...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: އެއްއުއިވުމަކީ ކޮބާ؟

އެއްއުއި ވުމޭ ނަމަކަށް ދިވެހި އަހުރެން ޚިޔާރު ކުރީ ކިޔަން

އެއް ރޯނަކަށް އިރު، ހަނދު، ދުނިޔެ، ސީދާއެވާ ވަގުތަށް ކިޔަން

 

އެއްއުއިވުމަކީ، ފަލަކީ ގޮތުން ލިޔާ ލިޔުމުގައި "އެލައިން" ވުމަށް ނުވަތަ "އިޤްތިރާން" ވުމަށް ނުވަތަ "ކޮންޖަންކްޝަން" ނުވަތަ "މާރަހަ" ވުމަށް ބޭނުން ކުރަން މުނާސަބު ނަމެކެވެ. އެއީ، ކަން ހިނގާ ގޮތުގެ ތަޞައްވުރު އޭގައި ހިމެނޭތީއެވެ.

"އެއްއުއި"ވުމަކީ، ހަނދު، ދުނިޔެ ވަށައިގެން ކޮންމެ މައްސަރަކު ވެސް ޖަހާ ބުރަށް ނިމުން އައިސް، އައު މައްސަރެއް ފެށޭއިރު، އިރުގެ މެދުން ދުނިޔޭގެ މެދަށް ދަމާލެވޭ ޚިޔާލީ ރޮނގަކާއި ހަނދުގެ މެދުވެސް ދިމާވާ ދިމާ ވުމެވެ. ނުވަތަ އެއް މިޞްރާބުވުމެވެ.

ހަމަ އެހެންމެ، އެއްޗެއްގެ ވަށައިގެން ކައުނުގައި ހިނގާ ނުވަތަ ދައުރުކުރާ އެއްޗެއް ނުވަތަ ގުރަހައެއް ވިޔަސް، ދައުރުކުރާއިރު އެ އެއްޗެއް ހުރި މިޞްރާބު ފަލަކީ ގޮތުން ދެނެގަތުމަށް ނުވަތަ ބަޔާންކުރުމަށް، ފަލަކީ ބަހުރުވައިގައި، ބުރުޖު ނުވަތަ ނަކަތް ނުވަތަ ބުރުޖެއްގެ ނުވަތަ ނަކަތެއްގެ ދަރަޖަ ދަގީގަކާއި، ދައުރު ކުރާ އެތި ނުވަތަ ތަކެތި ނުވަތަ ގުރަހައެއް، ގިނިހިލައެއް، ސެޓެލައިޓެއް، ވިޔަސް އެއްއުޔަކަށް މިޞްރާބުގެ ގޮތުން ސީދާވާ ސީދާވުމީ އެއްއުއިވުމެވެ.

އެއްއުޔަކަށް އެއްޗެއް ސީދާވާ ސީދާވުމުގެ މާނައާއި، އެއްޗެއް ރަހަވުމުގެ މާނައާއި، "މާރަހަ" ވުމުގައި އެއް މާނައެއް އޮންނަ ކަމުގައި ހީކުރެވުނު ނަމަވެސް އެއީ ތަފާތު ދެކަމެކެވެ.

އެހެނީ، ރަހަވުމަކީ، އެއްޗެއް ކަނޑުގެ ލޮނުގަނޑު އުދަރެހުގެ އެންމެ ތިރީ ކައިރިފަށް، އުސްތިރި މިނުގެ ގޮތުން ހަމަހަމަ ވެގެން ފެންނާން އެ އޮންނަ ގޮތަށް އެއްޗެއް ހަމަހަމަވުމެވެ. ނުވަތަ ރަހަވުމެވެ. ނުވަތަ "ލެވެލް"ވުމެވެ. ދަމާފައިވާ ރޯނަކަށް ނުވަތަ ޖަހާފައިވާ އުޔަކަށް އެއްޗެއް ސީދާވާ ސީދާވުމަކީ ރަހަވުމެއް ނޫނެވެ.

އެހެންކަމުން "މާރަހަ"ވުމޭ ބުނުމުގެ ނުވަތަ ލިޔުމުގެ ބަދަލުގައި، އެއް ދިމާއަކަށް ސީދާވެ، އެއް މިޞްރާބުވާ، އެއް މިޞްރާބުވުމެއް، ބަޔާން ކުރުމަށް "އެއްއުއިވުން" މިހެން ބުނެ އެ ބަސް ބޭނުންކުރަން، އަޅުގަނޑު ޚިޔާރުކުރީއެވެ.

"ކޮންޖަންކްޝަން"ވުމޭ ނުވަތަ "އިޤްތިރާން"ވުމޭ ނުވަތަ މާރަހަވޭ ބުނުމަށްވުރެ، އެއް އުއިވުމޭ ބުނުމުގައި ކަން ހިނގާ ގޮތުގެ މާނަ ތަމްސީލީ ގޮތެއްގައި ތަޞައްވުރުވެ ދޭހަވުމެއް މި ނަމުގައި ބަޔާންވާތީއެވެ.