ރަބީޢުން ފަރިވި ގުލްޝަންތައް ޚަރީފުގެ ހޫނުގައި މިލަޔޭ
ޢަބީރުގެ މީރުވަސް ފެތުރުން ބުރާ ހިރަފުސް ހުރަސްއަޅަޔޭ
ދެކޭ ހުވަފެން ވެވޭ ގޮތަކުން ޢިބާރާތް ޖަންނަތަށް ހެދުމަށް
ރެކޭނެ ގޮތެއް ނުވާނަމަ ވެސް ހަވާނަފްސަށް ތަބާ ވެވެޔޭ
ފަތިސްވާހިނދު އިރުގެ ދޯދިން އުޖާލާވާ ރިވެތި އުދަރެސް
މަތިން ކަޅު ބޯ ވިލާ ތަކަކުން ފަހުން މަންޒަރު ބަދަލުވެދެޔޭ
ކޮކާލާ މާބުރާ ބަޅިނދާ އުފާވެރިކަންމަތީ އުޅެނީ
ކޮކާލަށް ޚާއްޞަ ވަކިމަލަކަށް ނުލެނބިކަން ހިތް އެނގޭން އޮވެޔޭ
ބަހާރުގެ މޫސުމާ އެކުގައި ފޮޅޭ ވަސްމީރު ފަރި މާތައް
ވަހާ ކުލަވެސް ފިލައިގެން ގޮސް ޚަރީފުގެ މޫސުމަށް މިލަޔޭ
ޠަބީޢަތުގައި ދުނިޔެ ފުރޮޅޭ ގޮތާމެދު ވެއްޖެނަމަ ޣާފިލް
ޛަބީޙުވެ ވަޅިޔަކާ ނުމެލައި ނަފުސު ޖިސްމާއި ވަކިވެދެޔޭ