Support Us

ކޮލަމް ކޯދު: ޖުހާގެ ރަހުމަތްތެރިޔާގެ ޖާދޫގެ ކުލަ

އެންމެ ފަހުން ޖުހާގެ ރަހުމަތްތެރިޔަކު ބޭރަށް ކުރި ދަތުރެއްގައި ގެނައި ކުލައެކެވެ. އެކުލަވީ އޭގައި ޖާދޫގެ އަސަރު އެކުލެވޭ ކުލައަކަށެވެ. ކޮންމެ އަކަސް ޖުހާގެ ރަހުމަތްތެރިޔާ ޖުހާއަށް ޒިޔާރަތްކޮށް އޭނާއަށް ލިބުނު ޖާދޫގެ ކުލައިގެ ވާހަކަ ކިޔައިދިނެވެ.

ޖުހާގެ ރަހުމަތްތެރިޔާ ކިޔައިދިން ގޮތުގައި އެކުލަ ޖެއްސި ކޮންމެ އެއްޗެއް މުޅިން އާ އެއްޗަކަށް ބަދަލުވިއެވެ. ގޭގައި ހުރި ބާ އަދަރާދު ގޮނޑިއެއްގައި އެންމެ ފުރަތަމަ އެކުލަ ލިއެވެ. ހަމަ ވަގުތުން މުޅިން ގޮނޑި އާވިއެވެ. ދެން ގޭގައި އޮތް ބާ ކާރުގަނޑެއްގައި ކުލަ ލިއެވެ. ބާ ދަބަރަށް ވެފައި އޮތް ކާރު ހަމަ މުޅިން އާވެ ހަމަ އަދުގެ އެންމެ މޮޅު ކާރަކަށް ބަދަލުވެގެން ދިޔައެވެ. ދެން އެންމެ ފަހުން ރަހުމަތްތެރިޔާގެ ގޭގައި ވެސް އެކުލަ ލިއެވެ. އިސާހިތަކު ގެވެސް ހަމަ މުޅިން އާ ގެއެކަަށް ބަދަލުވެގެން ދިޔައެވެ.

މިވާހަކަ އަޑުއަހާފައި ޖުހާ ބުންޏެވެ. ތިއީ ހަމަ ތެދު ހަގީގަތެކެވެ. ތިޔަ ކަހަލަ ޖާދޫގެ ކުލަތަކަކީ މިހާރު ރާއްޖެ ފަދަ ތަންތަނުން ހަމަ ވަރަށް ފަސޭހައިން ލިބޭ އެއްޗެކެވެ. އަދި ތީގެ އިތުރުން ތިފަދަ އެހެން ޖާދުވީ ކަންތައްތައް ވެސް ރާއްޖެއިން ފެނެއެވެ. ހަމަ ތި ގޮތަށް ބޭރުފުށް ބަދަލުކޮށްލުމުން ހުރިހާ ކަމެއް ހަމަޖެހިގެންދާ ތަންތަން ފެނެއެވެ. ކޯޓުފަޓުލޫނު ލުމުން މީހާގެ ހައިބަތު ބޮޑުވާ ތަނެވެ. މޮޅު ގަލަމެއް ޖީބަށް ޖަހާލުމުން ލިޔުންތެރި ބޮޑު މުފައްކިރަކަށްވާ ތަނެވެ. މޮޅު އަތުރުކުރި ގަޑިއެއް އަޅާލުމުން އަތުގެ އަގު ބޮޑުވާ ތަނެވެ. ނަމަށް އިއްޒަތްތެރި އިތުރުކޮށްލުމުން މީހާގެ އިއްޒަތް އުފުލިގެންދާ ތަނެވެ. އެތެރެ ހޮއި ކަމުގައި ވިޔަސް ވެހެވެ. ތިބުނާ މޮޅު ޖާދޫގެ ކުލަ، ފީ ޅޮހުގައި ލުމުން، އާރުލާ ވަކަރަށް ބަދަލުވާ ގޮތަށެވެ. މީގެ އިތުރުން، ތުނބުޅި ދިގުކޮށްލުމުން ދީންވެރިވެ، އަދި ވަކިގޮތަކަށް ހެދުން އެޅުމުން އިއްފަތްތެރިވެސް ވެވެއެވެ. އަދި ވެސް، ރަހުމަތްތެރިޔާ ގާތު ޖުހާ ބުންޏެވެ. "ރާއްޖޭގައި މިވަގުތު ތަފާތު ބޮޑެތި ބޮޑެތި މައްސަލަތައް އެބަ ހުއްޓެއް ނޫން ހެއްޔެވެ؟ ދަރަނިވެރި ވުމުގެ މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައެވެ. ވައްކަމާއި ފަސާދައިގެ މައްސަލައެވެ. ބަދުއަޚުލާގީ މައްސަލަތަކެވެ. އަދި، މިކަހަލަ މައްސަލަތަކުގެ ޝިކާރަވެރިންނަށް ވެފައި ތިބި އަންހެނުން އެކަނބަލުންނަށް އަނިޔާދިން މީހުންނާ މަގުމަތިން ކުރިމަތިލުމުގެ މައްސަލަތަކެވެ. މިހުރިހާ ކަމެއް އަމިއްލައަށް ހައްލުވުން އޮތީ ކޮން ޖާދުލަކުން ކަން އެނގޭ ހެއްޔެވެ؟ އެއްވެސް ކަމެއް ނުކޮން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްލުމުން ހުރިހާ މައްސަލައެއް ހައްލުވާނެއެވެ. ބާގެގަނޑުގައި ތިބުނާ ޖާދޫގެ ކުލަ ޖައްސާލުމުން އެ ގެގަނޑު ހަމަ އާވާ ގޮތަށެވެ!"

ދެން ރަހުމަތްތެރިޔާ ބުންޏެވެ. "ތިހާ ފަސޭހައިން މައްސަލަތައް ހައްލުވާން އޮތް އިރު، ތިިކަން ނުކޮށްވާކަން ނުވާނެއެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ހުރިހާ މައްސަލަތަައް ކޮންމެހެން ވެސް ހައްލުކުރަންވާނެއެވެ. މަގޭ ވާހަކައަކީ އާންމުން ތިކަން ގަބޫލުކުރާނެ ހެއްޔެވެ؟"

ދެން ޖުހާ ބުންޏެވެ. "އާންމުންނަކީ ވަރަށް ވެސް ރަނގަޅު ބައެކެވެ. އެމީހުން ރުހޭ މީހާ ދުވާލަށް ރޭގަނޑޭ ބުންޏަސް އެމީހުން ގަބޫލުކުރާނެއެވެ. އަދި ހަބަރުގައި ލަނީ ފޮނި ރަހަޔޭ މާމުޔަކީ ހިތި އެއްޗެކޭ އެމީހުންގެ ލީޑަރު ބުނެފިނަމަ އެމީހުން ގަބޫލުކުރާނެއެވެ. އެހެންވީމާ ހުރިހާ ކަމެއްގެ ހައްލަކީ ބަރުލަމާނީއޭ ބުނީމާ އެކަން ވެސް، ހަމަ ގައިމު ވެސް ކޮންމެ ވެސް ބަޔަކަށް ގަބޫލުކުރަން އުނދަގުވާންވީ ކީއްވެ ހެއްޔެވެ؟ ޅެންވެރިޔާ ބުނެފައި އޮވޭ ނޫން ހެއްޔެވެ؟"

"إن قيل هذا شهدكم مر فقولوا علقم

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

أو قيل إن نهاركم ليل فقولوا مظلم

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭނގަޑޭ ބުނެވޭ އިރަށް

ބުނެލާށެ އާނ! މީ ރޭނގަޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން

إن قيل إن ثمادكم سيل فقولوا مفعم

ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ

ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން

أو قيل إن بلادكم يا قوم سوف تقسم

فتحمدوا وتشكروا وترنحوا وترنموا

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން