...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ތެދާއި ދޮގުގެ ބައްދަލުވުން

އެއް ދުވަހު ތެދު ހިނގާލަން ދިޔައެވެ. ރަށުގެ އަތިރިމަތީ ތެދު ހިނގަމުން ދަނިކޮށް މީހަކު ފަހަތުން އައިސް ސަލާން ގޮވާލުމުން، ފަހަތަށް އެނބުރި ބަލައިލިއިރު ކައިރީގައި ދޮގު ހުރިތަން ތެދަށް ފެނުނެވެ. ދެން، ސަލާން ރައްދު ކުރުމުން ދޮގު ބުންޏެވެ.

ދޮގު: މިއަދަކީ ވަރަށް ވެސް ރީތި ދުވަހެއް ދޯއެވެ؟

ތެދު: (ދުވަހަކީ ރީތި ދުވަހެއް ކަމުގައި ވިޔަސް ދޮގުގެ ދުލުން އެ ބަސް ނިކުތުމުން، ތެދު، އެ ބުނި އެއްޗަކާ މެދު ކުޑަކޮށް ޝައްކުވިއެވެ. ދެން، ބޭއިޚްތިޔާރުގައި އުޑުމައްޗަށް ބަލައިލެވުނެވެ. އުޑުމަތި ވަރަށް ވެސް ސާފުކޮށް އޮތް ތަން ތެދަށް ފެނުނެވެ. ދެން ބުންޏެވެ.) އާނއެކެވެ. މިއަދަކީ ވަރަށް ވެސް ރީތި ދުވަހެކެވެ.

ދޮގު: މޫދަށް ބަލައިލަބަލާށެވެ! މިއަދަކީ ކިހާ މަޑު ދުވަހެއް ހެއްޔެވެ؟ ވައި ރޯޅިއެއް ވެސް ނެތެއް ނޫން ހެއްޔެވެ؟ އަދި އެއްވެސް ރާޅެއް ވެސް ނެތެއް ނޫން ހެއްޔެވެ؟ މޫދަށް އެރެލަމާ އަންނާށެވެ! ކުޑަކޮށް ފަތާލައި ކަސްރަތުކޮށްލުމަށެވެ.

ތެދު: (އަނެއްކާ ވެސް، ދޮގުގެ ވާހަކަތަކުގެ މައްޗަށް، ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. ނަމަވެސް، އެ ވާހަކަތައް ދޮގުގެ ދުލުން ނިކުތް ކަމުގައި ވިޔަސް، އެއީ ހަގީގަތް ކަމަށް ތެދު ވެސް ގަބޫލުކުރިއެވެ. އަދި ބުންޏެވެ.) އާނ މިއަދަކީ މަޑު ވެސް ދުވަހެކެވެ. މޫދަށް އެރިލަން ހަމަ އެންމެ ރަނގަޅު ވެސް ދުވަހެކެވެ.

އެހެން ބުނެ ތެދާއި ދޮގު ހެދުން ބާލައި، މޫދަށް އެރުނެވެ. އަދި، ތެދު، އެއްގަމާ ތަންކޮޅެއް ދުރަށް ފަތާލިއެވެ. އިރުކޮޅެއް ކޮށްލާފައި ބަލައިލިއިރު ދޮގު ފެންނާކަށް ނެތެވެ. ދެން، އިރުކޮޅަކު ފަތާލުމަށް ފަހު، ތެދު މޫދުން އެރިއެވެ. ނަމަވެސް، ތެދުގެ ހެދުން ހޯދަހޯދައި ވެސް ނުފެނުނެވެ. ދެން، އެއްލި ކަޅިއަކުން ފެނުނީ ތެދުގެ ހެދުން އަޅައިގެން ދޮގު ހުރި ތަނެވެ.

އެތަން ފެނުމުން، ދޮގު ފަހަތުން ތެދު ދުއްވައިގަތެވެ. ތެދުގެ ހެދުން ހޯދުމުގެ ނިޔަތުގައެވެ. ދެން، ރަށުތެރެއަށް މީހުންގެ ތެރެއަށް ނިކުމެވުނު އިރު ވެސް، ދޮގު ހުރީ ތެދުގެ ހެދުން އަޅައިގެންނެވެ. ތެދު، ހުރީ އޮރިޔާންވެ، ހާމައަށް އޭގެ ހަގީގަތް ފެންނާށެވެ. ނަމަވެސް، މީސްތަކުންނަށް އެ ތަން ކަމަކު ނުދިޔައެވެ. ތެދު އޭގެ ހަގީގަތުގައި ފެނުމުން، ތެދު ބަލައިގަންނާނަކަށް މީސްތަކުން ބޭނުން ނުވިއެވެ. އަދި ކިއެއްހެއްޔެވެ؟ މީސްތަކުން ތެދާ ދިމާކޮށް، ހީނ މަލާމާތްކޮށް ތެދާ ދިމާއަށް އެއްޗެހި ކިޔެއެވެ. ދެން، މިކަމާ ތެދު ވަރަށް ދެރަވިއެވެ. އަދި، ދެރަވި ވަރުން، ވަލުތެރެއަށް ވަދެ، ތެދު ފިލިއެވެ.

ދެން، ތެދުގެ ހެދުން އަޅައިގެން ދޮގު މީސްތަކުންގެ ތެރެއަށް ނިކުތެވެ. އެހެންވެ، މީސްތަކުންނަށް ދޮގު ކަމުދިޔައެވެ. އަދި، އަބަދުވެސް ދޮގު ބަލައިގަނެވޭ ގޮތް ވިއެވެ. ދެން، މީސްތަކުންނާ ދުރަށް، ވަލުތެރެއަށް، މަދު ފަހަރަކު، ދާ މީހަކަށް ނޫނީ ތެދު ފެނި، ހަގީގަތް އެނގޭ ގޮތެއް ނުވެއެވެ.

(ދިވެހިކޮށްލުމެއް)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.