...

Support Us

ކޮލަމް ކޯދު: ޟަމީރާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެއް

ތިރީގައި މިވަނީ ޟަމީރާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެކެވެ.

1. އިންސާނާ އޭނާގެ އަމިއްލަ ޟަމީރާ ހަނގުރާމަކުރުމަށް ވުރެ މުޅި ދުނިޔެއާ ހަނގުރާމަކުރުން ވެސް އޭނައަށް ފަސޭހައެވެ.

2. ގައުމެއްގެ ސިޔާސީ ވެރިންގެ ޟަމީރު ސަލާމަތުން އޮތް ނަމަ އެ ގައުމުގައި ކެއުން ބުއިމާއި އުނުއަންނައުނާއި ބޯހިޔާވެހިކަން ފަދަ އަސާސީ ޚިދުމަތްތަކުން މަހުރޫމުވެފައިވާ ބަޔަކު އެ ގައުމަކު ނުތިބޭނެއެވެ. އަދި، އާންމު ރައްޔިތުންގެ ޟަމީރެއް އޮތް ނަމަ، މި ފަދަ އަސާސީ ޚިދުމަތްތައް އެންމެނަށް ފޯރުކޮށް ދިނުމުގެ ނިޒާމެއް ރާވާލައި ގާއިމުކުރަން ނޭނގޭ ސިޔާސީ ބަޔަކާ ގައުމުގެ ވެރިކަން ހަވާލެއް ނުކުރާނެއެވެ.

3. ކަލޭގެ ޟަމީރުގެ ކޮށުމުގެ އަޑު އަހާ ނަމަ، ހެޔޮ ލަފާ މީހަކަށް ވުމުގެ މަގު ކަލެއަށް ފަސޭހަވެގެން ދެއެވެ.

4. ކަލޭގެ ޟަމީރު ސަލާމަތުން އޮތް ނަމަ، ދޮގުވެރިންނާއި އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ފަހަތުން ދުވާ މީހުން ދާދި ފަސޭހައިން ފާހަގަވެ، އެ ފަދަ މީހުންނާ ދުރަށް ދާނެއެވެ.

5. ތިމާގެ ޟަމީރަކީ ވަރަށް ވެސް ފަރުވާތެރި ކަމައެކު، ވަރަށް ވެސް ރަނގަޅަށް މައްސަލަތައް ބަލާފައި ގޮތެއް ނިންމައި ހުކުމް ކަނޑައަޅާ ގާޒީއެކެވެ.

6. މީހެއްގެ ޟަމީރު މަރުވުމުން، އެ މީހާގެ ނަޒަރުގައި ތެދާއި ދޮގު، ހަގީގަތާއި ޚިޔާލު، މިކަންކަމީ އެކައްޗަކަށް ވެގެން ދެއެވެ.

7. ސަލާމަތް ޟަމީރަކާ ގެން މައިމަގެއް އެއްފަރާތެއްގައި، މަޑުޖައްސާލައިގެން، މީހުން އުޅޭ ނޫޅޭ ގޮތް ބަލަން އިނދެއްޖެ ނަމަ، ގައުމުގެ ހާލަތުގެ ހަގީގަތް ފެންނާނެއެވެ. މީހުންގެ ހިތްތަކުގައި އަނެކުންގެ މައްޗަށް އޮތް ލޯތްބާއި ގަދަރުކުރުމާއި އެކަކު އަނެކަކަށް އަޅާލާ މިންވަރު ފެނިގެންދާނެއެވެ.

8. ޟަމީރެއް އޮތް މީހަކު ދޮގެއް ނުހަދާނެއެވެ. އެފަދަ މީހުންނަށް އިހުތިރާމުކުރަން ދަސްކުރާށެވެ!

9. އީމާންކަމެއް ނެތް ނަމަ، ޟަމީރެއް ނޯންނާނެއެވެ. ޟަމީރެއް ނެތް ނަމަ ހެވާއި ނުބައެއް، ރަނގަޅު ނުރަނގަޅެއް، ސާބިތު ސިފައެއްގައި، ނޯންނާނެއެވެ. ހެވާއި ނުބައި، ރަނގަޅު ނުރަނގަޅު، މިކަން ސާބިތު ސިފައެއްގައި ނެތް ނަމަ، އިންސާނިއްޔަތު ކަމެއް ވެސް ނޯންނާނެއެވެ.

10. ޟަމީރެއް އޮތް މީހެއްގެ ޖީބު ހުސްވެފައި އޮވެދާނެއެވެ. ނަމަވެސް، އޭނާއަށް ލިބޭ ކޮންމެ ގެއްލުމަކީ ވެސް ހަގީގަތުގައި ކާމިޔާބީއެކެވެ. ސަބަބަކީ އޭނާ ނަސްުރުދެނީ ފައިދާ ލިބޭ ކޮޅަކަށް ނޫނެވެ. އޭނާ ނަސްރުދެނީ ހައްގަށް ކަމަށްވާތީއެވެ. އަދި، އާޚިރުގައި ކާމިޔާބު ލިބެނީ ނަސްރަށް ކަމަށްވާތީއެވެ. وكان حقا علينا نصر المؤمنين މިއާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.