Support Us

ކޮލަމް ކޯދު: ހިކުމަތްތެރި ބަސްކޮޅެއް

1. ކަންކަން ކުރުމުގެ މަގަށް ދާން އޮންނަ ދޮރު ހުޅުވާލަދޭ ތަޅުދަނޑިއަކީ ގަދަ އަޒުމެވެ.

2. ބޮޑު ބިޔަ ގަހެއްގެ ވެސް ފެށުމަކީ ކުޑަކުޑަ އޮށެކެވެ.

3. ކެތްތެރިކަމާއެކު ކަލޭ ބޭނުން ކަންތައް ހާސިލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ. އޭރުން އެކަން ކަލެއަށް ހާސިލުވާނެއެވެ.

4. އަމަލުތަކުގެ އަޑު ވާހަކަތަކުގެ އަޑަށް ވުރެ ގަދައެވެ.

5. ކަލޭގެ ދުޝްމަނުންނާ މެދު ސަމާލުވެ ރައްކާތެރިވާން ޖެހެއެވެ. މިކަން އެއް ދަރަޖައަށް ކުރަން ޖެހޭ ނަމަ، ކަލޭގެ ރަހުމަތްތެރިންނާ މެދު، ސަތޭކަ ދަރަޖައަށް ސަމާލުވެ ރައްކާތެރިވާން ޖެހެއެވެ. ސަބަަބީ ކަލޭގެ ރަހުމަތްތެރިއަކު ކަލޭގެ ދުޝްމަނުންގެ ސަފަށް ހިނގައްޖެ ނަމަ، ކަލެއަށް ގެންލުންދޭނޭ އެތައް ގޮތެއް އޭނާ ދަންނާނެއެވެ.

6. އެންމެ ބޮޑު ހިތާމަވެރިއަކީ އެންމެ ބޮޑަށް އޭނާގެ ހިތުގައި އެހެން މީހުންނާ މެދު ހަސަދަލައިގެން އުޅޭ މީހާއެވެ. އެހެންވެ، އުފާވެރި މީހަކަށް ވާން އެދޭ ނަމަ، އެންމެ ފުރަތަމައިން ވެސް ހަސަދަވެރިވުމާ ދުރަށް ދާށެވެ.

7. ޝުކުރު އަދާކުރަން ނުދަންނަ މީހާ، އޭނާއަށް ލިބިފައިވާ ނިއުމަތްތައް މަތިން ވަރަށް އަވަހަށް ހަނދާންނެތޭނެއެވެ. އެފަދަ މީހަކާ ދޭތެރޭ ކިތަންމެ ރަނގަޅަށް ކަންތައް ކުރި ކަމުގައި ވިޔަސް، އެ މީހުން ހިތްހަމަޖައްސައި ދިނުމަކީ ވަރަށް ވެސް އުނދަގޫ ދަތި ކަމެކެވެ. އެހެންވެ، ހިތްހަމަ ޖެހެން ބޭނުން ނަމަ، އަދި އެހެން މީހުންގެ ފަރާތުން ވެސް އަމިއްލަ ހިތް ހަމަ ޖެހުން ބޭނުން ނަމަ، ޝުކުރުވެރިވާން ދަސްކުރާށެވެ.

8. އިންސާނުންގެ ތެރޭގައި ވެސް ވިހަ (ޓޮކްސިކް) މީހުން އުޅެއެވެ. ފެންނަ މަންޒަރުތަކުންނާއި ކަންކަމުން، އެފަދަ މީހުންނަށް އަބަދު ވެސް ފާހަގަ ކުރެވޭނީ ނުރަނގަޅު ގޮތް ގޮތާއި ނުރަނގަޅު ކަންކަމެވެ. ތިމާ ސުލްހަ މަސަލަސް ކަން އެދޭ ނަމަ، އެފަދަ މީހުންނާ ތާކުން ތާކު ނުޖެހޭ އަރާރުންތަކާއި ޖަދަލުކުރުންތައް ކުރުމުން ދުރަށް ދާން ޖެހެއެވެ.

9. ރުޅިއައުމުން، ބައެއް ފަހަރު، ހަމަ ބުއްދި ފިިލުވާލައެވެ. ރުޅިއައުން ނިމުމަކަށް އައުމުން ދެން އޮންނަނީ ރުޅިައި ކަމާ މެދު ހިތާމަކުރުމެވެ. އެހެންވެ، ރުޅިއައި ކަމުގައި ވިޔަސް، ތިމާގެ އަމިއްލަ ނަފްސު ތިމާގެ ބާރުގެ ދަށުން ދިޔަ ނުދިމަށް މަސައްކަތްކުރަން ޖެހެއެވެ.

10. ކަމެއްގެ މާނައަކި މިވެނި އެވެނި އެއްޗެކޭ ބުނެ އެކަން ކަނޑައަޅާލަން ޖެހޭނި ނިޔަތުގެ މައްޗަށް ބެލިގެންނެވެ. ތިމާ ހީކުރާ ހީކުރުމެއްގެ މައްޗަށް ބަލައިގެންނޫނެވެ. މިސާލަކަށް، ބައްދަލުވުމެއް ނިންމާލަމުން ބުނެލާ 'އަހަރެން ދެން މި ދަނީއޭ' ބުނާ އިބާރާތަށް ބަލާލާށެވެ. މިހެން ބުނުމުގެ ނިޔަތަކީ، އާދެ، މަގުސަދަކީ، ބައްދަލުވުމެއް ނިންމާލައި އެކަކު އަނެކަކަށް ހެޔޮ އެދި، ބައްދަލުވުން ނިންމާލަން ބުނާ އެއްޗަކަށް ވެއްޖެ ނަމަ، އެއީ ހެޔޮ ބަހެކެވެ. ނަމަވެސް، އެހެން ބުނަނީ ޖެއްސުމުގެ ރާގުގައި އަނެކަކު ހިތުގައި ޖައްސަން ކަމަށް ވެއްޖެ އެއީ ހެޔޮ ބަހެއް ކަމުގައި ކަނޑައަޅައެއް ނުލެވެއެވެ.

މި ބަހުގެ މާނަ، ނަބަވީ ހަދީސެއްގައި ވެސް އައިސްފައި ވެއެވެ. إنما الأعمال بالنيات… މި ހަދީސްފުޅުގައެވެ. މާނައަކީ އަމަލުކުގެ (ހެޔޮކަމާއި ނުބައިކަން ކަނޑައަޅާލެވުން) ބިނާވެގެންވަނީ ނިޔަތްތަކުގަ މައްޗަށެވެ. އެހެންވެ، މީހަކު ބުނާ އެއްޗެއް ނޫނީ ކުރާ ކަމެއް، އޭގެ ހެޔޮ ނުބައި ކަން ކަނޑައަޅުލުމުގެ ކުރިން ނިޔަތާއި މަގުދސަުގެ މައްޗަށް ބަލާލުން ވަރަށް ވެސް މުހިްމެވެ.