Support Us

ކޮލަމް ކޯދު: ހިކުމަތްތެރި ބަސްކޮޅަކާއި ތައުލީގެއް

ތިރީގައި އެވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޯޖް އޯވެލްގެ ލިޔުންތަކުން ހޮވައި ނެގިފައިވާ ހިކުމަތްތެރި ބަސްކޮޅެކެވެ. އެރިކް އާތަރ ބްލެއަރ ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ، ޖޯޖް އޯވެލްއަކީ އިނގިރޭސި ވާހަކަ ލިޔުންތެރިއެކެވެ. އަދި ނޫސްތަކަށް ލިއުއްވި ނޫސްވެރިއެއް ވެސް މެއެވެ. މީގެ އިތުރުން އަދަބީ ނާގިދެއް ވެސް މެއެވެ. އޭނާގެ ވާހަކަތަކުގައި އިސްތިބްދާދިއްޔަތާއި މުތުލަގު ބާރުވެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފައި ވެއެވެ. އޭނާގެ އެނިމަލް ފާމްއާއި ނަވާރަ ސަތޭކަ އަށްޑިހަ ހަތަރެއް މި ދެފޮތުން ވެސް މިކަން ފެނިގެން ދެއެވެ. އޭނާ ނިޔާވީ 1950ވަނަ އަހަރުގައެވެ.

1. މާޒީ، އޭނާގެ ބާރުގެ ދަށަށް ގެނެސް، ކޮންޓުރޯލުކުރާ މީހާ، މުސްތަގުބަލު ކޮންޓުރޯލުކުރެއެވެ. ހާޒިރު، އޭނާގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރާ މީހާ މާޒީ ކޮންޓުރޯލުކުރެއެވެ.

މި ވާހަކަކޮޅުގެ ތަރުތީބު ބަދަލުކޮށްލައި އަލުން އިބާރަތްކޮށްލާ ނަމަ، މިހެން ބުނެވިދާނެއެވެ. ހާޒިރު އޭނާގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލު ކުރެވިއްޖެ ނަމަ، މާޒީ އޭނާއަށް ކޮންޓުރޯލުކުރެވިދެއެވެ. މާޒީ އޭނާގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލު ކުރެވުމުން، މުސްތަގުބަލު އޭނާއަށް ކޮންޓުރޯލު ކުރެވެއެވެ.

މި ވާހަކަކޮޅުގެ މާނަ ޚުލާސާކޮށް އެއްޗެއް ބުނެލާނަމެވެ. ތިމާ އެދޭ މުސްތަގުބަލު އޮންނާނެ ގޮތް ކަނޑައަޅާލައި، ކުރަހާލަން އެދޭ މީހާ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އޭނާގެ ފުރިހަމަ ބާރުގެ ދަށަށް އޭނާގެ ހާޒިރު ގެނައުމެވެ. މިކަން ކުރެވޭނީ އޭނާގެ މާޒީގެ މައްޗަށް ނަޒަރު ހިންގައި، މާޒީގެ، ގެއްލުންތަކާއި ނާކާމިޔާބުތަކުން، އިބުރަތް ހާސިލުކޮށް، އެކަމުން އަރައިގަނެވިގެންނެވެ. މާޒީގެ ގެއްލުންތަކާއި ނާކާމިޔާބީތަކަކީ މީހާ މާޔޫސްކޮށްލާ، އެކަމާ ހުރެ، ކުރިއަށް ނުދެވޭނޭ ކަންކަން ކަމުގައި ދުށުމުން ދުރުވެވިގެންނެވެ. މިފަދައިން ކަންތައް ކުރެވިއްޖެ ނަމަ، މާޒީ އޭނާގެ ބާރުގެ ދަށަށް ގެނެވި، ހާޒިރަކީ، އަލުން އޭނާގެ މުސްތަގުބަލު ކަނޑައަޅައި، ކުރިއަށް ހިނގާނޭ މަގު ކޮށަން އޮންނަ ވަގުތަކަށް ވެގެން ދެއެވެ.

އާދެ، ގޯސް ހެދި، ފޭލިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވާނީ އެކަމުގެ ތެރެއަށް ގެނބި، ޣަރަގުވުމުގެ ފުރުސަތު ނަފްސަށް ދިނުމެވެ. އެ ފުރުސަތު ނުދީ، މާޒީގެ ނާކާމިޔާބުތަކުން، އަރައިގަނެ، އެކަންކަމުން ފިލާވަޅު ލިބިގަނެ، ހަށިފޮޅާލައި އަލުން، ކުރިއަށް ދާނޭ ގޮތް ރާވައި، ކެރިގެން އެ މަގުގައި، ލަސްނުކޮށް، ކުރިއަށްދާން ހިނގަން ފަށަންވީއެވެ.

2. އޮޅުވާލުމާއި މަކަރުހެދުމުގެ ޒަމާނެއްގައި ތެދެއް ބުނެ ހަގީގަތް ބަޔާންކުރުމަކީ އިންގިލާބީ އަމަލެކެވެ.

ދާދި ފަހުން ލިޔުނު ލިޔުމެއްގައި ބަޔާންކުރި ފަދައިން، އަޅުގަނޑުމެން އުޅެމުންދާ މި ޒަމާން ސިފަކުރެވެނީ 'ޕޯސްޓް ޓުރުޘް’، ތެދު ބުނުން ފަހަނައަޅައި ގޮއްސައިވާ ޒަމާނެއްގެ ގޮތުގައެވެ. އާދެ، އަޅުގަނޑުމެންގެ މި ދުވަސްވަރަކީ ތެދު ހަގީގަތުގެ މައްޗަށް ބިނާކޮށްގެން ވާހަކަދައްކައި ލިޔެ ހަދާ ޒަމާނެއް ނޫނެވެ. މިކަން އެންމެ ސާފުކޮށް ފެނިގެންދަނީ ސިޔާސީ ވެރިންގެ ވާހަކަތަކުންނެވެ. މިސާލަކަށް، ރާއްޖޭގެ ބައެއް ސިޔާސީ ވެރިންގެ ބައެއް ވާހަކަތަކަށް ނަޒަރު ހިންގާލާށެވެ. ރާއްޖެއަށް އަދު ސަލާމަތާއި ރައްކާތެރިކަން ލިބެން އޮތީ އިންޑިޔާގެ އަސްކަރީ ބާރުގެ ދަށުގައި ރާއްޖެ އޮވެގެންނޭ ބުނެ އެއްބަޔަކު ދައުވާކުރެއެވެ! އަދި، މިފަދައިން ދައުވާ ކުރާ މީހުން ދެކޭ ގޮތުގައި މިކަމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ފުށުއަރާކަމެއް ނޫނެވެ.

މީގެ ހަގީގަތް ދެނެގަތުމަށްޓަކައި، ބޫޓާނާއި އިންޑިޔާއާ ދެމެދު ކުރެވުނު މިފަދަ އެގުރީމެންޓުތަކަށް ބަލާލާށެވެ. ބޫޓާނުގެ ސިފައިން ތަމްރީނުކުރަން، ބޫޓާނުގައި، އިންޑިޔާގެ ސިފައިން ތިބޭ ގޮތަށް ހަމަޖެހުނެވެ. އަދި، ބޫޓާނުގެ އިގުތިސާދާއި ޚާރިޖީ ސިޔާސަތު ވެސް، ސީދާ އިންޑިޔާގެ ނުފޫޒުގެ ދަށަށް ގެނެވުނެވެ. މިކަންކަމީ، ބޫޓާނުގެ މިނިވަންކަމާ ސިޔާދަތާ ފުށުއަރާކަމެއް ކަމުގައި ދެކި، ބޫޓާނާއި އިންޑިޔާއާ ދެމެދުވީ އެއްބަސްވުންތައް އިސްލާހުކޮށް ބަދަލުކުރަން ޖެހުނެވެ. މިކަމުން ހެކި ލިބެނީ ދެގައުމު ދޭތެރޭ ކުރެވޭ އަސްކަރީ އެއްބަސްވުންތަކުގެ ސަބަބުން، ސިޔާދަތާއި މިނިވަންކަމަށް ބުރުއެރިމެވެ. މިފަދަ ގޮތެއްގައި އެއްބަސްވުންތައް ވެވިއްޖެ ނަމަ، ގައުމުތަކަށް ބޮޑެތި ގެއްލުންތައް ވެސް ލިބިދާނެއެވެ. ސިއްކިމް އަކީ އޭގެ މިސާލެކެވެ. މިނިވަންކަންމަތީ އޮތް ގައުމެއް، މި ނަންގަތް ފަދަ އެއްބަސްވުންތަކުގެ ސަބަބުން، މިނިވަންކަން ގެއްލި، އިންޑިޔާގެ ބައެއް ކަމުގައި ހިމެނިގެންދިޔައީއެވެ.

ހަމަ އެހެންމެ، ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް އަސްކަރީ އެއްބަސްވުމުގެ މައްޗަށް ބަލާލާއިރު، ރާއްޖޭގައި ގާއިމުކުރާ އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ބިނާކުރަން ޖެހެނީ ދިވެހި ރައްޔިތުންގެ ނަމުގައި ލޯނުނަގައިގެން، ދިވެހި ރައްޔިތުންގެ ޚަރަދުގައެވެ. މީގެ އިތުރުން މި މަރުކަޒުތައް ހިންގުމުގެ ޚަރަދުގެ ބޮޑު ބައެއް ވެސް ކުރަން ޖެހެނީ ހަމަ ދިވެހި ރައްޔިތުންނެވެ. މިކަމާ ބެހޭ މައުލޫމާތު، ރާއްޖެއާއި އިންޑިޔާއާ ދެމެދުވީ އެއްބަސްވުމުގެ ލީކުވީ ކޮޕީއިން ފެންނަން އޮންނާނެއެވެ. މިހެން ކަންތައް އޮތްއިރު ވެސް، ސިޔާސީ ވެރިން ދައްކަމުން އެދަނީ ހަގީގަތާ މުޅިންހެން ޚިލާފު ވާހަކައެވެ! ބުނެވޭ ގޮތުގައި، އިންޑިޔާގެ ލަފާގެ މަތިން، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅު ހެދުމަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ކަމެއްގެ ގޮތުގައި ސިޔާސީވެރިން ބުނަން ފަށައިފިއެވެ! އާދެ، ހައްތަހާ ވެސް، ޕޯސްޓް ޓުރުޘްގެ މިސާލެކެވެ.

ސިޔާސީވެރިއެއްގެ އެހެން ބުނުމެއްގައި އޮންނަނީ "ބިދޭސީންނަށް ރަށްވެހިކަން ނުދީފި ނަމަ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނޭ ކަމެވެ." މިއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ ރަށްވެހިކަން ބަޔަކަށް ދޭން ނިންމާއިރު، ދުރާލާ ކުރަން ޖެހޭ ކަންކަން ހުރެއެވެ. އެމީހުންނަށް ދިރިއުޅުމެއް ހޯދައިދިނުމާ ބެހޭ ކަންކަމެވެ. ވަޒީފާއާއި ގެދޮރު ހަމަޖެއްސުމުގެ ކަންކަމެވެ. ތަނުގެ މުވާތިނުންނަށް ވެސް މިކަންކަން ހަމަނުޖެއްސިގެން އުޅޭއިރު، ބޭރުން އަންނަ ބަޔަކަށް އިސްކަންދީގެން މިކަންކަން ކުރަން ޖެހޭނެ ހެއްޔެވެ؟ އާދެ، ބޭރު މީހުން ރަށްވެހިންނަށް ހެދުމާ ގުޅިފައި އޮތް ކަންކަމަށް ބެލުމެއް ނެތި، ތިމާމެން އެދޭ އެދުމަކީ، ގޮތަކީ، ރަނގަޅު ގޮތްކަން ދެއްކުމަށްޓަކައި، އެ އެދުން ނުފުދިއްޖެ ނަމަ، ތަނުގެ ސަލާމަތާއި ގުޅުވައިގެން، އެއްވެސް ލަދެއް، ޖެހިލުމެއް ނެތި، ހިތުހުރި ގޮތަކަށް ވާހަކަ ދައްކަނީއެވެ. ދެން، ތިމާމެން ތާއީދުކުރާ ބަޔަކު، އެއާ މެދު ސުއާލެއް ނުކޮށް، އެމީހުންގެ އަމިއްލަ ވިސްނުން ބޭނުން ނުކޮށް، އެވާހަކަ ގަބޫލުކުރާނެތީ ވެސް މެއެވެ.

އަދި، މިނޫންވެސް އެހެންވެސް، މިފަދަ 'ޕޯސްޓު ޓުރުޘްގެ ވާހަކަތައް ޚަބަރު ފަތުރާ ވަސީލަތްތައް ބަލައިލުމުން ފެންނާނެއެވެ. މިފަދަ އިތުރު އެއް މިސާލެއް ލިޔެލާނަމެވެ. ބައެއް މީހުން ދައުވާކުރާ ގޮތުގައި އިންސާނުން ދެ ޖިންސަކަށް ބަހާލެވިފައި އޮންނަ އޮތުމަކީ އެއީ ހެޔޮ ގޮތެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް، އޭނާގެ ޖިންސު އޭނާ ބޭނުންވާ ގޮތަކަށް ކަނޑައަޅާލެވިދާނެއެވެ. ގިނަ ބައެއްގެ ނަޒަރުގައި، އާންމު ގޮތެއްގައި، ކުއްޖަކު ދުނިޔެއަށް އަންނަނީ، ތަބީއީ ގޮތުން، ފިރިހެން ނޫނީ އަންހެން ކުއްޖެއްގެ ގޮތުގައި ކަމުގައި ވިޔަސް، އެކަން އެ ގޮތުގައި އޮންނާކަށް ނުޖެހެއެވެ. ފަހުން، އެކުއްޖަކަށް އެކުއްޖަކު ބޭނުންވާ ގޮތެއްގައި އޭނާގެ ޖިންސު ކަނޑައަޅާލެވިދާނެއެވެ. އާދެ، މިއީ ވެސް ޕޯސްޓު ޓުރުޘްގެ ޒަމާނުގެ 'ހަގީގަތެވެ'!

މިފަދަ ޒަމާނެއްގައި، މަތީގައި ލިޔެވިފައި އޮތް ހިކުމަތުގެ ބަހުގައި ބުނެފައިވާ ފަދައިން، ތެދު ހަގީގަތް ބަޔާންކުރުމަކީ އިންގިލާބީ އަމަލެކެވެ. އިންގިލާބީ ހަރަކާތެއް ގެނައުން ކަހަލަ ކަމެކެވެ. ދެމެމުންދާ ގަދަ އޮއިވަރާ ދިމާ އިދިކޮޅަށް ބުނާ ބުނުމަކަށްވާތީއެވެ. އާންމުން ދެކޭ ގޮތާއި ނޫނީ ދެކެންވާނޭ ގޮތާ ޚިލާފަށް ބުނެވޭ ބުނުމަކަށްވާތީއެވެ.

3. [އެއްބައެއްގެ ނަޒަރުގައި] ތަޅާފޮޅައި ހަނގުރާމަކުރުމަކީ ސުލްހަ މަސަލަސްވެރިވުމެވެ. މިނިވަންކަމަކީ އަޅުވެތިވުމެވެ. ނުދަތުމަކީ ބާރެކެވެ.

މި މަލާމަތީ ބަހުގެ ތެދުކަން ވެސް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއިން ތަމްސީލުވެ ފެންނަމުން އެބަދެއެވެ. އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ދައްކާ ނަތީޖާއެވެ. ކޮންމެ ޕާޓީއެއް ވެސް އެ ޕާޓީއަކީ އެންމެ ރަނގަޅު ޕާޓީކަން ދެއްކުމަށްޓަކައި އިދިކޮޅު ޕާޓީއާ ހަނގުރާމަކުރަން ޖެހެއެވެ. އިދިކޮޅު ޕާޓީގެ މެމްބަރުންނަކީ ތަނުގެ މުވާތިނުން ކަމުގައި ވެސް ނުބެލެވޭ ކަހަލައެވެ. ހުރިހާ ޕާޓީއަކުން ވެސް، ތިމާމެންގެ ޕާޓީއާ އިދިކޮޅު ޕާޓީގެ މެމްބަރުންގެ އަބުރާ ވެސް ބެހުން ހުއްދަކޮށް ގަނެ، ފާޅުގައި އެކަން ކުރެއެވެ. ޖޯޝާއި ފޯރިއާ އެކުގައެވެ. ތިމާމެން ޕާޓީގެ އުނިކަން ފޫބައްދަން ހުރިހާ ގޯސް ކަމެއް، ތިމާމެންނާ އިދިކޮޅު ޕާޓީއަށް ފޫޅުކަނޑައެވެ. މިފަދައިން ކަންތައް ކުރުމުން ތިމާމެންގެ ޕާޓީގެ މޮޅުކަމާއި ކަންކަން ކުރެވޭކަން ދައްކާލެވޭ ކަހަލައެވެ. ދެން، ނަތީޖާއަކީ ހެއްޔެވެ؟ ތަނުގެ ސުލްހަ މަސަލަސްކަން ގެއްލި ދިޔުމެވެ. ހުރިހާ ކަމެއް ހުއްދަވުމެވެ. ވައްކަންކުރުމާއި މީހުންގެ ހައްގުތަކަށް އަރައިގަތުމެވެ. ފޭރުމާއި އިއްފަތް ގެއްލުވާލުމެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެއެއްޗެހި ބޭނުންކޮށް އެއަށް އަޅުވެތިވުމެވެ. މިހުރިހާ ކަމެއް ހިނގަމުންދާއިރު، ރާއްޖޭގައި ގާއިމުކުރެވުނު، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމުގެ މުއައްސަސާތަކަށް މިކަންކަން ނުފެންނަ ކަހަލައެވެ. މިކަންކަމީ އެ މުއައްސަސާތަކާ ބެހޭ ކަންކަން ނޫން ކަހަލައެވެ. އެ މުއައްސަސާތަކަށް މުހިއްމުވަނީ ވެރިކަމުގައި އޮތް ޕާޓީއެއްގެ ވެރިކަން ދެމެހެއްޓުމެވެ. ވެރިކަމުގައި އޮތް ޕާޓީގެ މަސްލަހަތަށް ބުރޫ އަރާފާނެ ކުޑަ ކަމެއް ނަމަވެސް ފެނިއްޖެ ނަމަ، މުޅި ދައުލަތުގެ ހުރިހާ ބާރެއް ވެގެން އެކަމެއް ނައްތާލަން އަމާޒު ހިފައެވެ.

ދެން އާންމުންގެ ހާލަތަކީ ހެއްޔެވެ؟ ޕާޓިގެ ތައައްސުބުގައި ޖެހި، ޕާޓީގެ އަޅުވެތިކަމުގެ ހިލިހިލާއިން ކަސްތަޅު އެޅިފައި ތިބުމެވެ. ތިމާގެ ޕާޓީ ކިޔާ ލަވައަކަށް ނެށުމަކީ އެމީހުން ދެކޭ ގޮތުގައި މިނިވަން ކަމެވެ. ޕާޓީން ރޯމާ ދުވާލަކީ ރޭގަނޑު ކަމަށް ބުންޏަސް އެވެސް ތެދުކަމަށް ގަބޫލުކުރެއެވެ. ތިމާމެންގެ އަމިއްލަ ވިސްނުން ބޭނުން ނުކޮށް، ހަގީގަތް ހޯދުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، ނޭނގުމާއި އެނގުމަކީ އެކައްޗަކަށްވެ، ވެރިކަމުގައި ތިމާގެ ޕާޓީ އޮތްހާ ހިނދަކު، ނޭނގުމަކީ ބާރު ލިބިދޭކަމެއް ކަމުގައި ދެކިގެން ތިބެއެވެ.

މި ވާހަކަކޮޅުގެ އަލީގައި މަތީގައި ލިޔެވުނު ހިކުމަތުގެ ބަސްކޮޅަށް ވިސްނާލާށެވެ! އާދެ، [އެއްބައެއްގެ ނަޒަރުގައި] ތަޅާފޮޅައި ހަނގުރާމަކުރުމަކީ ސުލްހަ މަސަލަސްވެރިކަމެވެ. މިނިވަންކަމަކީ އަޅުވެތިވުމެވެ. ނުދަތުމަކީ ބާރެކެވެ.

4. ޔަގީންކަމާއެކު ބޭނުންވާ ނަތީޖާ ނެރެ، ބަޔަކު ހަލާކުކޮށްލެވޭނޭ ގޮތަކީ އެމީހުންގެ ތާރީޚު އެމީހުންނަށް އެނގުނަނުދިނުމެވެ. ނޫނީ އެމީހުންގެ ތާރީޚު އެމީހުންނަށް އެނގިފައި އޮންނަ ގޮތް ފުނޑުފުނޑުކޮށްލައި ބަދަލުކޮށްލުމެވެ.

މުސްތަބިއްދު ވެރިކަން ގާއިމުވެފައި އޮންނަ ގައުމުތަކުގައި، މައުޟޫއީ ސިފައެއްގައި، ގައުމުގެ ތާރީޚު ކިޔަވައި ދޭތަން ވަރަށް ވެސް ނުފެނެއެވެ. އެއީ އެކެއްގެ މުސްތަބިއްދުކަން ވިޔަސް، ނޫނީ ޕާޓީގެ ނަމުގައި ގާއިމުކުރެވޭ މަދު ބައެއްގެ މުސްތަބިއްދުކަން ވިޔަސް ވެހެވެ. ރާއްޖެއިން ވެސް މި މަންޒަރު ވަރަށް ރީތިކޮށް ފެނެއެވެ. ތިން މިސާލެއް ލިޔެލާނަމެވެ.

ފުރަތަމަ މިސާލަކީ، ރާއްޖޭގެ ތާރީޚު އިސްކޫލުތަކުގައި ކިޔަވައިނުދެވޭ ކަމެވެ. ޚާއްސަ ގޮތެއްގައި ސިޔާސީ ތާރީޚެވެ. ޝައްކެއް ނެތް ގޮތުގައި ތަނުގެ ތާރީޚު ކިޔަވައިދިނުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ތަންގީދީ ނަޒަރަކުން ބަލައި، ތާރީޚު ކިޔަވައިދިނުމެވެ. އެކިއެކި ދުވަސްވަރުގައި، އެކިއެކި ރަސްރަސްކަލުންނާއި ރައީސުންގެ ވެރިކަމުގައި ކުރެވުނު ރަނގަޅު ކަންކަމާއި ނުރަނގަޅުކަންކަން ދެނެގަތުމަށެވެ. ތާރީޚުން އިބުރަތް ލިބިގަތުމަށެވެ. އެހެން ނޫންނަމަ، ސިޔާސީ މަސްރަހުން އަބަދުވެސް ފެންނާނީ، އެކްޓަރުން ބަދަލުކޮށްލައިގެން ތިބެ، ހަމަ އެއް ތަމްސީލެއް ކުޅޭ ތަނެވެ.

ދެވަނަ މިސާލަކީ ޕޯޖުގީޒުންގެ ހާދިސާއާ ބެހޭ މައްސަލައެވެ. މިހާރު ބައަކު ކުރަމުންދާ ދައުވާއަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ނުދާކަމެވެ. މި ހާދިސާއަކީ ޕޯޗުގީޒުގެ ތާރީޚީ ރެކޯޑުތަކުން ފެންނަން ނެތް ކަންކަމޭ ބުނެއެވެ. އިހުގެ މިސުރުގެ ތާރީޚުގައި މޫސާގެފާނުގެ ވާހަކަ ވެސް ލިޔެވިފައި ނޯވެއެވެ. މީގެ މައްޗަށް ބިނާކޮށް މޫސާގެފާނަކީ ދުނިޔޭގައި ނޫޅުއްވާ ބޭކަލެކޭ ބުނެވިދާނެ ހެއްޔެވެ؟ ޕޯޗުގީޒުންގެ އިސްތިއުމާރީ ރަންޒަމާނުގައި ރާއްޖެއާ ބެހޭ މައުލޫމާތު ހޯދިކަން ސީދާ އެމީހުންގެ ލިޔުންތަކުން ވެސް ފެންނަން އެބަހުއްޓެވެ. ރާއްޖެއަށް ޕޯޗުގީޒުން ސީދާ ޕޯޗުގަލްއިން އަންނާކަށް ނުޖެހެއެވެ. އެމީހުންގެ މުސްތައުމަރާތުތަކުން އައިކަމުގައި ވިޔަސް، އަދި، އެއައި އައުމަކީ ރާއްޖޭގެ ޚާއިނުންގެ ބަޔަކުގެ އެހީއާ އެކު އައި އައުމެއް ކަމަށް ވިޔަސް، އެއައުންވާނީ ހަމަ އެމީހުންގެ އައުމަކަށެވެ.

ތިން ވަނަ މިސާލަކީ ނަސްރު ދުވަހުގެ މިސާލެވެ. އެންމެނަށް ވެސް އެނގޭނޭ ފަދައިން، ރަސްމީ ފަރާތްތަކުން މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރެވުނީ، ވަރަށް ވެސް ފެން ގޮތެއްގައި، ކުރަން ނުކުރަން ތިބެއެވެ. އާދެ، ވެރިކަމުގެ އިސް ސަފުގައި އަދު ތިބި ބައެއް މީހުން ގުޅޭ އާއިލަތަކާއި ނޮވެމްބަރު ތިނެއްގެ ހާދިސާ ގުޅިފައި އޮތުމުން، އެކަން އޮއްބާލަން ޖެހޭ ކަމަކަށް ވެފައި އަދު އޮތީމައެވެ.

ޝައްކެއް ނެތް ގޮތުގައި، ބައެއްގެ ތާރީޚު ނޭނގުމުން ނޫނީ ތާރީޚު އޮޅުވައިލުމުން، ތާރީޚުން ލިބެން ޖެހޭ އިބުރަތް ލިބިނުގަނެވި، ތާރީޚުގެ ހިތާމަވެރި ހާދިސާތައް އިއާދަވާ ގޮތް ވެއެވެ. ޚާއިނުންނާއި ޣަދަރުވެރިންނަށް އެމީހުންގެ ކުޅިގަނޑު ކުޅެން ފުރުސަތު ލިބި، ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލި ތަން އަޅުވެތިވާން ވެސް ދިމާވެއެވެ.

5. އިސްތިބްދާދީ ވެރިކަމެއް ގާއިމުކުރަނީ އިންގިލާބެއް ރައްކާތެރިކުރުމަކަށް ނޫނެވެ. އިންގިލާބެއް ގެންނަނީ އިސްތިބްދާދީ ވެރިކަން ގާއިމުކުރުމަށެވެ.

މި ބަސްކޮޅުގައި އިންގިލާބޭ ބުނެފައި އޮތީ ވެރިކަމުގެ ނިޒާމަށް ގެނެވޭ ބޮޑު ބަދަލަކަށެވެ. އެ ބަދަލަކީ ސުލްހަވެރިކަމާއެކު ވޯޓަކުން ގެނެވޭ ބަދަލަކަށް ވިޔަސް ނޫނީ ގާއިމުވެ އޮތް ވެރިކަމަކާ ދެކޮޅަށް ބަޣާވަތްކޮށް، މުޅިން އާ ނިޒާމަކާއި ވެރިކަމެއް ގާއިމުކުރެވިގެންދާ ބަދަލަކަށް ވިޔަސް ވެހެވެ.

މިސާލަކަށް ފަރަންސޭސި އިންގިލާބަށް ބަލައިލާ ނަމަ، އެކަން ފެށުނީ ނިސްބީ ގޮތެއްގައި ސުލްހަވެރި ސިފައެއްގައެވެ. ނަމަވެސް، ފަހުން، ތަޅާފޮޅުމާއި ހަނގުރާމަ ކުރުމާއި ލޭ އޮހޮރުމުގެ އިންގިލާބަކަށް ބަދަލުވެގެން ދިޔައެވެ. އަދި، މިކަން، އާޚިރުގައި، ނެޕޯލިޔަންގެ އިސްތިބްދާދީ ބާރުގެ ދަށަށް ފަރަންސޭސިވިލާތްދާން މެދުވެރިކުރުވިއެވެ. ނެޕޯލިޔަންވީ މުސްތަބިއްދު ވެރިއެއް ކަމަށް ވިޔަސް، ހަމަހަމަކަމާއި އުޚުއްވަތްތެރިކަން ފަދަ ފަރަންސޭސި ވިލާތުގެ އިންގިލާބީ މުހިއްމު އަގުތައް އޭނާ ރައްކާތެރިކޮށް ދެމެހެއްޓުވިއެވެ. އޭނާގެ މުސްތަބިއްދު ވެރިކަމުގައި، ފަރަންސޭސި އިންގިލާބީ އަގުތަކުގެ ތެރެއިން ހިފެހެއްޓި އުނިކޮށްލެވިފައި އޮތީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ.

މިއާ ޚިލާފަށް 1917ގައި ރޫސީ ވިލާތަށް ގެނެވުނު އިންގިލާބު ވެގެން ދިޔައީ، ކޮމިޔުނިސްޓު މުސްތަބިއްދު ވެރިކަމެއް ގާއިމުވާން މެދުވެރިވި އިންގިލާބަކަށެވެ. ޖޯޖް އޯވެލްގެ ވާހަކަކޮޅު ގުޅެނީ މި އިންގިލާބާއެވެ. އާދެ، ރޫސީ މި އިންގިލާބުގެ ސަބަބުން، 1917ގައި ކޮމިޔުނިސްޓުންގެ އަތް މައްޗަށް ވެރިކަން އައިސް، 1980ގެ އަހަރުތައް ނިމެންދެން، ރޫސީ ވިލާތުގައި ކޮމިޔުނިސްޓު އިސްތިބްދާދީ ނިޒާމެއް ގާއިމުކުރެވިގެން ދިޔައެވެ. އާދެ، ރޫސީ ވިލާތަށް 1917ގައި އިންގީލާބެއް ގެނެވުނީ އިސްތިބްދާދީ ވެރިކަމެއް ގާއިމު ކުރުމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް ފެންނަނީ މިފަދަ މަންޒަރެކެވެ. އިސްތިބްދާދީ ނިޒާމަކަށް ފަހު، ކުޑަ ބަދަލަކާއެކު، އެހެން ސިފައެއްގައި އަނެއްކާ ވެސް އިސްތިބްދާދީ ނިޒާމެއް ގާއިމުވެ އޮންނަ ތަނެވެ. ކުރިން އޮންނަނީ އެކެއްގެ މުތުލަގު ބާރުގެ ދަށުގައި އޮންނަ އިސްތިބްދާދީ ނިޒާމެކެވެ. ހުރިހާ ރަނގަޅު ގޮތެއް ބުނެދެން އެނގެނީ އެއިރަކު ވެރިއަކަށް ހުންނަ މީހަކަށެވެ. ފަހުން، މި ސިފަ ބަދަލުވެ، ވެރިކަން ކުރާ ޕާޓީގެ އަތްދަށަށް، މުތުލަގު ބާރު ގެންނަން މަސައްކަތްކޮށް، ބައެއް ފަހަރު، ގެނެވި، އަނެއް ބައިފަހަރު ނުގެނެވޭތަން ވެސް އާދެއެވެ. ނަމަވެސް، ވެރިކަން ކުރާ ބައްގެ އަމާޒަކަށް ވެފައި އޮންނަނީ މުތުލަގު ބާރެއް ހޯދުމެވެ. މިހާރު އެކަން ހާސިލުކުރެވިފައި އޮތީ 'ސުޕަރ މެޖޯރިޓީގެ' ނަމުގައެވެ.

ކުރިން އެކަކު އަތް ދަށުގައި ބާރު އޮތް އިރާއި މިހާރު، ޕާޓީގެ އަތް ދަށުގައި ބާރު އޮންނައިރު އޮންނަ ތަފާތުތަކެއް ވެސް ފެނެއެވެ. އެކެއްގެ އަތް ދަށުގައި ބާރު އޮތް އިރު، ވެރިކަމުގައި ހުންނަ މީހާގެ ވެރިކަން ދެމެހެއްޓުމުގެ އިތުރުން، ގައުމު ތަރައްގީކޮށް ގައުމު ބިނާކުރުން ވެސް ވެރިކަމުގެ އަމާޒަކަށް ވެފައި އޮވެއެވެ. ނަމަވެސް، ޕާޓީގެ ބާރުގެ ދަށަށް ގައުމު ގެންދެވުމުން، ހަމައެކަނި އަމާޒަކަށް ވެފައި އޮންނަނީ ޕާޓީގެ ވެރިކަން ދެމެހެއްޓުމެވެ. ގައުމު ބިނާކޮށް ތަރައްގީކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކެވެއެވެ. އެކެއްގެ އަތްމަތީ ބާރު އޮތް އިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަނީ މުޅިންހެން ބަންދުކުރެވިފައެވެ. އެކަން އެދުވަސްވަރު ކުރެވެން އޮންނާތީއެވެ. ނަމަވެސް، ޕާޓީގެ ދަށަށް ބާރު އައުމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުޅުވިފައި އޮވެއެވެ. މިއީ ޕާޓީތަކުން އެކަން އެދޭތީއެއް ނޫނެވެ. ނުވަތަ ޑިމޮކުރަސީގެ އުސޫލުތައް ލާޒިމުކުރާ ކަމަކަށްވާތީ އެއް ވެސް ނޫނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ އަދުގެ ދުނިޔޭގައި ވަރަށް ވެސް އުނދަގޫ، އަދި މުސްތަހީލުކަމެކޭ ވެސް ބުނެވިދާނޭ ގޮތަކަށް އޮތް ކަމަކަށްވާތީއެވެ. އެހެންވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަނީ އެހެން ސިފަސިފައިގައެވެ. ވަޒިފާތައް ގެއްލިދިޔުމުގެ ބިރާއި ވިޔަފާރިއަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އުފައްދައިގެންނެވެ. އަދި، ނޫސްތަކާއި ގަލަންތައް ގަނެގެންނެވެ. މީގެ އިތުރުން، ޚަބަރުފަތުރާ ވަސީލަތްތައް ބޭނުންކޮށް ޕުރޮޕަގަންޑާއާއި ދޮގު ވާހަކަތައް ފަތުރައިގެންނެވެ.

އާދެ، މިވާހަކަތަކުން މަތީގައި ބަޔާން ކުރެވިފައިވާ ވާހަކަކޮޅުގެ ހެކި ލިބޭހެން ހީވެއެވެ. އިންގީލާބީ ބަދަލުތައް، ވަރަށް ގިނަ ފަހަރު، ގެނެވެނީ ގައުމު ބިނާކޮށް، ތަރައްގީކޮށް، ރައްޔިތުންނަށް ދިރިއުޅުން ފަސޭހައިން ހޯދައިގަނެވޭނޭ ނިޒާމެއް ގާއިމުކުރާކަށް ނޫނެވެ. ވަކި މީހެއްގެ ނުވަތަ ވަކި ބަޔެއްގެ އަތްދަށަށް ބާރު ގެނެސް، މުޅި ގައުމުގެ ޚައިރާތަކީ އެ މީހުންގެ އެއްޗަކަށް ހަދާލުމަށެވެ. މިހެން ކަންތައް ދިމާވާން ޖެހޭ މައިގަނޑު ސަބަބަކީ އާންމު ރައްޔިތުންގެ ކިބައިގައި ސިޔާސީ ހޭލުންތެރިކަން ނެތުމެވެ. އާޚިރުގައި ފަރަންސޭސި އިންގިލާބު ކާމިޔާބުވީ ރައްޔިތުންގެ ކިބައިގައި އެފަދަ ހޭލުންތެރިކަމެއް އޮތުމުންނެވެ. މިއާ ޚިލާފަށް، ރޫސީ ވިލާތުގައި އިސްތިބްދާދި ކޮމިޔުނިސްޓު ނިޒާމެއް ގާއިމުވާން މެދުވެރިވީ އެފަދަ ހޭލުންތެރިކަމެއް އޭރު ނެތުމުންނޭ ބުނެވިދާނެއެވެ. ހަމައެހެންމެ، ރާއްޖޭގައި ވެސް، ރަނގަޅު ސިފައެއްގައި ޑިމޮކުރަސީގެ ނިޒާމެއް ގާއިމުވާން ހުރަސް އަޅާ ސަބަބަކީ ރައްޔިތުންގެ ކިބައިފައި އެފަދަ ހޭލުންތެރިކަމެއް ނެތުމޭ ބުނެވިދާނެއެވެ. ދެން އޮތް ބަސްކޮޅު ވެސް މިކަމަށް އިޝާރަތްކުރެއެވެ.

6. ހޭލުންތެރި ނުވާހާ ހިނދަކު، (އަނިޔާވެރިކަމާއި، ނުރަނގަޅު ކަންކަމާ މެދު) މީސްތަކުން ދެކޮޅުހަދައި ނުތެދުވާނެއެވެ. (އަނިޔާވެރިކަމާއި، ނުރަނގަޅު ކަންކަމާ މެދު) ދެކޮޅުހަދައި ނުތެދުވާ ނަމަ، ހޭލުންތެރި ވެއްޖެ ކަމުގައި ނުބެލެވޭނެއެވެ.

ހޭލުންތެރިވުމަކީ ކޮބާ ހެއްޔެވެ؟ އަމިއްލަ ހިތަށް އެނގޭ އެނގުމެވެ. އެ އެނގުމުގެ މައްޗަށް ތިމާގެ ޒަމީރު ނުރަނގަޅަކީ ނުރަނގަޅުކަން ބުނެ، އަދި، އެކަމަށް އިންކާރުކުރާ ކުރުމެވެ. މިފަދައިން ހޭލުންތެރި ވެވޭނީ، އުނގެނިގެންނެވެ. އަދި، އުނގެނުމުގެ ތެރެއިން، ވިސްނައި ފިކުރުކުރަން ދަސްކޮށް، ތިމާގެ އަމިއްލަ ވިސްނުން ހެޔޮ ގޮތުގައި ބޭނުން ކުރެވިގެންނެވެ. މިފަދައިން ހޭލުންތެރި ވެވިއްޖެ ނަމަ، އަނިޔާއާއި ބާތިލު ދެކެ ނުރުހެވި، އެކަމާ ދެކޮޅަށް ތެދުވާނެއެވެ. މި ތެދުވުން، ތަފާތު ގޮތް ގޮތަށް ފެނިގެން ހިނގައިދާނެއެވެ. އަނިޔާއާއި ބާތިލާ ތިމާ ދުރުވުމެވެ. އަނިޔާއާއި ބާތިލަށް އެއްވެސް ސިފައެއްގައި ހިއްވަރު ނުދިނުމެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް ތާއީދުކުރުމުން މުޅިން ދުރުހެލިވުމެވެ.

ހިކުމަތުގެ އަނެއް ޖުމްލައިގައި ބުނެފައި ވަނީ، ހަގީގީ ހޭލުންތެރިކަން ތަމްސީލުވެގެންދާނީ އަމަލުން ކަމެވެ. އަނިޔާއާއި ބާތިލާ މެދު، ހިތުގެ އަޑިން ދެކޮޅު ހަދާފައި، ތިމާގެ އަމަލުތަކުން އެކަން ނުފެންނަކަމަށް ވަންޏާ އެ ފަދަ ހޭލުންތެރި ކަމެއްގެ ބޭނުމެއް ނެތެވެ. އެފަދަ ހޭލުންތެރިކަމާއި ހޭލުންތެރިކަން އެއްގޮތަކަށް ވެސް ނެތުމާ ތަފާތެއް ނެތެވެ.

7. ފާސިދު، ނާގާބިލު، ޚިޔާނަތްތެރި، ޣައްދާރު ސިޔާސީވެރީން އިންތިޚާބުކޮށް ހޮވާ ގައުމެއްގެ މީހުންނަކީ ފަހަރެއްގައި ވެސް އަނިޔާ ލިބޭ ބައެއް ނޫނެވެ. އެ ފަދަ މީހުންނަކީ އަނިޔާ ދިނުމުގައި ބައިވެރިވާ މީހުންނެވެ.

ޝައްކެއްނެތް ގޮތުގައި ޑިމޮކުރަސީގެ ނިޒާމަކީ އޭގެ ޒާތުގައި ނުބައި ނިޒާމެއް ނޫނެވެ. ޓީ.ވީ. އާއި ރޭޑިޔޯ އަދި، އިންޓަނެޓު ފަދަ ޚަބަރު ފަތުރާ ވަސީލަތްތައް ވެސް އޭގެ ޒާތުގައި ނުބައި ނުވާ ފަދައިންނެވެ. ޓީ.ވީ.ގެ ޒަރިއްޔާއިން ރަނގަޅު ޕުރޮގުރާމުތައް ފޮނުވޭ ނަމަ، ޓީ.ވީ. ވާނީ ފައިދާކުރުވަނިވި ވަސީލަތަކަށެވެ. ހަމަ އެހެންމެ، ޚަބަރު ފަތުރާ އެހެން ވަސީލަތްތައް ވެސް ހެޔޮ ގޮތުގައި ބޭނުން ކުރެވޭ ނަމަ އެއީ ފައިދާހުރި ވަސީލަތްތަކެކެވެ. ޚުލާސާއަކީ މި ހުރިހާ ވަސީލަތްތަކުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލެވޭނީ އެ ވަސީލަތްތައް ބޭނުންކުރާ ގޮތުގެ މައްޗަށް ބަލާފައެވެ.

ހަމަ އެފަދައިން، ޑިމޮކުރަސީގެ ނިޒާމުގެ ޖައުހަރު ގުޅެނީ ވެރިކަމުގެ ނިޒާމު މަޝްވަރާގެ މައްޗަށް އޮންނަން ޖެހޭކަމާއެވެ. މި މަޝްވަރާ ތަމްސީލުވެގެން ދަނީ ބޭއްވޭ އިންތިޚާބުތަކާއި ނެގޭ ވޯޓުންނެވެ. އިންތިޚާބުތައް ބޭއްވި ވޯޓު ނެގޭއިރު، އާންމުން، އެމީހުންގެ މި މުހިއްމު މަސްއޫލިއްޔަތު، ޒިންމާދާރު ގޮތެއްގައި އަދާކުރަން ޖެހެއެވެ. ކަންކަމަށް ގާބިލު، ކަމުގެ ހުނަރާއި ތަޖުރިބާ ހުރި ސިޔާސީވެރިން ހޮވައި އިންތިޚާބުކޮށްގެންނެވެ. މިފަދައިން ކަންތައް ނުކޮށް، ނާގާބިލު، ފާސިދު، ޚިޔާނާތްތެރި، ޣަދަރުވެރި، ސިޔާސީވެރިން ހޮވުމަށް ފަހު، ތަން ހަލާކުވުމުން، އެކަމުގެ ޒިންމާ ނަގަންޖެހެނީ އެކަން ކުރި މީހުން އެކަންޏެއް ނޫނެވެ. އެފަދަ ބަޔަކު ހޮވި މީހުންވެސް އެކަމުގެ ޒިންމާ ނަގަންޖެހެއެވެ. މިފަދަ ޒިންމާދާރު ކުޑަ ގޮތެއްގައި ފާސިދު، ޣަދަރުވެރި ސިޔާސީވެރިން ހޮވުމުން ގޯސްވަނީ ޑިމޮކުރަސީގެ ނިޒާމެއް ނޫނެވެ. ނަމަވެސް ގޯސްވަނީ، ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށް، ގާތް ތިމާގެ މީހުންނާއި، ރައްޓެހިން، އެމީހުންނީ އެކަމަށް އެކަށޭނަ ބަޔަކު ނޫންކަމުގައި ވިޔަސް، ހޮވައި، ނުރަނގަޅު ގޮތުގައި އެ ނިޒާމު ބޭނުން ކުރި ގޮތެވެ.

8. މިނިވަންކަމަކީ މީސްތަކުން ކައިރީ އެމީހުން އަހަން ބޭނުންނުވާ ވާހަކަ ބުނުމެވެ.

އާދެ ވަރަށް ވެސް ބޮޑު ތެދެކެވެ. ތިމާއީ މިނިވަނެއް ކަމުގައި ތިމާ ދެކޭ ނަމަ، ކޮންމެ ދުލަކުން ނިކުތް ކަމުގައި ވިޔަސް، ހައްގަކީ ހައްގުކަމާއި ބާތިލަކީ ބާތިލުކަން ދެކެން ޖެހެއެވެ. އަދި، އަބަދުވެސް ހައްގަށް ނަސްރުދޭން ޖެހެއެވެ. އަޑު އަހާ މީހުން އެކަމާ ނުރުހުނު ކަމުގައި ވިޔަސް ވެހެވެ.