Support Us

ކޮމާންޑަރ ދައްޕަރު މޫސާމަނިކުގެ އަސްކަރީ ޚިދުމަތުގެ ތެރެއިން…

ކޮމާންޑަރ ދައްޕަރު މޫސާ މަނިކަކީ ދިވެހި އަސްކަރިއްޔާގައި އަސްކަރީ އެންމެ މަތީ ކޮމާންޑަރެއްގެ ގޮތުގައި އަށް ވަނައަށް ޚިދުމަތްކުރެއްވި ކޮމާންޑަރެވެ. އޯގަސްޓް 21، 1953 އިން ފެށިގެން ސިފައިންގެ ކޮމާންޑަރެއްގެ ޒިންމާ އުފުއްލަވަން ފެށްޓެވި ކޮމާންޑަރ ދައްޕަރު މޫސާ މަނިކު ވަނީ ސިފައިންގެ އޮފިސަރުކަމާއި ސިފައިންގެ ސަރުދާރުކަމާއި މަޙްކަމަތުލް އަމަންއާންމުގެ ވަކީލުކަން ކުރައްވާފައެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ސިފައިންގެ ވެރިޔާކަން ކުރެއްވި ދުވަސްވަރު ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނާ ޖެހިގެން އެންމެ ސީނިއަރ ބޭފުޅަކަށް ހުންނެވީ ކޮމާންޑަރ ދައްޕަރު މޫސާ މަނިކެވެ. ފުރަތަމަ ޖުމްހޫރިއްޔާ އުވި، ރައީސް މުޙައްމަދު އަމީނުގެ ވެރިކަން ވެއްޓުނު ހައްސާސީ ދަނޑިވަޅުގައި ސިފައިންގެ ކޮމާންޑަރުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގެންނެވީ ކޮމާންޑަރ ދައްޕަރު މޫސާ މަނިކަށެވެ. ސިފައިންގެ ބޭފުޅެއްގެ ގޮތުގައި ހުންނަވަނިކޮށް ކޮމާންޑަރ ދައްޕަރު މޫސާމަނިކަށް ސިފައިންގެ ވެރިޔާގެ ނާއިބުކަން ދެއްވީ 31 ޖަނަވަރީ 1959 ގައެވެ.

ކޮމާންޑަރ ދައްޕަރު މޫސާ މަނިކަކީ މިއުޒިކާއި އަދަބީ ފަންނުވެރިކަމަށް ވަރަށް ބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ސިފައިންގެ ބޭންޑް އެކުލަވާލެއްވުމަށް ޓަކައި އެންމެ ފުރަތަމަ މިއުޒިކު ދަސްކުރަން އުޅުއްވި ސިފައިންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. އަދި 1946 ވަނަ އަހަރު އިންޑިއާގެ ކަލްކަތާއަށް ބޭންޑް ދަސްކުރަން ފޮނުއްވި ތިން ބޭކަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވިއެވެ. ރާއްޖެއިން ބޭރުން ތަމްރީނު ހައްދަވައިގެން ރާއްޖެ ވަޑައިގެންނެވުމަށްފަހު އެހެން މީހުންނަށް ބޭންޑް ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ކޮމާންޑަރ ދައްޕަރު މޫސާ މަނިކަކީ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި ބޭފުޅެކެވެ. މިގޮތުން ފުޓްބޯޅައާއި ހޮކީއާއި ރަގަބީ ފަދަ ކުޅިވަރުތައް ކުޅުއްވިއެވެ.

ކޮމާންޑަރ ދައްޕަރު މޫސާ މަނިކު ހަރަކާތްތެރިވެވަޑައިގެންނެވި ސިފައިންގެ މުހިންމު އޮޕަރޭޝަންތަކުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މާލެތެރެ ބެލެހެއްޓުމުގައި ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާއި ދެކުނު ގަޑުބަޑާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ފާހަގަކޮށްލެވެއެވެ. ދެކުނު ގަޑުބަޑާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 1959 ވަނަ އަހަރު އެލިޒިބަތު ބޯޔާގައި ފުވައްމުލަކަށް ސިފައިން ފޮނުވިއިރު ކޮމާންޑަރަކަށް ވަޑައިގެންނެވީ ކޮމާންޑަރ ދައްޕަރު މޫސާމަނިކެވެ. ކޮމާންޑަރ ދައްޕަރު މޫސާމަނިކު ވުޒާރަތުލް އަމަންއާންމުގެ ވަކީލުކަމުންނާއި ސިފައިންގެ ވެރިޔާގެ ނާއިބުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވައި، ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ 04 އެޕްރީލް 1959 ގައެވެ.

ދިވެހި ސިފައިންގެ ކުލަބުން ދިވެހި އަސްކަރިއްޔާގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަން ނިސްބަތް ކުރައްވާފައިވަނީ ކޮމާންޑަރ ދައްޕަރު މޫސާމަނިކަށެވެ. އެއީ ސިފައިންގެ ކޮމާންޑަރެއްގެ ގޮތުން ދިވެހި އަސްކަރިއްޔާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތާއި، އަދަބީ އަދި މިއުޒިކާއި ކުޅިވަރާއި ތަފާތު ފަންނީ ދާއިރާތަކުގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އަދި މިހާރުގެ ސިފައިންނަށް މި އަގުހުރި ޝަޚްޞިއްޔަތުގެ އަގުހުރި ޤައުމީ ޚިދުމަތްތައް އެނގުމަކީ މުހިންމު ކަމެއްކަމަށް ދިވެހި ސިފައިންގެ ކުލަބުން ދެކޭތީއެވެ.

* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *