...

Support Us

ކޮލަމް ކޯދު: ޑަކްޓަރުގެ ވާހަކަ- އަންހެނުންގެ ފުންމިން ބަޔާންކޮށްދިނުން

އެއް ދުވަހަކު މީހަކު ޑަކްޓަރަށް ޒިޔާރަތްކުރިއެވެ. އޭނާއަކީ ސިއްހަތު ސަލާމަތުން ހުރި ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. ޑަކްޓަރު ކައިރިއަށް އޭނާ ދިޔައީ ބަލިވެގެންނެއް ނޫންވެ. ނަމަވެސް، ވަރަށް އަވަހަށް ޒަވާޖީ ހަޔާތެއް ފަށަން އޭނާ ގަސްދުކޮށްފައި ވުމާއެކު، އޭނާގެ ޒަވާޖީ ހަޔާތް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އޭނާ ބޭނުންވާ ކަހަލަ ބައެއް ސުއާލު ޑަކްޓަރާ ކޮށްލައި މަޝްވަރާކޮށްލުމަށެވެ.

ތިރީގައި އެވަނީ އޭނައާއި ޑަކްޓަރާ ދެމެދު ދެކެވުނު ވާހަކަތަކުގެ ޚުލާސާއެކެވެ.

ޑަކްޓަރު: މިއަދު އަހަރެން އިނބައަށް ފޯރުކޮށްދެވޭނީ ކޮން ޚިދުމަތެއް ހެއްޔެވެ؟

ޒުވާނާ: ބައްލަވާ ޑަކްޓަރެވެ. އަޅުގަނޑު މިއައީ ބަލިވެގެންނެއް ނޫނެވެ. އަޅުގަނޑު ކައިވެންޏެއް ކުރަން އުޅޭތީއާ އަދި އެކައިވެނި ދެމެހެއްޓުމުގެ ގޮތުން، އަންހެނުންނާ ބެހޭ ގޮތުން މައުލޫމާތުކޮޅެއް ހޯދުމަށްޓަކައެވެ. ކައިވެނި ދެމެހެއްޓޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެކަކު އަނެކަކު ރަނގަޅަށް އެނގިގެން ނޫންތޯއެވެ؟ އަންހެނުންނާއި ފިރިހެނުންނަކީ ތަބީއީ ގޮތުންނާއި ނަފްސާނީ ގޮތުން ތަފާތު ބައެއް ނޫންތޯއެވެ؟ އެހެންވީމާ، އަންހެނުން އަޅުގަނޑުމެން ފިރިހުންނާ ތަފާތުވާ ގޮތް ޚުލާސާ ގޮތެއްގައި އަޅުގަނޑަށް ވިދާޅުވެދެއްވަފާނަންތޯއެވެ؟

ޑަކްޓަރު: ތިއީ ވަރަށް ވެސް ރަނގަޅު ސުއާލެކެވެ. ނަމަވެސް ތި ތަފާތުގެ ވާހަކަ ޚުލާސާކޮށްލާފައި ބުނާނީ ކިހިނެއް ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. ކޮންމެއަކަސް އެ ތަފާތުގެ ވާހަކަ ޚުލާސާކޮށްލާފައި އަހަންނަށް ބުނެވޭނީ މިހެންނެވެ. ފިރިހެނުންނާ އަޅާބަލާއިރު، އަންހެނުންނަކީ ނަފްސާނީ ގޮތުން ވެސް އަދި ޖިސްމާނީ ގޮތުން ވެސް ވަރަށް ފުން ބައެކެވެ.

ޒުވާނާ: ކީކޭތޯއެވެ؟ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ފުނޭތޯއެވެ؟ އެއި ކިހިނެއް އޮންނަ ކަމެއްތޯއެވެ؟

ޑަކްޓަރު: އެންމެ ފުރަތަމަ އަންހެނުންގެ ނަފްސާނީ ފުންކަމަށް އަވަސް ކަޅިއެއް އެެއްލަމާ ހެއްޔެވެ؟ އިނބަ ވެސް އަޑުއަހާނެއެވެ. 'އަންހެނުން ވިސްނާ ކަމެއް، ނުވަތަ ބޭނުންވާ ކަމެއް' ފިރިހެނުންނަކަށް ނޭނގޭނޭ ކަމެވެ.' މިއީ އެއްބައި މީހުންގެ ނަޒަރުގައި ނަފްސާނީ ގޮތުން އަންހެނުން ފުންކަން ދައްކާ ކަމެކެވެ. ނަމަވެސް، މިއީ ވިސްނައިގަންނަން އެހާ އުނދަގޫ ކަމެއް ނޫނެވެ. އަންހެނުން ބޭނުންވާ ކަމެއް ނުވަތަ ވިސްނާ ގޮތެއް ފިރިހެނުންނަށް ނޭނގެނީ އެމީހުންގެ ވިސްނުން 'ފުންވެފައި' އަދި އެހެންވެ، ނަފްސާނީ ގޮތުން އެމީހުން ފުންވީމައެއް ނޫނެވެ. އެކަން ގުޅެނީ ފިރިހެނުންގެ ވިސްނުމުގެ މައްސަލައާއެވެ. ކަންކަމާ ދޭތެރޭ އެމީހުން ވިސްނާ ގޮތަށް އަންހެނުން ވިސްނަން ޖެހޭނެކަން ފިރިހެނުން ދެކޭ ދެކުމާއެވެ.

މިކަން ސާފުވެދިޔުމަށްޓަކައި މިސާލެއްގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ ފިރިހެނަކު ފިހާރައަކަށް ދަނީ އެއްޗެއް ގަންނާށެވެ. ދެން، އެ ދާ ފިހާރައަކަށް ގޮސް، ވަރަށް ގިނަ ފަހަރަށް އަވަސް އަރުވާލާފައި އެއްޗެއް ގަނެގެން އަތުވެދާނެއެވެ. އެއީ ގަންނަން ޖެހޭ އެތިކަން ޔަގީން ވެސް ކޮށްނުލައެވެ. ދެން، އަންހެނަކު ފިިހާރައަކަށް ދާނީ ވެސް ހަމަ އެއްޗެއް ގަންނަން ކަމަށް ފިރިހެނުން ދެކިފާނެއެވެ. އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. އަންހެނުން ފިިހާރައަކަށް ދަނީ ކޮންމެހެން އެއްޗެއް ގަންނާކަށް ނޫނެވެ. ފިިހާރައިގައި ހުރި އެއްޗެއް ބަލާލަން ވެސް ހިނގައިދާނެއެވެ. ފިހާރައިގައި ހުރި ހުރިހާ މުދަލެއްގައި އަތްކާއްތާފައި، ދެތިން ގަޑިއިރު ފިހާރައިގައި ހޭދަކޮށްފައި އެއްޗެއް ނުގަނެވެސް އަތުވެދާނެއެވެ.

މިއީ ފަހަރެއްގައި ވެސް މައްސަލައަކަށް ވެގެން ނުވާނެއެވެ. އެއީ އަންހެނުންގެ ތަބީއަތް ކަމުގައި ބެލީމައި ނިމުނީއެވެ. އެކަމާ ފާޑު ނުކީމައި އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ.

ޒުވާނާ: އެންމެ ރަނގަޅެވެ. އަންހެނުންގެ ނަފްސާނީ ފުންކަމަކީ ފުންކަމެއް ނޫންކަމާއި އަދި އެކަމުގެ ހަގީގަތް ސާފުވެއްޖެއެވެ. ދެން، ޖިސްމާނީ ގޮތުން އަންހެނުން ފުންވަނީ ކިހިނެއް ހެއްޔެވެ؟

ޑަކްޓަރު: ތިކަމުގެ ވެސް މާ ބޮޑު ތަފްސީލަކަށް ނުގޮސް، ޚުލާސާ ގޮތެއްގައި އެކަން ބުނެދެވޭތޯ ބަލާނަމެވެ. ޖިސްމާނީ ގޮތުން އަންހެނުން ވަރަށް ވެސް ފުންވާނެއެވެ. އެ މީހުންގެ ޖިސްމާނީ ފުންމިން ބަޔާން ކޮށްދިނުމުގެ ގޮތުން އެއްބަޔަކު ބުނަނީ ކަނޑަކަށް ވުރެވެސް ފުންވާނޭ ކަމެވެ. އަނެއް ބަޔަކު ބުނަނީ އެމީހުންނަކީ ޖިސްމާނީ ގޮތުން ބަލާއިރު އުމަރު ސުންބުލި ކަހަލަ ބައެއް ކަމެވެ. މީގެ މާނައަކީ އެ މީހުންގެ ޖިސްމަށް ލެވޭ އެއްޗެހި ގިނަކަމެވެ. އިނބައާއި އަދި އިނބަގެ ހުރިހާ މުދަލެއްވެސް އެމީހުންގެ ޖިސްމަށް ލެވެއެވެ. އިނބަގެ ގޯއްޗެއް އޮތް ނަމަ އެ ގޯއްޗާއި ގެއެއް ހުރި ނަމަ އެ ގެއާއި މަސް ދޯންޏެއް އޮތް ނަމަ އެ މަސް ދޯންޏާއި ފިހާރައެއް ހުރި ނަމަ އެ ފިިހާރައާއި މިހުރިހާ އެއްޗެއްވެސް ލުމުގެ ތަނަވަސްކަން އަންހެނުންގެ ޖިސްމާނީ ފުންމިނަށް ލިބިގެން ވެއެވެ.

ޒުވާނާ: ތިކަމުގައި އޮތީ ފައިދާ ހެއްޔެވެ؟ ނުވަތަ ގެއްލުން ހެއްޔެވެ؟

ޑަކްޓަރު: އެކަމުގެ ގެއްލުމާ ފައިދާ ކަނޑައެޅޭނީ ކައިވެނީ ދިމިއޮތުމާއި ނޯތުމުގެ މައްޗަށް ބަލާފައެވެ. ކައިވެނި ދެމި އޮތްހާ ހިނދަކު ޖިސްމާނީ ގޮތުން އަންހެނާގެ ފުންމިނުގެ އެއްވެސް ގެއްލުމެއް ނުރައްކަލެއް ނެތެވެ. ނަމަވެސް، ކައިވެނި ރޫޅިއްޖެ ނަމަ، އިނބަގެ ހުރިހާ މިލްކެއް އެ ފުންމިނުންގެ ތެރެއަށް ލެވި، އަދި އިނބަވެސް އެ ފުންމިނުގެ ތެރޭގައި ގެނބިގެން ހިނގައިދާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.