Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަނދިރި ރާއްޖެއާއި ތަންދޮރު ނުދަންނަ މޮޔަ ރަސްގެފާނު

(ނޯޓް: މިއީ ވަރަށް ކުރީގައި، މިވާހަކައިގެ އަސްލު، ސެންސްކުރިތު ބަހުން ލިޔެފައިވާ ވަރަށް އިހުގެ ވާހަކައެކެވެ. މި ވާހަކަ، ކުދިކުދި ބަދަލުތަކާއެކު އެކި ބަސްބަހަށް ތަރުޖަމާކުރެވިފައި ވެއެވެ. ތިރީގައި އެވަނީ މި ވާހަކައިގެ ދިވެހިކޮށްލުމެކެވެ.)

****

ޒުވާން ކުއްޖަކު، ދުރުގައި އޮތް ރާއްޖެއަކަށް ދާން ބޭނުންވިއެވެ. ރަނގަޅު މަސައްކަތެއް ހޯދައި އޭނާގެ ފަގީރު ދަތި ދިރިއުޅުމުން ސަލާމަތް ވުމަށްޓަކައެވެ. ދެން، އެކުއްޖާގެ އެދުރު ގާތަށް ގޮސް، އެ ކުއްޖާ ނިންމާފައިވާ ގޮތުގެ ވާހަކަ އެދުރު ގާތު ބުންޏެވެ. އެ ކުއްޖާ ދާން އުޅޭ ރާއްޖޭގެ ވާހަކަ ބުނުމުން، އެދުރު ނަސޭހަތް ދިނީ އެ ރާއްޖެއަށް އެއްގޮތަކަށް ވެސް ނުދިޔުމަށެވެ. ސަބަބަކީ އެދުރު ބުނި ގޮތުގައި، އެ ރާއްޖެ މަޝްހޫރުވެފައި ވަނީ 'އަނދިރި' ރާއްޖޭގެ ގޮތުގައެވެ. އެ ރާއްޖެއަކީ އެއްވެސް ހަމައެއް ލަމެއެއް ނެތް، ގާނޫނެއް ހިނގާ ތަނެއް ނޫނެވެ. އެ ރާއްޖޭ ތަކެތި އަގު ބޮޑު ވާހަކަ ވެސް އެދުރު ބުންޏެވެ. އެންމެ އާދައިގެ އެއްޗެއް ވެސް އެ ރަށުން ލިބޭނީ އެންމެ އަގު ބޮޑެތި އެއްޗެހީގެ އަގުގައެވެ. މީގެ އިތުރުން އެ ރާއްޖޭގެ ރަސްގެފާނަކީ ތަންދޮރު ނުދަންނަ މޮޔައެކެވެ.

ކޮންމެއަކަސް ޒުވާން ކުއްޖާ، އޭނާގެ އެދުރުގެ ބަހެއް ނޭހިއެވެ. އެ ކުއްޖާ ނިންމީ އެ ރާއްްޖެއަށް ދާށެވެ.

އެ ކުއްޖާ އެ ރާއްޖެއަށް ގޮސް ހުއްޓައި އެ ރަށުގައި ވައްކަމުގެ ހާދިސާއެއް ހިނގިއެވެ. ހަތަރު ބޭން ވެގެން، ވައްކަން ކުރަން ގެއަށްކަށް ވަނެވެ. ގެއިން އެއްޗެއް ނުނެގި އުޅެނިކޮށް، ގޭގެ ފާރު އެ ހަތަރު ބޭންގެ މައްޗަށް ވެއްޓި، ހަތަރު ބޭން ވެސް މަރުވީއެވެ.

ހަތަރު ބޭން މަރުވި ޚަބަރު، އެ ކުދިންގެ މަންމައަށް ލިބުމުން އެކަމާ ހިތާމަކޮށް ވަރަށް ރުޅިވެސް އައެވެ. ހިތާމަކުރީ އޭނަގެ ދަރިން މަރުވީމައެވެ. ރުޅިއައީ ފާރު ވެއްޓި، އެކުދިން ފާރު ދަށުވީމައެވެ. ދެން، އެ މަންމަ ނިންމީ އެ ވެއްޓުނު ފާރުގެ ގޭގެ ވެރިމީހާގެ މައްޗަށް ދައުވާކުރާށެވެ. އޭނާގެ ގޭގެ ފާރު ދެރަކޮށް ރާނާފައިވާތީއެވެ. އަދި، މަންމަގެ ދަރިންކޮޅު މަރުވުމުގެ ސަބަބަކީ އެ ފާރު ބަލިކަށިވީމައި ކަމަށްވާތީއެވެ.

މަންމަގެ މައްސަލަ، އަނދިރި ރާއްޖޭގެ ކޯޓަށް ހުށަހެޅުނެވެ. އަދި، ގޭގެ ވެރިމީހާ ކޯޓަށް ހާޒިރުކުރެވި، އޭނައާ ގާޒީ ސުއާލުކުރެއްވިއެވެ. އޭނާގެ ގޭގެ ފާރު އެހާ ބަލިކޮށް ރޭނީ ކީއްވެގެންކަން ބަޔާންކޮށްދިނުމަށް ވެސް ގާޒީ އޭނަ ކިބައިން އެދިލެއްވިއެވެ. އޭނައަށް މަގުބޫލު ސަބަބެއް ނުދެއްކިއްޖެ ނަމަ، މަރުވި ހަތަރު ކުދިންގެ މަރުގެ ޒިންމާ ގޭގެ ވެރިފަރާތުން އުފުލައި އެކަމުގެ ސަޒާއެއްގެ ގޮތުގައި ގޭގެ ވެރިމީހާ މަރަން ޖެހޭނެ ވާހަކަ ވެސް ގާޒީ ވިދާޅުވިއެވެ.

ގޭގެ ވެރި މީހާ، އޭނާގެ ގޭގެ ފާރު ބަލިކަށި ކަމާ މެދު އެއްބަސްވިއެވެ. ނަމަވެސް، ފާރު ވެއްޓުނީ އޭނާގެ އިހުމާލުން ނޫންކަން އޭނާ ވަރަށް ޔަގީންކަމާއެކު ބުންޏެވެ. މީގެ އިތުރުން، އޭނާ ބުނީ، ފާރު ވެއްޓުނީ ރޭނި މީހާގެ އިހުމާލުން ކަމެވެ.

ދެން، ކޯޓަށް އެގޭ ފާރު ރޭނި މީހާ ހާޒިރުކުރެވި، އޭނައާ ސުއާލު ކުރެވުނެވެ. ރޭނި މީހާ ވެސް ފާރުގެ ބަލިކަށިކަމާ މެދު ދެބަހެއް ނުވެއެވެ. ނަމަވެސް، ފާރު ވެއްޓުނީ އޭނާގެ އިހުމާލުން ނޫން ކަމަށް އޭނަ ބުންޏެވެ. އެކަމުގެ ޒިންމާ އުފުލަންވާނީ ސިމެންތި ގެށި މީހާ ކަމެވެ. އެހެނީ، ސިމެންތި ގަށާފައި ވަނީ މާ ގިނައިން ފެން އަޅައިގެން މާ ދިޔާކޮށް ކަމަށްވާތީއެވެ.

ކޮންމެއަކަސް، ސިމެންތި ގެށި މީހާ ވެސް ކޯޓަށް ހާޒިރުކުރެވުނެވެ. ސިމެންތި ދިޔާ ކަމަށާއި އެހެންވެ، ސިމެންތީގެ ފެންވަރު ދަށްކަމަށް އޭނާ އެއްބަސްވިއެވެ. ނަމަވެސް، ފާރުވެއްޓެން ދިމާވުމުގެ ޒިންމާ އޭނާ އުފުލަން ނުޖެހޭ ކަމަށް އޭނަ ބުންޏެވެ. އޭނާގެ ނަޒަރުގައި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އޭނަ ސިމެންތި ގަށަން ހުއްޓައި އެ ތަނުން ދިޔަ ފާދިރީއެވެ. ސަބަބަކީ އެ ފާދިރީ އޭނައަށް ދީނީ ނަސޭހަތް ދިނުމުން، ސިމެންތި ގަށަން ފެން އެޅެމުން ދިޔަވަރާ މެދު އޭނައަށް ނުވިސްނުނީއެވެ. ފާދިރީގެ މަތިވެރި ބަސްކޮޅަށް އަޑުއަހަން ހުރުމުގެ ސަބަބުންނެވެ.

ދެން، އަނދިރި ރާއްޖޭގެ ކޯޓުގައި އިންނެވި ގާޒީ، މައްސަލައާ ގުޅުން ހުރި އެންމެންގެ ވާހަކަތައް އަޑު އެހުމަށް ފަހު، ގާޒީގެ އަދުލުވެރި ނިންމެވުން ކަނޑައެޅީ ހަތަރު ބޭން މަރުވުމުގެ ސަބަބަކީ އެ ފާދިރީކަމެވެ. ދެން، އެ ފާދިރީ ހޯދައިގެން ގެނެސް އޭނަގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ.

ފާދިރީ މަރަން އޮތް ދުވަހު ދަންޖައްސާ މައިދާނަށް ފާދިރީ ގެންދެވުނެވެ. އަދި، ފާދިރީގެ ކަރުގައި ދަންޖައްސާ ވާގަނޑު އެޅުވުނެވެ. ނަމަވެސް، އެ ވާގަނޑުގެ މަޅި ފާދިރީގެ ކަރުގެ ފަލަމިނަށް ވުރެ މާ ބޮޑެވެ. އަނދިރި ރާއްޖޭގެ ގާނޫނު ނިޔާ ކުރަނީ ދަންޖައްސާ ވާގަނޑުގެ މަޅިއަށް އެއްވެސް ބަދަލެއް ނުގެނެވޭނޭ ކަމެވެ.

މިކަންވީ ހައްލު ނުކުރެވޭނޭ ބޮޑު މައްސަލައަކަށެވެ. އެހެންވެ، އެފަދަ ދަނޑިވަޅުވަޅުގައި އަނދިރި ރާއްޖޭގައި ކަންކުރަން އޮންނަ އުސޫލުގެ މަތިން، މައްސަލަ އަނދިރި ރާއްޖޭގެ މޮޔަ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ގެންދެވުނެވެ. ވަރަށް ރަނގަޅަށް މައްސަލަ ބެއްލެވުމަށް ފަހު، މޮޔަ ރަސްގެފާނު ނިންމެވީ، ދަންޖައްސާ ވާގަނޑުގެ މަޅި އެ މީހެއްގެ ކަރަށް ފެތޭ ވަރުގެ މީހަކު ގެނެސް ދަންޖައްސައި މެރުމަށެވެ.

ދަންޖައްސާ މާ ދުރު ނޫން ހިސާބެއްގައި އެއްކަލަ ޒުވާން ކުއްޖާ އިނެވެ. އޭނައަކީ ސިއްހަތު ރަނގަޅު ސަމަންތަރު ހެޔޮ ކުއްޖަކަށް ވެފައި އޭނާގެ ކަރުވެސް ފަލައެވެ. ކޯޓުގެ އިސް މީހުން އެކުއްޖާ ކޯޓަށް ހާޒިރުކޮށް އޭނާގެ ކަރަށް މަޅި ފެތި ބާރުވޭތޯ ބެލިއެވެ. އަދި، އެ މަޅި އޭނާގެ ކަރަށް ފެތުމުން، އެ ޒުވާން ކުއްޖާ މަރަން ނިންމިއެވެ. މަރުވި ހަތަރު ބޭންގެ ބަދަލުގައެވެ.

ދެން، ޒުވާން ކުއްޖާ ވަރަށް ބޮޑަށް ހާސްވެ، އޭނާގެ އެދުރަށް އޭނާ ދަންޖައްސަން އުޅޭ ވާހަކަ އެންގިއެވެ. މިކަން އެނގުމުން، އެދުރު، ވަރަށް އަވަހަށް އަނދިރި ރާއްޖެއަށް އައިސް، އޭނާގެ ދަރިވަރު ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ.

އެދުރު ކޯޓަށް ހާޒިރުވެ، އެއްވެސް ކުށެއް ނެތް މީހަކު ދަންޖެއްސުން ރަނގަޅު ނޫން ވާހަކަ ގާޒީއަށް ދެންނެވިއެވެ. ގާޒީ ވެސް އެކަމާ އެއްބަސްވެލެއްވިއެވެ. ނަމަވެސް، ގާޒީ ވިދާޅުވީ ރަސްގެފާނުގެ ހިކުމަތްފުޅު ނިޔާކުރަނީ އެ ޒުވާން ކުއްޖާ މެރުމަށް ކަމަށެވެ. ދަންޖައްސާ ވާގަނޑުގެ މަޅި އޭނާގެ ކަރަށް ފެތޭތީއެވެ. ދެން، އެދުރު އެދުނީ އެ ކުއްޖާގެ ބަދަލުގައި އެދުރު ދަންޖެއްސުމަށެވެ.

މިކަމާ ގާޒީ ދެކޮޅުހެއްދެވިއެވެ. ސަބަބަކީ އެދުރުގެ އެއްވެސް ކުށެއް ނެތީމައެވެ. އަދި، ރަސްގެފާނުގެ ހިކުމަތްފުޅު ވެސް އެދުރު ދަންޖެއްސުމަށް ކަނޑަނާޅާތީއެވެ. ނަމަވެސް، އެދުރު ދަންޖައްސަން ޖެހޭ ރަނގަޅު ސަބަބެއް ބުނެފި ނަމަ، ކުއްޖާގެ ބަދަލުގައި އެދުރު ދަންޖެއްސިދާނެކަމުގެ ވާހަކަވެސް ގާޒީ ވިދާޅުވިއެވެ.

ދެން، ގާޒީއަށް އެދުރު ދެންނެވިއެވެ. އެ ދުވަހަކީ ވަރަށް ވެސް ބަރަކާތްތެރި ދުވަހެކެވެ. އެދުވަހު ދަންޖައްސައިގެން މަރުވާ ކޮންމެ މީހަކު ސުވަރުގެދާނޭ ކަމާއި އަދި، އެތައްއެތައް ހޫރުލްއީނުންނެއް ވެސް އޭނައަށް ލިބޭނޭ ކަމުގެ ވާހަކަ އެދުރު ބަލާ ފޮތްތަކުގައި އޮތް ކަމުގައި އެދުރު ގާޒީއަށް ދެންނެވިއެވެ.

މިވާހަކަ އައްސަވާފައި ގާޒީ ވިދާޅުވިއެވެ. ދަންޖައްސަން ޖެހޭނީ ކާކުކަން ނިންމުގެ އިޚްތިޔާރު އޮތީ ގާޒީގެ އަތްޕުޅުގައި ކަމެވެ. އެހެންވެ، ވައްކަން ކުރަން އުޅުނު ހަތަރު ބޭން މަރުވުމުގެ ޒިންމާ އުފުލާނީ ގާޒީކަމާއި އަދި ދަންޖައްސަން ޖެހޭނީ ގާޒީ ކަމުގައި ގާޒީ ވިދާޅުވިއެވެ. އަދި، ގާޒީގެ ނިންމެވުމާ އެއްގޮތުމުގެ މަތިން، ގާޒީ ދަންޖެއްސުނެވެ.

ދެން، އެދުރާއި އޭނާގެ ދަރިވަރު، އަވަހަށް، އަނިދިރި ރާއްޖެ ދޫކޮށް ދިޔައެވެ. ދުވަހަކު ވެސް އެ ރާއްޖެއަށް އެނބުރި ނާންނަން ނިޔަތް ގަނެގެންނެވެ.