Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފިރިމީހާއަށް ގެވެށި އަނިޔާދިން ކަމަށް ތުހުމަތު ކުރެވުނު އަންހެނެއްގެ ވާހަކަ

ގާޒީ ވަރަށް ވެސް އަބުއި ހިންގެވުމެއްގައި ވަޑައިގެން ކޯޓަށް ވެންނެވިއެވެ. އަދި، ކޯޓުގައި ހާޒިރުވެ ތިބި އެންމެނަށް ސަލާން ގޮވާލެއްވުމަށް ފަހު، ކޯޓުގެ ކާތިބަށް، ދުވަހުގެ ފުރަތަމަ މައްސަލައާ ބެހޭ ލިޔުންތައް ގެންނެވުމަށް އިޝާރާތްކޮށްލެއްވިއެވެ.

އެ ދުވަހުގެ ފުރަތަމަ މައްސަލައަކަށް އޮތީ ގެވެށި އަނިޔާއާ ބެހޭ މައްސަލައެކެވެ. ނަމަވެސް، އެފަދަ ގިނަ މައްސަލަތަކުގައި އަނިޔާ ލިބިފައި އޮންނަނީ އަނބިމީހާ އަށެވެ. ނަމަވެސް މި މައްސަލައިގައި އަނިޔާ ލިބުނު ކަމަށް އޮތީ ފިރިމީހާއަށެވެ.

ކޮންމެއަކަސް މައްސަލައިގެ ދެ ޚަސްމުން ގާޒީ ކުރިފުޅުމައްޗަށް ހާޒިރު ކުރިއެވެ. ދައުވާ ލިބޭ އަނބިމީހާއާއި ދައުވާ ކުރާ ފިރިމީހާއެވެ. އެ ދެމެހީން ހާޒިރުކުރުމުން، ގާޒީ، މައްސަލަ ބައްލަވަން ފެއްޓެވިއެވެ. އަދި، މައްސަލައާ ބެހޭ ލިޔުންތައް ބެއްލެވުމަށް ފަހު، ދައުވާ ލިބޭ އަނބިމީހާއާ ގާޒީ ސުއާލުކުރެއްވިއެވެ.

ގާޒީ: ކަނބުލޭގެއެވެ! ކަނބުލޭގެ މައްޗަށް މި އޮތީ ކަނބުލޭގެ ފިރިމީހާ މަރާލަން އުޅުމުގެ ދައުވާއެވެ. ވަޅިއެއް ހިފައިގެން ކަނބުލޭގެ ފިރިމީހާ ކައިރިއަށް ގޮސް، އޭނާގެ ބޯ ދެފަޅިއަށް ފަޅާލަން އުޅުމުގެ ތުހުމަތެވެ. މި ތުހުމަތާ މެދު ކަނބުލޭގެ އިޖާބަދޭނީ ކިހިނެއް ހެއްޔެވެ؟ ކުށަށް އިއުތިރާފުވާނީ ހެއްޔެވެ؟ ނޫން ނަމަ، ކުށަށް އިންކާރު ކުރާނީ ހެއްޔެވެ؟

އަނބިކަނބުލޭގެ: ތި ކަމަކީ އަޅުގަނޑު ކުރަން އުޅުނު ކަމެކެވެ. އަޅުގަނޑުގެ ފިރިކަލޭގެ ބޯ ދެފަޅިއަށް ފަޅާލަން އަޅުގަނޑު އުޅުނީމެވެ. އެހެންވެ، އެ ކުށަށް އަޅުގަނޑު އިއުތިރާފުވަމެވެ.

ގާޒީ: މައްސަލައިގެ އެންމެ އަޑިއަށް ދާން އަހަރެން ބޭނުމެވެ. ސަބަބަކީ މައްސަލަ ދިމާވާން މެދުވެރިވި ސަބަބުތައް ބެލުމެވެ. އެކަމަކީ އިންސާފުގެ ނިޔާއެއް އިއްވުމަށް އެހީވެދޭނޭ ކަމަކަށް ވާތީއެވެ. އެހެންވެ، ކަނބުލޭގެއާ މި ސުއާލުކުރަން އަހުރެން ބޭނުމެވެ. ކަނބުލޭގެ ފިރިމީހާގެ ބޯ ދެފަޅިއަށް ފަޅާލަން އުޅުނީ ކީއްވެހެއްޔެވެ؟

އަނބިކަނބުލޭގެ: އަޅުގަނޑު، ނާޒިމާއަކީ ޔުނިވާސިޓީގައި ބޭސްވެރިކަން ކިޔަވަން އުޅުނު އަންހެނަކީމެވެ. އޭރު އަޅުގަނޑަކީ އަޅުގަނޑުމެންނާއެކު ކިޔަވަން އުޅުނު ރީތި ކުދިންގެ ތެރެއިން ހޮވާލެވޭ ކުއްޖަކީމެވެ. އަޅުގަނޑުގެ ފިރިމީހާ ހަލީމަކީ އޭރު އަޅުގަނޑުމެންގެ ޓިއުޓަރެކެވެ. އޭނާ އަޅުގަނޑާ ހިތާވެ، އަޅުގަނޑަށް އެތައް ހުވަފެނެއް ދައްކައި، ޔުނިވާސިޓީން ކެނޑިގެން އަޅުގަނޑާ އިންނަން އެދުނީއެވެ. އޭނާގެ ވާހަކަތަކަށް ހެއްލި އޭނަ އެދުނު އެދުމުގެ މަތިން، ޔުނިވާސިޓީގެ ކިޔެވުން ދޫކޮށްލާފައި އޭނައާ އަޅުގަނޑު އިނީއެވެ.

އޭނާގެ ބޯ ދެފަޅިއަށް ފަޅާލަން އުޅުމުގެ ހާދިސާ ހިނގި ދުވަހު، އަޅުގަނޑު އުޅުނީ އެހެން ދުވަހެކޭ ވެސް އެއްފަދައިން ކުދިންގެ އާއި ގޭގެ އެކިއެކި މަސައްކަތުގައެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު ދިިހަ އަހަރު ވެއްޖެއެވެ. އަދި، ހަތަރު ކުދިން ލިބިއްޖެއެވެ. އެކުދިިންގެ ހުރިހާ މަސައްކަތަކާއި ގޭގެ ކަންކަން ވެސް ކުރަނީ އަޅުގަނޑެވެ. އެކަމުގައި އެއްވެސް ޝަކުވާއެއް ނެތެވެ.

ކޮންމެއަކަސް، ފިރިމީހާގެ ދައުވާގައި އޮތް ފަދައިން، އޭނާގެ ބޯ ދެފަޅިއަށް ފަޅާލަން އުޅުނު ދުވަހުވެސް ކުދިން ހޭލައްވައި، ކުދިން ފެންވަރުވައި، އިސްކޫލަށް ފޮނުވަން ހެދުން އަޅުވައި، އެ ކުދިންނަށް ނާސްތާ ދިނީމެވެ. ދެން، އެކުދިންގެ އިންޓޯލަށް އެއްޗެއް ތައްޔާރުކޮށް، އެކުދިިިން އިސްކޫލަށް ގެންގޮސްފައި ގެއަށް އައިމެވެ. އެއަށްފަހު، ދެން އުޅުނީ ގެ ސާފުކުރާށެވެ. ގެ ވެކިޔުމްކޮށް، ހިރަފުސް ފޮޅައި ހަދާށެވެ. އެކަން ނިންމާފައި ދެން އުޅުނީ ގޭ އެންމެންގެ އެއްޗެހި ދޮވުމުގައެވެ. ދޮވެ ނިންމާފައި އެއްޗެހި ހިއްކަން އެޅީމެވެ. އެއަށްފަހު، އެންމެންގެ އެއްޗެހި އިސްތިިރި ވެސް ކުރި ހަނދާން ވެއެވެ. މި މަސައްކަތްތައް ނިންމާފައި، ދެން އުޅުނީ މެންދުރު ކެއުން ތައްޔާރު ކުރުމުގައެވެ. އެދުވަހު މަސް ރިހައާއި ތަރުކާރީކޮޅެއް ތައްޔާރުކުރާނަމޭ ހިތައި އެ އެއްޗެހި ސާފުކުރުމުގައެވެ. ދެން، އެކަން ކުރަން ފަށައި، ފިޔާ ނޮޅަން ވަޅި ނެގިތަނުން އިވުނީ އަޅުގަނޑު ފިރިމީހާގެ އަޑެވެ.

އެ ދުވަހަކީ އޭނާގެ މަސައްކަތަށް ސަލާމް ބުނެފައިވާ ދުވަހެއް ކަމުން، އޭނާ އޭރު އޮތީ ގޭ ސިޓިިން ރޫމުގައި ހުރި ސޯފާއެއްގައި އޮށޯވެލައިގެން ޓީ.ވީ ބަލާށެވެ. ދެން، އަޅުގަނޑު ބަދިގެތެރޭ ފިޔާ ނޮޅަން ވެގެން އުޅެނިކޮށް އޭނާ ބުނާ އަޑު އިވުނެވެ. "ނާޒިމާއެވެ! ކަނބުލޭގެ ގޭގައި ހައްދަވައިގެން ކުރާ ކަމެއް އޮވޭ ހެއްޔެވެ؟ އަޅެ، ސައިތައްޓެއް އަހަންނަށް ގެނެސްދީ ބަލާށެވެ!" ދެން އަޅުގަނޑަށްވީ ގޮތެއް ނޭނގެއެވެ. އަޅުގަނޑުގެ ފިރިމީހާ ކައިރިއަށް ދެވުނުކަން އެނގުނެވެ. އަދި އަޅުގަނޑު އަތުގައި ފިޔާ ނޮޅަން ގެންގުޅުނު ވަރަށް ތޫނު ވަޅި ވެސް އޮތްކަން އެނގުނެވެ. އަދި، އެ ވަޅި އޭނާގެ ބޮލުގައި ޖަހަން މަޅާލެވުނުކަން ވެސް އެނގުނެވެ. ދެން އަޅުގަނޑުގެ އަތުގައި އޭނާ ހިފެހެއްޓިކަމާއި ވަޅި އަޅުގަނޑު އަތުން އަތުލިކަން ވެސް އެނގުނެވެ. ނަމަވެސް، އެންމެ ވަރުގަދައަށް އަޅުގަނޑުގެ ހިތުގައި އޮތީ އެންމެ ކަމެކެވެ. އަޅުގަނޑުގެ ފިރިމީހާގެ ބޯ ދެފަޅިއަށް ފަޅައި އޭނާގެ ބޮލުގެ ނާށިގަނޑު ތެރޭގައި ސިކުނޑިއޭ ކިޔާ އެއްޗެއް އޮތްތޯ ބެލުމެވެ. އަދި، އެ ފަދަ ނަމެއް ކިޔާ އެއްޗެއް އޮތް ނަމަ، އެ އޮތީީ ސަލާމަތުންތޯ ނޫނީ ހޮއިކޮށްތޯ ވެސް ބެލުމެވެ. ކައިވެނިކޮށްގެން، އެ ކައިވަންޏަށް ދިިހަ އަހަރުވެ، ހަތަރު ކުދިން ލިބި، އެކުދިން ބޮޑެތި ކުރަމުން، އަދި، ދެންމެ މިނަންގަތް ގޭގެ ހުރިހާ ކަމެއް ކުރަމުންދާއިރު، އަޅުގަނޑުގެ ފިރިމީހާއަށް އެ ކަންކަން ނޭނގޭނީ ދެ ސަބަބަކާ ހުރެ ނޫންތޯއެވެ؟ އޭނާއަށް ސިކުނޑިއެއް މާތްﷲ ދެއްވާފައި ނުވުމެވެ. ނޫނީ އެ ސިކުނޑި ހޮއިކޮށް އޮތުމެވެ.

ކޮންމެއަކަސް އަނބިކަނބުލޭގެ ވާހަކަ ނިމުމުން، ދުވަހުގެ މަސައްކަތް ނިމުނީ ކަމުގައި ގާޒީ އިއުލާނު ކުރެއްވިއެވެ. އަދި، މި މައްސަލައިގެ ޝަރީއަތް އެހެން ދުވަހަކުން ކުރިއަށް ގެންދަވާނޭ ވާހަކަ ވެސް ގާޒީ ވިދާޅުވިއެވެ.

ދެން، ފެނުނީ ގާޒީ ކާރުކޮޅަށް އަރައިވަޑައިގެން ދުއްވާލެއްވި ތަނެވެ. އޭރު ގާޒީގެ ހިތްޕުޅުގައި ވެސް އިބާރާތެއް ހިނގަހިނގާ އޮތެވެ. ގާޒީގެ އަނބިކަނބަލުންނާ މުޚާތަބުކޮށް ވިދާޅުވެވުނު ބަހެކެވެ. "ކަނބުލޭގެ ގޭގައި ކުރާ މަސައްކަތަކީ ކޮބައިހެއްޔެވެ؟" މި އިބާރާތެވެ. ކަންކަމުގެ ޚަބަރު ދަންނަ މީހުން ބުނާ ގޮތުގައި އެ ދުވަހު ގާޒީ ވަޑައިގަތީ އޭނާގެ މަންމަގެ ގެއަށެވެ. އަދި، އަހަރު ދުވަސްވީ އިރުވެސް، ގެވެށި ތުހުމަތުގެ އަނިޔާ ކުރި ކަމަށް ބެލެވޭ އަންހެންމީހާގެ ޝަރިއަތް ކުރިއަކަށް ނުގެންދެވެއެވެ. ދެން، އަހަރެއްހާ ދުވަސްކޮށްފައި، ހަލީމު އޭނާގެ މައްސަލަ ކޯޓުން އަނބުރާ ނެގީއެވެ!