Support Us

ގަރލްގައިޑްގެ "ޕްރެޒިޑެންޓްސް ބެޖް" ފާޠިމަތު ޔުމްނާ އަށް ދެއްވައިފި

ގަރލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބެޖް ހަވާލުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ.

"ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ މި ރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ގަރލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި، ޗީފް ކޮމިޝަނަރ ނިޢުމާތު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި، ފާޠިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ޙާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ 1998 ވަނަ އަހަރު "ޕްރެޒިޑެންޓްސް ބެޖް" ތަޢާރަފްކުރެވުނު ފަހުން ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގަރލްގައިޑަކު، މިބެޖް ހާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ. އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަޚުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގަރލްގައިޑް ހަރަކާތުގައި ދޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާޠިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ޙާސިލްކޮށްފައެވެ.