Support Us

ރައްޔިތު މުޙައްމަދުގެ 3 ސުވާލުގެ މާސްޓަރ ޕްލޭން

ފުރަތަމަ ސުވާލު: "ހަލޯ ކޮންތާކު؟"

މީ އެންމެ ގިނައިން މީހުން ގުޅާފަ އަހާ ސުވާލެވެ. މި ސުވާލު އަޅުގަނޑުމެންގެ ލޮބުވެތި ގައުމާ މިއަދު ކޮށްފިނަމަ ލިބޭނީ ކޮން ޖަވާބެއްތޯ އެވެ؟ އަޅުގަނޑުމެން މިތިބީ ކޮންތާކުތޯއެވެ؟ ތަރައްގީ އާއި ތަމައްދުންގެ ހަރުފަތުން އެރިފައި ހުރީ ކިހާ ހިސާބަކަށްތޯ އެވެ؟ ގައުމު މިއޮތީ ރައްޔިތުން ބޭނުންވާ ކުލަ ޖައްސާލެވިފައިވާ ހިތްގައިމު ބަގީޗާ އަކަށް ވެފައިތޯއެވެ؟ ރައްޔިތުން ހޭބޯނާރާ ކުރާ ބުރަ މަސައްކަތުގެ ހެއުއަގު ލިބޭތޯ، ނުވަތަ އެދެވޭ ބަދަލު މިގައުމަށް އަތުވެއްޖެތޯ އެވެ؟ މިލޮބުވެތި ގައުމަށްޓަކައި ކާބަފައިން އެބައިމީހުންގެ ލެއާއި ފުރާނައިން ގުރުބާންވެގެން ހިލްމާއި ހުނަރާ އަދި ހިތްވަރުން ދަމަހައްޓަމުން އައި މިނިވަންކަން މިއަދު އޮތީ ކޮން ޙާލެއްގައިތޯއެވެ؟ ރައްޔިތުން ގައުމަށް އަދާކޮށްދޭންޖެހޭ ޒިންމާތައް އަދާކުރޭތޯއެވެ؟

ގައުމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ހިމާޔަތާއި، ރައްކާތެރިކަމާއި، ހިތްހަމަޖެހުމާ އަދި އަމާންކަން ލިބިދެވޭތޯ އެވެ؟ އަމިއްލަ، ފުރިހަމަ، އަދި މުސްތަޤިއްލު މިނިވަން ގައުމަކަށް މިރާއްޖެ 1965 ގައި ވީއްސުރެ މިހާތަނަށް އާދެވިފައި މިތިބީ ރައްޔިތުންނަށް ކުރިއެރުމާއި ދިރިއުޅުމަށް ލުއިފަސޭހަތައް ލިބިދެވޭ ހިސާބެއްގައިތޯއެވެ؟ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި މިލޮބުވެތި ގައުމު ވޭތުކުރި 55 އަހަރު ދަމަހައްޓަމުން އައި މުސްތަޤިއްލުކަން ހަމަ އެގޮތުގައި، ނޫނީ އިތުރަށް ފުރިހަމަ ކުރެވި ވަރުގަދަ ކުރެވިފައި އޮތް ތަނަކަށް މިގައުމުވޭތޯއެވެ؟

މިރާއްޖެއާ އެކުއެކީ ކަހަލަ ގޮތަކަށް މިނިވަންކަން ހޯދި، މިރާއްޖެއަށްވުރެ ވަސީލަތްތައް މަދު ގައުމުތަކެއް ވަނީ ތަރައްގީގެ މަގުގައި ގިނަ ހަރުފަތްތަކެއް ގިރާކޮށް އެތައް އުސްމިންތަކަކަށް ވާސިލްވެފައެވެ. މިރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކާއި ވެރިންގެ ހިކުމަތާއި ހިންގުންތެރިކަމުން މިރާއްޖެއަށް މިއަދު އާދެވިފައި މިވަނީ އެންމެ އެކަށޭނަ ހިސާބަކަށްތޯއެވެ؟ އިޖްތިމާއީ ފޭރާން ވީދި ކުދިކުދިވެފައި ވަނީ ކޮންބައެއްގެ އިހުމާލުންތޯއެވެ؟ ނުބައިވެގެން ނުކޮށް ދޫކޮށްލާނެ ނުބައިކަމެއް ނެތެވެ. ބިރުފަހަނައަޅާ ދާން ގޮވާ ވެރިންގެ ބަސް މާބޮޑަށްވެސް ވިކެނީ ތޯއެވެ؟ މިނިވަންކަމުގެ ވިންދު މިގައުމުގައި މިހާރު ޖަހާތޯއެވެ؟ ހިތްހެޔޮ އުފާވެރި ބަޔަކު އުޅޭ އަމާން، ހިތްގައިމު މަންޒިލަކަށް މިގައުމު މިހާރު ވޭތޯއެވެ؟ އިތުރަށް ޣަރަގުވެ މުޅިއޮޑި ނުފެތެނީސް ސަލާމަތުގެ އައްސޭރިއަކަށް މިގައުމު މިސްރާބު އަމާޒުކޮށްލާކަށް ނުވޭތޯއެވެ؟ ޒާތީ ތަޢައްސުބުން އެއްކިބާވެ ސިނކުޑިތައް ހުޅުވާލައިގެން މިހާރު މިއޮތް ޙާލަތު، އިލްމީ ފެންވަރެއްގައި ދިރާސާކޮށް ހޯދުންތައް ހޯދާ މިތިބި ހިސާބެއް ތަފްސީލީ ގޮތެއްގައި ދެނެގަންނާން އެބަޖެހޭނޫންތޯއެވެ؟

"ހަލޯ ކޮންތާކު؟" މި ސުވާލު އެންމެހާ ރައްޔިތުން ގައުމަށް އަމާޒުކޮށްލާށެވެ.

ދެވަނަ ސުވާލު: "ކޮންތާކަށްދަނީ؟"

ކޮންމެ މީހަކުވެސް ދާން ބޭނުންވާ މަންޒިލްތަކެއް ހުންނާނެއެވެ. ހަގީގަތަކަށް ހަދަން ބޭނުންވާ ހުވަފެންތަކެއް ހުންނާނެއެވެ. ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ވާނެއެވެ. ގައުމެއްގެ ގޮތުގައި މިގައުމު އޮންނާވީ ގޮތް ހަމަ ކޮންމެ ރައްޔިތަކުވެސް ތަސައްވުރު ކޮށްލުމީ ކުރާންޖެހޭނެ ކަމެކެވެ. ގައުމާ ދޭތެރޭ ވިސްނާ ފިކުރުކޮށް ހެޔޮ ގޮތްތައް ވުމަށް އެދި ދުޢާ ކުރާ ބީދައިން ދެކެން ބޭނުންވާ ކުލަތައް ޖެއްސުމަށްޓަކައި ގަދައަޅާ، ރޭވުންތެރިކަމާއެކު މަސައްކަތް ވެސް ކުރަންޖެހޭނެއެވެ.

ޒަމާނީ ތަރައްގީ އާއި އުފާފާގަތިކަން ހާސިލްކޮށް، ފަޚުރުވެރިކަމާ އަދި އަމާންކަމާއެކު ރައްޔިތުން އުޅޭ ގައުމަކަށް މިގައުމު ވާން އެންމެހާ ދިވެހީން ބޭނުންވާނެއެވެ. ދެކެން ބޭނުންވާ ހުވަފެންތަކުގައި ޖައްސަން ބޭނުންވާ ކުލަތަކަކީ ކޮބައިކަން، އުޅެން ބޭނުންވާ މާޙައުލު އޮންނާންވީ ކިހިނެތްކަން އަދި ލިބިދޭން ބެނުންވާ ލުއިފަސޭހަ ތަކަކީ ކޮބައިކަން އެނގި ސާފުވާން ޖެހެއެވެ. ޙާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލް ކުރެވޭނީ ފުރަތަމަ ކަމަކަށް އެ ލަނޑުދަނޑި ތަކަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގި ސާފުވެގެންނެވެ. ދެވޭތަނެއް ދާން ބޭނުންވާ ތަނެއް އެނގޭތޯއެވެ؟ ޙާސިލްކުރަން ބެނުންވާ ކުރު ރާސްތާގެ ލަނޑު ދަނޑިތަކަކީ ކޮބައިތޯއެވެ؟ ދުރު ރާސްތާގެ ލަނޑު ލަނޑިތަކަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ދެކެންބޭނުންވާ ރާއްޖެ އޮންނަން ފެންނަނީ ކޮންގޮތަކަށް ތޯއެވެ؟ އަޅުގަނޑުމެން އުޅެން ބޭނުންވަނީ ކޮން ކަހަލަ މާޙައުލެއްގައިތޯއެވެ؟ އަޅުގަނޑުމެނަށް މިދެވެނީ އެދިމާލަށްތޯއެވެ؟ އަޅުގަނޑުމެން ބޭނުންވާ ކަހަލަ މާޙައުލެއް ބިނާ އެބަކުރެވޭތޯއެވެ؟ އަޅުގަނޑުމެންގެ މަސައްކަތްތައް އަމާޒުވެފައި ހުރީ އެމިސްރާބަށްތޯއެވެ؟

"ހަލޯ ކޮންތާކަށް ދަނީ؟" މިސުވާލު އެންމެހާ ރައްޔިތުން ގައުމަށް އަމާޒުކޮށް ކޮށްލާށެވެ.

ތިން ވަނަ ސުވާލު: "އެތަނަށް ދާނީ ކިހިނެތް؟"

ކުރީ ޒަމާނުގައި މާލެދާން ކެލަޔަށްދާ ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ. ތިމާ ހުރިތަނުން އަނެއްތާކަށް ދާން ބަލާއިރު ދާން ބޭނުންވާ ތަނަށް ދެވޭނެ އެތައް ގޮތެއް އަދި އެތައް މަގުތަކެއް ހުންނާނެއެވެ. މާފަންނުން ހެންވޭރަށް ނުވަތަ ހެންވޭރުން މާފަންނަށް ދެވޭނެ އެތައް މަގުތަކެއް އެތައް ގޮތްތަކެއް ހުންނަ ބީދައިންނެވެ. އަޅުގަނޑުމެން ތިބި ހިސާބު އެނގިފައި ދާންބޭނުންވާ ހިސާބު އެނގުމުން ދެން ޖެހޭނީ އެ ހިސާބަކަށް ދެވެންހުރި ގޮތްތަކާއި، މަގުތައް ރަނގަޅަށް ދެނެގަނެ މިސްރާބު ސީދާ ކުރާށެވެ. ޙާސިލްކުރަން ބޭނުންވާ އެންމެ މުހިންމު ލަނޑުދަނޑިތަކަށް ނުވަތަ މަންޒިލްތަކަށް ދެވެންހުރި ރާސްތާތަކާއި އެރާސްތަކުގައި ހުރި ހުރަސްތަކާއި، ގޮންޖެހުންތައް ރަނގަޅަށް ދިރާސާކުރެވި ދެނެގަންނަން ޖެހެއެވެ. ފެންނަން ހުރި ގޮންޖެހުންތަކާއި، އަތުވެދާނެ ކަމަށް އަންދާޒާކުރެވޭ ހުރަސްތައް ކަޑައްތު ކުރާނެ ވަސީލަތްތަކާއި ހިލްމާއި ހުނަރާއި ބުންވަރާއި ފަންވަރު އަދި ހަކަތަ ހުރި ރައްޔިތެއް ބިނާ ކުރަންޖެހެއެވެ.

ފުރަތަމަ ދެސުވާލަށް ލިބޭ ޖަވާބުތަކުން އަހަރަމެން ތިބި ހިސާބާއި ދާންބޭނުންވާ ހިސާބު ވަރަށް ސާފުކޮށް ދެނެގަނެވޭނެއެވެ. ދެން އޮތީ ދާން ބޭނުންވާ ތަނަށް ދާނެ މަގުތައް ހޯދައި އެދަތުރުކުރާނެ އެންމެހާ ވަސީލަތްތައް ހޯދާ އެދަތުރު ކުރުމެވެ. އެހެންކަމުން ޙާސިލް ކުރާން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލް ކުރާނެ ގޮތްތަކުގެ އަމަލީ މަގުޗާޓެއް ހަދަންވީއެވެ.

މި މަގުޗާޓުގައި ކުރު ރާސްތާގައި އަރާހަމަކުރާނެ ލަނޑުދަނޑިތަކާއި ގޮތްތަކާއި މުއްދަތުތައް އަންދާޒާ ކުރެވިފައި ވާންވާނެއެވެ. ދުރުރާސްތާގައި އަތުޖައްސަން އަޒުމު ކަނޑައެޅި މަންޒިލްތަކަށް ވާސިލްވާނެ ގޮތްތައް ކަނޑައެޅި އެގެންވީއެވެ. އަޅުގަނޑުމެންގެ ގައުމުގެ އަމާޒު ހިފާފަހުރީ ރަނގަޅު މިސްރާބަށްތޯއެވެ؟ ދާން ބޭނުންވާ މަންޒިލަށް ވާސިލްވެވޭނެތޯއެވެ؟ އަޅުގަނޑުމެންގެ ސިޔާސަތާއި މަސައްކަތް އަމާޒު ހިފާފަ ހުރީ މިދެކެން ބޭނުންވާ ނުވަތަ ޙާސިލްކުރަން ބޭނުންވާ ކަންކަން ޙާސިލް ކުރެވިދާނެ ގޮތަކަށްތޯއެވެ؟

ގައުމުގެ ހުންގާނުގައި ހުރީ މިގައުމު އެދޭ އުފާވެރި މަންޒިލަށް އަމާންކަމާއެކީ ގެންގޮސްދެވިދާނެ ކައްޕިތާނެއްތޯއެވެ؟

މިސުވާލު އެންމެހާ ރައްޔިތުން ހިތާހިތާ ކޮށްލާށެވެ.