...

Support Us

ކޮލަމް: ކޯދު: އަދީބެއްގެ ހިކުމަތްތެރި ބަސްކޮޅެއް

ތިރީގައި ހުށަހަޅާލެވިފައިވާ ބައެއް ބަސްބަހީ އަޔަލަންޑުގެ އަދީބެއް ކަމުގައިވާ ޖޯޖު ބާނާޑު ޝޯގެ ބަސްބަހެވެ. ބާނާޑު ޝޯ އުފަންވީ 1856ގައެެވެ. ނިޔާވީ 1950ގައެވެ. އޭނާއަކީ އަދަބިއްޔާތުގެ ރޮނގުން 1925ގައި ނޯބެލްގެ އިނާމު ހާސިލުކުރެއްވި އަދީބެކެވެ.

1. ހަޔާތުގެ އަމާޒަކަށް ހަދަންވީ ކަލެއަކީ ކާކުކަން ހޯދުމެއް ނޫނެވެ. ނަމަވެސް، ކަލޭ ބޭނުންވާ ގޮތަށް ކަލޭގެ ނަފްސު ބައްޓަންކޮށް ކަލޭ ބޭނުންވާ މީހާއަށް ކަލޭ ހެދުމެވެ.

2. ކަލޭ ނުކިޔާނޭ ފޮތެއް ކިޔުމަށް އެހެން މީހަކަށް ނުދިނުން އެއީ ކަލޭ ތަބާވާ ގަވާއިދަކަށް ހަދާށެވެ.

3. ހަމަ ބުއްދީގެ ވެރިޔާ ދުނިޔޭގެ އޮއި ހިނގާ ގޮތާ އެއްގޮތަށް ދަތުރުކުރަން ދަސްކުރެއެވެ. ހަމަ ބުއްދީގެ ބޭރުން ވިސްނާ މީހާ، އޭނާ ބޭނުންވާ ގޮތަށް ދުނިޔޭގެ އޮއިވަރު ދެމޭ ގޮތް ބަދަލުކޮށްލައެވެ. އެހެންވީމާ، ދުނިޔޭގެ ކުރިއެރުން ބިނާވެފައި އޮންނަނީ ހަމަ ބުއްދީގެ ބޭރުން ވިސްނާ ފިކުރުކޮށް، ދުނިޔޭގެ އޮއިވަރު ދެމޭ ގޮތް ބަދަލުކުރަން އުޅޭ މީހުންގެ މައްޗަށެވެ.

4. އެމީހުން ވިސްނާ ފިކުރުކުރާ ގޮތް ބަދަލުކުރަން ބޭނުންނުވާ މީހުންނަށް އެއްވެސް ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ.

5. ކަންކަމުގެ މައްޗަށް ނަޒަރު ހިންގައި، ކަންކަމުގައި އޮންނަ ހެޔޮ ގޮތް އަބަދުވެސް ދެކޭ ހެޔޮފާލުގެ ވިސްނުމުގެ މީހުންނާއި ކަންކަމުން ނުބައިގޮތް ނޫން އެހެން އެއްވެސް އެއްޗެއް ނުފެންނަ ނުބައިފާލުގެ ވިސްނުމުގެ މީހުނާ ދެބައި މީހުން ވެސް މުޖުތަމައަށް ފައިދާ ކުރުވަނިވި ކަންކަން ކުރެއެވެ. ހެޔޮފާލުގެ މީހާ މަތިންދާބޯޓު އީޖާދު ކުރާއިރު، ނުބައިފާލުގެ މީހާ ވައިކުޑަ އީޖާދު ކުރެއެވެ.

6. ދޮގު ހަދާ މީހާއަށް ލިބޭ އެންމެ ބޮޑު އަދަބަކީ އޭނާގެ ވާހަކަ އެހެން މީހުން ގަބޫލު ނުކުރުމެއް ނޫނެވެ. އެހެން މީހުންގެ ތެދު ވާހަކަ ވެސް ގަބޫލކުރުމުގެ އެކަށޭނަކަން އޭނާގެ ކިބައިން ފިލައި ނެތި ދިޔުމެވެ.

7. ކާމިޔާބު ބިނާވެފައި އޮންނަނީ ދުވަހެއްގައި ވެސް ކުށެއް ނުކުރެވި ދިޔުމުގެ މައްޗަކަށް ނޫނެވެ. ނަމަވެސް، އެއް ކުށެއް ދެވަނަ ފަހަރު ނުކުރުމުގެ މައްޗަށެވެ.

މީގެ މައްޗަށް ފުންކޮށް ވިސްނާލުން ވަރަށް ވެސް މުހިއްމެވެ. މި ގާއިދާ، މި ހަމަ، ފަރުދީ ހަޔާތާއި އަދި ގައުމީ ހަޔާތުގެ މައްޗަށް ވެސް ހިނގައެވެ. ކަމެއް ހާސިލުކުރަން މީހަކު މަސައްކަތް ކުރާ އިރު، އޭނާއަށް ހެދޭ ގޯސްތަކުން ފިލާވަޅު ލިބިގަނެ، އެކަން ތަކުރާރުނުކޮށް އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔުން މުހިއްމެވެ. ކާމިޔާބުގެ އައްސޭރިއަށް ދާން އެދޭ ނަމައެވެ.

ހަމަ އެހެންމެ، ގައުމެއް ކުރިއަށް ގެންދިޔުމަށްޓަކައި ލީޑަރުން ހޮވުމުގައި ވެސް، މި ގާއިދާއިން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ލީޑަރެއްގެ ގޮތުގައި ނިކުންނަ މީހާއަށް ގައުމާއިގެން ކުރިއަށް ދާން ނޭނގޭކަން އޭނާގެ އަމަލުތަކުން ފާޅުވެ ހާމަވުމުން، ދެވަނަ ފަހަރަށް ގައުމު އޭނައާ ހަވާލު ކުރުން ވާނީ ބޮޑު ގޯހަކަށެވެ. މޮޔަ ކަމަކަށެވެ. ކަމެއް ކުރުމަށް ބޭނުންވާ ހުނަރު، މީހާގެ ކިބައިގައި ނެތް ކަމަށްވާ ނަމަ، ކިތަންމެ ފަހަރަކު އެކަން އޭނައާ ހަވާލު ކުރިޔަސް އޭނާއަކަށް އެކަމެއް ނުކުރެވޭނެއެވެ.

8. ކަލޭ އުފަންވީ ވަކި ރާއްޖެއަކަށް ވުމުން، އެ ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ރާއްޖެކަމުގައި ދެކިގެން ނުވާނެއެވެ. ކަލޭގެ ރާއްޖެއަކީ ދުނިޔޭގެ އެންމެ މޮޅު ރާއްޖެ ކަމުގެ ދައުވާ ކުރަން ބޭނުން ނަމަ، އެންމެ ފުރަތަމަ ކަލެއްއަށް ޖެހޭނީ ކަލޭގެ ގަދަ މަސައްކަތުން ކަލޭގެ ރާއްޖެ ދުނިޔޭގެ އެންމެ މޮޅު ތަނަށް ހެދުމެވެ.

9. އޭނާއަށް އެކައްޗެއް ވެސް ނޭނގެއެވެ. ނަމަވެސް، އޭނާ ދެކޭ ގޮތުގައި އޭނާއަށް ނޭނގޭނޭ އެއްވެސް އެއްޗެއް ނޯންނާނެއެވެ! މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސިޔާސީ ވެރިންގެ އަގީދާއެވެ. އެމީހުން، އެމީހުންގެ އަމިއްލަ ނަފްސާ މެދު ދެކޭ ގޮތެވެ. ގަބޫލުކުރާ ކުރުމެވެ.

އާދެ، ސިޔާސީ ވެރިން، ޚާއްސަ ގޮތެއްގައި އިސްތިބްދާދީ ސިޔާސީ ވެރިން، އެމީހުންގެ ނަޒަރުގައި އެމީހުންނަކީ ހުރިހާ ކަމެއްގެ މާހިރުންނެވެ. ސިއްހީ މާހިރުންނެވެ. އިގުތިސާދީ މާހިރުންނެވެ. ތައުލީމާއި ތަރުބިއްޔަތުގެ މާހިރުންނެވެ. އަސްކަރީ މާހިރުންނެވެ. މިހުރިހާ ކަމެއްގެ މާހިރުންނަށް ހެދިގެން ރައްޔިތުންގެ ކުރިމަތީ އެމީހުން ވާހަކަ ދައްކައެވެ. ތައުލީމީ ހޭލުންތެރިކަން ކުޑަ ގައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކަށް ވެފައި އޮންނަނީ މިފަދަ ރޯނު އެދުރު، ޖާހިލީ– އެއްވެސް އަޚުލާގީ ހަމައެއް ނެތް– ސިޔާސީވެރިންގެ ފަރާތުންނެވެ. ގައުމު ކުރިއެރުވުމަކީ އެމީހުންގެ އަމާޒު ކަމުގައި އެއް އިރެއްގައި ވެސް އެމީހުން ނުހަދައެވެ. އެމީހުން އަޅުކަންކުރަނީ އެމީހުންގެ އަމިއްލަ ނަފްސަށެވެ. ކީރިތި ގުރުއާނުގައި އޮންނަ ފަދައިންނެވެ. أفرأيت من اتخذ إلهه هواه….؟ (އެމީހުންގެ ކަލާނގެ ކަމުގައި އެމީހުންގެ ހަވާފްސު، އެބަހީ، އެމީހުންގެ ހިތް އެދޭ އެދުންތައް ޚިޔާރުކުރި މީހާ އަޅެ ފަހެ ކަލޭގެފާނު ދެކެވަޑައިގަތީމު ހެއްޔެވެ؟[އެފަދަ މީސްމީހުން ކަންކުރާ ގޮތް ދެނެވަޑައިގެން ހުންނެވީމުހެވެ؟]) އާދެ، މިފަދައިން ތިމާގެ އަމިއްލަ ނަފްސުގެ އެދުންތަކުގެ އަޅަކަށްވެ، ގައުމުގެ ކަންކަން އޭނާ ހިތުހުރި ގޮތަކަށް ގެންދެއެވެ. އޭނާގެ ބާރު، އަބަދުގެ އަބަދަށް، ދެމެހެއްޓުމަށްޓަކައެވެ. އެކަން އެ ގޮތަށް ކުރަން ގަވާއިދާ ގާނޫނު ތަންނުދޭ ނަމަ، ގަވާއިދާ ގާނޫނު ބަދަލުކުރަންވީއެވެ! އެފަދައިން ގަވާއިދުތަކާއި ގާނޫނުތައް ބަދަލުކޮށް، އޭނާގެ ހަވާނަފްސުގެ އެދުން ހާސިލުކުރެވޭތޯ ބަލައެވެ. ގައުމު ހަލާކުވެ ފުނޑުފުނޑުވެ ދިޔަސް ވެހެވެ. ފިރުއަނުހެން، ހުރިހާ ކަމެއް މޮޅަށް ދަންނަނީ ތިމަންނާކަން ދައުވާކުރަމުންނެވެ. ފިރުއަނުގެ ما أريكم إلا ما أرى، وما أريكم إلا سبيل الرشاد (އަހަންނަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް އަހަރެން ކަލޭމެންނަށް ބުނެ ދައްކައި ނުހަދަމުއެވެ. ބުއްދިވެރި މޮޅު ނޫން އެހެން ގޮތެއް އަހަރެން ކަލޭމެންނަށް ނުދައްކަމުއެވެ.) މި ބޮޑާ ކިބުރުވެރި އުސޫލުގެ މަތިންނެވެ.

10. ނުބައިފާލުގެ މީހާ،- ހުރިހާ ކަމަކުން ވެސް، އަބަދުވެސް، ހަމައެކަނި، ނުބައި ގޮތް ފެންނަ މީހާ- އޭނާ ހީކުރަނީ އެހެން އެންމެންނަކީ ވެސް އޭނަ ފަދައިން ހިތް ނުބައި މީހުން ކަމުގައެވެ. އަދި، އެ ގޮތަށް ކަންކަމާ ދޭތެރޭ ބެލެވޭތީ އޭނާގެ އަމައްލަ ނަފްސާ މެދު އޭނާ ނަފުރަތު ވެސް ކުރެއެވެ.

11. ދުވަސްވެ، މުސްކުޅިވެއްޖޭ ކިޔާފައި ހުނުން ހުއްޓާލާކަށް ނުޖެއެވެ. ދުވަސްވެ މުސްކުޅިވެއްޖެ ކަމަށް ބެލެވޭނީ ހުނުން ހުއްޓާލީމައެވެ.

12. މިނިވަން ކަމުގެ މާނައަކީ މަސްއޫލިއްޔަތު އުފުލަން ޖެހުމެވެ. ގިނަ މީހުން މިނިވަންކަން ދެކެ ބިރުގަންނަނީ އެހެން ވެގެންނެވެ.

13. ކިޔާ ނުވަތަ އަޑު އަހާ އެއްޗެއް ހެއްވާވެއްޖެ ނަމަ، އެއާމެދު ރަނގަޅަށް ވިސްނައި އޭގެ އެންމެ އަޑިއަށް ގޮސް ހޯދާށެވެ. އޭގައި، ބަލައިގަންނަން ދަތި، ކޮންމެ ވެސް ކަހަލަ ހަގީގަތެއް ފޮރުވިފައި އޮންނާނެއެވެ.

14. ކަލޭގެ އަމިއްލަ ނަފްސު ސާފުތާހިރުކަން މަތީގައްޔާއި އަދި ރޯޝަނީ ކަންމަތީގައި ބެހެއްޓުން މޮޅު އިތުރުވެގެން ވެއެވެ. އެހެނީ، ކަލެއަށް ދުނިޔެ ފެންނާނީ ކަލޭގެ ނަފްސުގެ ތެރެއިންނެވެ. ނަފްސު ތާހިރުވެފައި ރޯޝަނީ ވެއްޖެ ނަމަ، ދުނިޔެ ކަލެއަށް ފެންނާނީ ސާފުތާހިރު އަދި އަލި ތަނެއްގެ ގޮތުގައެވެ. އޭރުން، ކަލޭ ހިނގަން ބޭނުންވާ މަގު އަލިކޮށްދޭނޭ އަލިގަދަ ބައްތިއެއް ކަލޭގެ ހިތުގެ ތެރޭގައި ދިއްލާލެވިފައި އޮންނާނެއެވެ. އަދި، ރިވެތި ގޮތުގައި، ސާފުތާހިރުކަން މަތީ މަސައްކަތްކުރުމުގެ ހިއްވަރާއި ބާރު ލިބޭނެއެވެ. މީގެ އިތުރުން، ނަސްރު ސޫރަތުގައި އިޝާރަތްކުރެވިފައިވާ ފަދައިން، އިލާހީ މަދަދު ވެސް ލިބިލިބި އޮންނާނެއެވެ!

15. ހުރިހާ ވަރުގަދަ ހަގީގަތްތަކެއް ވެސް ފެށެނީ އެކަންކަމަށް އާންމު މީސްތަކުން އިންކާރުކޮށް އެއީ ބޮޑުވެގެންވާ ދޮގެކޭ ކިޔާ ހާލުގައެވެ. މުސްލިމުންނަށް ފެންނަން އޮތް މީގެ އެންމެ ރަނގަޅު މިސާލަކީ ކީރިތި ރަސޫލާގެ ދައުވަތެވެ. އިލާހީ ހެޔޮ މަގަށް، މީސްތަކުންނަށް އެކަލޭގެފާނު ގޮވާލައްވައި ދައުވަތު ދެއްވުމުން، އެކަލޭގެފާނުގެ ބަސްފުޅަކީ ދޮގު ސިހުރުވެރިއެއްގެ ބަސް ކަމުގައި ބުނެ، މައްކާގެ މުޝްރިކުން އެފަދައިން ބަސްފުޅު ސިފަކުރިއެވެ. އެހެންވެ، ހައްގު ބަސް ބުނުމުން، އެއީ ހައްގު ބަސްވީތީވެ، މީސްތަކުން އެކަން ގަބޫލުކޮށްފާނޭ ކަމަށް ދެކިގެން ނުވާނެއެވެ. ހަމަ އެހެންމެ، މީސްތަކުން ހައްގު ބަސް ގަބޫލު ނުކުރުމުން، ހައްގު ބަސް ބުނުން ދޫކޮށްލައިގެން ވެސް ނުވާނެއެވެ. އަދި ކިޔެއް ހެއްޔެވެ؟ ކެރިގެން، ހައްގު ބަސް ބުނުމުގައި ދެމިހުންނަން ވާނެއެވެ. ދޮގު ބުހުތާނު ވާހަކަ ކޮޅަށް ހުރުމުގެ ބާރެއް އެއަށް ލިބިގެން ނުވާ ފަދައިން، ހައްގު ބަސް ތެދުވެ ކޮޅަށް ހުރުމުގެ ބާރު އޭގެ ޒާތަށް ލިބިގެން ވެއެވެ.

16. މަސްތުވާ އެއްޗިއްސަކީ ހަޔާތުގެ ހަނގުރާމައާ ކުރިމަތިލާން ނުކުރޭ ފިނޑިންގެ ނިދާ ބޭހެވެ. އެ ބޭސް ބުއިމުން، ދިރިހުރެ، ހަގީގީ ދުނިޔެ ދޫކޮށް އެމީހުން ބޭނުންވާ ޚިޔާލީ ދުނިޔެއަކަށް ދެވެއެވެ. އަދި، ކެރިގެން މަސައްކަތްކޮށް ތިމާގެ ޚިޔާލު ހަގީގަތަކަށް ހަދާލުމުގެ ބަދަލުގައި ޚިޔާލީ ދުނިޔެއަކީ ހަގީގަތް ކަމަށް ދެކިންގެ ތިބެވޭ ގޮތް ވެސް މެދުވެރިވެއެވެ!

17. ބުއްދިވެރި މޮޅެތި އަބްގަރީންނަށް ޖީނިއަސް) އެމީހުންނަށް ހައްގުވާ އިއްޒަތާއި ޝަރަފު އެމީހުންގެ ގައުމުގެ މީހުންގެ ފަރާތުން ނުލިބެއެވެ. ސަބަބަކީ އޭނާއަކީ ދެކެ ފަރިތަ ތިމާމެން ފަދަ، އެއް ކުލައެއްގެއާއި އެއް ނަސްލެއްގެ މީހެއްގެ ގޮތުގައި ބެލެވޭތީއެވެ. އޭނާގެ ބޭރު ފުށަށް ބަލާ ފަދައިން، އޭނާގެ ވިސްނުމާއި ފިކުރަށް ބަލާ ނުލެވޭތީއެވެ. އެހެންވެ، ތިމާ ކުރާ ރަނގަޅު ކަމަކާ ވިދިގެން، ތިމާގެ އަމިއްލަ މީހުންގެ ފަރާތުން އެކަމުގެ އަގު ވަޒަންކޮށްފާނޭ ކަމަށް ނުބަލާށެވެ. ނަމަވެސް، ދުރު ހިލޭ މީހުން ތިމާގެ އަގު ވަޒަން ކުރާނެއެވެ. އެކަމުން ހިއްވަރު ލިބިގެން، ތިމާ ކުރާ ހެޔޮކަމެއް ކުރުމުގައި ދެމިހުންނާށެވެ.

18. ބައެއް ފަހަރު، އަހަރުމެންގެ ތަޖުރިބާ ބުނެދެނީ އަހަރުމެންގެ ތަޖުރިބާއިން ފިލާވަޅު ލިބި ގަނެ، އަހަރުމެންނަށް އެއްވެސް ކަމެއް ދަސްނުވާ ކަމެވެ. މީގެ އެންމެ ހިތި ހެއްކަކީ ތަން ހިންގުމުގެ ލަގަން ހަވާލުކުރުމުން، އެއް ފަހަރު ފޭލިވެ، ތަނުގައި ބޭރު މީސްތަކުން ބާރުވެރިކޮށް، ބޭރު މީހުންނަށް އިސްކަންދީ، ތަން ބަނގުރޫޓު ކޮށްލި ބަޔަކާއި ދެވަނަ ފަހަރަށް ވެސް ތަން ހިންގުމުގެ ލަގަން ހަވާލުކުރުމެވެ.

19. ކަންކަން ކުރަން އެނގޭ މީހާ، ކަންކަން ކުރުމުގެ ފުރުސަތު ލިބުމުން ކަންކަން ކުރެއެވެ. ނަމަވެސް، ކަންކަން ކުރަން ނޭނގޭ މީހާ، ކަންކަން ކުރުމުގެ ފުރުސަތު ލިބުމުން ވެސް، މިވެނި އެވެނި ހެން ކަންކުރައްވިއްޔޭ ބުނެ ދައްކާނީ ހުސް ވާހަކައެވެ.

20. އޫރުންނާ ހިފައި ބައިބިލާ ކުޅެން ނޫޅޭށެވެ. އެހެނީ އޭރުން ދެބައި މީހުންވެސް ހަޑިވެ، މުޑުދާރުވާނެއެވެ. އެކަމާ ކަލޭ ގަޔާ ނުވިޔަސް، އޫރުން އެކަމާ ވަރަށް ވެސް ގަޔާވާނެއެވެ.

21. ގައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ ދުޝްމިނުންގެ ހަމަލާތަކެއް ނޫނެވެ. ގައުމުގެ މީހުންގެ ތެރޭގައި އުފެދޭ ޣައްދާރު ޚިޔާނަތްތެރިންގެ ނުބައި ރޭވުންތަކެވެ. ގައުމުތަކަށް ހަގީގީ ކުރިއެރުން ލިބޭނީ ގައުމުގެ މިފަދަ ޣައްދާރު ޚިޔާނަތްތެރިންގެ އަތްދަށުން ގައުމު ސަލާމަތް ކުރެވިގެންނެވެ. ގައުމުގެ ޣައްދާރު ޚިޔާނަތްތެރިން ފާހަގަކުރާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ އިއްޒަތާއި ޝަރަފުގެ މަސްދަރަކީ ބޭރު މީހުންކަމުގައި ދެކޭ ދެކުމުންނެވެ. އަދި، ރައްކަލާއި ސަލާމަތްކަން ލިބޭނީ ބޭރު މީހުންގެ ފަރާތުންކަން ގަބޫލުކޮށް އެގޮތުގެން މަތިން އަމަލުކުރާ މީހުންނެވެ. މީގެ އިތުރުން، ތަނުގެ އަގުތަކުގެ މަސްދަރާއި ތަނުގެ ރޫޙު ކަމުގައި ބެލެވޭ ތަނުގެ ބޮޑު އަޣުލަބިއްޔަތެއްގެ ދީނީ ތައުލީމާތުތަކާއި އަގުތަކަށް އިހުތިރާމު ނުކުރާ މީހުންނެވެ. މިފަދަ ޣައްދާރު ބައެއްގެ އަތްމައްޗަށް ތަން ހިނގައްޖެ ނަމަ، ތަން ހަލާކުވާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

22. ހުރިހާ ފިރިހެނުންވެސް، އެމީހުން ލޯބިވާ އަންހެނާގެ ކުރިމަތީގައި އަމަލުކުރަނީ ހަމަ އެއް ގޮތަކަށެވެ! އިސްޖަހައި ނިކަމެތިވެ ތިބެއެވެ.

23. ހަޔާތަކީ އަނދައި ހުލިވަމުންދާ އުއްބައްތިއެއް ކަމުގައި ނުދެކޭށެވެ! ނަމަވެސް، އެއީ ކަލޭ އެދޭ ކަމެއް ކުރުމުގެ މަގަށް އަލިކޮށްދޭ ބައްތިއެއް ކަމުގައި ދެކި، ހަޔާތުގެ މަދު ހިނދުކޮޅުގައި އެ ބައްތީގައި ބާރަށް ހިފައި، ކަލޭގެ މަގަށް އެ ބައްތިން އަލިކުރާށެވެ! އަދި، ހަޔާތުގައި ކަލެއަށް އޮންނަ ހިނދުކޮޅު ނިމުމަކާ ހަމައަށް އައުމުން، އެ ބައްތި، ދެން އަންނަން އޮތް ޖީލާ ހަވާލުކުރާށެވެ!

24. ލޯބިވެވިއްޖެ ނަމަ، އެ ލޯތްބާ ހަމައަށް ވާސިލުވުމަށްޓަކައި ކަލޭ ހިނގާކަށް ނުޖެހޭނެއެވެ. ކަލެއާ އެ ލޯތްބާ ދެމެދު އޮތް ހުރަސްތަކަކީ ކޮބައިތޯ ބަލައި، އެ ހުރަސްތައް ނެތިކޮށްލާށެވެ. އެކަން ކުރެވިއްޖެ ނަމަ، ކަލޭގެ ލޯބި ކަލޭގެ ގާތަށް އެ ލޯބި އަމިއްލައަށް ދަތުރުކޮށްފައި އަންނާނެއެވެ.

25. ކުރިއެރުން ބިނާވަނީ ފައިސާގެ މައްޗަކަށް ނޫނެވެ. އެހެން ކަމަށްވާ ނަމަ، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތަކަކީ ގަލްފުގެ އަރަބި ގައުމުތައް ކަމުގައި ވީހެވެ. ކުރިއެރުން ބިނާވަނީ އިބްދާއީ، އުފެއްދުންތެރި، ފިކުރުގެ މައްޗަށެވެ. އެހެންވެ، ގައުމު ކުރިއަރުވަން ބޭނުން ނަމަ، ގައުމުގެ ޅަދަރިންނަށް ވިސްނައި ފިކުރުކުރާނީ ކިހިނެއްކަން ދަސްކޮށްދޭށެވެ. ހަމައެކަނި އިލްމު ބޭނުން ކުރުމުގެ ބަދަލުގައި އިލްމު އުފައްދަން ވެސް ދަސްކޮށްދޭށެވެ. އިބްދާއީ ފިކުރެއްގެ އަހުލުވެރި ބަޔަކަށް ގައުމުގެ މީސްތަކުން ހަދާލެވިއްޖެ ނަމަ، ފައިސާ ވެސް އަދި އެހެން އެއްޗެހި ވެސް، ތިމާމެންގެ ހެޔޮ ވިސްނުން ބޭނުން ކޮށްގެން، ހެޔޮ ގޮތުގައި، އުފައްދާނީ ކިހިނެއްކަން އެނގޭނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.