އިރު ދުނިޔޭގެ އެންމެ ދެކުނަށް

އިރު ހިނގާ އާދައިގެ މަތީން ދުނިޔޭގެ އުތުރަށާއި މެދަށާއި ދެކުނަށް ކޮންމެ އަހަރަކުވެސް ދަތުރުކުރެއެވެ. އަހަރުގެ އެ ދުވަހަކު ހުންނަ ހިސާބަށް ތަފާތެއްނެތި ދަތުރު ކުރުމުގައި އިރު ފިލައެއް ނުދެއެވެ. އެގޮތުން މިއަދު، ޑިސެމްބަރު 21 ގައި، ދުނިޔޭގެ އެންމެ ދެކުނަށް އިރު ދަތުރު ކުރާނެއެވެ.

ދުނިޔޭގެ އެންމެ ދެކުނަށް ނުވަތަ "ޓްރޮޕިކް އޮފް ކެޕްރިކޯން" އަށް އިރު މިއަހަރު ދަތުރުކުރަނީ މިއަދު މާލޭގަޑިން ހަވީރު ހައެއް ޖަހާއިރުއެވެ. އެގޮތުގައި މާދަމާ މާލޭގަޑިން މެންދުރު 12 ޖަހާންދެން އިރު ދުނިޔޭގެ އެންމެ ދެކުނުގައި ހުންނާނެއެވެ.

އިރު ދުނިޔޭގެ އެންމެ ދެކުނަށްދާ މިންވަރަކީ "ޚައްޠު ޢަރުޟު"ގެ މިންވަރުން ވަޒަންކުރާނަމަ 23 ދަރަޖަ 26.3 ދަގީގު ދެކުނެވެ. އެއީ "ޚައްޠުއިސްތިވާ"ގެ ދެކުނުން 23 ދަރަޖަ 26.3 ދަގީގެވެ. އަދި އެއީ "ދަނަ ރާހި" ނުވަތަ "ޤައުސު ބުރުޖު" ނުވަތަ "ކެޕްރިކޯން"ގެ މުލަ ނަކަތުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު އަބަދުވެސް އިރު ހުންނަ ތަނެވެ.

އެއަށްފަހު އިރު ދަތުރު ފަށާނީ ދުނިޔޭގެ މެދަށް ނުވަތަ "ޚައްޠުއިސްތިވާ" އަށް ގޮސްފައި އެތަން ހުރަސްކޮށް ދުނިޔޭގެ އެންމެ އުތުރަށް ދިއުމަށެވެ. އެގޮތުގައި އަބަދާއި އަބަދު އިރުގެ ދައުރުވުމުގައި ފިލައި ނުގޮސް ދުނިޔެ ނިމޭންދެން ހުނާނެއެވެ.

އެފަދަ ކަންކަމުން ވެސް އެނގި ކަށަވަރުވަނީ އެއީ، ދެނެވޮޑިގެންވާ ކީރިތިވަންތަ ކަލަކު މިންވަރު ކުރައްވާފައިވާ ގޮތްކަމެވެ.