Support Us

ކޮލަމް އަތުކުށް: އަލިފު ސުކުނާއި ށަވިޔަނި ސުކުން- ހަމައަކީ ކޮބާ!؟

ދިވެހިބަހުގައި އަލިފާއި ށަވިޔަނީގައި ސުކުންކުރެވޭ ހަމަތަކަކީ އެ ކަމާމެދު ފިކުރުކޮށް އެ ހަމަތައް ދަސްކޮށްފި މީހަކަށް އެއްވެސް އޮޅުމެއް ނެތި ކުރެވޭނެ ދެ ސުކުނެވެ. އެއީ ސުކުންކުރެވޭ އަކުރުގެ އަޑު ފާޅުނުވާ ދެ ސުކުނެވެ. ސުކުންވަޅަށް ޖާގަދީ އަޑު ކަނޑައިލާ ދެ ސުކުނެވެ. މިސާލަކަށް "އަތަ" އާއި "އައްތަ" އަށް ބަލައިލަމާތޯއެވެ!

"އަތަ" ކިޔާއިރު "އަ" ކިޔުމަށް ފަހު ލަސްނުކޮށް "ތަ" ކިޔަނީއެވެ. ނަމަވެސް "އައްތަ" ކިޔާއިރު "އަ"ކިޔުމާއެކު ޖެހިގެން އޮންނަ އަކުރުގެ މަޚުރަޖަށް ދޫ ގެންގޮސް އެ އަކުރުގެ އަޑު ނީއްވައި "ތަ" ކިޔަނީއެވެ. ނުވަތަ އ.ގެ އަޑާއެކު ގެންނަ ކުއްލި ޙަރަކާތަކާއެކު މަޑުކޮށްލުމަކަށް ފަހު އަނެއް އަޑު ކިޔަނީއެވެ. ސުކުނަށް ނިމޭ ލަފުޒެއް ނަމަ، އެ ޙަރަކާތާއެކު މަޑުކޮށްލަނީއެވެ.

މިސާލަކަށް: ވައް، ފުއް، އެއް، ތައް، ބައްޕަ، ދައްތަ، ކައްޓަލަ، މައްޔާ، ވެއްޓުނު، ފައްޓަރު

މިއީ އަލިފު ސުކުން ކިޔާ ގޮތެވެ. އަދި ށ. ސުކުން ވެސް ކިޔަނީ މިހެންނެވެ. ނަމަވެސް ލިޔުމުގައި މި ދެ އަކުރުގެ ސުކުންކުރަނީ ތަފާތު ދެ ހަމައެއްގެ މަތީންނެވެ.

އ. ސުކުން:

އ. ގައި ސުކުންކުރެވެނީ އާންމު ގޮތެއްގައި ދެ ހަމައެއްގެ މަތީންނެވެ.

(ހ) ފުރަތަމަ ހަމައަކީ ސުކުން އޮތް މަގާމުގައި ސުކުނުގެ ބަދަލުގައި އެހެން އަކުރެއް ލިޔާންޖެހޭ ޙާލަތުގައި ކާފެއްގައި ފިލިޖެހޭ ތަންތަނެވެ.

މިސާލަކަށް: ތަބައް= ތަބަކުގައި، ރުއް= ރުކާއި ރުކަކީ، ބޮލިފުއް= ބޮލިފުކެއް، އެކެއް= އެކަކު

ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހާންޖެހޭ ޙާލަތްތަކުގައި ފ. ގައި ފިލިޖެހޭ ތަންތާނގައި ވެސް ސުކުންކުރާންޖެހެނީ އ. ގައެވެ. މި ގޮތަށް ފ. ގައި ފިލިޖެހޭ އެންމެ ލަފުޒެއް އޮންނާތީ މި ހަމަ ބޮޑަށް ބެލެވެނީ، އަދި ބަހުގެ އެދުރުން ބައްލަވައި އުޅުއްވަނީ އިސްތިސްނާ ހަމައެއް ކަމުގައެވެ.

މިސާލަކީ: ފުޅައް= ފުޅަފުގެ މަތި

ހަނދާން ބަހައްޓާންޖެހޭ ކަމަކީ މި ގޮތުގެ މަތީން ސުކުނުގެ ބަދަލުގައި ފިލިޖަހާނަމަ، ކ. ގައި (ނުވަތަ އެއް ޙާލަތުގައި ފ.ގައި) ފިލިޖަހާންޖެހޭ އަކުރު އަންނަނީ ލަފުޒުގެ ނިމޭ ތަނަށް ކަމެވެ. ވީމާ، ގިނަކުރުމުގެ އަކުރެއްކަމަށްވާ "ތައް"އާއި އެކަހެރިކުރުމުގެ ނުވަތަ އާންމުކުރުމުގެ އަކުރެއްކަމުގައިވާ "އެއް"ގައި ވެސް ސުކުން މި ކުރަނީ ލަފުޒުގެ ނިމޭ އަކުރުގައިކަމަށް ވާތީ މިއީ ވެސް މި ހަމައިގެ މަތީން އ.ގައި ސުކުންކުރާންޖެހޭ ތަންތަންކަން ހަނދާންބެހެއްޓުމަކީ ރަނގަޅު އަކުރުގައި ސުކުންކުރާން ވިސްނާ ނަމަ، މުހިންމު ކަމެއްކަމަށް ދެކެމެވެ.

(ށ) އަލިފުގައި ސުކުންކުރެވޭ ދެވަނަ ހަމައަކީ ސުކުން އޮތް މަގާމުގައި ސުކުނުގެ ބަދަލުގައި އެހެން އަކުރެއް ލިޔާންޖެހޭ ޙާލަތެއް ނާންނަ، ނުވަތަ ސުކުނުގެ ބަދަލުގައި ފިލިޖެހޭނޭ އަކުރެއް ނޯންނަ ޙާލަތެވެ. މި ބާވަތުގެ ސުކުން ވަންނާނީ ލަފުޒުގެ މެދުތެރެއަށެވެ.

މިސާލު: ވެއްޓިއްޖެ، ރައްކާތެރި، ފައްކާ، ހައްތާ، ވައްލަ، ލައްޓި، ދިއްލިއްޖެ،

އަލިފުގައި ސުކުންކުރެވޭ މައިގަނޑު ދެ ހަމަ މި ދަންނަވައިލެވުނީއެވެ. އިސްތިސްނާ ހަމައާ އެކީގައެވެ.

މި ހިސާބުން ބައެއް ދަރިވަރުން އުފައްދާ ސުވާލެއްގެ ޖަވާބުގައި ވެސް އެއްޗެއް ދަންނަވައިލެވޭތޯ ބަލާނަމެވެ.

ވަރަށް ގިނަ ކިލާސްތަކުގައި ސުކުނުގެ ވާހަކަ ދައްކާ ކޮންމެ ދަނޑިވަޅެއްގައި ދަރިވަރުން ކުރާ ސުވާލެކެވެ. "މުހަންމަދު"، "މުޙައްމަދު" މި ދެ ގޮތަށް އަލިފުގައްޔާއި ނޫނުގައި ސުކުންކޮށްގެން މި ނަން ލިޔެފައި ހުންނަކަމަށާއި ރަނގަޅު ގޮތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. މި ސުވާލަށް އަޅުގަނޑު އާންމުކޮށް ދޭ ޖަވާބު ދަންނަވައިލާނަމެވެ.

"މުޙައްމަދު" ލިޔާއިރު އ. ގައި ސުކުންކުރައްވާ ބޭފުޅުން އެ ގޮތަށް ސުކުންކުރައްވަނީ ސުކުން އޮތް މަގާމުގައި ސުކުނުގެ ބަދަލުގައި އެހެން އަކުރެއް ލިޔާންޖެހޭ ޙާލަތެއް ނާންނަ، ނުވަތަ ސުކުނުގެ ބަދަލުގައި ފިލިޖެހޭނޭ އަކުރެއް ނޯންނަ ޙާލަތުގައި އަލިފުގައި ސުކުންކުރާންޖެހޭ ހަމައިގެ މަތީންނެވެ. ޢަރަބި ކިޔުމުގައި ތަޝްދީދަށް ކިޔާތަނެއްކަމަށް ވާތީއެވެ. މި ބާވަތުގެ ސުކުން ވަންނާނީ ލަފުޒުގެ މެދުތެރެއަށެވެ. އެހެންވީމާ، "މުޙައްމަދު" ލިޔާއިރު އަލިފުގައި ސުކުންކުރަނީ ވެސް ހަމައެއްގެ މަތީންނެވެ.

"މުޙަންމަދު" ލިޔާއިރު، ނޫނުގައި ސުކުންކުރައްވާ ބޭފުޅުން އެ ގޮތަށް ސުކުންކުރައްވަނީ، ނޫނުގައި ސުކުންކުރެވޭ ފުރަތަމަ ހަމައިގެ މަތީން ސުކުންވަޅަށް ނޯށަށްއަރުވައި ކިޔާ ހަމައިގެ މަތީންނެވެ. މި ގޮތަށް ނޫނު ސުކުން ކިޔޭ ގޮތަށް ކިޔޭކަމަށް ވެފައި ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭނޭ އަކުރެއް ނެތް ޙާލަތުގައި ސުކުންކުރަނީ ނޫނުގައިކަމަށް ވާތީ "މުހަންމަދު"ގައި ނޫނު ސުކުންކުރަނީއެވެ. އެ ގޮތަށް ސުކުންކުރައްވާ ބޭފުޅުން ވެސް އެ ތާނގައި ނޫނު ސުކުން އެ ކުރައްވަނީ ހަމައެއްގެ މަތީންނެވެ.

އެހެންނަމަވެސް މީސްމީހުންގެ ނަންތައް ލިޔާންވާނީ އެ ނަމުގެ ވެރިޔާ ބޭނުންވާ ގޮތަށެވެ. އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮންނާނީ އޭނާ ބޭނުންވާ ގޮތެވެ. ވީމާ، ރަސްމީ ލިޔެކިޔުންތަކުގައި މީސްމީހުންގެ ނަން ލިޔާންވާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އޮންނަ ގޮތަށެވެ. ލިޔަނީ "މުޙަންމަދު"ކަމަށް ވިޔަސް ނުވަތަ "މުޙައްމަދު"ކަމަށް ވިޔަސް އެއީ މައްސަލައެއް ނޫނެވެ. އަދި އިމްތިޙާނުތަކުގައި މާކުސް ދެއްވާ ބޭފުޅުން ވެސް މި ނުކުތާއަށް ރިޢާޔަތްކުރައްވައި އެއް އުޞޫލަކުން ސުކުންކޮށްފައިވާ ނަމަ، އެ ފަދަ ތަންތާނގައި އ. ގައި ނުވަތަ ނ. ގައި ސުކުން ކުރިޔަސް އެއީ ރަނގަޅު ނޫން ގޮތެއް ކަމަށް ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ.

ށ. ސުކުން

ށ. ސުކުންކީ ވެސް ސުކުންވަޅުގައި އޮންނަ އަކުރުގެ (ށ.ގެ) އަޑު ފާޅުނުވާ ސުކުނެކެވެ. މި ސުކުން ވެސް ކިޔަނީ ހަމަ އަލިފު ސުކުން ކިޔާ އަޑުންނެވެ. މި ސުކުން ކުރެވޭ ހަމައަކީ އެކި ގޮތްގޮތަށް ބަޔާންކޮށްފައި ހުއްޓަސް ހަމަ އެންމެ ހަމައެކެވެ. އެއީ ސުކުންވަޅުގައި އޮންނަ އޮންނަ ށ. ގައި ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހާންޖެހޭ ޙާލަތްތަކުގައި ށ. ގައި ފިލިޖެހޭ ތަންތަނެވެ.

މިސާލު: ގޮދަންފުށް= ގޮދަން ފުށަކީ، ރަށް= ރަށުގައި، މާވަށް= މާވަށު މީހެއް

ދިވެހިބަހުގެ ކުރީގެ ޢިލްމުވެރީން ބަޔާންކުރައްވައިފައިވާ ގޮތުގައި (އަދި ހަގީގަތުގައި ވެސް) ށ. ސުކުނަކީ ލަފުޒެއްގެ ނިމޭ ތަނަށް ނޫނީ "ވަންނަ" ސުކުނެއް ނޫނެވެ. ބައެއް ލަފުޒުތަކުގެ މެދުތެރެއިން ށ. ސުކުން ފެންނަނީ އެއީ ށ. ސުކުނަށް ނިމިފައި ހުންނަ ލަފުޒާއި އެހެން ލަފުޒަކާ ގުޅިގެން އުފެދިފައި ހުންނަ އެކުވި ލަފުޒުތަކުންނެވެ.

މިސާލަކަށް: ރަށްމެދު (ރަށް މެދު = ރަށު މެދު)، ވަށްބުރު (ވަށް ބުރު= ވަށަ ބުރު)،

އައްޝައިޚުލްފަޤީހު ޖަމާލުއްދީން މުޙަންމަދު އިބްނި ޢީސަލްމުލަކީ (ނާއިބު ތުއްތު)، އެ މަނިކުފާނުގެ "ތާނަލިޔުމުގެ ގަވާއިދު"ގައި ވިދާޅުވެފައިވަނީ "ށަވިޔަނީގައި ސުކުންކުރާނީ ށަވިޔަނި މަތީ ތެދު ފިއްޔަށް ކިޔައިފިޔަސް އެ ލިޔެވުނު ބަސް ގޯސްނުވާ ބަސްބަހުގައި"ކަމަށާއި "ށަވިޔަނީ ސުކުން އަރާ ކޮންމެ ތާކުމެ އަޞްލަކީ ތެދުފިލި"ކަމުގައެވެ. (ތާނަ ލިޔުމުގެ ގަވާއިދު، ޞަފުޙާ 8)

ދިވެހިބަހުން ލިޔެފައި ހުރި ހުރިހައި ގަވާއިދު ފޮތެއްގައި ވެސް، ތަފާތު ޢިބާރާތުން ބަޔާންކުރައްވައިފައި ހުއްޓަސް ށ. ގައި ސުކުންކުރެވެނީ ނާއިބު ތުއްތު ވިދާޅުވެފައިވާ ހަމައިގެ މަތީން އެކަންޏެވެ. ނަމަވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޒަމާނުންފެށިގެން ށ. ގައި ސުކުންކުރާ އެހެން ހަމައެއް އުފަންވެ އެ ގޮތުގެ މަތީން ސުކުންކުރެވެމުން އައިސްފައި އެބަ ހުއްޓެވެ. އަދި ވަރަށް ގިނަ ލިޔުންތަކުގައި މި އުޞޫލުން ސުކުންކޮށްފައި ހުއްޓައި ވެސް ފެނެއެވެ. އެ ހަމައަކީ ށ. ބަދަލުވާ ޓަވިޔަނީގެ ކުރީގައި ށ. ގައި ސުކުންކުރެވޭ ހަމައެވެ.

މިސާލަކަށް: ބަށި– ބަށްޓެއް، ފޮށި– ފޮށްޓެއް، ތިމާވެށި– ތިމާވެށްޓާ މި ފަދަ ތަންތަނެވެ.

ނަމަވެސް މިއީ އެއްވެސް ގަވާއިދު ފޮތަކުން އަދި ފެންނާން އޮތް ހަމައެއް ނޫނެވެ. އެކަށައެޅި އާންމުކުރެވިފައިވާ ގަވާއިދަކުން މި ހަމައެއް އަޅުގަނޑަކަށް ނުފެނުނެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2004ގައި ޗާފުކުރައްވައިފައިވާ "ދިވެހިބަހުގެ ގަވާއިދު 1،2،3،4″ މި ފޮތުގައި ސުކުނުގެ ވާހަކަ ވެސް ގެންނަވައިފައެއް ނެތެވެ. އަދި އޭގެ ކުރީން 1993ގައި ހަމަ އެ މަރުކަޒުން ޝާއިޢުކުރައްވައިފައިވާ "ބަހުގެ ހަމައިގެ އަތްމަތީ ފޮތް" ބަޔާންކޮށްފައިވަނީ "ސުކުނުގެ ބަދަލުގައި ށަވިޔަނީގައި ފިލިޖެހޭ ކޮންމެ ތަނަކީ ށަވިޔަނީގައި ސުކުންކުރާންޖެހޭ ތަންތަނެވެ." މިހެންނެވެ.

ފަހުން މި ބަޔާންކުރި (އަދި ގަވާއިދު ފޮތެއްގައި އާންމުކުރެވިފައި ނެތް) ހަމައާ މެދު ލިޔުންތެރީންނާއި އަދީބުނެގެ މެދުގައި ޚިޔާލުވަނީ ދެކަފިވެފައެވެ.

މި ހަމަ އޮންނާންޖެހޭނެކަމަށް ވަކާލާތުކުރައްވާ ބޭފުޅުންގެ ނަޒަރުގައި އެ ފަދަ ތަންތާނގައި ށ. ގައި ސުކުންކުރާންޖެހެނީ ސުކުނުގެ ބަދަލުގައި ށ. ގައި ފިލިޖެހޭތީއެވެ. އެ ބޭފުޅުންގެ ހެތްކަކީ "ބައްޓެއް" މި ލަފުޒަކީ "ބަށި" މި ލަފުޒު އެކަހެރިކުރީމާ އޮންނަ ގޮތްކަމަށް ވާތީ އެ ތާނގައި އަޞްލުގައި އޮންނަނީ ފިލިޖެހިގެންވާ ށަވިޔަންޏެއްކަމަށް ވާކަމެވެ. އަދި ތަނަކުން އެއްޗެއް ނެއްޓުމާއި މީހަކު ލައްވައި ނެއްޓުމުގައި މާނަ ތަފާތުވާތީ މީހަކުލައްވައި ނެށްޓުވުމުގައި އޮންނާންޖެހޭނީ ށ. ސުކުންކަމަށެވެ.

މި ރައުޔާ ދެކޮޅަށް ބަހުސްކުރައްވާ ބޭފުޅުން ވިދާޅުވަނީ "ތިމާވެއްޓެއް" ފަދަ ލަފުޒުތަކުގައި އަލިފު ސުކުން ކުރާންޖެހެނީ ށަވިޔަނި ޓަވިޔަންޏަށް ބަދަލުވެފައިވާތީ، އެ ތާނގައި ށ. ނެތުމާއެކު، އެ ލަފުޒުގައި ޓަވިޔަނީގެ ކުރީގައި އަލިފުކުންކުރާންޖެހެނީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭނޭ އަކުރެއް ނެތް ހަމައިގެ މަތީންނެވެ. މި ފަދަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއް ގޮތަށް ކިޔޭ ލަފުޒުތަކުގެ މާނަ ދެނެގަނެވޭނީ ކުރާ ސުކުނަކުން ނޫންކަމަށާއި ޖުމުލައިގެ ޙާލަތުން (ކޮންޓެކްސްޓުން) ކަމަށެވެ. މިސާލަކށް މި ބޭބޭފުޅުން ދައްކަވާ އެއް ހަމައަކީ ދަޅެއްގެ މައްޗަށް އެރުމާއި، އަގު މައްޗަށް ދިޔުމުގައި މާނަ ތަފާތު ވިޔަސް ލަފުޒު ލިޔަނީ އެއް ގޮތަކަށް ކަމެވެ.

ފަހުން މި ދެންނެވި ހަމައިގެ މަތީން ށަވިޔަނީގައި ސުކުންކުރާނީތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސުގައި ޑރ. ޙަސަން ޙަމީދު އެ މަނިކުފާނުގެ ވެބްސައިޓްގައި ލިޔުއްވައިފައިވެއެވެ. "….ލިޔާނީ އ ސުކުނެއްތޯ ނުވަތަ ށ ސުކުނެއްތޯ ދެބަސް ވުމެއް އުފެދި، ޙައްލެއް ލިބޭތޯ ޑޭޒީމާގޭ އާމިނަތު ފާއިޒާއާ ގުޅާލައިފީމެވެ. ސުވާލުކުރުމުން، ވަގުތުން މި ކަމުގެ ހަމަ ވިދާޅުވިއެވެ. ވިދާޅުވީ އެއްވެސް ވިޔަންޏެއްގެ ކުރިއަށް ށ ސުކުނެއް ނާރާނެކަމަށެވެ. ފޮށި – ފޮއްޓެއް ކިޔާއިރު ޖަހާނީ ށ ސުކުނެއްތޯ އަޅުގަނޑު ސުވާލުކުރުމުން ވެސް ވިދާޅުވީ ފޮށި ކިޔާއިރު ށ އޮތް ކަމުގައި ވިއަސް، ހަމައަކީ ކުރިން ބަޔާންކުރި ހަމަކަމަށެވެ. ވިޔައްޏެއްގެ ކުރިއަކަށް ށ ސުކުނެއް ނޯންނާނެއެވެ. ނައިބުތުއްތު ވިދާޅުވާ އެއްޗަކާ ފާއިޒާގެ ވާހަކަފުޅާ އެއްގޮތެވެ."

ސުކުންކުރުމާމެދު އެންމެ ކަންބޮޑުވާނީ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނު ހަދާ ދަރިވަރުންކަން ކަށަވަރެވެ. ނަމަވެސް އެ ކުދީން ކަންބޮޑުވާނެ ކަމެއް ނެތެވެ. މިހާރު ހުރި ގަވާއިދު ފޮތްތަކުގައި އެކަށައެޅިގައިވާ ގަވާއިދުގައިވާ ގޮތުގެ މަތީން ށ. ގައްޔާއި އ. ގައި ސުކުންކުރުމުން އެ ގޮތް ރަނގަޅުކަމަށް އިމްތިޙާނު މާކުކުރައްވާ ބޭފުޅުން ބައްލަވާނެއެވެ. މި ފަދަ ބައެއް ބޭފުޅުންނާ އަޅުގަނޑު ވާހަކަދައްކައިލުމުން ވިދާޅުވަނީ ބައްޓެއް، ތިމާވެއްޓާ ފަދަ ތަންތާނގައި (ށަވިޔަނި ބަދަލުވާ ޓަވިޔަނީގެ ކުރީގައި) ށ. ސުކުން ނުކުރިޔަސް މާކުރައްވާ ބޭފުޅުން އެ ތަންތަން ނުބައި ނުކުރައްވާ ކަމަށެވެ.

މި ވާހަކަ އަޅުގަނޑު ލިޔާއިރު، މި ހަމައިގައި ޚިޔާލު ދެކަފިވެފައިވާތީ، އަޅުގަނޑުގެ ޚިޔާލު ވެސް ހާމަކޮށްލާން ތިޔަ ބޭފުޅުން ބޭނުންފުޅުވާނެކަން ކަށަވަރެވެ.

އަޅުގަނޑަކީ އަޅުގަނޑު އަމިއްލަ ގޮތުން ފަރުދީ ގޮތުން ގަބޫލުކުރާ ގޮތް ނޫން ގޮތަކަށް ވިޔަސް އާންމުކޮށް ރަސްމީ އިދާރާއަކުން އެކަށައަޅުއްވައި ގަވާއިދެއް އާންމުކުރައްވައިފި ނަމަ، އެ ގަވާއިދަކަށް ޢަމަލުކުރާ މީހެކެވެ. އެހެންވީމާ މިހާތަނަށް ފެންނާން އޮތީ، ށަވިޔަނީގައ ފިލިޖެހޭ މައިގަނޑު އެއް ހަމަ ކަމަށް ވާތީ، އެހެން ހަމައެއް އެކަށައެޅި ޢަންމުކުރެވެންދެން އަޅުގަނޑު ގަބޫލުކުރާނީ މިހާރު ޢަމަލުކުރާންޖެހޭނީ އެ ހަމައަށް ކަމަށެވެ. އެއީ ނާއިބުތުއްތު ވެސް އަދި އާމިނަތު ފާއިޒާ ވެސް ވިދާޅުވާ ހަމައެވެ. އެހެން ފޮތްފޮތުން ވެސް ފެންނާން ހުރި ހަމައެވެ. ށ. ގައި ސުކުން އޮންނަ ތާނގައި ފިއްޔެއް ޖެހޭ ޙާލަތްތަކުގައި ށަވިޔަނީގައި ފިލިޖެހޭ ހަމައެވެ. އެހެން ބޭބޭފުޅުންގެ ރައުޔަށް އިޙުތިރާމްކުރުމާއެކީގައެވެ.