...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރައިވަރު ހަމަ ގޮތުގައި ކިޔަވައިދޭށެވެ.

ރައިވަރަކީ، ދިވެހި އަދަބިއްޔާތުގެ ވަޒަން ބަހުރުވައިގެ އެންމެ ހަރުކަށި ގަވާއިދުތައް އެ ބާވަތެއްގައި ހުރި ޅެމުގެ ބާވަތެވެ. އެހެންކަމުން އޭގެ ހަމަތައް ނެތް ނުހަމަ ރައިވަރު ރައިވަރު ދަރިވަރުންނަށް އުނގައިދޭ މަރުހަލާގައި ބޭނުން ހިފުމަކީ ދެރަ ކަމެކެވެ.

ރައިވަރަކީ ހަމައެކަނި އޭގައި ބުނާ އެއްޗެއްގެ މޮޅުކަމަށް އެކަނި ބަލާންޖެހޭ ބާވަތެއް ނޫނެވެ. ރައިވަރުގެ ހަމަތަކާއި ރުކުންތަކުގެ މައްޗަށް ވެސް ބަލައި ހުރިހައި ރުކުނެއް ފުރިހަމަ ރައިވަރު ނޫން ރައިވަރު ކިޔަވައިދިނުމުގައި ބޭނުން ކުރާނަމަ އެކަމުގެ ފައުންޑޭޝަން އެ އެޅެނީ ކައްޗަށެވެ.

"ކައްޗަށްއެޅި ބިންގަލެއް ކެއްޗާއި ހަމައަށްް ނެގިއަސް ހުންނާނީ ކައްޗަށެވެ." ބުނާ ހަރުބަހުގައި ބުނެފައިވާ ބީދައިން ދަރިވަރުންގެ އެކަމުގެ ބިންގާ އެއިރުން އެޅޭނީ ކައްޗަށެވެ. އެހެންކަމުން، ކިޔަވައި ދިނުމުގައި ނުހަމަ ރައިވަރު ދަރިވަރުންނަށް ހުށަހަޅައިގެން އޭގެ މައްޗަށް ބިނާކޮށް އުނގަނައި ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ރައިވަރަކީ މުލައަކުރުގެ ފިއްޔާއި ކުރުފިލިން މުލައަކުރު އޮންނަ ރައިވަރުގައި ބަނޑުވައް އަކުރު (އަޑުން) އެއްގޮތް ކުރުން މަޖްބޫރު ހަމައެއްގައި ބިނާވެގެންވާ ބާވަތެއްކަމުން، ކިޔަވައިދެވޭ މަރުޙަލާގައި އެ ކަންކަން އުނިނުވެ ހުންނަ ހަަމަ ރައިވަރު ދަރިވަރުންނަށް ހުށަހަޅައިދޭން ޖެހޭނެއެވެ.

އަދި ރައިވަރުގެ ފަހު ދެބަހުގެ ފަހު ތިންފިލި އަކުރާއެކު އެއްގޮތް ނުކުރެވި ހުންނަ ރައިވަރަކީ ވެސް ކިޔަވައި ދިނުމުގައި ބޭނުން ހިފައިފިނަމަ ދަރިވަރުގެ ޅެންވެރިކަމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ދެރަ ކަމަކަށް ނުވެއެއް ނުދާނެއެވެ.

ހަމަ އެހެންމެ ރައިވަރަކީ ކާފިޔާ އެއްގޮތް ކުރުމުގައި އަކުރުން ނުވަތަ އަޑުން ކާފިޔާ އެއްގޮތްކުރުން ފިޔަވައި ދެމޭ ފިލިންނާއި ފިލިކޯޅީގެ ގެތުމަކުން ކާފިޔާ ހިފެހެއްޓުން ލާޒިމު ބާވަތެއްކަމަށް ވުމުން އެކަންކަން ވެސް ފުރިހަމަ ރައިވަރު ފިޔަވައި އުނި ރައިވަރު ކިޔަވައި ދިނުމުގައި ބޭނުން ހިފުމަކީ ވެސް ދަރިވަރު މޮޅުވުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.

މިސާލެއް ލިޔާނަމަ، ވަރަށް މަޝްހޫރު އެކަމަކު އުނި ރައިވަރެއް މި މިސާލުގައި ހިމަނައިލާނަމެވެ.

އެއީ،

"ވެއްޖެ ނަމަ މީހަކާ

ތެއްރަހުމަ މިޒަމާނުގާ

ގެންގޮސް ގެޔަށް އަތުހިފާ

އެއްތަށިން ނޫނީނުކާ

ދެން އެހިތްނެތި ހިނގައިދާނެ

ފެން ނުބޮނީސް ކެނޑިދާނެ"

މި ރައިވަރަށް އެ ނަޒަރުން ބަލާއިރު ހުރިހައި ބަހެއް ފެށިފައިވާ މުލަ ފިލިއްޔަކީ އެބެފިއްޔެއްކަން ފެންނާން އޮތުމުން މުލަފިލީގެ އެއްގޮތްކަމުގެ ޝަރުޠު ވަރަށް ފުރިހަމަ ރައިވަރެކެވެ.

އެކަމަކު ބަނޑުވައް އަކުރަށް ބަލާއިރު އިސް ދެބަހުގައި ބަނޑުވައް އަކުރަކަށް އަލިފު ސުކުން އޮތަތީ ފެންނައިރު، ތިންވަނަ ބަހާއި ފަހު ދެބަހުގައި ނޫނު ސުކުނުން ބަނޑުވައް އަކުރު އޮތުމުން ބަނޑުވައް އަކުރު އެއްގޮތް ކުރުމުގެ ހަރުކަށި ގަވާއިދުގެ އިމުން ރައިވަރު ބޭރުވެއްޖެކަން އެނގޭން އޮތް ފައިވަރެކެވެ.

ދިވެހިބަހުގެ އަޑު އަދާކުރުމުގައި އަލިފު ނުވަތަ ށަވިޔަނި ސުކުނުގެ ފަހަތަށް "އަހާނަމަ" މި ބަހުގެ އަކުރުތަކުން އަކުރެއް އައުމުން ނޫނުގެ އަޑަށް އަޑު ފުރޮޅޭ ހަމަޔަށް ވެސް ފުރަތަމަ ދެބަހާއި ހަތަރުވަނަ ބަސް ނުފެތޭކަން އެނގޭން އޮތްއިރު ތިންވަނަ ބަހާއި ފަހު ދެބަސް ނޫނު ސުކުނުން ބަނޑުވައް އަކުރު އޮތްކަން ފެންނާން އެބަ އޮތެވެ.

އެހެންކަމުން، ކިތަންމެ މަޝްހޫރު ކަމަށްވިޔަސް މިފަދައިން ހުންނަ ރުކުން ފުރިހަމަ ނޫން ރައިވަރު ކިޔަވައިދޭ މަރުހަލާގައި ދަރުވަރުންނަށް ހުށަހެޅުމަކީ، ރައިވަރު އުނގެނައި ދިނުމުގެ ބިންގާ ކައްޗަށް އެޅޭ އެޅުމެއްކަމުގައި މެނުވީ ނުވާނެއެވެ.

ވުމާއެކު ކިޔަވައިދޭ މުދައްރިސުން އެފަދަ ރައިވަރުތައް ކިޔަވައި ދިނުމުގައި ބޭނުން ނުހިފުމީ ދަރިވަރުންނަށްޓަކައި ކުރާންވީ ކަމެކެވެ.

އަދި އެފަދައިން ހުންނަ ރައިވަރު ދަރިވަރުންނަށް ފޯރު ނުކުރުމަކީ ކިޔަވައިދޭ ފަރާތްތަކުން ވެސް ނުކުރާންވީ ކަމެކެވެ.

ދިވެހި އަދަބިއްޔާތުގެ ހުރިހައި ބާވަތެއް ވެސް ހެޔޮ ގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދީގެން މެނުވީ ހެޔޮ ގޮތުގައި ދިވެހި އަދަބިއްޔާތު ދިރިގެން ކުރިއަކަށް ނާރާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.