މިންޖު ވާނެ ގޮތެއް ނެތޭ ގަދަ ކަނޑުގެ ޠޫފާނުގެ ތެރޭ
މިންޖު ވޭތޯ ހިންމަތެއް ކުރިޔަސް މިގަދަ އޮއި ވަރުތެރޭ
ހޮޅި ލަމުން ދާ ރާޅުތައް ކަޅުފޮއި އަނދިރި ބިޔަ ކަނޑުތެރޭ
އޮޅި ދަތުރު ބެހެމުން ދަނީ ގަދަ ކަނޑުގެ ޠޫފާނުގެ ތެރޭ
ގައިގެ ވަރުނެތި ވަރުދެރަވެ ބިކަޙާލުގައި އޮވެ ކަނޑުމަތީ
ފައިގެ ވަރު ދޫވީ މިގަދަ ކަނޑުގައި ނަގާ ރާޅުގެ ތެރޭ
ހިތްވަރާ އެކު ޢަޒުމު އާކޮށް މަންޒިލަށް ވާސިލުވުމަށް
ހިތްވަރެއް ނެރެ އެދި އަމާންކަން ކަނޑުގެ ގަދަ އޮއިވަރު ތެރޭ
ދުރު ދުރުން ރަށްތަކުގެ މަލަ ފެނި އުފަލުގައި ރޮވެމުންދަނީ
ފުރުސަތެއްދެއްވެވި އިލާހަށް ސަޖިދަ ވެވުނީ ކަނޑުތެރޭ
ހާލުގައި ޖެހުނަސް އިލާހުގެ ރަހުމަތުން ހެޔޮހާލުގައި
ސާލު ހުދު ދޮންވެލި ތުނޑީގައި ބީހިފައިތިލަ ފަޅުތެރޭ