Support Us

ބައްޕައެއްގެ ނަސޭހަތް: މަންމައެއް ނެތެވެ. އެކަމަކު މަންމައަށް ޚިދުމަތް ކުރުމުގައި ދެމިތިބޭށެވެ!

ބައްޕަގެ ލޯބިވާ ދެ ކުދިންނަށް،

ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވާއިރު އޮންނަނީ އޭނާގެ އަޖަލު ކަނޑައެޅި ނިމިފައެވެ. ވީމާ ވަޤުތަކީ ވަރަށް މުހިންމު އެއްޗެކެވެ. ފާއިތުވެއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ވީމާ، ވަގުތުގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތުގައި ހިފާށެވެ. ލޯބިވާ ދަރިފުޅާއެވެ. ބައްޕަ މިއަދު ދަރިފުޅުމެންނަށް އެއްޗެއް ބުނެދޭނަމެވެ. ކަނުލާ އަޑު އަހާނެކަމަށް ބައްޕަ އުއްމީދު ކުރަމެވެ.

ދަރިފުޅާއެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ އެ ދަރިއެއްގެ ރިޒުޤު ތަނަވަސް ކުރައްވާ ދުޢާ އިޖާބަ ކުރައްވާ ކަމެކެވެ. މިކަން ތިޔަ ދެބޭން ހަނދާން ނައްތާނުލައްޗެވެ.

ލޯބިވާ ދަރިފުޅާއެވެ. އެއް ދުވަހަކު ކީރިތި ރަސޫލާ ﷺ އަސްހާބު ބޭކަލުންގެ މަޖުލީހެއްގައި عمر ގެފާނަށް حديث ކުރެއްވިއެވެ. ކަލޭގެފާނަށް أويس القرنيއޭ ކިޔާ ބޭކަލަކާ ދިމާވެއްޖެނަމަ އެބޭކަލެއްގެ އަރިހުގައި ކަލޭގެފާނަށް ފާފަ ފުއްސަވައިދެއްވުން އެދި ދުޢާ ކޮށްދެއްވުމަށް ދަންނަވާށެވެ. އަދި ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. أويس القرني އަކީ دعاء އިޖާބަކުރައްވާ ބޭކަލެކެވެ. އެކަލޭގެފާނު ކުރައްވާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވައެއްނެތެވެ. عمرގެފާނު ﷲގެ رَسُولُ އާއަށް ދެންނެވިއެވެ. އޭ ﷲގެ رَسُولُ އާއެވެ. أويس القرني އާ ދިމާވެއްޖެނަމަ އެއީ أويس القرني ކަން އެނގޭނީ ކިހިނަކުންތޯއެވެ؟ އެހިނދު ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. أويس القرني އަކީ ކުރިން ބަރޮސްބަލި ޖެހުނު ބޭކަލެކެވެ. އެކަލޭގެފާނުންގެ ހަށިކޮޅުން އެ ބަލި ވަނީ އެއްކޮށް ފިލާފައެވެ. ނަމަވެސް އެކަލޭގެފާނުންގެ އަރިކަށިކޮޅުގައި ކުޑަކުޑަ ލަފެއް ހުންނާނެއެވެ. އެ ލަފަކީ ހުދު ލަފެކެވެ. އެ ލަފަކީ އެއީ دعاء އިޖާބަކުރައްވާކަމުގެ ސިއްކައެކެވެ.

سبحان ﷲ، އިންސާނަކަށް މިދުނިޔޭގައި ލިބޭނޭ ކޮން ފަދަ ނަސީބެއްހެއްޔެވެ؟ ކޮންފަދަ މަތިވެރި ޝަރަފެއްހެއްޔެވެ؟ ކޮންފަދަ ނިއުމަތެއް ހެއްޔެވެ؟ عمر ގެފާނާއި عَلِيّ ގެފާނާ ދެބޭކަލުން أويس القرني ހޯއްދަވައި ދެބޭކަލުންގެ ފާފަ ފުއްސަވައިދެއްވުމަށް دعاء ކޮށްދެއްވުމަށް أويس القرني ގެ އަރިހުން އެދި ދެންނެވިއެވެ. އަދި أويس القرني އެ ދެ ބޭކަލުންގެ ފާފަ ފުއްސަވައިދެއްވުން އެދި ﷲގެ ހަޒުރަތުގައި ދުއާ ދެންނެވިއެވެ.

ލޯބިވާ ދަރިފުޅާއެވެ. أويس القرني އަށް މިފަދަ މަތިވެރި ނަސީބަކާއި ޝަރަފަކާއި ނިއުމަތެއް ﷲ ތަޢާލާ ދެއްވީ އެކަލޭގެފާނުގެ މަންމައާ ދޭތެރޭ އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތުންނެވެ. އެކަލޭގެފާނުގެ މަންމައަށް ހިދުމަތް ކުރެއްވުން އެހެން ހުރިހާ ކަމަކަށްވުރެ އެކަލޭގެފާނު އިސްކުރެއްވިއެވެ. މިހިރީ އަހަރެމެން އިންސީން އުފެއްދެވި މަތިވެރި އިލާހުގެ ދަރުބާރުގައި މައިމީހާއަށް ދެއްވާފައިވާ ޤަދަރެވެ. މައިމީހާއަށް ހިދުމަތްކުރުމުން ލިބޭ މަތިވެރި ދަރުމަ އާއި ސަވާބެވެ. سبحان ﷲ، ނަމަނަމަ މަންމަ އަށް ހިދުމަތް ކުރުމުގައި ތިޔަ ދެބޭން އިހުމާލު ނުވައްޗެވެ. (أويس القرني އާ ބޭހޭ ގޮތުން ބައްޕަ މި ކިޔައިދިން ވާހަކައިގެ ތަފްސީލް މި ލިޔުމުގެ ތިރީގައި އެވާ ލިންކުން (އާދަޔާޚިލާފު ދަރިއެއްގެ ވާހަކަ) އިން އަޑުއަހާލާށެވެ.)

ލޯބިވާ ދަރިފުޅާއެވެ. މަންމައަށް ހިދުމަތް ކުރުމުގައި ތި ދެބެއިން ފަސްނުޖެހޭށެވެ. މަންމަ އަށް އޯގާތެރިކޮށް ހިތާށެވެ. މަންމަގެ މައްޗަށް އެހެން އެއްވެސް ކަމެއް އިސްނުކުރާށެވެ. ތިޔަ ދެބެންގެ ތެރެއިން އެއް ކުއްޖަކަށް މިހާރު ތިޔަވަނީ ﷲގެ ހެޔޮ ރަހުމަތް ފުޅުން ތުއްތު ތުއްތު ދަރިއެއް ލިބިފައެވެ. ބައްޕަ ބުނަން އޮތީ ދަރިފުޅާއެވެ. އެ ދަރިފުޅަށް ހިދުމަތް ކުރުމުގައި ބިޒީވެ މައިމީހާއަށް އިހުމާލު ނުވައްޗެވެ. މިއަދު ދަރިފުޅުގެ މައިމީހާއާ ދޭތެރޭ އަމަލުކުރާ ގޮތަށް މާދަމާ އެތުއްތު ދަރިފުޅު ތިޔަ ދަރިފުޅާ ދޭތެރޭ ކަންތައް ކުރާނެކަން ހަނދާން ކުރާށެވެ.

އާނއެކެވެ. ތިޔަ ދެބެންގެ މަންމަ މިއަދު މި ދުނިޔެއަކު ނެތެވެ. އެހެނަސް މިއަދުވެސް ތި ދެބޭންނަށް އެ މަންމަ އަށް ހިދުމަތް ކުރެވޭނެއެވެ. އޯގާތެރިކޮށް ހިތޭނެއެވެ. ކޮންމެ ދުވަހެއްގެ ފަރުލު ފަސް ނަމާދަށްފަހު އެ މަންމަ އަށް ހެޔޮ دعاء ކޮށްދޭށެވެ. ވީވަރަކުން މަންމަ އަށް ޓަކައި ސޮދަގާތް ކުރާށެވެ. އެކަމަށް ވަޤުތު ހޯދާށެވެ. ވަޤުތަކީ ދަރިފުޅުމެން ބޭނުންނަމަ ހޯދީމައި ލިބޭނެ އެއްޗެކެވެ. އެއީ ދަރިފުޅުގެ ތުއްތު ދަރިފުޅަށް ހިދުމަތް ކުރުމަށް ވަޤުތު ހޯދޭ ފަދައިންނެވެ. އަދި ދަރިފުޅުގެ ލޯބިލޯބި ތުއްތު ކޮއްކޮ އަށް ހިދުމަތް ކޮށްދިނުމަށް ވަޤުތު ހޯދާ ފަދައިންނެވެ. އެ ތުއްތު ދަރިފުޅަށް ހިދުމަތް ކުރުމަކީ ދަރިފުޅުގެ މައިމީހާއަށް ހިދުމަތް ކޮށްދިނުމަށް އޮތް ހުރަހަކަށް ނުހަދައްޗެވެ. އެ ލޯބިލޯބި ކޮއްކޮ އަށް ހިދުމަތް ކޮށްދިނުމަކީ ދަރިފުޅުގެ މަންމައަށް ހިދުމަތް ކޮށްދިނުމަށް އޮތް ހުރަހަކަށް ނުހަދައްޗެވެ.

ލޯބިވާ ދަރިފުޅާއެވެ. ތި ދެބޭން މިއަދު ތިޔަ ތިބި މަގާމުގައި ﷲގެ ތަނަވަސް ރަހުމަތާ އެކު ތިޔަ ތިބީ ތިޔަ ދެބޭންގެ މަންމަ ތިދެބޭންނަށް ޓަކައި އެތައް ރެޔެއްގެ ނިންޖާއި އަރާމު ނަގާލައި ވީ ޤުރުބާނީގެ ސަބަބުންކަން އެންމެ ހިނދު ކޮޅަކަށްވެސް ހަނދާންނައްތާނުލައްޗެވެ. އެ މަންމަ ތިޔަ ދެ ބެންނަށްޓަކައި ފޫހިކަމެއް އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އުފުލި ބުރައިގެ ސަބަބުންކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލައްޗެވެ. ބައްޕަގެ މި ނަސޭހަތް ތިދެބޭން ހިތުގެ އަޑިން ޤަބޫލުކޮށް މަންމަ އަށް ހިދުމަތް ކުރުންމަތީ ދެމިތިބޭނޭ ކަމަށް ބައްޕަ އުއްމީދު ކުރަމެވެ.

އެ މަންމަ މިއަދު ވަނީ ތިޔަ ދެބެންގެ ދުޢާ އަށް އެދި ގޮވާލަ ގޮވާލައެވެ. ތިޔަ ދެބެންގެ ދުޢާގެ އިންތިޒާރުގައެވެ. އާދޭސްކުރާ ހާލުގައެވެ. ތިޔަ ދެކުދިން ކުޑަކުޑައިރު މަންމަ ބޭނުންވެ މަންމަ އަށް ގޮވާލި ފަދައިންނެވެ. އެކަނިވެރިވީމާ މަންމައާ ބައްދާލާ މަންމަގެ އުނގުގައި ބޯއަޅާލަން ބޭނުންވި ފަދައިންނެވެ. މަންމަގެ ކިބައިން ރައްކާތެރިކަން ބޭނުންވެ މަންމަ އަށް ގޮވާލި ފަދައިންނެވެ. އެއިން ކޮންމެ ފަހަރަކު އެ މަންމަ ވަނީ އެހެން ހުރިހާ ކަމަކަށްވުރެ ތިޔަ ދެބޭން އިސްކޮށްފައެވެ. ލޯތްބާއި ކުލުނާއި އޯގާތެރިކަމާ އެކު ތިޔަ ދެބޭންނަށް ހިދުމަތް ކޮށްދީފައެވެ. އެމަންމަ އަށް އެދުވަހު އެހެން ހުރިހާ ކަމަކަށްވުރެ ތިޔަ ދެބެން މުހިންމުވިއެވެ. އެކަން ދަރިފުޅުމެން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލައްޗެވެ.

ލޯބިވާ ދަރިފުޅާއެވެ. އެމަންމަ އަށް އޯގާތެރިކޮށްހިތާށެވެ. އެ މަންމަ މަތިން މިއަދު ހަނދާން ނައްތާލައި، މަންމައަށް އަޅާލާ އެހީތެރިވުމަކީ ތިޔަ ކުދިންނަށް ޖެހިފައި އޮތް ބުރައަކަށް ނުހަދައްޗެވެ. މިއީ މި ބައްޕަގެ އާދޭހެވެ. އެންމެ ބޮޑު އެދުމެވެ. މަންމަ އަށް ހިދުމަތް ނުކުރެވޭ ވަރަށް ތިޔަ ދެބޭން ބިޒީނުވާނޭ ކަމަށް ބައްޕަ އުއްމީދުކުރަމެވެ. އެއީ ތިޔަ ދެބޭންނަށް ހިދުމަތް ނުކުރެވޭ ވަރަށް މަންމަ ބިޒީނުވި ފަދައިންނެވެ.

ބައްޕަގެ دعاء އަކީ ތިޔަ ދެބެންނަކީ މަންމަ ދެކެ ލޯބިވާ އަދި މަންމަ އަށް ހިދުމަތް ކުރުމުގައި، މަންމަ އަށް ހެޔޮ دعاء ކުރުންމަތީ ތާ އަބަދު ފޫހިކަމެއް ޝަކުވާ ކުރުމެއްނެތި ދެމިތިބޭނޭ ކުދިން ކަމުގައި ލެއްވުމެވެ. އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *