...

Support Us

ކޮލަމް ކޯދު: ވޭނާއި ހިތާމައާ ކުރިމަތިލާން ޖެހުމުގެ މައްސަލައިގެ މައްޗަށް ނަޒަރެއް

ވޭނާއި ހިތާމައާ އިންސާނުން ކުރިމަތިލުމުގެ މައްސަލައަކީ، އޭގެ މައްޗަށް ނަޒަރު ހިންގައި އެއްޗެއް ބުނުން ފަސޭހަ މައްސަލައެއް ނޫނެވެ. ސަބަބަކީ ވޭނާއި ހިތާމަ އަޅާ މީހާގެ އިހުސާސުތަކަކީ އެކަމުގެ ތަޖުރިބާ ކުރަން ނުޖެހޭ މީހާއަށް ފަސޭހައިން ދެނެގަނެވޭނޭ ކަމަކަށް ނުވާތީއެވެ. މިސާލަކަށް، އެ ބައްޔަށް އެއްވެސް ޝިފާއެއް އަދި ނެތް ބައްޔެއް ތަހައްމުލު ކުރަމުންދާ ބަލި މީހާއެވެ. އަދު، އެ ބަލީގައި އެ މީހަކު ދުނިޔެ ދޫކޮށް ދިޔުމުން، އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހި ރަހުމަތްތެރިން އުފުލާ ވޭނާއި ހިތާމައެވެ. މި ކަންކަމަކީ މިކަންކަން މެދުވެރިކުރުވާ ވޭނާއި ހިތާމަ އެކަމުގެ ތަޖުރިބާ ކުރަން ނުޖެހޭ މީހަކަށް ދެނެގަތުން ފަސޭހަ ކަމެއް ނޫނެވެ.

މި މައްސަލަ، އާދެ، ތިއޯޑިސީ ނުވަތަ ނުބައި ނުރަނގަޅު ކަންކަމާ އިންސާނުން ކުރިމަތި ލުމުގެ މައްސަލައަކީ ދީންތަކުގެ އަހުލުވެރިންނާއި އަދި ދީން ގަބޫލު ނުކުރާ މީހުންގެ މެދުގައި ވެސް ވާހަކަ ދެކެވޭ މައްސަލައެކެވެ. ދީންތަކުގެ އަހުލުވެރިން މި މައްސަލައާ ބެހޭ ގޮތުން ބަހުސްކުރާއިރު، އެމީހުންގެ މަގުސަދަކަށް ވެފައި އޮންނަނީ މި މައްސަލައާ ގުޅޭ ބާވަތްތަކާއި އަދި، އެފަދަ ކަންކަން ކުރިމަތިވުމުން، އެކަން އުފުލައި ބަރުދާސްކުރުމަށް އެހީވެދިނުމުގެ ގޮތުން ވާހަކަ ދެއްކުމެވެ. ދީން ގަބޫލު ނުކުރާ މީހުން، މި މައްސަލަ ނަގައިގެން ދެއްކުމުގެ މަގުސަދަކަށް ވެފައި އޮންނަނީ ދީނީ އިއުތިގާދުތަކުގެ އަސާސުކަމުގައިވާ ކަލަކުވޮޑިގެންވުން ނަފީކުރުމަށެވެ. އެ މީހުންގެ މި ވާހަކަ ބިނާވަނީ، އޯގާވެރިވަންތަ ކަލަކު، ވޭނާއި ހިތާމަތަކާ އިންސާނުން ކުރިމަތިލުން މެދުވެރި ނުކުރައްވާނޭކަމުގެ މައްޗަށެވެ.

މި ލިޔުމުގައި އަޅުގަނޑުގެ އަމާޒަކީ ތިއޯޑިސީ ނުވަތަ ނުބައި ނުރަނގަޅު ކަންކަމާ އިންސާނުން ކުރިމަތިލާން ޖެހޭ ޖެހުމުގައި މި ނަންގަތް ދެފާރާތުގެ ވާހަކަތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލާލުމެއް ނޫނެވެ. ނަމަވެސް، ކުރު ގޮތެއްގައި، ވޭނާއި ހިތާމަތައް ފަދަ ނުބައި ނުރަނގަޅު ކަންކަމާ ކުރިމަތިލާން ޖެހުމުން، އެކަން ތަހައްމުލުކޮށް ބަރުދާސްތުކުރަމަށް އެހީވެދިނުމުގެ ގޮތުން އެއްޗެއް ބުނުމެވެ. މިވާހަކަކޮޅު ފަށަން ގަސްދުކުރަނީ ތިއޯޑިސީ ނުވަތަ ނުބައި ނުރަނގަޅު ކަންކަމުގެ ބާވަތްތަކުގެ މައްޗަށް އެއްޗެއް ބުނަމުންނެވެ.

ތިއޯޑިސީ ނުވަތަ ނުބައި ނުރަނގަޅު ކަންކަން މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބަހާލެވެއެވެ. ގުދުރަތީ ނުވަތަ ތަބީއަތުގެ ނުބައި ނުރަނގަޅު ކަންކަމާއި އަޚުލާގީ ނުބައި ނުރަނގަޅު ކަންކަމެވެ. މީގެ ތެރެއިން ފުރަތަމަ ބައިގައި ހިމެނެނީ އެކަންކަމުގައި އިންސާނީ އަތެއް ބާރެއް ނުވާ ކަންކަމެވެ. ބިންހެލުމާއި ތޫފާނާއި ސުނާމީތަކާއި މަރު ފަދަ ތަބީއީ ކާރިސާތަކެވެ. ދެވަނަ ބައިގައި ހިމެނެނީ އިންސާނުން މެދުވެރިކުރުވާ ނުބައި ނުރަނގަޅު ކަންކަމެވެ. މިސާލަކަށް، މީހުން މެރުމާއި ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގުމާއި އަނިޔާވެރިވުން ފަދަ އަޚުލާގީ ނުބައި ނުރަނގަޅު ކަންކަމެވެ. މިލިޔުމުގައި އެއްޗެއް ބުނެވޭތޯ ބަލާލަން ގަސްދުކުރަނީ ބައެއް ކަހަލަ ގުދުރަތުގެ ޝައްރު، ނުވަތަ ތަބީއަތް ކުރިމަތިކުރުވާ ބައެއް ކަހަލަ ވޭނާއި ހިތާމަވެރި ހާދިސާތައް ތަހައްމުލު ކުރުމުގެ މައްޗަށެވެ.

މި ނަންގަތް ތަބީއަތް ކުރިމަތިކުރުވާ ވޭނާއި ހިތާމައެއްގެ މިސާލެއްގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ގާތް ތިމާގެ މީހަކު ނިޔާވުމުގެ މައްސަލައެވެ. މިކަމުގެ މައްޗަށް ބަލާލާއިރު އެންމެ ފުރަތަމައިން ވެސް ބުނަން ޖެހެނީ މިއީ ތަހައްމުލުކުރަން ވަރަށް ވެސް އުނދަގޫ ކަމެއް ކަމެވެ. މިފަދަ ކަންކަމާ ކޮންމެ ދުވަހަކު މުއާމަލާތް ކުރައްވަން ޖެހޭ ބޭކަލަކު ބުނުއްވާ ގޮތުގައި މިކަމަކީ މިފަދަ ކަމެއް ތަހައްމުލު ކުރަމުންދާ މީހެއްގެ ހިތަށް ދެވޭނޭ އެންމެ ބޮޑު އަނިޔާ ކަމެވެ. އެހެންވީމާ، މިއީ އެކަން ތަހައްމުލުކޮށް ބަރުދާސްތުކުރަން ވަރަށް ވެސް އުނދަގޫ ކަމެއްކަން ފާހަގަކުރަންޖެހެއެވެ. އާދެ، ގާތް ތިމާގެ މީހަކު ވަކިވުމުން، އޭނާގެ އާއިލާގެ މީހުން ތަހައްމުލުކޮށް ބަރުދާސްތުކުރަން ޖެހެނީ ހިތަށް ވަރަށް ވެސް ހިތި އަސަރުތަކެއް ކުރާ އަނިޔާވެރި ހާލަތެކެވެ.

ދެން، އެންމެ ފުރަތަމަ ކޮށްލަން ޖެހޭ ސުއާލަކީ މިފަދަ ހިތަށް ތަދުކުރާ، ތަހައްމުލު ކުރަން ނުލާހިކު އުނދަގޫ ގޮތްތައް ދުނިޔެ މަތީ މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި، އިސްލާމީ ނަޒަރަކުން ބަލާލާ ނަމަ، ބުނަންޖެހެނީ އެއީ އިލާހީ އިމްތިހާނެއް ކަމެވެ. އަލްޢަންކަބޫތު ސޫރަތުގެ ދެ ވަނަ އާޔަތުގައި އައިސްފައި ވެއެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ (ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެމީހުން އިމްތިހާނުކޮށް ނުލައި ދޫކޮށްލެވޭނޭ ކަމަށް އެމީހުން ހީކުރަނީ ހެއްޔެވެ؟) އާދެ، މާތްﷲ ވޮޑިގެންވާކަމަށް، މީހަކު ދުލު ކުރިން ބުނެލުމުން، އެ ބުނާ ބުނުމުގެ ތެދު ދޮގު އެމީހަކަށް ހާމަކޮށްލަ ދިނުމަށްޓަކައި، އެމީހާ އިމްތިހާނު ކުރެވޭނެ ވާހަކަ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. ދެން، ކުރަން ޖެހޭ ސުއާލަކީ އެފަދަ މުއުމިނާ އިމްތިހާނު ކުރެވެނީ ކިހިނެއް ހެއްޔެވެ؟ މި ސުއާލެވެ. މި ސުއާލުގެ ޖަވާބު ވެސް ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައި ވެއެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ. ކަލޭމެން އިމްތިހާނު ކުރެއްވުމުގެ ގޮތުން، ނުބައި ގޮތްގޮތާއި ހެޔޮ ގޮތް ގޮތް މެދުވެރި ކުރައްވައި، ކަލޭމެންގެ ގޮތް ބެއްލަވުމަށްޓަކައި ތިމަންﷲ ކަލޭމެން އިމްތިހާނު ކުރައްވަމެވެ. އަދި، އެއަށްފަހު ތިޔަބައި މީހުން އެނބުރި ދާހުށީ ތިމަން ﷲގެ ހަޟުރަތަށެވެ. އާދެ، މީސްތަކުން އިމްތިހާނު ކުރެވެނީ މައިގަނޑު ދެ ގޮތެއް މެދުވެރި ކުރެވިގެންނެވެ. ފުރިހަމަ ސިއްހަތާއި ތިޔާގިކަން ފަދަ ހެޔޮ ގޮތް ގޮތާއި ބަލިމަޑުކަމާއި ފަގީރުކަން ފަދަ ނުބައި ގޮތް ގޮތް މެދުވެރި ކުރައްވައެވެ. ފުރަތަމަ ގޮތް މެދުވެރިވުމުން، އަހަރުމެންގެ ކިބައިން ފެނިގެންދާން ޖެހޭ އެންމެ އެދެވޭ ސިފައަކީ ޝުކުރުވެރިވުމުގެ ސިފައެވެ. ދެވަނަ ގޮތް މެދުވެރިވުމުން، އަހަރުމެންގެ ކިބައިން ފެނިގެންދާ ޖެހޭ އެންމެ އެދެވޭ ސިފައަކީ ކެތްތެރިކަމުގެ ސިފައެވެ.

މާތްﷲގެ އަޅުތަކުން ނުބައި ގޮތްގޮތް މެދުވެރިކުރައްވައި އިމްތިހާނު ކުރެވޭ ގޮތުގެ ވާހަކަ އިތުރަށް ވެސް ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވެއެވެ. ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައެވެ. އާދެ، ولنبلونكم بشيء من الخوف والجوع ونقص ‏من الأموال والأنفس والثمرات وبشر الصابرين މި އާޔަތުގައެވެ. މާނައަކީ (ހަނގުރާމައިގެ) ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމާއި މުދާވެރިކަމުގެ ތެރެއިންނާއި ފުރާނަތަކުގެ ތެރެއިންނާއި ގޮވާމާއި މޭވާގެ ތެރެއިން އުނިކަން ލިބުމާއި މިކަންކަމުގެ ތެރެއިން ބައެއް ކަންތައް މެދުވެރިކުރައްވައި ތިމަﷲ ތިޔަބައި މީހުން އިމްތިހާނު ކުރައްވައި (ތިޔަބައި މީހުންގެ ކެތްތެރިކަން ހުރި ގޮތެއް ބައްލަވާ) ހުށީމެވެ. އަދި، ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!. މިއެވެ. ހަމަ މިއާޔަތާ ވިދިގެން، އެ ފަދަ އިމްތިހާނުތައް ކުރެވޭ ވަގުތުތަކުގައި ކެތްތެރިވުމުގެ ސަބަބުން އެމީހުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވަން އޮތް މީހުންގެ ވާހަކަ ވެސް ބަޔާން ކުރެވިފައި އޮވެއެވެ. އާދެ، الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ* أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ މި ދެ އާޔަތުގައެވެ. މާނައަކީ 'އެ މީހުންނަކީ އެމީހުންނަށް މުސީބާތެއް، ދަތިކަމެއް، ޖެހިއްޖެ ނަމަ، ތިމަންމެންގެ ހުރިހާ ކަމެއް ވެސް މިލްކުވެ ވޮޑިގެންވަނީ މާތްﷲއޭ އަދި، ތިމަންމެން އެނބުރިދާނީ މާތްﷲގެ ހަޟުރަތަށޭ ބުނާ މީހުންނެވެ. އެމީހުންނަކީ އެ މީހުންގެ މައްޗަށް، އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި ރަހުމަތް ލެއްވިގެންވާ މީހުންނެވެ. އަދި، ތެދުމުގު ލިބިގެންވާ މީހުންނަކީ ވެސް ހަމަކަށްވަރުން، އެބައި މީހުންނެވެ.' މިއެވެ.

އާދެ، ވޭނާއި ހިތާމަތައް އިންސާނާއަ ކުރިމަތި ވަނީ އޭނާ އިމްތިހާނު ކުރެއްވުމުގެ ގޮތުންނެވެ. އެކަމަށް ކެތްތެރިވެ ހުރޭތޯ އޭނާގެ އަމިއްލަ ނަފްސަށް ދައްކައި އޭނާގެ ނަފްސުގެ ބަލިކަށިކަން ނުވަތަ ވަރުގަދަކަން އަންގައި ދިނުމަށެވެ. އޭނާގެ ރޫހާނިއްޔަތު އިތުރަށް ކުރިއަރައި ދިޔުމަށްޓަކައެވެ.

އާދެ، ވޭނާއި ހިތާމަތައް ކުރިމަތިވަނީ އިންސާނާ އިމްތިހާނުކޮށް، އޭނާގެ ނަފްސު ވަރުގަދަކޮށް އޭނާގެ ރޫހާނިއްޔަތުގެ ބައި ކުރިއަރުވާށޭ ބުނެލުމަކީ ދާދި ފަސޭހަ ވާހަކައެކެވެ. މިކަމާ ކީރިތި ގުރުއާނު ވެސް އެއްބަސްވާ ކަހަލައެވެ. އެހެންވެ، ވޭނާއި ހިތާމައިގެ ކަންކަން ކުރިމަތިވުމުން އީމާންތެރިކަމުގެ އަހުލުވެރިން އަމަލީ ގޮތުން ކެތްތެރިވި ކަމުގެ ބައެއް މިސާލުތައް ވެސް ކީރިތި ގުރުއާނުގައި ގެނެވިފައި ވެއެވެ. މިސާލަކަށް އައްޔޫބުގެފާނުގެ ވާހަކައެވެ. އެކަލޭގެފާނަށް ހަމުގެ ނުލާހިކު ބޮޑު ބައްޔެއް ޖެހުމުން އެކަމާ ކެތްތެރިވެ ވަޑައިގަތް ގޮތުގެ ވާހަކައެވެ. އެ ބަލީގެ ސަބަބުން، އެކަލޭގެފާނުންގެ މުޅި ހަށިކޮޅުން ނުބައި ވަސް ދުވައި އެއްވެސް މީހަކަށް އެކަލޭގެފާނާ ގާތްވުން އުނދަގޫ ވިއެވެ. ނަމަވެސް، މިހާލުކޮޅުގައި ވެސް އެކަލޭގެފާނު ރިވެތި ގޮތުގައި ކެތްކުރެއްވިއެވެ. އައްޔޫބުގެފާނުންގެ އިތުރުން، ޔޫސުފުގެފާނުގެ ވާހަކަ ވެސް، ވޭނީ ހިތާމަތައް ކުރިމަތިވުމުން، ކެތްތެރިވެ ވަޑައިގެން ކެތްތެރީންގެ ވާހަކައިގެ ތެރޭގައި ގެނެވިފައި ވެއެވެ. އެކަލޭގެފާނަށް އެކަލޭގެފާނުންގެ އަޚުންގެ ހަސައިދައިގެ ނުބައިކަން ތަހައްމުލު ކުރައްވަން ޖެހިވަޑައި ގަތެވެ. މީގެ އިތުރުން، ފުން ވަޅެއްގެ ތެރެއަށް އެއްލާލެވުމާއި، އަޅެއްގެ ގޮތުގައި ވިއްކާލެވުމާއި ޒިނޭގެ ތުހުމަތު އިސްތަށިފުޅުގައި އެޅުވި، ޖަލަށް ވެސް ލެވުން ހިމެނެއެވެ. ނަމަވެސް، މި ފަދަ ބޭކަލުން މި ހުރިހާ ވޭނީ ހިތާމަތަކަށް ކެތްތެރިވެވަޑައިގެން، އެންމެ ފަހުން، އެކަމުގެ ހެޔޮ ޖަޒާ އެބޭކަލުންނަށް ލިބިވަޑައިގަތެވެ.

ދެން ކޮށްލަން ޖެހޭ ސުއާލަކީ، ވޭނީ ހިތާމައިގެ ކަޅު އަނދިރިކަމުގެ ތެރޭގައި އުޅޭ އިރު، އަލީގެ ތެރެއަށް ނިކުމެވެންދެން، ކެތްތެރިވެ ހުރުމަށް އެހީވެދޭނެ ކަންކަމަކީ ކޮބައި ހެއްޔެވެ؟ މި ގޮތުން ދެ ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ ކަމަކީ އިމާންތެރިކަމެވެ. ތިމާއަކީ މާތްﷲ ވޮޑިގެންވާ ކަމަށް އީމާންވޭ މީހެއްކަން ހަނދާންކުރުމެވެ. އަދި، މާތްﷲ މަތިން ހަނދުމަކޮށް، ތިމާގެ އީމާންކަން އިތުރުވެ، ވަރުގަދަކުރުމެވެ. މިކަންކަމަށް އެހީތެރިވެދޭނޭ ކިޔުންތައް ކިޔުމެވެ. އެކަމާ ބެހޭ އިލްމީ ވާހަކަތައް އަޑުއެހުމެވެ.

ތިމާގެ އީމާންކަމަކީ، ޝައްކެއްނެތް ގޮތުގައި، ތިމާއާ ކުރިމަތިވާ ދަތިތަކާއި ހިތާމަތައް އުފުލައި އެކަމުން އަރައިގަތުމަށް އެހިވެދޭނޭ ކަމެކެވެ. މިކަމުގެ ދެ މިސާލެއްގެ ވާހަކަ ލިޔެލާނަމެވެ. އެއް ވާހަކައަކީ ކިރިތި ރަސޫލާގެ ސިޔަރަތުން ނެގިފައިވާ ވާހަކައެކެވެ. އެކަލޭގެފާނުގެ ހަޔާތުގެ އެންމެ މުހިއްމު ދެ ބޭފުޅުން ކަމުގައިވާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ތާލިބާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން އެކަލޭފެފާނު ވަރަށް ބޮޑަށް ހިތާމަފުޅުކުރެއްވިއެވެ. އަބޫ ތާލިބުގެފާނަކީ އެކަލޭގެފާނަށް ސިޔާސީ ހިމާޔަތް ދެއްވި ކަލޭގެފާނެވެ. އެކަމުގެ ސަބަބުން، އެކަލޭގެފާނުގެ ރިސާލަތާ އިދިކޮޅުވެގަތް ގުރައިޝުންނަށް އެކަލޭގެފާނަށް އެއްވެސް އުނދަގުލެއް ކުރެވޭ ގޮތެއް ނުވިއެވެ. ޚަދީޖަތުގެފާނަކީ އެކަލޭގެފާނަށް މައުނަވީ އަދި މާއްދީ އެހީތެރިކަން ފޯރުކޮށްދެއްވައި އެކަލޭގެފާނުންގެ އިސްލާމީ ދައުވަތުގެ މަސައްކަތްކުރެއްވުމަށް ހުސްވެވަޑައިތުމަށް ފުރުސަތު ލިބިވަޑައިގަތެވެ. މި ދެ ބޭފުޅުން ވެސް ދައުވަތުގެ ދިހަވަނަ އަހަރުގައި، އަވަހާރަވުމުން، އެކަލޭގެފާނު ވަރަށް ބޮޑަށް ދެރަފުޅުވެވަޑައިގެން ހިތާމަފުޅުކުރެއްވިއެވެ. އަދި އެ އަހަރުވެގެން ދިޔައީ 'ހިތާމައިގެ އަހަރު' ކަމުގައެވެ. ކީރިތި ގުރުއާނުގެ ޔޫސުފު ސޫރަތް ބާވާލެއްވުނީ އެކަލޭގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މިހިތާމައިގެ ސަބަބުން ކަމުގައި ބުނެވެއެވެ. އެ ސޫރަތުގައި ޔޫސުފުގެފާނު ކުރިމަތިލައްވަން ޖެހިވަޑައިގެން ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް ބަޔާންކުރައްވައި، އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެން ގޮތަށް ކެތްތެރިވެރ ވަޑައިގަތުމަށް، ނުސީދާ ގޮތެއްގައި އިޝާރަތް ކުރެވިފައިވެއެވެ. އަދި، އެ ފަދައިން ކެތްތެރިވެވަޑައިގަތުމުން، ޔޫސުފުގެފާނަށް ވެސް ސަލާމަތުގެ މަގު މާތް މެދުވެރިކުރެއްވި ފަދައިން، އެކަލޭގެފާނަށް ވެސް ސަލާމަތުގެ މަގު މެދުވެރިކުރައްވާނެ ކަމުގެ އިޝާރަތްދެއްވިފައި ވެއެވެ. އާދެ، އާޚިރުގައި، ތިމާގެ އީމާންކަން މަތީ ސާބިތުވެ ހުރެއްޖެ ނަމަ، ތިމާގެ ހިތާމަތައް ތަހައްމުލުކުރުމަށް މައުނަވީ ބާރަކަށް އެކަން ވެގެން ދެއެވެ.

ދެވަނަ މިސާލަކީ އަރަބި މުޚަޟްރަމީ ޝާއިރާއެއް ކަމުގައިވާ ޚަންސާގެ ވާހަކައެވެ. މުޚަޟްރަމީންނަކީ ޖާހިލީ ޒަމާނާއި އަދި އިސްލާމީ ޒަމާނުގައި ވެސް ދިރިއުޅުނު މީހުންނެވެ. ޖާހިލީ ޒަމާނުގައި ޚަންސާގެ ދެ އަޚުން ކަމުގައިވާ މުއާވިޔަތާއި ޞަޚްރު މަރުވިއެވެ. އެކަމަކީ ޚަންސާއަށް ހިތާމައިގެ ވަރަށް ވެސް ފުން އަސަރެއް ކުރުވިކަމެކެވެ. އަދި އެކަމަށް ކެތްނުވެ، ސަތޭކައެއްހާ ޅެން އެކަމުގެ ހިތާމައިގައި ހެއްދެވިއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ޅެން ފެށިފައިވަނީ މިހެންނެވެ.

أ عيني جودا فلا تجمدا الا تبكيان لصخر الندى

(އޭ އަހަރެންގެ ދެ ލޮލާއެވެ! ކަލޭމެން ދީލަތި ކަމާއެކު، ހުއްޓާނުލައި (ކަރުނަ އޮހޮރާށެވެ!) އަޅެ ކަލޭމެން ދީލަތި ޞަޚްރުގެ މައްޗަށް ނުރޮއި ހުންނާނަން ހެއްޔެވެ؟)

ދެން، އަރަބިކަރައިން އިސްލާމް ދީން ފާޅުވެ، ޚަންސާއާއި އޭނާގެ ދަރިދަރިކަލުން ވެސް އިސްލާންވެވަޑައިގަތެވެ. އެއަށް ފަހު، އޭނާގެ ހަތަރު ފިރިހެން ބޭފުޅުން ގާދިސިއްޔަ ހަނގުރާމައިގައި ޝަހީދުވިއެވެ. ދެން، މި ޚަބަރު ޚަންސާއަށް ގެނެސް ދިނުމުން، އެކަމަނާ ވިދާޅުވިއެވެ. "އެ ބޭކަލުން ޝަހީދުވުމުގެ ޝަރަފު ތިމަން ކަމަނާއަށް މާތްﷲ ދެއްވިކަމަށްޓަކައި އެކަލޭނގެއަށް ތިމަން ކަމަނާ ހަމްދުކުރައްވަމުއެވެ. އަދި، ސުވަރުގޭގައި ތިމަންކަމަނާއާއި އެކުދިން އެއްކުރައްވުން މާތްﷲގެ ކިބަފުޅުން ތިމަން ކަމަނާ އެދިވަޑައިގަންނަވަމެވެ." އާދެ، މިއީ ޖާހިލީ ޒަމާނުގައި ދެ އަޚުން މަރުވުމުން ކެތްތެރިކަން ނެތިގެން ދިޔަ ޚަންސާއެވެ. ނަމަވެސް، އިސްލާމްވެވަޑައިގަތުމަށް ފަހު، އަމިއްލަ ހަތަރު ދަރިކަލުން ޝަހީދުވެ ވަޑައިގަތުމުން އެކަމަށް ކެތްކުރެއްވިއެވެ. އާދެ، މިކަމަށް އެހީވެދިނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަނާގެ އީމާންކަމެވެ. އެ އީމާންކަން ގެނެސްދިން ހަޔާތުގެ މަފްހޫމެވެ. މި މަފްހޫމު ގުޅެނީ ހިތާމަތައް ކުރިމަތިވާ ހިނދު ކެތްތެރިވާން އެހީވެދޭ ދެވަނަ ކަމާއެވެ.

އިސްލާމީ ނަޒަރުން ބަލާއިރު، ހަޔާތުގެ މަފްހޫމަކީ ކޮބާ ހެއްޔެވެ؟ އާދެ، އިސްލާމް ދީން އަޅުގަނޑުމެންނަށް އުނގަންނައި ދެނީ ހަޔާތުގެ ދެ މަރުހަލާއެއް އޮންނަ ކަމެވެ. الحياة الدنيا އަކާއި الحياة الآخرة އެކެވެ. 'ކައިރީގައި އޮންނަ ހަޔާތަކާއި’، އެއަށް ފަހު އޮންނަ ހަޔާތެކެވެ. އާދެ، އަޅުގަނޑުމެން އާންމުކޮށް ކިޔާގޮތުން ނަމަ ދުނިޔަވީ ހަޔާތަކާއި އުޚްރަވީ ހަޔާތެކެވެ. މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ ހަޔާތް ފުރިހަމަ ވަނީ ހަޔާތުގެ މި ދެބައި އެކުވެގެން ކަމެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް ހަޔާތުގެ މި ދެބައި ލިބިގެން ވެއެވެ. ދެން، މި ކަމުގެ މައްޗަށް ފުންކޮށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟

ހަޔާތުގެ މި ނަންގަތް މަފްހޫމުގެ މައްޗަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ފާހަގަކޮށްލަން ޖެހެނީ ދުނިޔަވީ ހަޔާތަކީ ހަޔާތުގެ ނިމުން ނޫން ކަމެވެ. މީހެއްގެ ދުނިޔަވީ ހަޔާތް ނިމުމަށް ފަހު، އޭނާގެ އުޚްރަވީ ހަޔާތް ފެށޭ ކަމެވެ. ދެން ފާހަގަކޮށްލަން ޖެހެނީ ދުނިޔަވީ ހަޔާތަކީ ކުރު ހަޔާތެއް ކަމެވެ. އެ ހަޔާތަށް ދާއިމީ ސިފަ ލިބިގެން ނުވާ ކަމެވެ. ކިތަންމެ ކުރު އުމުރަކަށް ފަހު ވެސް ނޫނީ ކިތަންމެ ދިގު އުމުރަކަށް ފަހުވެސް، ދުނިޔަވީ ހަޔާތަށް ނިމުން އަންނާނޭ ކަމެވެ. އާދެ، އެންމެން ވެސް، އަވަހަށް ނޫނީ ފަހުން މަރުވާނޭ ކަމެވެ. ކީރިތި ގުރުއާނުގައި މި ހަގީގަތް ބަޔާން ކުރެވިފައި ވަނީ މިފަދައިންނެވެ. كل نفس ذائقة الموت (ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ.)

ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަދެކޭނޭ ނަފްސަކަށްވާ އިރު، މިފަދަ ހިތާމަތައް ކުރިމަތި ވުމުން، ކެތް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ މީގެ މައިގަނޑު ސަބަބެއް ކަމަށް ހީވަނީ އަޅުގަނޑުމެންނަށް މަތީގައި ނަންގަތް ހަޔާތުގެ މަފްހޫމު މަތިން ހަނދާން ނެތޭކަމެވެ. އަދި، އެ މަފްހޫމާއި ގުޅޭ ބައެއް ކަންކަން ވެސް ހަނދާން ނެތޭ ކަމެވެ. މި ލިޔުމުގެ އެންމެ ފަހު ނުކުތާއެއްގެ ގޮތުގައި މިކަމުގެ މައްޗަށް އިތުރަށް ބަލާލަމާ ހެއްޔެވެ؟

ހަޔާތުގައި ދެ މަރުހަލާއެއް– ދުނިޔަވީ މަރުހަލާއަކާއި އުޚްރަވީ މަރުހަލާއެއް– ވާކަން ހަނދާނުން ކައްސާލައިގެން ދިޔުމުން، ދުނިޔަވީ ހަޔާތަކީ، އެނގިން ނޫނީ ނޭނގި ނަމަވެސް، ފުރިހަމަ ވެގެންވާ ހަޔާތަކަށް ހަދާލެވެއެވެ. އެ ހަޔާތަކީ އޭގައި އެއްވެސް ހިތާމައެއް، ދެރަކަމެއް އޮވެގެން ނުވާނޭ ހަޔާތަކަށް ހަދާލެވެއެވެ. އާދެ، ދުނިޔެއަކީ އުޚްރަވީ ހަޔާތެއް ކަމަށާއި، އެއީ އެހަޔާތުގައި ހަމައެކަނި އުފަލާއި ހިތްހަމަޖެހުން އޮތް، ފުރިހަމަވެގެންވާ ހަޔާތަކަށް ހަދާލެވެއެވެ. މިއީ ހަގީގަތް ނޫންކަން އެނގޭ އިރު ވެސް މެއެވެ. ނަމަވެސް، ހަޔާތުގެ ދެ މަރުހަލާ މަތިން ހަނދާންކޮށް، ދުނިޔަވީ ހަޔާތަކީ ފުރިހަމަ ނޫން ހަޔާތެއްކަމާއި އެ ހަޔާތުގައި އިމްތިހާނުތަކެއްގެ ގޮތުގައި ދެރައާއި ހިތާމަތަކާ ކުރިމަތިލާން ޖެހޭކަމާއި މިކަންކަމީ ވަގުތީ ކަމެއްކަން ހަނދާންކޮށްލުމުން، ދެރައާއި ހިތާމަތައް ކުރިމަތިވުމުން އެކަން ތަހައްމުލުކޮށް ބަރުދާސްތުކުރުމަށް ހިއްވަރު ލިބޭ ގޮތް ވެއެވެ. މިސާލަކަށް ގާތް ތިމާގެ މީހަކު މަރުވުމުން، އެ ވަކިވުމަކީ ދާއިމީ ވަކިވުމެއް ނޫންކަމާއި ތިމަންނަގެ އުޚްރަވީ ހަޔާތް ފެށުމުން، އެ މީހުންނާ ބައްދަލުވާނޭ ކަމުގެ ޔަގީންކަން ހިތުގައި ބިންވަޅު ނެގިއްޖެ ނަމަ، އެކަމުގެ ހިތާމަ އުފުލަން ފަސޭހަވެދެއެވެ. މީގެ މާނައަކީ އެފަދަ ހިތާމަތަކީ ރުއިމާއި ގިސްލުން، އަސަރާއި ވޭން ކުރިމަތި ނުކުރާނޭ ކަމެކޭ ބުނުމެއް ނޫނެވެ. އެ ހިތާމަތައް އެކަންކަން ކުރިމަތި ކުރެއެވެ. ނަމަވެސް، އެ ވަކިވެދިޔަ މީހުންނާ އަދި ފަހުން ބައްދަލުވާނޭކަން ޔަގީން ކުރެވިއްޖެ ނަމަ، އެކަމުގެ ސަބަބުން ލޮލުން ފައިބާ ކަރުނަތައް ފުހެލަން ފަސޭހަވެއެވެ. އަދި، ޚަންސާ ދުއާކުރި ފަދައިން، ސުވަރުގޭގައި އެ މީހުންނާ ބައްދަލުވާނޭ ގޮތް މެދުވެރި ކުރެއްވުމަށް ދުއާކުރުމުގެ ހިއްވަރު ވެސް ލިބެއެވެ. އަދި، ވަކިވެ ދިޔަ މީހުންނަށް ވެސް ހެޔޮ ގޮތްތައް މެދުވެރިކޮށް، ދިރި ތިބި މީހުން ވެސް، އެމީހުންނަށް އެ މީހުންގެ ވަކިވެ ދިޔަ މީހުންނާ ބައްދަލުވެ ދިޔުމުގެ ފުރުސަތު ލިބޭނޭ ފަދަ ގޮތެއްގައި އެމީހުންގެ ދުނިޔަވީ ހަޔާތް ވޭތުކޮށްލުމުގެ ތައުފީގު ދެއްވުމަށް ވެސް ދުއާކުރުމުގެ ހިއްވަރު ލިބެއެވެ.

އާދެ، ތިމާގެ އީމާންތެރިކަމުގެ މަތިން ހަނދާކޮށް، ދުނިޔަވީ ހަޔާތަކީ ހަމައެކަނި ދިރިއުޅެން އޮތް ހަޔާތް ނޫންކަން ދެނެގަނެ، އެ ހަޔާތަކީ އުޚްރަވީ ހަޔާތް ކަމުގައި ދެކި، އުޚްރަވީ ހަޔާތުގެ ސިފަތައް ދުނިޔަވީ ހަޔާތަށް ނުދީ، ދުނިޔަވީ ހަޔާތަކީ ވަގުތީ ކަމެއް ކަންހިތަށް ގެނައުމުން، ދުނިޔަވީ ހަޔާތް މެދުވެރި ކުރުވާ ދެރަތަކާއި ހިތާމަތައް ތަހައްމުލުކޮށް ބަރުދާސްތުކުރަން ހިއްވަރު ލިބި ފަސޭހަ ވެއެވެ.