ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޔަމަންގެ ޔާސިރު ޔަހުުޔާ އައިޖީއެމްއެޗްގެ އައިސީޔޫގަައި ފަރުވާދެމުން ގެންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ކަރެޝަންސް ޑިޕާޓްމަންޓްގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ހާލު ބޮޑުވެ، ޔާސިރު، 44، އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް، ހާލު ދެރަވެގެން ކަމަށާއި އޭނާ މަރުވީ އައިސީޔޫގަައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަަމަށެވެ.
"އިމިގްރޭޝަންގެ ގާނޫނާ ހިލާފްވެގެން އޭނާ ހައްޔަރުކޮށް އަޅުގަނޑުމެންނާ ހަވާލު ކޮށްފައި ހުރީ ރާއްޖެއިން ފޮނުވާލެވެންދެން. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކޮށްފައި. އޭނާ އައިޖީއެމްއެޗަށް މިދިޔަ މަހު ބަދަލުކުރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހާލު ގޯސްވެގެން،" ކަރެޝަންސްގެ އޮފިޝަލް ވިދާޅުވި އެެވެ.
ޔާސިރުގެ ހަށިގަނޑު ޔަމަނަށް ގެންދާނީތޯ ނުވަތަ މާލޭގައި ވަޅުލާނީތޯ އަދި ނުނިންމަ އެވެ. އެކަން ނިންމާނީ އެމްބަސީއާއި އާއިލާއާ ވާހަކަ ދެއްކުމަށްފަހު ކަމަށް މައުލޫމާތު ލިބެ އެވެ.
ބައިނަލްއަގުވާމީ އެކިއެކި ޖަމާއަތްތަކުން ވެސް ޓެެރަރިސްޓެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ޔާސިރު ރާއްޖެއިން ހައްޔަރުކޮށްފައި ވަނީ 2017 ވަަނަ އަަހަރު އެވެ. އޭރުއްސުރެ، ހުކުމެއް ނީއްވައި އޭނާ ހުރީ ހައްޔަރުގަ އެވެ.
ދިވެެއްސަކާ އިނދެގެން ދަރިއަކު ވެސް ލިބިފައިވާ ޔާސިރު ހައްޔަރުގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރި ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެ އެވެ.
ޔާސިރު ހައްޔަރުކުރީ، ވީސާ ކެންސަލްކޮށް، ރާއްޖެއިން ފުރައިގެން ދިއުމަށް އެންގުމުން ވެސް އޭނާ ރާއްޖެ ދޫކޮށް ދާން އިންކާރު ކުމުންނެވެ.



advertisment