Support Us

ކޮލަމް ކޯދު: ސޫފިޔާނާ ވާހަކަކޮޅެއް

ތިރީގައި ހުށަހަޅައިފައި އެވަނީ ތަސައްވުފުގެ އިލްމުވެރިއެއް ކަމަށްވާ އަހުމަދު ބިން އާސިމް އަލްއަންތާކީއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކައެކެވެ. އަހުމަދު ބިން އާސިމް އަލްއަންތާކީއަކީ ހިޖުރައިން ދެވަނަ ގަރުނުގެ ތެރޭގައްޔާއި އަދި ތިންވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރިއެކެވެ. އޭނާ އަވަހާރަވީ ހިޖުރައިން 238 ވަނަ އަހަރުއެވެ. އިމާމު ޛަހަބީ އޭނާގެ އައުލާމުގައި އަހުމަދު ބިން އާސިމް ސިފަކުރައްވަނީ އޭނާއަކީ "އޭނާއަށް ތަބާވެވޭ އިމާމެއްކަމާއި އަދި އޭނާއަކީ ދިމިޝްގުގެ ވާއިޒުކަމުގައެވެ".

ތަސައްވުފު ނުވަތަ ސޫފިއްޔަތުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި މާ ސާފުކޮށް އެނގައިފައި އޮތް ވާހަކައެއް ނޫނެވެ. އެހެންވެ، މިކަމާ ބެހޭ ގޮތުން ތަންކޮޅެއް ތަފްސީލުކޮށް އެއްޗެއް ލިޔެލަން ގަސްދުކޮށް، އެކަން ކުރިއަށް އެބަދެއެވެ. މިތަނުގައި، އަހުމަދު ބިން އާސިމްއަކީ ތަސައްވުފުގެ ތާރީޚުގައި ކޮން ބޭކަލެއްކަން ބަޔާންކޮށްލަދިނުމުގެ ގޮތުން، ތަސައްވުފާ ބެހޭ ގޮތުން ކުރުކޮށް އެއްޗެއް ނަންގަނެލަން ޖެހެއެވެ.

ތަސައްވުފުގެ ތަހުރީކުގެ ފެށުން ގުޅެނީ ހިޖުރައިން ދެވަނަ ގަރުނާއެވެ. އެ ތަހުރީކުގެ ފެށުން ގުޅިފައި އޮތީ އިސްލާމީ ދުނިޔެ ދުނިޔޭގެ ބޮޑު ބާރަކަށްވެ، މުއްސަނދިކަމާއި ތަނަވަސްކަން ފެތުރި، ބައެއް މުސްލިމުންގެ ނަޒަރުގައި، މުސްލިމުންގެ ދިރިއުޅުމުގައި ތަރަފުގެ ކުލަ ޖެހުމާއެވެ. އަދި، އެކަމާ ވިދިގެން، ދުނިޔޭގެ ހެއްލުމުގެ ތެރަށް މުސްލިމުންގެ ގިނަ ބަޔަކު ދިޔުމުން، މިކަމުގެ ރައްދުއަމަލެއްގެ ގޮތުގައެވެ. އާދެ، މިކަމާ ހެދުނު ދެކޮޅު ހެދުމެއްގެ ގޮތުގައެވެ. ތަސައްވުފުގެ މި މަރުހަލާގައި، ތަސައްވުފުގެ ބޭކަލުން ނުވަތަ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އާންމުވަމުންދާ އިބާރާތުން ނަމަ، ސޫފީވެރި ބޭކަލުންގެ ގޮތަކަށް ވެފައި އޮތީ ދުނިޔަވީ ލައްޒަތުތަކުގެ އުފަލަށް ފުރަގަސްދީ ޒުހުދުވެރިވުމެވެ. ތިމާއަށް ދުނިޔެއިން ކިރިޔާ ފުދޭވަރު ބޭނުންކޮށްލައިގެން، އަޅުކަމުގައި ތިމާގެ ދުނިޔެވީ ހަޔާތް ވޭތުކޮށްލުމެވެ.

މި މަރުހަލާއަށް ފަހު، ދެން އައީ ސޫފީ އިލްމުވެރިންގެ މަރުހަލާއެވެ. މި މަރުހަލާގައިވެސް، ދުނިޔެވީ ހެއްލުންތަކަށް މީހާގެ ނަފްސު ދީލައި ނުލުން މުހިއްމުވިއެވެ. މީގެ އިތުރުން، މި މަރުހަލާގައި ސޫފީ އިލްމުވެރިންގެ މަގުސަދަކަށްވީ ނަފްސު ތޯހިރުކޮށް، މާތްރަސްކަލާނގެ ރުހިވޮޑިގަތުން ހޯދައި، އަދި، އެކަލާނގެ މައުރިފާކޮށްގަތުގެ މަސައްކަތްކުރުމެވެ. އަހުމަދު ބިން އާސިމުގެ ދުވަސްވަރު، ޚާއްސަކޮށް އޭނާގެ ހަޔާތުގެ ފަހުބައިގެ ދުވަސްވަރު، އާދެ، ހިޖުރައިން ތިންވަނަ ގަރުނުގެ މެދެއްހާ ހިސާބައި އަދި އެ ގަރުނުގެ ފަހުގެ އަހަރުތައް ބެލެވެނީ މަތީގައި ނަންގަތް ތަސައްވުފުގެ ޒުހުދުވެރި ކަމުގެ މަރުހަލާގެ ފަހު ދުވަސްތައް ކަމުގައެވެ. އެ މަރުހަލާއަށް ނިމުން އައިސް ސޫފީ އިލްމުވެރިންގެ މަރުހަލާގެ ފެށޭ ހިސާބުކަމުގައެވެ.

ސޫފީ އިލްމުވެރިންގެ މަރުހަލާއަށް ފަހު، 'ސޫފީ މަގުތައް' ކޮށުނެވެ. އާދެ، މާތްރަސްކަލާނގެ މައުރިފާކޮށް ދެނެގަތުމަށްޓަކައި ނަފްސު ތަމްރީނުކުރާނެ މަގުތައް ބަޔާންކުރެވުނެވެ. ދެން، އެއަށް ފަހު އައި މަރުހަލާގައި ތަސައްވުފުގެ އިލްމަށް ހުއްޓުން އައެވެ. ފިގުހު ފަދަ، އިސްލާމީ ޝަރީއަތުގެ ބައެއް އިލްމުތަކުގެ ކުރިއެރުމަށް، އޭގެ ކުރިން، ހުއްޓުން އައި ފަދައިންނެވެ. އަދި މީގެ އިތުރުން، ތަސައްވުފުގެ ކަންތައްތައް ފަސާދަވެގެން ވެސް ދިޔައެވެ. އިސްލާމީ އަޅުކަމުގެ ބައެއް ޝިއާރުތަކަށް، ގޮންޖަހައި، ބާތިލު އަގީދާތަށް ވެސް ތަސައްވުފުގެ ތެރެއަށް ވަނުމުންނެވެ.

ނަމަވެސް، މިއީ ފަހުގެ ކަމެކެވެ. ތަސައްވުފުގެ ތާރީޚަށް ބަލާލާއިރު، ތަސައްވުފުގެ އިހުގެ މަރުހަލާތަކުން، ޚާއްސަގޮތެއްގައި ޒުހުދުގެ މަރުހަލާއާއި ތަސައްވުފުގެ އިލްމުވެރިކަމުގެ މަރުހަލާއިން، އަދުވެސް އަޅުގަނޑުމެންނަށް ފައިދާ ލިބިގަނެވިދާނެއެވެ. ދުނިޔަވީ އުފާތައް ހޯދުމުގައި އާޚިރަތް މަތިން ހަނދާން ނައްތާނުލުމެވެ. އަދި، އެ ފަދަ އުފާތައް ހޯދުމުގައި، ޝަރުއީ އަދި އަޚުލާގީ އިންތައް ހުރަސް ނުކުރުމެވެ. ތިރީގައި ހުށަހަޅާލާ ހިވާރުން ވެސް، އިހުގެ ތަސައްވުފުގެ ވާހަކަތަކުން އަދުވެސް ފައިދާތަކެއް ލިބިގަނެވިދާނޭކަން އެނގެއެވެ. އަދި އިހުގެ ތަސައްވުފުގެ ތަހުރީކަކީ ޝަރުއީ އިމުގެ ތެރޭގައި އޮތް ތަހުރީކެއްކަން ވެސް އެނގިދެއެވެ. (ކުރިން ނަންގަތް ހެން، ތަސައްވުފުގެ ވާހަކައަކީ ތަފްސީލީ ގޮތެއްގައި ހުށަހަޅާލަން ޖެހޭ ވާހަކައެކެވެ. އާންމުންނަށް މައްސަލަ ސާފުވެ ދިޔުމަށްޓަކައެވެ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އެކަމާ ބެހޭ ލިޔުމެއް ގެނެސްދެވޭތޯ ބަލާނަމެވެ.) ދެން އަހުމަދު ބިން އާސިމްގެ ސޫފިޔާނާ ވާހަކަކޮޅު ހުށަހަޅާލަމެވެ. މަތީގައި ނަންގަނެވުނު ފަދައިން، މިވާހަކަކޮޅު ނުވަތަ މި ހިވާރަކީ އޭނާއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކަކޮޅެކެވެ. (މިވާހަކަކޮޅު ލިޔެވިފައިވަނީ މީސްތަކުންގެ ސީރަތުގެ ވާހަކަ ބަޔާންކޮށްފައިވާ ފޮތެއް ކަމުގައިވާ އަބޫ އައްނުޢައިމުގެ ޙުލްޔަތު އަލްއައުލިޔާއި މި ފޮތުގައެވެ.)

***

ސ: މަޝްވަރާކުރުމާ ބެހޭ ގޮތުން މަނިކުފާނުގެ ޚިޔާލަކީ ކޮބައިތޯއެވެ؟

ޖ: އެކަން ކުރެވެނީ އިތުބާރުހުރި ތެދުވެރި މީހަކާ އެކުގައި ނޫންނަމަ، އެ މަޝްވަރާގެ މައްޗަށް އިއުތިމާދު ނުކުރާށެވެ.

ސ: ނަސޭހަތް ދިނުމާ ބެހޭ ގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯއެވެ؟

ޖ: އެންމެ ފުރަތަމަ ކަލޭ ބަލަންވާނީ ކަލޭގެ ނަސޭހަތުގެ ބަސްކޮޅަކީ ކަލޭ އަމިއްލަ ނަފްސު މިންޖުކޮށްދޭނޭ ބަސްކޮޅެއްތޯއެވެ. އެހެންކަމަށް ވަނީނަމަ، ކަލޭގެ ބަސްކޮޅުވާނީ އިލްހާމުގެ މައްޗަށް، (އިލާހީ އުނގަންނައި ދިނުމުގެ މައްޗަށް) ބިނާވާ ވާހަކައަކަށެވެ. އަދި، އޭގެ ސަބަބުން، ކަލެއަށް އިހުތިރާމު ލިބި، ކަލޭގެ މައްޗަށް އިތުބާރުކުރެވޭނެއެވެ.

ސ: މީހުންނާ އެކުގައި އުޅުމާ މެދު، މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟

ޖ: ވިސްނުން ތޫނު، އިތުބާރުކުރެވޭ މީހަކު ލިބިއްޖެ ނަމަ، އޭނާއާ އެކުގައި އުޅޭށެވެ. ނަމަވެސް، އެ ނޫން މީހެއް ނަމަ، ވަލު ޖަނަވާރުން ކިބައިން ފިލައި ދުވާހެން، އޭނާގެ ކިބައިން ފިލައި ދުވެދާށެވެ.

ސ: މާތްރަސްކަލާނގެއާ ކުއްތަންވުމުގެ މަގު އަޅުގަނޑު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ޖ: ކަލޭގެ އެތެރެފުށުގެ ފާފަތައް ދޫކޮށްލައިގެންނެވެ.

ސ: ބޭރުފުށުގެ ފާފަތަކަށް އަޅާނުލައި އެތެރެ ފުށުގެ ފާފަތައް ދޫކޮށްލުން މުހިއްމުވަނީ ކީއްވެތޯއެވެ؟

ޖ: އެހެނީ، ކަލޭގެ އެތެރެ ފުށުގެ ފާފަތަކުން ކަލެއަށް އެއްކިބާ ވެވިއްޖެ ނަމަ، ކަލޭގެ ބޭރު ފުށުގެ ފާފަތަކުން ވެސް ކަލެއަށް އެއްކިބާވެވިގެންދާނެއެވެ.

ސ: އެންމެ ގެއްލުން ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: އެއީ ފާފައެއްކަން ކަލެއަށް ނޭނގޭ ފާފައެވެ. އަދި، މިއަށްވުރެ ވެސް ގެއްލުން ބޮޑުވެގެންވަނީ، ހުރިހާ އިރަކުވެސް އެއީ ފާފައެއްކަމުގައިވީ އިރު، (އެކަން، ނޭނގި ނަމަވެސް)، އެފާފައަކީ ހެޔޮ އަމަލެއް ކަމުގައި ދެކޭ ނަމައެވެ.

ސ: އަޅުގަނޑަށް އެންމެ ފައިދާ ހުރި ފާފައަކީ ކޮބައިތޯއެވެ؟

ޖ: ކަލޭ މި ދުނިޔެ ދޫކޮށްފުމަށް ދާންދެން، އެފާފަ ކުރެވުނުކަމުގެ މައްޗަށް ރޮއި ހަދައި، ކަލޭގެ ލޮލު ކުރިމަތީ އަބަދުމެ ފެންނަހެން އޮންނަ ފާފައެވެ. އެފާފަ އެ ގޮތުގައި ބާއްވަނީ އެފަދަ ފާފައެއް ދެން ދުވަހެއްގައި ވެސް ނުކުރުމަށްޓަކައެވެ. ކީރިތި ގުރުއާނުގެ ތަޙުރީމު ސޫރަތުގެ އަށްވަނަ އާޔަތުގައި ނަންގަނެވިފައިވާ އިޚުލާސްތެރި ތައުބާވުމަކީ މިއީއެވެ.

ސ: އެންމެ ގެއްލުން ހުރި ހެޔޮ އަމަލަކީ ކޮބައިތޯއެވެ؟

ޖ: ކަލޭގެ ނުބައި އަމަލުތައް ހަނދާން ނެތިކޮށްލާ ފަދަ ހެޔޮ އަމަލެވެ. ކަލޭގެ ލޯ ކުރިމައްޗަށް އެ ފަދަ ހެޔޮ އަމަލުތައް ގެނެސް، އޭގެ މައްޗަށް ބަރޯސާވެ، ކަލޭގެ ނުބައި އަމަލުތަކުގެ ނަތީޖާއާ މެދު ކަލޭ ބިރު ނުގަނެ، އޮޅުމުގެ ތެރެއަށް ވެއްޓި، ކަލޭގެ ހެޔޮ އެއަމަލުތަކާ މެދު ފަޚުރުވެރިވެ، ކަލޭގެ ނަފްސަށް އިތުބާރުކުރަން މެދުވެރިކުރުވާ ހެޔޮ އަމަލުތަކެވެ.

ސ: (އެހެން މީހުންނަށް) އަހަރެންގެ ޝަޚްސު (މާނައަކީ އަހަންނަކީ ހަގީގަތުގައި ކާކުކަން އަންގައިދޭ އަހަރެންގެ ސިފަތައް) އެންމެ ރަނގަޅަށް ފޮރުވެވި، ވަންހަނާ ކުރެވިފައިވަނީ ކޮންތާކު ހެއްޔެވެ؟

ޖ: ކަލޭގެ ގޭގައިވާ ކަލޭގެ ކޮޓަރި ތެރޭގައެވެ.

ސ: އަހަރެންގެ ގޭގައި އަހަންނަށް (އަހަރެންގެ ހަގީގަތް ފޮރުވުމުގެ) ރައްކާތެރިކަން ނުލިބޭ ނަމަޔޯއެވެ؟

ޖ: ކަލޭގެ ނަފްސުގައި ޝަހުވާނީ އެދުންތައް ތަތްކޮށް ނުލާ، ނޫނީ ކެހިވެރި ހެއްލުންތަކަށް ކަލޭގެ ނަފްސު ދީލާލުން މެދުވެރި ނުކުރުވާ، ކޮންމެ ތަނެއްގައެވެ.

ސ: މާތްރަސްކަލާނގެ ރަހުމަތްފުޅުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ފައިދާ ބޮޑު ރަހުމަތްފުޅަކީ ކޮބައިތޯއެވެ؟

ޖ: އެކަލާނގެއަށް އުރެދުމުން ކަލޭ ރައްކާތެރިކުރުވާ، އަދި، އެކަލާނގެއަށް ކަލޭ ކިޔަމަންތެރި ކުރުވާ އެކަލާނގެ ރަހުމަތްފުޅެވެ.

ސ: ތިޔަ ވިދާޅުވެދެއްވީ (މައްސަލައިގެ) ޚުލާސާއެކެވެ. އަދި އިތުރަށް ސާފުވާ ގޮތަށް އަޅުގަނޑަށް އޮޅުންފިލުވައި ދެއްވާނުތޯއެވެ؟

ޖ: އެންމެ ރަނގަޅެވެ. (އަޑުއަހާށެވެ!) އެއީ ތިން ކަމަކައިގެން އެކަލާނގެ ކަލެއަށް އެހީތެރިވެ ވޮޑިގަތުމުންނެވެ: ކަލޭގެ ވަރުގަދަ ޖަޒުބާތުތައް މެދުވެރިކުރުވާ ނުރުހުންތައް ހުއްޓުވަން ފުދިދާނޭ ވަރުގެ ބުއްދިއެއް ކަލެއަށް ދެއްވުމެވެ؛ ކަލޭގެ ނޭނގުން ނެތިކޮށްލަން މެދުވެރިކުރުވާނޭ ފަދަ އެނގުމެއް ކަލެއަށް ދެއްވުމެވެ؛ ފަގީރުކަމުގެ ބިރު ކަލޭގެ ކިބައިން ދުރުކުރުވާނޭ ފަދަ އަމިއްލަ ފުދުންތެރިކަމެއް ކަލެއަށް ދެއްވުމެވެ.