Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެންމެންގެ ފަހަތް ދިފާއުކުރާ ގޯލްކީޕަރު

ފުޓުބޯޅަ މެޗު ފެށިތާ މާ ގިނައިރެއް ނުވަނީސް މެޗު ހުއްޓާލަން ޖެހުނެވެ. ބޯ، ދުންފިނީގެ ސަބަބުން ދަނޑުމަތީގައި ކުޅިންތެރިންނާއި ބޯޅަ ވެސް ފެނުން އުނދަގޫވެގެންނެވެ.

ދެން، ހުރިހާ ކުޅިންތެރިންނާއި އޮފިޝަލުން ދަނޑުން ފައިބައިގެން ދިޔައެވެ. ނަމަވެސް، ގޯލްކީޕަރަކަށް މި ތަނެއް ނުފެނެއެވެ. އޭނާއަށް ހީވީ ކުޅުން އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެންވެ، ގޯލު ބެލެހެއްޓުމުގައި އޭނާ ދެމިހުއްޓެވެ.

އޭގެ ބައިގަޑިއެއްހާއިރު ފަހުން، ދަނޑު ބަލަހައްޓާ ފާރަވެރިންގެ މީހަކަށް ގޯލުކީޕަރު ދަނޑުގައި ހުރިކަން ފާހަގަކުރެވިގެން އޭނަ ކައިރިއަށް ދިޔައެވެ. އަދި އޭނާ ގާތު މެޗު ކެންސަލުވި ވާހަކައާއި އެންމެން ދަނޑުން ފައިބައިގެން ގެއަށްދިޔަ ވާހަކަ ވެސް ބުންޏެވެ.

ދެން ގޯލުކީޕަރު ބުންޏެވެ: "އަހަރެން ހީކުރީ އަހަރެން މީ އެންމެންގެ ފަހަތް ބަލަހައްޓައި އެންމެންގެ ފަހަތް ދިފާއުކުރަން ހުރި މީހާ ކަމެވެ. އަހަރެން ދޫކޮށްލާފައި އެ މީހުން ދާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ."

އަހަރުމެންގެ ހަޔާތުން ވެސް މި ކަހަލަ މަންޒަރުތައް ފެނެއެވެ. އަހަރުމެންގެ ޖަމާއީ ކަންކަން އަމާނާތްތެރިކަމާ އެކު އެބަޔަކާ ބަލަހައްޓަން ހަވާލުކޮށްފައި އެމީހުންގެ ފަހަތުގައި އަހަރުމެން ތިއްބައި، އަހަރުމެންނަށް އަންގާވެސް ނުލައި އެ މީހުންނާ އަހަރުމެން ހަވާލުކުރި އަމާނަތް ވިއްކާލާފައިދާ މީހުންގެ މަންޒަރެވެ. މިފަދަ މަންޒަރުތައް ހިތުގައި ބަހައްޓައި، އެފަދަ ޚިޔާނަތްތެރި ޣަދަރުވެރިންނާ އަހަރުމެންގެ ޖަމާއަތުގެ ކަންކަން ހިންގުން ހަވާލުކުރުމާ ދުރަށްދާން ޖެހެއެވެ.