އަލަށް ބަލިވެއިނުމުން މަލެއްހެން ބަލާނޭ
ވަލަށް ވަދެ އުޅެން ވެސް ޤަބޫލެއް ނުވާނޭ
ރެއަށް އޮއްސުމުން އިރު ގެއަށް ވަދެ ތިބޭނޭ
މެއަށް ފުމެ ކުރުސިއާ ޝަހާދަތް ކިޔާނޭ
ދެއީދުގެ ދުވަސްވަރު މަސައްކަތް ނުވާނޭ
އެއީ އާދަ ކަމުގައި ވެޔޭ ބުނެ ދެވޭނޭ
ވަޅިން ނުކޮށުމަށް އަބަދުހެން ބުނެ ދެވޭނޭ
މަޅިން ގޮއްޖަހާ އަދި ނުފެހުމަށް ބުނާނޭ
އެގޮތުގައި ދުވަސްތައް ދަނީ ދިގުލަމުންނޭ
އެގޮތް ވެސް ޤަބޫލޭ ވަރަށް ބަސް އަހާނޭ
ހަތަރު މަސް ވުމުން ދެން ބަނޑުން ތޮޅިލައޭ
އަތަރު މީރު ހުވަނދުން ބަނޑުގެ ތެޔޮ ދަމާނޭ
ހަތަރު އަވަށު އެންމެން ގެނެސް ކާންދެވޭނޭ
ކަތަކު ހިތް ނުބައިކޮށް ހަސަދަވެރި ނުވާނޭ
ބަނޑަށް ހަތްމަހުން މާމަ ތެޔޮ ފެން ދަމާނޭ
އަޑުން ރީތި ކިޔަވައި ދުޢާކޮށް ހަދާނޭ
މަޑުން ބަސް އަހައިގެން އޮތީމާ ހެވޭނޭ
އަޑުން ފޫޅު މާމަގެ ނަސޭހަތް ދެވޭނޭ
ބަހުން ރަށުގެ "ގެށިވެށި" ހަދަން ދެން ފަށާނޭ
އަޚުން އުޚުތުނާ އެކު މަސައްކަތް ކުރާނޭ
އަމާން ވެއްޓަކުން ހިތް އުފާކޮށް ދެވޭނޭ
ޒަމާނަށް ފެތޭ އެންމެ މޮޅު ގޮތް ހަދާނޭ