Support Us

ކޮލަމް ކޯދު: އަފްލާތޫނުގެ ހިކުމަތްތެރި ބަސްކޮޅަކާއި އޭގެ މައްޗަށް ލިޔެލާ ވާހަކަކޮޅެއް

އަފްލާތޫނަކީ ޔޫނާނީ އެވޭލާ ޒަމާނުގެ ފަލްސަފާވެރިއެކެވެ. އޭނާ ދުނިޔޭގައި އުޅުނީ މީލާދުގެ ކުރީގެ ތިންވަނަ ގަރުނާއި ހަތަރުވަނަ ގަރުނުގެ ތެރޭގައެވެ. އަފްލާތޫނާއި އޭނާގެ އުސްޒު ސޮކްރާތީސް، އަދި އޭނާގެ ދަރިވަރު އެރިސްޓޯޓަލް ހިމެނެނީ ހުޅަނގު ފަލްސަފާގެ އެންމެ މުހިންމު ތިން އިލްމުވެރިން ކަމުގައެވެ. ހުޅަނގުގެ ދީނީ އިލްމީ އަދި ސިޔާސީ ސަގާފަތަށް ނުހަނު ބޮޑު ތައުސީރެއް ކުރުވި އިލްމުވެރިން ކަމުގައެވެ.

ތިރީގައި އެވަނީ އަފުލާތޫނުގެ ހިކުމަތްތެރި ބަސްކޮޅަކާއި، އެ ބަސްކޮޅު އިތުރަށް ސާފުކޮށްލަ ދިނުމުގެ ގޮތުން އިތުރުކޮށްލެވިފައިވާ ވާހަކަކޮޅެކެވެ.

1. ބުއްދިވެރިން ވާހަކަދައްކަނީ އެމީހުން ބުނަން ޖެހޭ އެއްޗެއް އޮވެގެންނެވެ. ބުއްދި ހަމަނުޖެހޭ މޮޔައިން ވާހަކަ ދައްކަނީ ކޮންމެވެސް އެއްޗެކޭ ކިޔާ ހިތުންނެވެ.

މީގެ މިސާލުތައް ނޫސްތަކުގައި ޝާއިއުކުރެވޭ ބައެއް މަސްއޫލުވެރިންގެ ވާހަކަތަކުން ފެނެއެވެ. އެފަދަ އެއް މިސާލު ލިޔެލާނަމެވެ. އިންޑިޔާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ ތިބުމާ އިދިކޮޅު 'އިންޑިޔާ އައުޓު’ގެ ކެމްޕޭނަށް ފާޑުކިޔަމުން، މަސްއޫލުވެރިޔަކު މިމާނަ ދޭހަވާ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ނޫސްތައް ބުނެއެވެ. އޭނާ ބުނަނީ އެ ކެމްޕޭނަކީ މީސްތަކުން، އެމީހުންނަށް ލިބެން އޮންނަ ނިއުމަތްތަކުން މަހުރޫމު ކުރުވާނޭ ކަމެކޯލައެވެ. އަނެކަކު ބުނެފައި އޮންނަނީ އެކަމަކީ ރާއްޖެ ނުރައްކަލުގެ ތެރެއަށް ހުށަހަޅާލާނޭ ކަމެއް ކަމުގައެވެ. މިކުރާ ދައުވާގެ– ނިއުމަތްތަކުން މަހުރޫމުކުރުމާއި ނުރައްކާތެރި ކަމުގެ ތެރެއަށް ހުށަހެޅިދިޔުން-، މިކަމުގެ، އެއްވެސް ހެއްކެއް އެ ވާހަކަތަކުގައި ދެއްކިފައެއް ނޯވެއެވެ. އަދި، ހެއްކެއް ދައްކަން ޖެހޭ ކަން ގަބޫލުކުރެވޭ ކަމުގައި ވެސް އެވާހަކަތަކުން ވިސްނޭ ގޮތެއް ނުވެއެވެ. އެ ކެމްޕޭނަަކީ މީސްތަކުން މާތްﷲގެ ކޯފާއަށް ހުށަހަޅާލާނޭ ކަމެއް ހެއްޔެވެ؟ ތިމާމެންގެ މިނިވަންކަން ދިފާއުކޮށް ވާހަކަ ދެއްކުން ނުރައްކަލަަކަށް ވަނީ ކިހިނެއް ހެއްޔެވެ؟

އެވާހަކަތައް އެ ބުނި ބަޔަކު ބުނީ، ބުނާނެ އެއްޗެއް އޮވެގެން، އެކަން ސާފުކޮށް ބުނެދީ ބަޔާން ކުރުމުގެ ގޮތުން ހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް، ވަކި ސިޔާސަތަކަށް ތަބާވާން އެމީހުންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އެމީހުންނަށް މަޖުބޫރުކުރުވާތީ، ކަމުގެ ދެކޮޅު ބެލުމެއް ނެތި، ކަނު ސިފައެއްގައި އެ ސިޔާސަތަށް ތާއީދުކޮށް، އެއްޗެއް ބުނެލީއެވެ.

2. ލޯތްބަކީ ނުރައްކާތެރި ނަފްސާނީ ބައްޔެކެވެ.

އާދެ، މީގެ މާނައަކީ ކޮބައިބާވައޭ ހިތަށް އަރާފާނެއެވެ! ލޯބި ބައްޔަކަށް ވަނީ ކިހިނެއްބާވައޭ ބުނެ، މީހަކު ސުއާލުކޮށްލަފާނެއެވެ؟ އެ ސުއާލުގެ ޖަވާބުގައި ބުނަން ޖެހެނީ، ލޯބީގައި ޖެހުމުން، ބައެއް ފަހަރު، ހަމަ ބުއްދި ފިލާ ގޮތް ވާތީއެވެ. ތިމާ ލޯބިވާ މީހާގެ ބާރުގެ ދަށަށް ތިމާގެ ނަފްސު ދީލާލެވޭތީއެވެ. ތިމާގެ ލޯބިވެރިޔާ އަބަދުމެ އަބަދު ހަނދާނުގައި ހަރުލާފައި ހުންނާތީއެވެ. އަދި، އަބަދުމެ އަބަދު އޭނާ ދެކެން ބޭނުންވާތީއެވެ. އޭނާ ނުފެންނަ ނަމަ، އޭނާ ފެނޭތޯ އޭނާ ހިނގާހާ މަގުމަގުން ހިނގައި އޭނާ ހޯދަން އުޅެވޭތީއެވެ. ލައިލާގެ ލޯބިވެރިޔާ، ގައިސްއަށް، މިހެންވެ، އޭނާއަށް 'މަޖުނޫނު’އޭ (މޮޔަވެފައިވާ މީހާއޭ) ކިޔުނު މަތިން ހަނދާން ކޮށްލާށެވެ. ރޯމިޔޯއާ ޖޫލިއެޓް، އެކަކު އަނެކަކު ދެކެ ލޯބިވެ، އެކަކު އަނެކަކަށްޓަކައި ފިދާވެ، ދެމީހުން ވެސް މަރުވެ ދިޔަ ގޮތް ހަނދާން ކޮށްލާށެވެ! އޭރުން އަފްލާތޫން އެ ބުނާ ބަހުގެ މުރާދު ވިސްނޭނެއެވެ. ލޯތްބަކީ ނަފްސާނީ ބައްޔަކަށް ވެދާނެކަން ގަބޫލުކުރެވޭނެއެވެ.

3. ފިރިހެނުން ކުރާ މަސައްކަތް އަންހެނުންގެ ކިބައިން ވެސް އެދެވޭ ނަމަ، އެކަނބަލުންނަށް ވެސް ފިރިހެނުންނަށް އުނގަންނައިދޭ އެއްޗެއް އުނގަންނައިދޭން ޖެހޭނެއެވެ.

4. ކޮންމެ ހިތެއް ވެސް ކިޔާ، ނަމަވެސް ފުރިހަމަ ނުވެ އޮންނަ، ލަވައެއް، ޅެމެއް، އޮވެއެވެ. އެލަވަ، އެ ޅެން، ފުރިހަމަ ވަނީ، އޭނާގެ ކަންފަތް ބުޑުގައި، މަޑުމަޑުން، އެހެން ހިތެއް އެލަވަ، އެޅެން، ކިޔައިދިނުމުންނެވެ. ލަވަ، ޅެން، ކިޔަން ބޭނުން ކޮންމެ މީހަކަށް ވެސް ކިޔާނޭ ލަވައެއް، ޅެމެއް، ލިބެން އޮންނާނެއެވެ. ލޯބީގައި ޖެހުމުން، ކޮންމެ މީހަކަ ވެސް ޝާއިރަކަށް، ޅެންވެރިޔަކަށް، ވެދެއެވެ!

5. އަނދިރި ދެކެ ބިރުގަންނަ ކުޑަ ކުއްޖަކަށް، އެކަމަށްޓަކައި، ދާދި ފަސޭހައިން މާފުދެވިދާނެއެވެ. ނަމަވެސް ހަޔާތުން ފެންނަ ބޮޑުވެގެންވާ ހިތާމައަކީ އަލި ދެކެ ބިރުގަންނަ ބޮޑެތި މީހުންނާ ދިމާވާތީއެވެ.

މިވާހަކަކޮޅު ކިޔާލުމުން ހަނދާނަށް އަންނަނީ، ދީނާ ބެހޭ ގޮތުން ދެ އިލްމުވެރިޔަކު ބުނެފައި އޮންނަ ވާހަކައެކެވެ. އެއް އިލުމުވެރިޔަކީ ލާއިލާހިއްޔަތުގެ އަގީދާގެ ސްޓެފަން ހޯކިންއެވެ. އޭނާ ދެކޭ ގޮތުގައި ދީނަކީ އަނދިރި ދެކެ ބިރުގަންނަ މީހުންނަށް އޮންނަ ޚުރާފީ ވާހަކައެކެވެ. މިއަށް ރައްދު ދެމުން، އިލާހިއްޔަތުގެ (ކަލަކު ވޮޑިގެންވާ ކަމުގެ) އަގީދާގެ ޖޯން ލެނޮކްސް ބުނަނީ ލާއިލާހިއްޔަތުގެ (އެތީޒަމް، ކަލަކު ވޮޑިގެން ނުވާކަމުގެ) އަގީދާއަކީ އަލި ދެކެ ބިރުގަންނަ މީހުންގެ ޚުރާފީ ވާހަކައެއް ކަމުގައެވެ.

6. ހަނގުރާމައިގެ ނިމުން ހަމައެކަނި ފެންނަނީ ހަނގުރާމައިގައި މަރުވެދާ މީހުންނަށެވެ!

އާދެ، ތަޅާފޮޅުމާއި ހަނގުރާމައިގެ ހިތި ނަތީޖާ އެނގެން ބޭނުން ނަމަ، އެކަމުގެ ޝިކާރައަށްވެ މަރުވެދާ މީހުންނަށް ބަލާށެވެ. އަދި، އެކަން މެދުވެރި ކުރުވާ ބޮޑެތި ގެއްލުންތައް ދެކޭށެވެ. ރަށްތައް ފުނޑުފުނޑު ވުމެވެ. މަގުތަކާއި، ރޭލު ދަނގަނުތަކާއި ކަރަންޓު ނަރުތަކާއި ގޭސް ހޮޅިތައް ފަދަ ރަށްތަކުގެ ތަހުތާނީ ބިނާ (އިންފްރާސްޓްރަކްޗާ) ހަލާކުވެދެއެވެ. ނަމަވެސް، ހިތާމައަކީ މިތަންތަން ދިރިތިބީންނަށް ނުފެންނަ ކަމެވެ. އެކަމުން އިބުރަތް ލިބިގަނެ، ސުލްހަވެރިކަން މަތީ ދިރިއުޅެން މަސައްކަތް ނުކުރާކަމެވެ. އަބަދުހެން މީސްތަކުން އުޅޭތަން ފެންނަނީ، ހަނގުރާމަތަކަށް ހުއްޓުމެއް ނުގެނެސް، ތަޅާފޮޅުމާއި ހަނގުރާމަކުރުމަށް ފައިވިއްދާފައި ތިބޭތީއެވެ.

7. ހެޔޮ ލަފާ ސޯލިހު މީހުން، ޖަމާއަތުގެ މައްސަލަތަކާ މެދު އަޅާނުލައި، އެއްޗެއް ނުބުނެ، ޖަމާއަތުގެ ކަންކަން ހިންގުމުގެ ތެރެއަށް ނުވަދެ ތިބުމުގެ ނަތީޖާއަކީ ނުބައި ނުލަފާ މީހުންނަށް ގައުމު ހިންގުމުގެ ބާރު ލިބުމެވެ.

8. ކިތައްމެ މަޑުން ވިޔަސް، ކުރިއަރަމުންދާ މީހެއްގެ ހިތް މަރުވެދާނޭ ފަދަ އެއްވެސް އެއްޗެއް ނުބުނާށެވެ!

9. އަފުލާތޫން ބުނެފައި އޮވެއެވެ. "އަހަންނަކީ ދުނިޔޭގައި ހުރި އެންމެ ބުއްދިވެރި މީހާއެވެ. އެހެނީ އަހަންނަށް އެނގޭ އެއްކަމެއް އޮވެއެވެ. އެއީ އަހަންނަށް އެކައްޗެއް ވެސް ނޭނގޭ ކަމެވެ.

10. ޒިންމާދާރު ސިފައެއްގައި އެމީހުންގެ އަމަލުތައް ބެހެއްޓުމަށްޓަކައި، ރަނގަޅު މީހުންނަށް ގާނޫނުތަކަކަށް ބޭނުމެއް ނުވެއެވެ. މިއާ ޚިލާފަށް، ނުލަފާ މީހުންނަށް، ގާނޫނުތަކުގެ ބިއްދޮށުން ކަންކުރާނޭ ގޮތް އެނގެއެވެ.

ނުބައިި ނުލަފާ މީސްމީހުން އެ މީހުން ކުރާ ނުރަނގަޅު ކަންތައް ކުރާނީ އެމީހުންގެ މައްޗަށް ގާނޫނުގެ ބާރު ނުހިނގާނޭ ގޮތް ބަލައި ހޯދައިގެންނެވެ. އާދެ، ގާނޫނަށް ފިލާ ތިބެގެންނެވެ. އެކަން އެ ގޮތަށް ކޮށްފައި އެފަދަ މީހުން ބުނެ އުޅޭ ވާހަކައަކީ 'ގާނޫނީ ގޮތުން ތިމަންނާ ބެދޭނޭ ގޮތެއް ނޯންނާނޭ ކަމެވެ.' މާނައަކީ ގޯސްކަމެއް ނުކުރާ ވާހަކައެއް ނޫނެވެ. އެކަން ގާނޫނުގެ ލޮލަށް ނުފަންނާނޭ ވާހަކައެވެ.

11. ޖާހިލުކަމަކީ ހުރިހާ ނުބައި ކަމެއްގެ އަސްލެވެ.

މި އިބާރާތުގެ މަތުލަބަކީ އުނގެނުމަށް ބާރު އެޅުމެވެ. ތަންތަން ކުރިއަރައި ދިޔުމުގެ އަސްލަކީ، ފެށުމަކީ އުނގެނުމެވެ. ތައުލީމު ލިބިގަނެ، ކަންކަމާ މެދު، އިލްމީ ސިފައެއްގައި، ވިސްނައި ފިކުރުކުރަން ދަސްކުރުމެވެ. ހަގީގީ ކުރިއެރުމެއް ތަނަކަށް ލިބެނީ އެތަނުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރެވިގެންނެވެ. އެ ނިޒާމުގެ ދަށުން، ލިޔެކިޔުމުގެ ސަގާފަތުގެ މުވާތިނުންތަކެއް ބިނާކުރެވިގެންނެވެ.

ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީނުގައި ކިޔެވުމަށް ވަރަށް ވެސް ގަދައަށް ބާރުއެޅިފައި އޮވެއެވެ. ކީރިތި ގުރުއާނު ބާވާލެއްވެން ފެށުނީ އުނގެނުމަށް ގޮވާލައި އެކަމަށް ބާރުއަޅަމުންނެވެ. އާދެ! اقرأ ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އިލާހީ މި އަމުރުފުޅައިގެން ކީރިތި ރަސޫލާއާ މުޚާތަބުކުރެވިގެންނެވެ. މި އަމުރުފުޅަށް، އެންމެ އިހުގެ މުސްލިމުން އިޖާބަދިނުމުގެ ނަތީޖާއަކީ، އެ އަމުރުފުޅު އައިތާ ގަރުނެއް ދެގަރުނެއްގެ ތެރޭގައި، އިލްމީ ހުރިހާ މައިދާނެއްގައި އެންމެ ކުރީގައި މުސްލިމު އިލްމުވެރިން ތިބުމެވެ. އަދި އިސްލާމީ ހަޟާރަތުގެ ބިންގާކަމުގައި އިލްމުވެރިކަން ވެގެންދިޔުމެވެ.

ހުޅަނގުގެ ތާރީޚަށް ބަލާލާއިރު، އެމީހުންގެ ކުރިއެރުން ވެސް ބިނާވެފައި އޮތީ މީލާދީ ގޮތުން، ބާރަ ތޭރަ ވަނަ ގަރުނުއް ސުރެން ފެށިގެން، އެމީހުންގެ ތައުލީމީ ނިޒާމަށް ގެނެވެމުން އައި ބަދަލެއްގެ ސަބަބުންނެވެ. އާދެ، ރިފޯމޭޝަންގެ، ދީނީ އިސްލާހުގެ، ނަމުން ނަންދެވުނު ހަރަކާތާ ވިދިގެންނެވެ. މިއިސްލާހު މެދުވެރިވާން ދިމާވި މައިގަނޑު އެއް ސަބަބަކީ އިސްލާމީ ޚަޟާރަތެވެ. މުސްލިމުންގެ އުނގެނުމާއި އުނގަންނައި ދިނުން، ހުޅަނގަށް ގެންދެވިގެންނެވެ. ހުޅަނގުގެ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލު، އާދިރުމަކާއި (ރިނައިސޯންސް) އަދި ތަންވީރީ ފިކުރުގެ ވިސްނުން (އެންލައިޓުންމެންޓް) އުފަންކުރުވައި، ހުރިހާ މައިދާނެއްގައި އިލްމީ ގޮތުން ކުރިއެރުން މެދުވެރިކުރުވިއެވެ.

ފަހުގެ ތާރީޚުން ވެސް، މިކަމުގެ ތެދުކަން، އާދެ، ތަނެއްގެ ކުރިއެރުން ބިނާވަނީ އުނގެނުމާއި އުނގަންނައި ދިނުމުގެ މައްޗަށްކަން، ކުރިއެރުމުގެ މައދާނުގައި ފައި ހިއްޕާލެވުނު ބައެއް އެހެން ގައުމުތަކުން ވެސް ފެނެއެވެ. ސިންގަޕޫރާއި ރުވަންޑާ އަދި މޮރީޝަސް ފަދަ ގައުމުތަކުންނެވެ.

12. އިންސާނީ ސުލޫކު، އަމަލުތައް، ފެށިގެން އަންނަނީ ތިން އަސްލަކުންނެވެ. އަމިއްލަ އެދުމާއި ޖަޒުބާތުތަކާއި އަދި އިލްމުވެރިކަން، މިތިން އަސްލުންނެވެ.

އަޅުގަނޑުމެންގެ ސުލޫކު ފެށިގެން އަންނަން ޖެހެނީ އިލްމުވެރިކަމުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ ވާހަކަތަކާއި އަމަލުތައް ބިނާވާން ޖެހޭނީ އިލްމީ އަސާސެއްގެ މައްޗަށެވެ. އަމިއްލަ އެދުމާއި ޖަޒުބާތުތަކާ ގުޅިފައި އޮންނަ ތޯތޯ ވާހަކަތަކެއްގެ މައްޗަކަށް ނޫނެވެ.

މިކަން އިތުރަށް ސާފުކޮށްލަ ދިނުމުގެ ގޮތުން ދާދި ފަހުން ނޫސްތަކުން ފެނުނު ވާހަކައެއް ލިޔެލާނަމެވެ. އިސްލާމް ފޮތްތަކުގައި އެ ކިޔަވާ ކުދިންނަށް ވިސްނައިގަންނަން އުނދަގޫ، އެހެންވެ، އެކުދިންނަށް ނޭނގޭނޭ، ބަސްބަސް ބޭނުން ކޮށްފަ ހުރި ވާހަކައެވެ. މީގެ މިސާލެއްގެ ގޮތުން 'އިސްތިންބާތު' ([މާނަ] ނެރުން) ލިޔެފައި އޮއްވައި، ބައެއް ޚަބަރުތަކުން ފެނުނެވެ.

މިހެން ބުނި މީހަކު، މިހެން ބުނުމުގެ ކުރިން މައްސަލަ ރަނގަޅަށް ސާފުކޮށްލައި، އޭނާގެ ވާހަކަ އިލްމީ އަސާސެއްގެ މައްޗަށް ބިނާކުރި ނަމަ، އެކަން މާ ބޮޑު ކަމަކަށް ނުވީހެވެ. އޭރުން، މި ލަފްޒަކީ ދިވެހި ފޮތް ފޮތުގައި، މަދުވެގެން، މީގެ ފަސްދޮޅަސް އަހަރު ކުރިއްސުރެން ފެށިގެން ލިޔެ ބޭނުންކޮށް އުޅޭ ލަފްޒެއްކަން އެނގުނީހެވެ. ޚާއްސަ ގޮތެއްގައި ދީނީ ލިޔުންތަކުގައި ބޭނުންކޮށް އުޅޭ ލަފްޒެއް ކަމެވެ. މިސާލަކަށް ގިޔާސް ބޭނުންކޮށްގެން ދީނީ ހުކުމްތައް އިސްތިންބާތުކުރާ ވާހަކައެވެ. އާދެ، ހުކުމްތައް ނެރޭ ވާހަކައެވެ. ،މިވާހަކައަކީ އުސްތާޒުލްޖީލް، މަރުހޫމު ޖަމީލް ދީދީގެ ތައުލީމުއް ދިޔާނާއާއި، އަދި ފަހުން، ދީނިއްޔާތު، މި ފޮތްބައިތަކުން އިސްކޫލުގެ ދަށު ގުރޭޑުތަކަށް ކިޔަވައި ދިންއިރު، މި ފޮތްބައިތަކުން ވެސް ފެންނަން އޮތް ލަފްޒެއް ކަން އެނގޭނެއެވެ. މި ލަފޒު އޮވެގެން، އޭރުގެ ކުޑަކުދިންނަށް މި ފޮތް ބައިގައި ހުރި ވާހަކަތައް ވިސްނައި ފަހުމުކުރާކަށް މައްސަލައަކަށް ނުވެ އޮތްކަން ވެސް އެވާހަކަ ބުނި މީހަކަށް، އޭރުން، ސާފުވީހެވެ.

މީގެ އިތުރުން، ތައުލީމު ދިނުމުގައި ބޭނުން ކުރާ ފޮތްފޮތުގައި ލިޔެފައި ހުންނަ ހުރިހާ ލަފްޒުތަކަކީ ކިޔަވާ ކުދިންނަށް އޭގެ މާނަ އެނގޭ ލަފްޒު ލަފްޒު ހެއްޔެވެ؟ ދަށު ކިލާސްތަކާއި މަތީ ކިލާސްތަކަށް ބަލައިލި ކަމުގައި ވިޔަސް، ކަން އޮންނަނީ މިހެން ހެއްޔެވެ؟ މިސާލަކަށް އިނގިރޭސި ބަސް ކިޔަވައިދޭން ބޭނުންކުރާ ފޮތްތަކާއި ތާރީޚު ކިޔަވައިދޭ ބޭުނުންކުރާ ފޮތްތަކާއި ސައިންސުގެ ބައިތައް ކިޔަވައިދޭން ބޭނުން ކުރާ ފޮތްތަކެވެ. މި ފޮތްތަކުގައި ލިޔެވިފައި ހުންނަ ހުރިހާ ބަސް ބަހަކީ ވެސް ހުރިހާ ކުދިންނަށް ވެސް ހަމަ އެނގޭ ބަސް ބަސް ހެއްޔެވެ؟ މި ސުއާލުގެ ޖަވާބަކީ ނޫން ކަމުގައިވާ ނަމަ، ހަމައެކަނި ދީނީ ފޮތްތަކުގެ ވާހަކަ ދައްކަންވީ ކީއްވެބާވައޭ ހިތަށް އަރައެވެ!

ކިޔަވައިދޭން ބޭނުންކުރާ ފޮތް ފޮތުގައި ކުދިންނަށް ނޭނގޭ ބަސްތަކާއި މަފްހޫމުތައް ހުރުމަކީ މައްސަލައެއް ނޫނެވެ. ކުދިން އިސްކޫލަށް ދަނީ ނޭނގޭ އެފަދަ ލަފްޒުތަކާއި މަފްހޫމުތައް ދަސްކުރުމަށްޓަކައެވެ. އިސްކޫލުތަކުގައި މުދައްރިސުން ތިއްބަވަނީ ކުދިންނަށް އެފަދަ ލަފްޒުތަކާއި މަފްހޫމުތައް އޮޅުން ފިލުވައިދެއްވުމަށެވެ.

ފަހަރެއްގައި ވެސް 'އިސްތިންބާތު’، މިލަފްޒަކީ ފަލްސަފީ މަސްހުނިކަން ބޮޑު، އޭގައި ގޮށްތައް ޖެހިފައިވާ މަފްހޫމަކަށްވެ، ކިޔަވާ ކުދިންގެ ސިކުނޑި ބޭނުންކޮށްގެން ވިސްނައިގަތުމަށް ދަތި އުނދަގޫ ލަފްޒެއް ނޫނެވެ. މިއާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ވާހަކަ ދެއްކުމުގެ ކުރިން މިކަންކަން އޮޅުން ފިލުވައިލި ނަމަ، އޭނާގެ ވާހަކަ ބިނާވެފައި އޮންނާނީ އެނގުމުގެ މައްޗަށެވެ. އޭރުން، އަމިއްލަ އެދުމާއި ޖަޒުބާތުގައި ޖެހިގެން، ވަކި ފޮތެއް ގޯސް ކުރަން އުޅޭ ކަމުގެ ތުހުމަތު، އޭނާގެ މައްޗަށް ކުރުމުގެ މަގުފަހިވެގެން ނުދިޔައީހެވެ.

13. ތައުލީމު ދިނުމަކީ ހެޔޮ އެއްޗިއްސަށް އެދޭނޭ އެދުން އަހަރުމެންގެ ކުދިންނަށް ދަސްކޮށް ދިނުމެވެ.

އާދެ، ތައުލީމެއް ދިނުމާއި، ހޯދުމުގެ ބޭނުމަކީ ހަމައެކަނި އިލްމާއި މައުލޫމާތު ލިބިގަތުމެއް ނޫނެވެ. އޭގެ އިތުރުން، އިލްމު އުފައްދަނީ ކިހިނެއްކަން ދަސްކުރުމާއި އަޚުލާގީ އަގުތަކެއް ވެސް، ތައުލީމީ ނިޒާމުގެ ތެރެއިން ލިބިގަންނަން ޖެހެއެވެ. ތައުލީމީ ނިޒާމު ބިނާވެފައި އޮންނަން ޖެހޭނީ މިކަންކަން ހާސިލުކުރުމުގެ މައްޗަށެވެ. ތައުލީމީ ނިޒާމުގެ އަމާޒުފަތްގަނޑަކަށް ވާންޖެހެނީ މިކަންކަމާ ހަމައަށް ދަރިވަރުން ގެންދިޔުމެވެ. މި ގޮތަށް ކަންތައް ކުރެވިއްޖެ ނަމަ، ތައުލީމީ ނިޒާމުގެ ތެރެއިން ދަސްވެނިވެގެން ނިކުންނަ ކުދިންނަށް 'ހެޔޮ އެއްޗިއްސައް އެދުން’، ބިނާކުރުވަނިވި ކަންކަން ކުރުން، ދަސްވެފައި އޮންނާނެއެވެ.

14. ކަލެއާ މެދު، ނުބައި ވާހަކަތައް މީހަކު ދައްކާ ނަމަ، މީސްތަކުން، އެކަން ގަބޫލު ނުކުރާނޭ ފަދަ ގޮތަކަށް، ކަލޭގެ އަމަލުތައް ބަހައްޓާށެވެ.

އާދެ، ކަލޭގެ އަމަލުތަކުން އެއީ ބުހުތާނު ދޮގުކަން ސާބިތުކޮށްދޭށެވެ!

15. ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ މީހުންނާ މެދު އަހަރުމެން ދެކެނީ ވާހަކަ ދައްކައި، [ނުވަތަ ފައިސާ ދީގެން ވޯޓު ގަންނަ] މީހުންނަށް ތަނެއް ހިންގުމުގެ ކުޅަދާނަކަން ލިބިގެންވާނޭ ކަމެވެ. އަހަރުމެން ބަލިވުމުން، އަހަރުމެން ހޯދަނީ އެންމެ ރީތި އެންމެ ނަލަކޮށް ހެދުން އަޅައިފައި ހުންނަ ބޭސްވެރިޔާ ހެއްޔެވެ؟ ނޫނީ އެންމެ ބަލާޣާތްތެރި، މޮޅަށް ވާހަކަދައްކާ މީހާ ހެއްޔެވެ؟

އާދެ، އެފަދަ ގޮތަކަށް އަހަރުމެން ކަންތަކެއް ނުކުރަމުއެވެ. ބަލިވުމުން އަހަރުމެން ހޯދަނީ އެންމެ ރަނގަޅު، އެންމެ ކުޅަދާނަ ޑަކުޓަރެވެ. ހަމަ އެފަދައިން، ސިޔާސީ މަގާމުތަކަށް ވޯޓު ދިނުމުގައި، މުޅި އުމުރު ބޯޅަކުޅެ ނޫނީ މަސްތުވާ ތަކެތީގެ އަވައިގައި، ނޫނީ ފިލްމުކުޅެން އުޅޭ، އެމީހުންގެ ކިބައިގައި ކަމުގެ ގާބިލުކަން ނެތް މީހުން ހޮވަން ހެޔޮ ނުވާނެއެވެ. މިކަމުގެ މަސްއޫލިއްޔަތު ހެޔޮ ގޮތުގައި އަޅުގަނޑުމެން އުފުލަން ޖެހެއެވެ. ސަބަބަކީ މުޅި ޖަމާއަތުގެ ކުރި އެރުން، އެ މަސްއޫލިއްޔަތު ހެޔޮ ގޮތުގައި އުފުލުމާ ގުޅިފައި އޮންނާތީއެވެ.

16. ހައްގާއި ހަގީގަތަށް ކުރާ އިހުތިރާމާއި ގަދަރަށް ވުރެ ބޮޑަށް އެއްވެސް މީހަކަށް އިހުތިރާމާއި ގަދަރު ނުކުރާށެވެ! އާދެ، މުހިއްމުވާން ޖެހޭނީ މީހާއެއް ނޫނެވެ. މީހާ ބުނާ އެއްޗެއްގެ ތެދުތޯއާއި ދޮގުތޯއެވެ.

އާދެ، މުހިއްމީ މީހާ އެއް ނޫނެވެ. މުހިއްމީ މީހާގެ ޚިޔާލާއި ފިކުރެވެ. އޭނާ ދައްކާ ވާހަކައެވެ. އޭނާގެ ފިކުރާއި ޚިޔާލާއި ވާހަކައިގައި އޮއްޓަރެއް ހުރެއްޖެ ނަމަ، ނަޒަރު ހުއްޓެން ޖެހޭނީ އެ ދިމާއަށެވެ. އެކަންކަމުގައި އެއްވެސް އޮއްޓަރެއް ނެތް ނަމަ، މީހާއަށް ބަލައި، ދައްކާ ވާހަކަ މުހިއްމު ވެގެން ނުވާނެއެވެ. ރަނގަޅު ވާހަކަ ވާންޖެހޭނީ ރަނގަޅު ވާހަކައަށެވެ. އެ ވާހަކަ ނިކުތް ދުލެއްގެ މައްޗަށް ނުބަލައެވެ. ހަމަ އެހެންމެ، ތާކުން ތާކު ނުޖެހޭ ވާހަކަ ވާނީ ތާކުން ތާކު ނުޖެހޭ ވާހަކައަކަށެވެ. އެނިކުތް ދުލަކަށް ނުބަލައެވެ. މިވާހަކަ އަޅުގަނޑުމެންގެ ޅެންވެރިޔަކު ކަމުގައިވާ ގުލަދަމްގޭ މަރުހޫމު އަބްދުއް ރަޝީދު ނިޒާރު ވިދާޅުވެފައި އޮވެއެވެ.

މީނުބައި ރޯގާއެކޭ މުޅި ދީބުގައި އޮތް ފެތުރިފައި
ހީނުވާ ފަދަ ޒަޚަމްތައް އޭގެ ސަބަބުން އުފެދިފައި

ފެތުރެމުން ވާރުތަވަމުންދާ އެހެނި ހެން ބަލިތައް ފަދައިން
މެތުރުމުން ވެސް ނެތި ލުޔެއް މިވަނީ ދަވާއެއް ނުލިބިފައި

އިހުތިރާމާ ގަދަރު ދެވުމޭ ހަމައެކަނި މޫނަށް ބަލައި
ސިހުނަކަސް ބުނުމުން މިހެން، މީ އޮތް ގޮތޭ ކަންތައް ވެފައި

ރީތި ނަމުގައި ފާޅުވާނީ ހޮވުނު ވަކި ވަކި ނަންތަކޭ
ރީތި އަމަލުން ފުރުނު ނަމަވެސް ދެވަނަ ބައިވީ ފަނޑުވެފައި

ކުރެވިދާ ފަދަ ކަންތައް މޮޅަސް، އޭގެ ފައިދާ މާ ބޮޑަސް
ހުރުމަތެއް ނޯވޭ އެކަމަކަށް ހިތްތަކެއްގައި އުފެދިފައި

ލާބަޔާ މަންފާ ދެނިވި ބަސްތައް އަބަދު އިއްވިޔަސް
ސާބަހެއް ނުލިބޭނެޔޭ އޭނާ ވުމުން އެކަހެރި ވެފައި

މިޅެން ބައިތުން ދޭހަވާ މާނައިގެ ތެދުކަން ފެންނަ ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. މައުޟޫއިން ކުޑަކޮށް ދުރަށް ދެވޭތީ މާފަށް އެދެމުންނެވެ. ރާއްޖޭގައި މިހާ ތަނަށް ލިޔެވުނު، ކީރިތި ގުރުއާނުގެ އެންމެ ތަފްސީލު ތަރުޖަމާއާއި ތަފްސީރަކީ މަރްހޫމު މަލިންގޭ ހުސެންދީދީ ލިޔުއްވި ކީރިތި ގުރުއާނުގެ ތަރުޖަމާ އާއި ތަފްސީރެވެ. އާދައިގެ ފޮތެއްގެ ސައިޒުގެ ސަތާރަ ޖިލްދުގެ މައްޗަށް އެކުލެވޭ ތަރުޖަމާއަކާ ތަފްސީރެކެވެ. މި ފޮތް އޭނާ ލިޔުއްވައި ޝާއިއު ކުރެއްވީ 1957ގައެވެ. ނަމަވެސް، މިއީ އޮތް ފޮތެއްކަން ވެސް އެނގި، ދިވެހިންގެ ތެރޭގައި މި ފޮތް އާންމުވީ 2000ގެ އަހަރު ތަކުގެ ތެރޭގައި މި ފޮތް ނޮވެލްޓީއިން ޗާޕުކޮށްގެން ނެރުމުންނެވެ. އާދެ، ޅެން ބައިތުގައި ބުނެފައި އޮތް ފަދައިން 'އިހުތިރާމާއި ގަދަރު މޫނަށް ބަލައި' ދެވުމުގެ ނަތީޖާއެކެވެ. 'ލާބަޔާ މަންފާކުރުވަނިވި ބަސްތައް އަބަދު އިއްވިޔަސް، މީހާއަކި އެކަހެރިކޮށްލެވި، އާދައިގެ މީހަކަށް ހަދާލެވިފައި ވުމުން، އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް އޭނާއަށް ކުޑަ ޝުކުރެއް ވެސް އަދާކުރާނޭ މީހަކު ނެތީއެވެ! އެހެންވެ، މަލިންގޭ މަރުހޫމު ހުސެންދީދީގެ ތަރުޖަމާއާއި ތަފްސީރުގެ މަސައްކަތަކީ ކިތަންމެ އަގުހުރި މަސައްކަތަކަށްވި ކަމުގައި ވިޔަސް، އަދި އެބާވަތުގެ އެންމެ ފުރަތަމަ މަސައްކަތް ކަމުގައި ވިޔަސް، ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެކަން ފާހަގަކޮށް، އަޅުގަނޑުގެ ނަޒަރުގައި އޭނާއަށް ހައްގު، އެއްވެސް ގައުމީ އިނާމެއް ނުދެވެއެވެ. މާތްﷲ މަލިން ހުސެންދީދީގެ ފާފަފުއްސަވައި، އޭނާގެ މި ހެޔޮ އަމަލަށް، އެންމެ ފުރިހަމަ ގޮތުގައި، ހެޔޮ ޖަޒާދެއްވައި އޭނާގެ އާޚިރަތް ބާއްޖަވެރިކުރައްވާށިއެވެ! ތިޔަ އެންމެ ބޭފުޅުން ވެސް އޭނާއަށް ހެޔޮ ދުއާކުރުމަށް އެދެމެވެ.

17. މަސައްކަތެއްގެ އެންމެ މުހިއްމު ބަޔަކީ ފެށުމެވެ.

މަސައްކަތެއް ކުރިއަށް ދާނީ ފެށުނީމާ ނޫން ހެއްޔެވެ؟ އާދެ، ވަރަށް ވެސް އިބުރަތްތެރި ވާހަކަ ކޮޅެކެވެ. މި ވާހަކައިގެ މުރާދަކީ، ގަސްދަކީ، ކޮބައި ހެއްޔެވެ؟ މިސާލެއް ލިޔެލާނަމެވެ. ދޭތެރޭ ދޭތެރެއިން، މިހާރު އިވޭ އަޑެކެވެ. މަސްއޫލު ވެރިންގެ ފަރާތުންނެވެ. 'މިވެނި ކަމެއް، އެވެނި ކަމެއް، ކުރަން ޖެހޭ ކަމެވެ! މިވެނި ކަހަލަ ސިފަތަކެއް ތިބި ކުދި ބަޔަކު އުފައްދަން ޖެހޭކަމެވެ!' އިސް މަގާމުތަކުގައި، ކަންކަން ކުރުމުގެ ޒިންމާ އެމީހުންގެ ކޮނޑުގައި އަޅައިގެން ތިބޭ މަސްއޫލުވެރިން މިފަދައިން ބުނެ ނިންމާލައިގެން ފަރަކު ނުޖެއްސޭނެއެވެ. ސަބަބަކީ، އެމީހުންގެ މަސްއޫލިއްޔަތަކީ އުނިކަންކަން ހަމައެކަނި ފާހަގަކޮށްދިނުމެއް ނޫނެވެ! ކަންކަމުގެ ހުންނަ އުނިކަން ކޮންމެ މީހަކަށް ވެސް ފާހަގަކޮށްދެވިދާނެއެވެ. އެފަދަ މަސްއޫލުވެރިން އެތިބީ އުނިކަންކަން ފާހަގަކުރުމުގެ އިތުރުން ކަންކަމުގެ އުނިކަން ފޫބައްދައި އެކަންކަމަށް ހައްލު ހޯދައިދޭން ޖެހޭކަމުގެ ޒިންމާ ނަގައިންގެ ތިބޭ މަގާމެއްގައެވެ. އެފަދަ ވެރިންގެ މަސްއޫލިއްޔަތު އަދާކުރެވުނު ކަމަށްވާނީ ކަންކަމުގެ ހައްލު ހޯދައި ދެވިގެންނެވެ. މިކަން ކުރެވޭނީ، މަތީގައިވާ އިބާރާތުގައި ބުނެފައި އޮތް ފަދައިން، އެކަމުގެ އަމަލީ މަސައްކަތް ފެށިގެންނެވެ.

18. ކަމަކަށް ބޭނުން ޖެހުމަކީ އެކަމެއް އުފަންކުރުވާ އެކަމުގެ މަންމައެވެ.

މިކަމުން، އަބަދުވެސް، އަޅުގަނޑުމެން އިބުރަތް ލިބިގަންނަން ޖެހެއެވެ. އަބަދުހެން، އިހާރާއި އަދި މިހާރު ވެސް، އިވޭ ވާހަކައެއް އޮވެއެވެ. މިވެނި ކަމެއް ކުރާނޭ އަހުލުވެރި، ހުނަރުވެރި، ބަޔަކު ނެތް ވާހަކައެވެ. މިސާލަކަށް، ކިޔަވައި ދޭނޭ މީހުން ނެތް ވާހަކައެވެ. އިސްކޫލުތަކުގެ ނާޒިރުކަން ކުރާނޭ މީހުން ނުލިބޭ ވާހަކައެވެ. މިއީ، ޝައްކެއް ނެތް ގޮތުގައި، ހަގީގަތެކެވެ. އިސްކޫލުތަކަށް ބަލާލުމުން، އުޑު މަތި ސާފު ދުވަހެއްގެ މެންދުރުގެ އިރު ފަދައިން، މިކަން ފެންނަން އޮވެއެވެ. ނަމަވެސް، މިހެން ބުނެ، މިކަން ފާހަގަ ކުރަމަކުން، މި މައްސަލައަށް ހައްލެއް ނުލިބެއެވެ.މިކަން ފާހަގަކުރުމުން އެނގެނީ ބޭނުމެއް ޖެހިފައި އޮތް ކަމެވެ. އެބޭނުން ފުއްދާނޭ 'ދަރިއަކު' އުފަންކުރަން ޖެހޭ ވަގުތު ކުރިމަތިވެފައި ކަމެވެ. ދެން، ދުރަށް ވިސްނައިގެން، މުދައްރިސުންނާއި ނާޒިރުން ތަމްރީނުކޮށް، އެމީހުން މަސައްކަތަށް ނެރެވޭނޭ ފަދަ މާހައުލެއް އުފައްދަން ޖެހެއެވެ. އަމީން ދީދީގެ މައްސަލަ ފަދަ މުވާލާތް ކެނޑިފައި އޮތް ތާރީޚީ މައްސަލަތައް ތަހުގީގު ކުރުމުގައި މީހުންގެ ހަކަތައާއި ފައިސާއީ ވަގުތު ބޭކާރު ނުކޮށް، މި ނަންގަތް ފަދަ ކަންކަމަށް، އެ ވަގުތާއި ފައިސާއި އަދި ހަކަތަ ހޭދަންކުރަން ޖެހެއެވެ. މަރުހޫމު އަމީން ދީދީގެ މައްސަލަތައް ފަދަ ކަންކަން މިހާރު ތަހުގީގު ކުރާނީ މަރު ކޮމިޝަން ފަދަ ކޮމިޝަންތައް ހަދައިގެންނެއް ނޫނެވެ. އެކަމުގެ މުވާލާތް ކެނޑިފައި އޮތީމައެވެ. އެކަމާ ގުޅޭ މީހުން ދުނިޔޭގައި ނެތީމައެވެ. އެކަން ތަހުގީގު ކުރަންޏާ، އަމީން ދީދީ މަސްއޫލުވާން ޖެހޭ، އެހެން ކަމެއް ވެސް ތަހުގީގު ކުރަން މަޖުބޫރެވެ. ސީދާ އޭނާ ގެންގުޅު ސިޔާސަތުގެ ސަބަބުން، ރާއްޖޭގެ އެތައް ބަޔެއް މަރުވެ ދިޔަ މައްސަލައެވެ. އެކަން ވެސް ތަހުގީގުކޮށް، އެކަމާ މަސްއޫލުވާން ޖެހޭ މީހުން، މަސްއޫލުކުރުވާނީ މިއަދު ކިހިނެއް ހެއްޔެވެ؟ އެކަމާ ބެހޭ ގޮތުން މަސްއޫލުކުރުވަން ޖެހޭ އެކަކު ވެސް ދުނިޔޭގައި މިއަދު ނެތީމައެވެ. އެހެންވީމާ، ކޮމިޝަން ހަދައިގެން، މިފަދަ ތަހުގީގުތައް ކުރުމަކީ ބޭކާރު ގޮތުގައި ފައިސާއާއި ވަގުތާއި މީހުންގެ ހަކަތަ ހޭދަވާނޭ ކަމަކެވެ. މިފަދަ ކަންކަން މިހާރު ކުރަން ޖެހޭނީ ތާރީޚު ދިރާސާކުރާ މުއައްރިޚުންނެވެ. މިކަން، ބައެއް ލިޔުންތަކުން، ކޮންމެ ވެސް ވަރަކަށް ތަހުގީގުކުރެވިފައިވާ ތަން ފެނެއެވެ. ޝައްކެއް ނެތް ގޮތުގައި މިއީ އިތުރަށް ދިރާސާ ކުރަން ޖެހޭ މައްސަލައެކެވެ. އެފަދަ ހާދިސާތަކުން އިބުރަތް ލިބިގަނެ އެ ފަދަ ކަންކަން ތަކުރާރުވެ ނުދިޔުމަށްޓަކައެވެ.

19. އެންމެ ބޮޑު މުއްސަނދިކަމަކީ މަދު އެތިކޮޅަކުން ފުއްދާލައިގެން އުޅެން ދަސްކުރުމެވެ.

މީގެ މާނައަކީ ފަހަރެއްގައި ވެސް، ތިމާގެ ދިރިއުޅުމުގެ ކަންކަން އިސްލާހުކޮށް ކުރިއަރުވަން މަސައްކަތް ކުރުން ނެތް ވާހަކައެއް ނޫނެވެ. އަދި، ދުނިޔަވީ ލުއި ފަސޭހަތައް ލިބިގަތުމަށް ހެޔޮ ގޮތުގައި މަސައްކަތްކުރުން ނެތް ވާހަކައެއް ވެސްނުމެ ނޫން މެެއެވެ. ނަމަވެސް، މިވާހަކައިގެ މުރާދަކީ، ގަސްދުކުރެވޭ މާނައަކީ، އަބަދުވެސް، ތިމާގެ އަމިއްލަ މަސައްކަތުން ލިބޭ އެއްޗެއްގެ މައްޗަށް ތިމާގެ ދިރިއުޅުން ބިނާކޮށްގެން އުޅުމެވެ. އެ ގޮތަކަށް ކަންތައް ކުރެވިއްޖެ ނަމަ، އަނެކުންގެ އަތުގައި އޮންނަ ފެނި، ބޭނުންވެ، އެއެއްޗަކަށް ހިތެއް ނުކިޔާނެއެވެ. އޭރުން، ތިމާގެ މިނިވަންކަމާއި ނަފްސުގެ އިއްޒަތް އޮންނާނީ ރައްކާކުރެވިފައެވެ.

މި އިބާރާތުގެ މުރާދު ހިކުމަތުގެ ދިވެހި އަދީބުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ދިވެހި ތައުލީމު ފެތުރުމުގެ އެއް ބާނީ މަރްހޫމު ސަލާހުއްދީނު ވަރަށް ވެސް ސާފުކޮށް ހަމަ އެހާމެ ސާދާ ގޮތެއްގައި އިބާރަތްކުރައްވާފައި އޮވެއެވެ.

ލަދެއް ނެތި އަތް ދިމާކުރުމީ، ތިމާގެ އެދުންތަކާ މެދުގައި
ހިނގާ ގޮސް އަނެކަކުގެ ގާތަށް ކަމެއްތޯ ހުތުރު ނުވެދާނޭ

ލިބޭ މިންވަރު ނިކަން ދެނެގެން، ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރު ކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ

20. އެންމެ މަތިވެރިވެގެންވާ ފަތަހައަކީ ތިމާގެ އަމިއްލަ ނަފްސު ފަތަހަކުރުމެވެ.

އާދެ، ތިމާގެ އަމިއްލަ ނަފްސު ތިމާގެ ބާރުގެ ދަށަށް ގެނެސް، ހިފެހެއްޓުމެވެ. މި އިބާރާތުން ދޭހަވާ މާނަ، ނަބަވީ އިރުޝާދެއްގައި، އެހެން ގޮތަކަށް, އިބާރާތް ކުރެވިފައި އޮވެއެވެ. ليس الشديد بالصرعة، إنما الشديد الذي يملك نفسه عند الغضب. ގަދަފަދަ މީހާ ކަނޑައަޅާލެވެނީ، (އޭނާގެ ޚަޞްމާއި ހިފައި، އޭނާގެ ޚަޞްމު ބިންމައްޗަށް) ވައްޓައި އެއްލާލުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، ގަދަފަދަ މީހަކީ، އޭނާ ރުޅި އަންނަ ވަގުތުގައި، އޭނާގެ އަމިއްލަ ނަފްސު ކޮންޓުރޯލުކޮށް، ހިފަހައްޓާ މީހާއެވެ.

މީގެ އިތުރުން، ހަވާ ނަފްސުގެ އަޅަކަށް ވުމުން، މީހާ މިނިވަންކުރުން ވެސް، ނަފްސު ކޮންޓުރޯލުކޮށް ހިފެހެއްޓުމުގެ ތެރޭގައި ހިމެނެއެވެ. ހަވާ ނަފްސުގެ އަޅަކަން ވުން އިޝާރަތްކުރަނީ، ތިމާގެ އެދުންތަކުގެ އަވައިގައި ޖެހި، އަޚުލާގީ އަދި ގާނޫނީ އިމުތަކުގެ ތެރެއިން ބޭރުވެ، ތިމާގެ އެދުންތައް ފުއްދުމަށެވެ.