Support Us

ކޮލަމް ކޯދު: ސޫފިޔާނާ ޚިޔާލެއް- ރަސްގެފާނާއި ރަސްގެފާނުގެ ހަތަރު އަނބިކަނބަލުންގެ ވާހަކަ

ސޫފީޔާނާ ޝައިޚަކު އޭނާގެ ދަރިވަރުންނަށް ވާހަކައެއް ކިޔައިދެއްވިއެވެ. ރަސްކަލަކާއި އެ ރަސްގެފާނުގެ ހަތަރު އަނބިކަނބަލުންގެ ވާހަކައެވެ.

ޝައިޚު ވިދާޅުވި ގޮތުގައި އެ ރަސްގެފާނުންގެ ހަތަރު އަނބިކަނބަލުންގެ ތެރެއިން ހަތަރު ވަނަ އަނބިކަނބަލުން ދެކެ ރަސްގެފާނު ޖުނޫނީ ލޯބިވެވަޑައިގަތެވެ. އާދެ، މޮޔަފުޅުވެ، އެހެން ހުރިހާ ކަމެއް މަތިން ހަނދުމަފުޅު ނެތޭ ދަރަޖައަށް އޭނާ ދެކެ ލޯބިވެވަޑައިގަތެވެ.

ތިންވަނަ އަނބިކަނބަލުން ދެކެވެސް، ރަސްގެފާނު ލޯބިވެވަޑައިގަތެވެ. ނަމަވެސް، އޭނާއާ މެދު، ރަސްގެފާނު މާ ބޮޑު އިތުބާރެއް ނުކުރައްވައެވެ. ރަސްގެފާނު ހީފުޅުކުރައްވަނީ ކޮންމެ ވަގުތެއްގައި ވެސްމެ، ރަސްގެފާނު ދޫކޮށްލާފައި އެކަނބުލޭގެ ހިނގައިދާނޭ ކަމެވެ.

ދެވަނަ އަނބިކަނބަލުންނަކީ ރަސްގެފާނުގެ މަދަދުގާރު ކަމުގައި ރަސްގެފާނު ދެކެވަޑައިގަތެވެ. ދަތި އުނދަގޫތަކާއި ބޮޑެތި މައްސަލަތައް ކުރިމަތިވާ ވަގުތުތަކުގައި އެކަނބުލޭގެއާ ރަސްގެފާނު މަޝްވަރާކުރައްވައެވެ.

ފުރަތަމަ އަނބިކަނބަލުންނާ ރަސްގެފާނު މާ ބޮޑަކަށް އަޅާނުލައްވައެވެ. ނަމަވެސް އެކަނބުލޭގެ ރަސްގެފާނު ދެކެ ނުހަނު ލޯބިވެއެވެ. އަދި، ރަސްގެފާނުގެ މަމްލަކާ ރައްކާތެރިކޮށް ދެމިއޮތުމުގައި މުހިއްމު ރޯލެއްވެސް އެކަނބުލޭގެ އަދާކުރައްވައެވެ.

ދެން، ދުވަސްތަކެއްގެ ފަހުން، ރަސްގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. ރަށުގެ ބޭސްވެރި ހަކީމުންނަށް ރަސްގެފާނުގެ ބައްޔަށް ފަރުވާއެއް ނުހޯދުނެވެ. އަދި، ހުރިހާ ހަކީމުން ވެސް ރަސްގެފާނަށް ދެންނެވީ ރަސްގެފާނުގެ އަޖަލު ހަމަވެއްޖެ ކަމެވެ. ރަސްގެފާނު މި ފަނާވަނިވި ދުނިޔެ ދޫކުރައްވަން ޖެހިވަޑައިގަތުމުގެ ވަގުތު ވަރަށް ވެސް ކައިރިވެއްޖެ ކަމެވެ.

ދެން ރަސްގެފާނު، ނިންމެވީ، ރަސްގެފާނުގެ ހަތަރު އަނބިކަނބަލުން ތިއްބެވިއިރު، އެކަނި ގަބުރަށް އެރިވަޑައިނުގަތުމަށެވެ. ރަސްގެފާނު އަވަހާރަވުމުން، ރަސްގެފާނު އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވާ، ކޮންމެވެސް އަނބިކަނބަލެއް، ރަސްގެފާނު އަރިހުގައި ގަބުރަށް ގެންދެވުމަށެވެ.

މިގޮތަށް ކަންތައް ކުރައްވަން ނިންމަވައި، ރަސްގެފާނުގެ އަނބިއަނބިކަނބަލުންނާ ވާހަކަފުޅު ދެއްކެވިއެވެ. ރަސްގެފާނާއެކު މި ދުނިޔެ ދޫކޮށްދާން ރުހިވަޑައިގަންނަވާނޭ އަނބިކަނބަލަކީ ކޮބައިތޯ ބެއްލެވުމުގެ ގޮތުންނެވެ.

ދެން ހަތަރުވަނަ އަނބިކަނބަލުން ގެންނަވައި އޭނާ ގާތު ވިދާޅުވިއެވެ. "ކަނބުލޭގެ ދެކެ އަހުރެން ވަރަށް ވެސް ލޯބިވަމެވެ. ކަނބުލޭގެ ބޭނުންވި ކަމެއް އަހަރެން ކޮށްދިނީމުއެވެ. އަހަންނާއެކު، ގަބުރުގައި ވުމަށް ކަނބުލޭގެ ރުހޭނު ހެއްޔެވެ؟"

ޖަވާބުގައި އޭނާ ދެންނެވިއެވެ. "މާފުކުރައްވާށެވެ! ތިކަމެއް އަޅުގަނޑަކަށް ކުރެވޭނޭހެނެއް ހިޔެއް ނުވެއެވެ."

ދެން، ރަސްގެފާނުގެ ތިންވަނަ އަނބިކަނބަލުން ގެންނަވައި ހަމަ އެ ސުއާލުކުރެއްވިއެވެ. ރަސްގެފާނާއެކު ގަބުރުގައިވެ، ރަސްގެފާނުގެ އެކަނިވެރިކަމާއި މުނިފޫހިފިލުވައިދޭން ދާން ރުހޭނެތޯއެވެ.

ޖަވާބުގައި ތިންވަނަ އަނބިކަނބަލުން ވެސް ދެންނެވީ ހަމަ ހަތަރު ވަނަ އަނބިކަނބަލުންގެ ވެސް ޖަވާބެވެ. އެކަން ނުވާނޭ ކަމުގެ ވާހަކައެވެ. އަދި، ރަސްގެފާނު އަވަހާރަވުމުން، އެހެން މީހަކާ ކައިވެނިކޮށް އަދިވެސް އުފަލުގައި ހަޔާތް ވޭތުކުރަން ބޭނުންވާ ވާހަކަ ވެސް އޭނާ ދެންނެވިއެވެ.

ދެން، ދެވަނަ އަނބިކަނބަލުން ގެންނަވައި އެ ސުއާލުކުރުމުން ވެސް، އޭނާ ވެސް އުޒުރުވެރިވެ، އެކަން ނުވާނޭ ވާހަކަ ދެންނެވިއެވެ. ނަމަވެސް، ރަސްގެފާނުގެ ޖަނާޒާގައި ބައިވެރިވެ، ރަސްގެފާނުގެ ގަބުރުފުޅާއެކު ސަހަރާއާ ހަމައަށް ގޮސްދޭނެ ވާހަކަ އޭނާ ދެންނެވިއެވެ.

ދެން، ރަސްގެފާނު އިސްދަށަށް ޖައްސަވާލައްވައިގެން ހިތާމަ ކުރައްވަން އިންނަވަނިކޮށް، ރަސްގެފާނުގެ ފުރަތަމަ އަނބިކަނބުލޭގެ ބުނާ އަޑު އިވުނެވެ. "އަޅުގަނޑު ރަސްގެފާނާއެކު ދާނަމެވެ. ރަސްގެފާނު ވަޑައިގެންވި ކޮންމެތާކަށް، ރަސްގެފާނާއެކު ދާން އަޅުގަނޑު ރުހި ގަބޫލުވަމެވެ."

ރަސްގެފާނު އޭނާގެ މޫނަށް ބައްލަވާލައްވާފައި ވިދާޅުވިއެވެ. "މިއަދު އަހަރެން ވަރަށް ދެރަވެއްޖެއެވެ. ކަނބުލޭގެއާ އަޅާ ނުލެވުނީތީއެވެ. ދެން، އެނބުރި އަލުން ހަޔާތް ވޭތުކޮށްލުމުގެ ފުރުސަތެއް ލިބިއްޖެ ނަމަ، އަހަރެން ކަނބުލޭގެއަށް އިސްކަންދީ ކަނބުލޭގެއާ އަޅާލާނަމަވެ."

ދެން ސޫފީ އިލްމުވެރިޔާ އޭނާގެ ދަރިވަރުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. ރަސްގެފާނު ފަދައިން އަހަރުމެން ކޮންމެ މީހެއްގެ ވެސް، ހަތަރު އަނބިން ތިބެއެވެ.

އަހަރުމެންގެ ހަތަރުވަނަ އަނތްބަކީ އަހަރުމެންގެ ހަށިގަނޑެވެ. ކިތަންމެ ވަރަކަށް އަހަރުމެން، އަހަރުމެންގެ ހަށިގަނޑާ އަޅާލައި ހަށިގަނޑުގެ އެދުންތައް ފުއްދައިދިން ކަމުގައި ވިޔަސް، މަރުވާ ވަގުތުއްސުރެ ފެށިގެން އަހަރުމެންގެ ހަށިގަނޑު އަހަރުމެން ދޫކޮށްލައި އަހަރުމެންނާ ވަކިވެދެއެވެ.

އަހަރުމެންގެ ތިންވަނަ އަނބިމީހާއަކީ އަހަރުމެންގެ ފައިސާއާއި މުދަލެވެ. އަހަރުމެން މަރުވުމުން، އެތަކެތި އަހަރުމެންގެ ވާރުތަވެރިންގެ އެއްޗެއް ކަމުގައި ވެދެއެވެ.

އަހަރުމެންގެ ދެވަނަ އަނބިމީހާއަކީ އަހަރުމެންގެ އެކުވެރިންނެވެ. ރަހުމަތްތެރިންނެވެ. އަހަރުމެން މަރުވުމުން، އެމީހުން ވެސް އަހަރުމެންނާ ވަކިވެ ދެއެވެ. އެމީހުންނަށް ކުރެވޭނެހާ ވެސް ކަމަކީ އަހަރުމެންގެ ޖަނާޒާގައި ބައިވެރިވުމެވެ.

އަހަރުމެންގެ ފުރަތަމަ އަނބިމީހަކީ އަހަރުމެންގެ ހެޔޮ އަމަލުތަކެވެ. އަހަރުމެން މަރުވުމުން، އަހަރުމެންގެ ހެޔޮ އަމަލުތައް، އަހަރުމެން ދޫކޮށްނުލައި، އަހަރުމެންނާ އެކު، އަހަރުމެންގެ ގަބުރަށް އެރެން އާދެއެވެ. ނަމަވެސް، އަހަރުމެންގެ އެހެން އަނބިންނަށް އިސްކަންދެވުމުން، އަހަރުމެންގެ ހަށިގަނޑުގެ އެދުންތައް ފުއްދައި، ފައިސާއާއި މުދާ އެއްކޮށް ޖަމާކުރަން އުޅެ، އަހަރުމެންގެ އެކުވެރިންނާއެކު ސަޔާއި ކޮފީ ބޮއި، މުނިފޫހިފިލުވުމުގައި އަހަރުމެންގެ ވަގުތުތައް ހޭދަކުރުމުގައި އަވަދިނެތި އުޅުމުގެ ސަބަބުން، އަހަރުމެންގެ ފުރަތަމަ އަނބިމީހާއާއި އަހަރުމެންގެ ހެޔޮ އަމަލުތަކާ އަޅާނުލައި ފަރުވާކުޑަކޮށްލެވޭ ގޮތް ވެއެވެ. ނަމަވެސް، މިއީ އަހަރުމެން އިސްކަން ދޭންވީ ކަންތައް ނޫން ހެއްޔެވެ؟ އެހެނީ، އަބަދުވެސް، ދިރިހުރުމުގައްޔާއި އަދި މަރުވުމަށް ފަހުގައި ވެސް، އަހަރުމެންނަށް ފައިދާކުރާނޭ ކަމަކީ އަހަރުމެންގެ ހެޔޮ އަމަލުތަކެވެ!