ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނެގުމުގެ ގައުމީ ހަރަކާތެއް ފަށައިފި އެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށް "ކުރަނގި" ނަމުގައި ހިންގާ އޮޕަރޭޝަން ފެށުމަށް ކ. ހިންމަފުށީގައި މިއަދު ބޭއްވި ރަސްްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނުކުންނަ އިޖުތިމާއީ މައްސަލަތައް ބޮޑުވެ، ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލައިގަނެ މި މައްސަލަ ހައްލުކުރުމުގެ ގައުމީ ހަރަކާތް މިއަދު ފެށީ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތަފްސީލް، މިއަދު މިފަށާ ގައުމީ ހަރަކާތުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"ފުރަތަމަ އެއް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯ އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ މިހާރު އެމީހުން މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ ކޮން ދިމާލެއްގައިތޯ އޭނާ މަސައްކަތް ކުރަނީ މި ހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް ނެގޭނެ،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ޖެހިގެން އަންނަ ދެ އަހަރު ތެރޭގައި ކުރާނެ މަސައްކަތަކީ އެއްވެސް ރަސްމީ ލިޔެކިއުމެއް ނެތް މީހުން ދެނެގަތުމުގެ މަސައްކަތް ކަމަށާއި މި މީހުންގެ ވެސް އިނގިލީގެ ނިޝާނާއި ފޮޓޯ ނެގާނެ ކަމަށެވެ. އަދި އެމީހުން މައުލޫމާތު އެއްވެސް އިރެއްގައި ޑާޓާ ބޭސްގައި ހިމެނިފައިވާނަމަ އެމީހާ ހޯދާނެ ކަމަށާއި އެހިސާބުން ވެސް އެމީހާ ނުހޯދިއްޖެއްނަމަ އެމީހާގެ ބަަހަށް ބަލައި އެމީހާގެ ގައުމެއްގެ އެމްބަސީއާ ގުޅިގެން އެމީހެއްގެ އަސްލު ޑޮކިއުމެންޓްތައް ހޯދައި އެމީހަކު އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ވަރަށް ގިނަ ލޭބަރުން ބޭނުންވާއިރު ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ އަންސްކިލްޑް ލޭބަރުން ރާއްޖޭގައި ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މިވަގުތުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ. މިވަގުތުގެ އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުން ދެނެގަނެފައި ކާކު ހުރީ ކޮންތާކުތޯ ކީއްކުރަނީތޯ އެމީހާ އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ މި ކަށަވަރުކުރުން،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
ބިދޭސީ މަސައްކަތްތެރިން ދެނެގަތުމަށް ސަރުކާރުން ކުރިިއަށްގެންދާ މި ގައުމީ ހަރަކާތް ރަށްރަށަށް ދިއުމުން އެ ރަށެއްގައި ތިބި ހުރިހާ ބިދޭސީ މަސައްކަތްތެރިން ގޮސް އެ މީހެއްގެ މައުލޫމާތު ސިސްޓަމުން ޗެކްކޮށްލުމަށް މިނިސްޓަރ އިހުސާން އެދިވަޑައިގަތެވެ.
މިއަދު މި ފަށާ އޮޕަރޭޝަންގެ ތެރެއިން ވެސް ވަގުތު އެމީހަކު ގަވާއިދުގެ ތެރެއަށް ގެނެވެން އޮތް ނަމަ އެމީހަކަށް ވަގުތުން ވާކްޕާމިޓް އިޝޫކޮށްދެެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"މާނައަކީ ފިލައިގެން އުޅޭ މީހަކު މިހާރު ބަދަލުވާން ބޭނުންވަނީ މިރަށުގައި އިން ފަރާތެއްގެ ނަން މައްޗަށް. ބަދަލުވާން ބޭނުންވެއްޖެ ދައުލަތަށް ދައްކަން ޖެހޭ ފައިސާއާ އެމީހާ އަދާކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައި ވަގުތުން އެމީހާއަށް ވާކްޕާމިޓް އިޝޫކޮށްދެވޭ ކަމުގައިވެއްޖެއްޔާ އެކަން މިއަދު ކުރާނަން،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ވިސްނުމަކީ މިނިސްޓްރީގެ ބިދޭސީންނާ ބެހޭ މެއިން ޑާޓާބޭސް މަދުވެރިކޮށް ކައުންސިލްތަކަށް އެކްސެސްދީ ރަށްރަށުގެ ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި ބިދޭސީނާ ބެހޭ މައުލޫމާތުތައް ބެލެހެއްޓުން ކަމަށެވެ.



advertisment